އިސްވެދިޔަ އުންމަތްތަކުގެ ވާހަކަ ކީރިތި ޤުރުއާނުގައި އައިސްފައިވަނީ އެ ޤައުމު ތަކަށް ކުރިމަތިވި ޙާދިޘާތަކުން އިބްރަތް ލިބިގަތުމަށް ކަމަށާއި، ﷲ ގެ އަމުރުފުޅު ތަކަށް ފުރަގަސްދީ، އިސްލާމް ދީނަށް ފުރައްސާރަކޮށް، މަލާމާތް ކުރާ މީހުންނާއި، އިސްލާމީ ޝަރީޢަތް ޤާއިމު ކުރުމުގެ ނަމުގައި، އަމިއްލައަށް ނިޔާ ކަނޑައަޅައި، މީހުން ޤަތުލު ކުރުން ފަދަ ބޮޑެތި ޖަރީމާތައް ހިންގާ މީހުންނާއި، މީހުންގެ ހައްޤުތަކަށް އަރައިގަންނަ މީހުންނަށް ފިލާވަޅަކަށް ކަމަށް މިއަދުގެ ޚުތުބާގައި ވިދާޅުވެއްޖެއެވެ.

"އެބައި މީހުންގެ ޢަމަލުތައް ހުރި ގޮތުގެ ސަބަބުން، އަޅުގަނޑުމެންނަށް ވުރެ، މާ ބޮޑެތި، މާ ބާރުގަދަ ޤައުމު ތަކަށް ﷲ ގެ ކޯފާ އައިސް، އެބައިމީހުން ނިމިދިޔަ ގޮތުން ތިޔަބައިމީހުން ޢިބްރަތް ލިބިގަންނާށެވެ. ﷲ ގެ މަދަދާއި އެހީތެރިކަން ލިބުން ހުރީ، ދެބަސްވުން ތަކާއި ދުރުހެލިވެ، ﷲ އަށް ތަޤުވާވެރިވެ، އެއްބައިވަންތަވެ އުޅޭ ބަޔަކަށްކަން ދަންނާށެވެ." މިއަދުގެ ޚުތުބާގައި ވިދާޅުވިއެވެ.

މާތް ﷲ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައި ވެއެވެ. وَالَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ سَنُدْخِلُهُمْ جَنَّاتٍ تَجْرِي مِن تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا أَبَدًا ۖ لَّهُمْ فِيهَا أَزْوَاجٌ مُّطَهَّرَةٌ ۖ وَنُدْخِلُهُمْ ظِلًّا ظَلِيلًا މާނައީ: އަދި، إيمان ވެ، صالح عمل ކުޅަމީހުން، އެތާނގެ ދަށުން ފެންކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކަކަށް، ތިމަންރަސްކަލާނގެ އެއުރެން ވައްދަވާހުށީމެވެ. އެ ސުވަރުގެތަކުގައި، އެއުރެން، އަބަދަށް ދެމިތިބެނިވި ގޮތުގައެވެ. އެތާނގައި އެއުރެންނަށް طاهر ކުރައްވާފައިވާ އަނބިންތަކެއް ވެއެވެ. އަދި، ހިޔާދެނިވި ހިޔަލަކަށް، ތިމަންރަސްކަލާނގެ އެއުރެން ވައްދަވާހުށީމެވެ.

ރަސޫލާ ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. " މުޢުމިނުން އެއްބަޔަކު އަނެއް ބަޔަކަށް ލޯބި ވުމުގައްޔާއި، ރަޙުމު ކުރުމުގައްޔާއި، އޯގާތެރި ވުމުގައި އެމީހުންގެ މިސާލަކީ އެއް ހަށިގަނޑެއްގެ މިސާލެވެ. އެ ހަށިގަނޑުން ގުނަވަނެއްގައި ވޭން އަޅައިފިކަމަށްވާނަމަ، މުޅި ހަށިގަނޑު، ހޭލާ ހުރުމުންނާއި، ހުން އައުމުން އެ ގުނަވަނާއި ބައިވެރިވެއެވެ."

މިއަދުގެ ޚުތުބާގައި އިތުރަށް ވިދާޅުވެފައިވަނީ، މުސްލިމުން އަބަދުވެސް ވާންވާނީ އިސްލާޙަށާއި ޞުލްޙަވެރިކަމަށް މަސައްކަތް ކުރާ ބަޔަކަށް ކަމަށާއި، ޒާތީ މަޞްލަޙަތު ކުރިއަށްނެރެ، ޤައުމުގެ ހަމަޖެހުމާއި ސުލްޙަ މަސަލަސްކަން އަމިއްލަ އަތްތަކުން ނަގާލާ ބަޔަކަށް ވެގެން ނުވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޖަޒީރާ ބޯއީ

    އަމަލް ތައް އިސްލާހުކުރާނެ ވަގުތު ކިހިނެތްވާނީ ލާދީނީ ފިކުރު ފެތުރުމުގައި މިސަރުކާރާއި އެކު މުޅި ރީންދޫ ބައިގަނޑުވެސް އޮތީ.

    15
    1
  2. Juhaa

    އއިސްލާމިކް މިނިސްޓްރީގެ އިސްވެރިންނަކީ ލާދީނީ ސަރުކާރަށް ބަ އިޢަތު ހިފަހިއިގެން ތިބި ބަ އެ އް. ދެން ކޮންކަމެއް ރަނގަޅު ކުރެވޭނީ.

    1
    1