ޒުވާނުން ޓީވީ، ސީރީސްތަކާއި، ފިލްމްތަކަށް ގެއްލިގެން ދިއުމަކީ، ނޭނގި ތިއްބާ އެ ޒުވާނުންގެ ވިސްނުމާއި، ފިކުރަށް ނޭދެވޭ އަސަރުތައް ކުރާކަމެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ވިދާޅުވެއްޖެއެވެ.

ހެޔޮ ގޮތުގައި ޗުއްޓީގެ ބޭނުން ހިފާށެެވެ!. މި މައުލޫއަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި ޚުތުބާގައި ވިދާޅުވެފައި ވަނީ، ޗުއްޓީއަކީ ޒުވާނުން ބޭނުންވާ ލަނޑުދަނޑިތަކަށް ވާސިލްވުމަށްޓަކައި މަސައްކަތް ކުރުމަށް ލިބޭ އަގުހުރި ވަގުތުކޮޅެއް ކަމަށެވެ. އަދި މިއީ ސުކޫލް، މަދަރުސާތަކުގެ ދިރާސީ އަހަރު ނިމި ސްކޫލްގެ ކިޔެވުން ބަންދު ދުވަސްކޮޅެއް ކަމަށާއި، މި ދުވަސްތަކުގެ ބޭނުން، ފައިދާ ކުރަނިވި ކޮންމެވެސް މަސައްކަތެއް ދުވަސް ކުރުމަށް ސަމާލުކަން ދިނުމަށް ހުތުބާގައި ވިދާޅުވެފައި ވެއެވެ.

"ޝައިތާނާގެ ގޮވާލުންތަކުގެ ތެރޭގައި ހިމެނޭ ހަވާ ނަފްސުގެ ނުބައި އެދުންތަކަށް ހެއްލި، ބޭކާރު ކަންތައްތަކާއި ބޭކާރު ވާހަކަ ދެއްކުމުގައި ވަގުތު ނަގާލުމުގެ ބަދަލުގައި އިސްލާމް ދީން ހުއްދަ ކުރާ އަދި ދުނިިޔެވީ ގޮތުން ފައިދާ ކުރަނިވި ކޮންމެވެސް ހުނަރެއް ކުރިއެރުވުމަށް ނުވަތަ އެފަދަ މަސައްކަތެއް ކުރުމަށް ނަސޭހަތްތެރިވަމެވެ". މިއަދުގެ ޚުތުބާގައި ވެއެވެ.

އިތުރަށް ހުތުބާގައި ވަނީ، ޗުއްޓީގެ ބޭނުން ރަނގަޅު ގޮތުގައި ހިފުމަށް ކީރިތި ގުރުއާނުގެ މިންވަރެއް ކޮންމެ ދުވަހަކުވެސް ކުޑަވަގުތުކޮޅެއް ހޭދަކޮށް، މިސްކިތާއި ރައްޓެހި، ނަމާދު ކުރާ ކުއްޖަކަށް ވުމަށް ނަސޭހަތްތެރިވެފައެވެ.

އަދި ޗުއްޓީ ތެރޭގައި، ތިމާއަށް ލިބިފައި ހުރި ހުނަރުތައް އިތުރަށް ތަރައްގީކޮށް، އިތުރު ކޯސްތައް ހެދުމަށާއި، ފައިދާ ކުރަނިވި މަސައްކަތެއް ކުރުމަށް ނަސޭހަތްތެރިވެފައި ވެފައި ވެއެވެ.

"އެއިރުން ޝައިތާނާ ގޮވާލާ ކަތިމަގުން ދިއުމަށް ހަވާނަފްސު ގޮވާގޮވުމަށް ބީރު ކަންފަތެއް ދެވޭނެއެވެ". ޚުތުބާގައި ވެއެވެ.

މީގެ އިތުރުން، ރަށުގައި ކުރެވެން ހުރީ ކޮން ކަހަލަ މަސައްކަތެއްތޯ ބަލައި އަހުލުވެރިވުމުން، ޗުއްޓީ ނިމޭއިރު، ހުންނާނީ އައު މަސައްކަތްތަކެއް ދަސްވެފައިކަމަށް ޚުތުބާގައި ވެއެވެ.

ޚުތުބާގައި ވަނީ، ސްކޫލްތައް ބަންދުވިޔަސް، ރަނގަޅު ގޮތުގައި، ޗުއްޓީ ހޭދަ ކުރުމަށް ދަރިންނަށް ނަސޭހަތް ދިނުމާއި، އުޅެންވީ ކޮން ކަހަލަ އެކުވެރިންނަކާއި އެކީގައި ކަމާއި، ދުނިޔެވީ ވަގުތުތައް ހެޔޮގޮތުގައި ހިފުމަށާއި، މަސައްކަތް ދަސްކޮށްދީ، މުރާލި ބަޔަކަށް ހެދުމަށް ނަސޭހަތްތެރިވެފައެވެ.

ހުތުބާގައި އިތުރަށް ވިދާޅުވެފައި ވަނީ، ޗުއްޓީގެ ހުސް ވަގުތުތަކުގައި ގިނަ ބަޔަކު ޓީވީ ސްކްރީންގެ ކުރިމަތީގައި އަގުހުރި ވަގުތުތަކެއް ނަގާލާ ކަމަށެވެ. އަދި ވަކިން ހާއްސަކޮށް ކުޑަކުދިން ޓީވީ ކުރިމަތީގައި ކާޓުން ބެލުމަށް ގިނަ ވަގުތު ހޭދަަ ކުރާ ކަން ފާހަގަކޮށްފައި ވެއެވެ.

"އެއީ އޭގެ ސަބަބުން އެ ކުދިންގެ ސިކުނޑި އާއި ހަށިގަނޑު ހެދި ބޮޑުވުމުަށް ނުހުނު ބޮޑަށް ގެއްލުން ލިބޭ ކަމެކެވެ". ޚުތުބާގައި ވެއެވެ.

އަދި އިސްލާމްދީނަށް ފުށޫ އަރާ ސަގާފަތްތައް ދައްކުވައިދޭ ސީރީސްތައް ކެނޑިނޭޅި ބަލަމުން ގެންދިއުމުން، އެ ޒުވާނުންގެ ހިތްތަކާއި، ސިކުނޑިތަކަށް ނޭދެވޭ އަސަރުކޮށް، މުޅި ހަޔާތަށްވެސް އަސަރު ފޯރުވާ ކަމަށް ޚުތުބާގައި ވެއެވެ.