ބުއްދިވެރި، އެހެނަސް ދީންވެރިކަން ނުލިބިއްޖެ މީހާގެ ބުއްދިއަކީ، އެމީހެއްގެ މައްޗަށް ހުރި ވަބާއެއް ކަމަށް، މިއަދުގެ ހުކުރު ހުތުބާގައި ވިދާޅުވެއްޖެއެވެ.

މިއަދު ރާއްޖޭގެ އެކިކަންކޮޅުތަކުގައި "ބުއްދީގެ ނިއުމަތް" މި މައުޟޫއަށް ދެއްވި ހުތުބާގައި ވިދާޅުވެފައި ވަނީ ބުއްދިއަކީ ރިޒްޤުދެއްވާ ގޮތަށް، އެކި އިންސާނުންނަށް އެކިވަރަށް ދެއްވާފައިވާ ނިޢުމަތެއްކަމަށާއި، ބުއްދީގެ ނިއުމަތަކީ މާތްﷲ އިންސާނުންނަށް ދެއްވާފައިވާ އެންމެ މަތިވެރި ނިޢުމަތްތައް ކަމަށެވެ.

“ބުއްދިވެރިކަމާ ނުލައި ދީންވެރިކަމެއް ނެތެވެ. ދީންވެރި ކަމާ ނުލައި ލަދުވެތިކަމެއް ނެތެވެ. މިއީ އިންސާނާގެ ދުނިޔެ އާއި އާޚިރަތް ބާއްޖަވެރިކޮށްދޭ މާތް ސިފަތަކެވެ. ބުއްދިވެރިކަމާ އެކީ، ދީންވެރިކަމުގެ ސިފަ ނުލިބިއްޖެމީހާގެ ބުއްދި އަކީ އެމީހާގެ މައްޗަށް ހުރި ވަބާއެކެވެ.“ މިއަދު ހުތުބާގައި ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ބުއްދިވެރިކަން ލިބިގެންވާ މީހާގެ އެތައް ކަމެއް ފުރިހަމަވެގެންވާ ކަމަށާއި، ބުއްދިވެރިކަމެއް ނެތް މީހާ އާއި، ބުއްދީގެ ބޭނުން ހެޔޮގޮތުގައި ނުހިފާމީހާގެ އެތައް ކަމެއް އުނިވެގެންވާ ކަމަށްވެސް މިއަދުގެ ހުތުބާގައި ވަނީ ވިދާޅުވެފައެވެ. އަދި ބުއްދިވެރިކަމަކީ ބާއްޖަވެރިކަމުގެ ތަޅުދަނޑި ކަމަށްވެސް މިއަދުގެ ހުތުބާގައި ވިދާޅުވިއެވެ.

ބުއްދީގެ ނިޢުމަތް ހެޔޮގޮތުގައި ބޭނުން ހިފުމުގެ މުހިއްމުކަން ބަޔާންކޮށް ޚުތުބާގައި ވިދާޅުވެފައި ވަނީ ބުއްދިއަކީ އިންސާނާގެ ފާރަވެރިޔާ ކަމަށެވެ. އަދި އެއީ އިންސާނާގެ ކަރާމަތާއި، އަބުރާއި ޝަރަފުގެ ތަޅުދަނޑި ކަމަށްވެސް މިއަދުގެ ހުތުބާގައި ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ބުއްދިވެރި އިންސާނަކު ތިން ކަމަކަށް ވަގުތު ހުސްކުރާނެ ކަމަށް ހުތުބާގައި ވެއެވެ އެ ތިން ކަމަކީ އެއީ އޭނާ އަމިއްލައަށް އޭނާގެ ޢަމަލުތައް މުރާޖަޢާކޮށް ނަފްސުގެ ހިސާބު ބެލުމަށް ހޭދަކުރާ ވަގުތާއި، އޭނާގެ ވެރި ރަސްކަލާނގެއަށް އިސްތިޣުފާރުކޮށް މުނާޖާ ދެންނެވުމަށް ހޭދަކުރާ ވަގުތާއި، އޭނާގެ ނަފްސުގައި ހުރި އުނި ސިފަތައް ހޯދައި ބެލުމަށް އޭނާގެ އަޚުންނާ އެކު ހޭދަކުރާ ވަގުތު ކަމަށްވެސް މިއަދުގެ ހުތުބާގައި ވިދާޅުވެފައިވެއެވެ.