ދޮގު ހެދުމަކީ މާތް ﷲ ސުބްޙާނަހޫވަތަޢާލާ ވަރަށް ބޮޑަށް ނަހީކުރައްވާފައިވާ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އަދި ދޮގުވެރިން ގިނަވުމަކީ ޤިޔާމަތްވުމުގެ އަލާމާތްތަކުގެ ތެރެއިން އަލާމާތެއްވެސް މެއެވެ. އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަށް ދޮގު ހެދުމަކީ އެމީހަކު ފާފަވެރިވާނެ ކަމެއްކަން އެގެއެވެ.

ނަމަވެސް ގިނަ މީހުންނަށް އޮޅުން އަރާފައި އޮންނަ އެއް ކަމަކީ އަނެކާ ހެއްވާލުމުގެ ގޮތުން ދޮގު ހެދުން ނުވަތަ މަޖަލަކަށް ހަދާ ދޮގުންވެސް ފާފަވެރިވާނެ ކަމާއި މެދުގައެވެ. ގިނަ ބައެއްގެ ނަޒަރުގައި އެއީ އެމީހަކު ފާފަވެރިވާނެ ކަމެއް ނޫނެވެ. ނަމަވެސް އިސްލާމީ ޝަރީއަތުގައި "ދޮގު" ހަދާ މީހުން އެއީ ކިތަންމެ ކުޑަ އަދި ކިތަންމެ ބޮޑު ދޮގެއް ކަމުގައިވިޔަސް ފާފަވެރިވާނެއެވެ.

މާތް ނަބިއްޔާ ﷺ ޙަދީޘް ކުރައްވާފައިވެއެވެ.

((عَلَيْكُمْ بِالصِّدْقِ، فَإِنَّ الصِّدْقَ يَهْدِي إِلَى الْبِرِّ، وَإِنَّ الْبِرَّ يَهْدِي إِلَى الْجَنَّةِ، وَمَا يَزَالُ الرَّجُلُ يَصْدُقُ وَيَتَحَرَّى الصِّدْقَ حَتَّى يُكْتَبَ عِنْدَ اللهِ صِدِّيقًا، وَإِيَّاكُمْ وَالْكَذِبَ، فَإِنَّ الْكَذِبَ يَهْدِي إِلَى الْفُجُورِ، وَإِنَّ الْفُجُورَ يَهْدِي إِلَى النَّارِ، وَمَا يَزَالُ الرَّجُلُ يَكْذِبُ وَيَتَحَرَّى الْكَذِبَ حَتَّى يُكْتَبَ عِنْدَ اللهِ كَذَّابًا)) [رواه مسلم]

މާނައީ: "ތިޔަބައިމީހުން ތެދު ބުނާހުށިކަމެވެ. ހަމަކަށަވަރުން ތެދުވެރިކަން މަގުދައްކަނީ ހެޔޮ ކަންތައްތަކަށެވެ. އަދި ހެޔޮ ކަންތައްތައް މަގުދައްކަނީ ސުވަރުގެއަށެވެ. ﷲގެ ޙަޟްރަތުގައި ތެދުވެރިއެއްކަމުގައި ލިޔެވެންދެން ތެދުބުނުމާއި ތެދުވެރިކަންމަތީގައި އަޅާ ދެމިހުރެއެވެ. ދޮގު ނެހެދުމަށް ތިޔަބައިމީހުން ސަމާލުވާށެވެ. ފަހެ ހަމަކަށަވަރުން ދޮގުވެރިކަން މަގުދައްކަނީ ނުބައިކަމަށެވެ. އަދި ނުބައިކަންތައްތައް މަގުދައްކަނީ ނަރަކައަށެވެ. ﷲގެ ޙަޟްރަތުގައި ދޮގުވެރިއެއްކަމުގައި ލިޔެވެންދެން ދޮގުހެދުމާއި ދޮގުވެރިކަންމަތީގައި އަޅާ ދެމިހުރެއެވެ."

އަދިވެސް އެކަލޭގެފާނު ޙަދީޘް ކުރައްވާފައިވެއެވެ.

((وَيْلٌ لِلَّذِي يُحَدِّثُ فَيَكْذِبُ لِيُضْحِكَ بِهِ الْقَوْمَ وَيْلٌ لَهُ وَيْلٌ لَهُ)) [رواه أبو داود وحسنه الألباني]

މާނައީ:"ވާހަކަދައްކާއިރު މީހުން ހެއްވާލުމަށްޓަކައި ދޮގު ހަދާމީހާއަށް ހަލާކު ހުއްޓެވެ. އެމީހަކަށް ހަލާކު ހުއްޓެވެ. އަދި އެމީހަކަށް ހަލާކު ހުއްޓެވެ."

ދޮގުވެރިން ގިނަވުމަކީ ޤިޔާމަތް ވުމުގެ އަލާމާތެކެވެ.

ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވި ކަމުގައި އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ރިވާކުރައްވައެވެ

((يَكُونُ فِي آخِرِ الزَّمَانِ دَجَّالُونَ كَذَّابُونَ، يَأْتُونَكُمْ مِنَ الْأَحَادِيثِ بِمَا لَمْ تَسْمَعُوا أَنْتُمْ وَلَا آبَاؤُكُمْ، فَإِيَّاكُمْ وَإِيَّاهُمْ، لَا يُضِلُّونَكُمْ، وَلَا يَفْتِنُونَكُمْ))[2]

މާނައީ:“ފަހުޒަމާނުގައި ދޮގުވެރި ދައްޖާލުންތައް ވާނެތެވެ. ތިޔަބައިމީހުންނާއި އަދި ތިޔަބައިމީހުންގެ ކާބަފައިންވެސް އަހައިފައިނުވާ ވާހަކައާގެން އެއުރެން ތިޔަބައިމީހުންގެ ގާތަށް އަންނާނެއެވެ. ފަހެ ތިޔަބައިމީހުން އެއުރެންނާމެދު ސަމާލުވާހުއްޓެވެ. އެއުރެންނަށް ތިޔަބައިމީހުން އަވާގައި ޖައްސައި މަގުފުރައްދައިލިޔަ ނުދޭށެވެ.”.

ކަންމިހެން ހުރުމުން މަޖަކަށް ކަމުގައި ވިޔަސް ދޮގު ނުހަދަމާތޯއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކޮސްބެ

    ލިބޭނެ. ސަލާމަތް ނުވާނެ

    8
    1
  2. އަބޯ

    ދަރިފުޅުގާތު ބަޒާރުން އަންނަމުން މިވެނި އެއްޗެއްގެނެސްދޭނަމޭ ބުނެފާ ނުގެނަސްފިނަމަވެސް އެ ހެދުނީ ދޮގެއް. ފަހުޒަމާނުގަ އިންސާނުންގެތެރޭން ގިނަ ދައްޖާލުން ތަކެއް އަންނާނެ އެދައްޖާލުން އެމީހުންގެ ބުނުންތަކަށް އެހެން މީހުން ތަބައަ ކުރުވާނެ އެމީހުންހަދަ ދޮގު އެއީ ތެދުކަމަށް ގަބޫލުކުރުވައިގެން އެމީހެއްގެ ފަހަތުން ހިގާ އެމީހަކުދެކެ މާބޮޑަށް މީސްތަކުންގެތެރެއިން ބަޔަކު މީހުން ލޯބިވެގެންއުޅޭނެ މިފަދަ މީހުން ގިޔާމަތްދުވަހު މަހުސަރު ކުރައްވާނީ އެއް ޖަމާއަތެއްގެ ގޮތުގާ މިމީހުންގެތެރޭގަ ނަމާދުކޮށް ރޯދަހިފާ ރޭއަޅުކަންކުރާމީހުން ހިމެނުނުކަމުގާވިޔަސް އެމީހުންގެ ހުރިހާ ހޮޔޮކަމެއް ބާތުިލް ވެވި އެ ދޮގުވެރި ދައްޖާލާއެކު އެބައިމީހުން ނަރަކަޔަށް ވައްދަވާން.