އިންސި އަކާއިވެސް އަދި ޖިންނި އަކާއިވެސް އަދި ޙައިވާނަކާއެކުވެސް ﷲ ޙަރާމް ކުރެއްވި ފާޙިޝް ޢަމަލު ކުރުމަކީ ބޮޑުވެގެންވާ ޙަރާމް ކަމެކެވެ. އިންސާނުންގެ ހަށިގަނޑުގެ ތެރެއަށް ޖިންނި ވަންނަ ކަމީ ގުރްއާނާއި ސުންނަތުން އަދި ސުންނަތުގެ ޖަމާޢަތުގެ އަހްލުވެރިންގެ އިއްތިފާގުންނާއި ފެންނަން ހުރިހެކިތަކުން ޘާބިތު މައްސަލައެކެވެ.

ތިރީގައި ހިމަނާލާފައި މިވަނީ މިކަމުގެ ބައެއް ދަލީލުތަކެވެ.

1. ﷲ ވަޙީ ކުރެއްވިއެވެ. (الذين يأكلون الربا لا يقومون إلا كما يقوم الذي يتخبطه الشيطان من المس ذلك بأنهم قالوا إنما البيع مثل الربا)

މާނައަކީ: "ރިބާ ކާމީހުން ޤިޔާމަތްދުވަހު ކަށްވަޅުން ތެދުވެގެން ދާހުށީ ޖިންނި މޮޔަވެފައިވާމީހަކު ތެދުވެގެންދާ ފަދައިންނެވެ. އެޢުޤޫބާތް އެބައިމީހުންނަށް ޙައްޤުވީ ރިބާއަކީ ހަމަ ވިޔަފާރިއާ އެއްފަދަ އެއްޗެކޭ އެބައިމީހުން ބުނެއުޅުމުގެ ސަބަބުންނެވެ." (ސޫރަތުލް ބަގަރާ ގެ 275 ވަނަ އާޔަތް)

މިއާޔަތުގެ ތަފްސީރުގައި އަލް އިމާމް އަލްގުރްޠުބީ -ރަޙިމަހުﷲ- ވިދާޅުވިއެވެ. "އިންސާނުންގެ ހަށިގަނޑުގެ ތެރެއަށް ޖިންނި ނުވަންނާނެ ކަމަށް ބުނާމީހުންނަށް މިއާޔަތުން ރައްދުލިބެއެވެ".

އިބްނުކަޘީރު -ރަޙިމަހުﷲ- ވިދާޅުވިއެވެ. "މިއާޔަތުގެ މާނައަކީ ރިބާކާމީހުން ގިޔާމަތް ދުވަހުން ކަށްވަޅުން ތެދުވާނީ ޖިންނި މޮޔަވެފައިހުންނަ މީހަކު ތެދުވާހެންނެވެ".

އިބްނު ޢައްބާސް -ރަޟިޔަﷲ ޢަންހު- ވިދާޅުވިއެވެ. "ރިބާކާމީހުން ގިޔާމަތް ދުވަހުން މަޙްޝަރު ކުރެއްވޭ ހުށީ ދަންޖެހިފައިވާ މޮޔައެއްގެ ޞިފާގައެވެ".

2. ރަސޫލުﷲ -ޞައްލަﷲ ޢަލައިހިވަސައްލަމަ- ކުރެއްވި ދުޢާ އެއްގައި އައިސްފައިވެއެވެ. (وأعوذ بك أن يتخبطني الشيطان عند الموت)

މާނައަކީ: "މަރުވާ ގަޑީގައި ޝައިޠާނާ ގަޔަށްވަދެ ބުއްދި ހަލާކުކޮށްލާ ކޮށްލުމުން މިއަޅާ ދުރުހެލި ކުރައްވަފާންދޭވެ". ބައެއްފަހަރު އިންސާނުން މަރުވާ ގަޑީގައި ޖިންނި ޝައިޠާނުން އިންސާނުންގެ ހަށިގަޑުގެ ތެރެއަށްވަދެ ތައުބާވިޔަނުދީ ހިފަހައްޓައެވެ. އެހެންކަމުން މިފަދަ ކަންތަކުން ސަލާމަތް ކޮށް ދެއްވުން އެދި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ދުޢާ ކުރައްވައެވެ.

3. ކީރިތި ރަސޫލާ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ޙަދީޘެއްގެ މާނާގައިވެއެވެ. "އިންސާނުންގެ ހަށިގަޑުގައި ލޭދަތުރުކުރާ ފަދައިން ޝައިޠާނުން ވެސް ދަތުރު ކުރެއެވެ".

ޢަބްދުﷲ ބިން އަޙްމަދު ބިން ޙަންބަލް -ރަޙިމަހުﷲ- ވިދާޅުވިއެވެ. "ތިމަންނާގެ ބައްޕަ އަށް ދެންނެވީމެވެ. މީސްތަކުންގެ ހަށިގަޑުގެ ތެރެއަށް ޖިންނީންނަށް ނުވަދެވޭނެކަމަށް މީހުން ބުނެ އުޅެއެވެ. ބައްޕާފުޅު ޖަވާބުގައި ދެންނެވިއެވެ. ދަރިފުޅާއެވެ. އެމީހުން އެދައްކަނީ ރަގަޅުވާހަކަ އެއް ނޫނެވެ. ޖިންނި އިންސާނާގެ ހަށިގަޑަށް ވަދެފައި ހުންނަ ގަޑީގައި އިންސާނާގެ ދުލުން ވާހަކަ ދައްކަނީ ޖިންނި އެވެ"

ކޮންމެއަކަސް އިސްވެދިޔަ ދަލީލުތަކުންނާއި ޢިލްމުވެރިން ގެ ވާހަކަތަކުން ޖިންނީން އިންސާނުން ގެ ހަށިގަޑުގެ ތެރެއަށް ވަންނަ ކަން ވަރަށް ރަގަޅަށް ޘާބިތުވެއެވެ.

ފަރުވާ:

މިކަމުގެ ފަރުވާޔަކީ ރުޤްޔާ ޝަރްޢިއްޔާ ނުވަތަ ޤުރުއާނުގެ އާޔަތްތައްކިޔަވާ މެތުރުމެވެ. އަދި ޖިންނިއަށް މިކަމުން އުނދަގުވާން ފެށުމުން އެސޮރާމެދު މުޢާމަލާތުކުރުމަށް މިފަންނުގެ ޚާއްޞަ ފަރާތްތަކުން ކަނޑައަޅާފައިވާ ބައެއް ގޮތަތައް ތިރީގައި މިވަނީއެވެ.

އިންސާނެއްގެ ހަށިގަޑުގެ ތެރެއަށް ޖިންނިއެއް ވަދެ ގޯނާ ކުރަން ފަށައިފިނަމަ، ފުރަތަމަ ކަމަކަށް އޭއްޗަށް (ޖިންނިއަށް) ނަޞޭޙަތްދޭން ޖެހެއެވެ. މީސްތަކުންނަށް ހެޔޮކަންތަކަށް އަމުރުކޮށް ނުބައިކަންތައް ނަހީ ކުރާ ފަދައިން އެތަކެއްޗަށް ވެސް ހެޔޮކަންތަކަށް އަމުރުކޮށް ނުބައިކަންތައް ނަހީ ކުރަންވާނެއެވެ. އަދި ޙުއްޖަތް ގާއިމް ކުރަންވާނެއެވެ.

ﷲ ގެ ވަޙީ ބަސްފުޅުގެ މާނާގައިވަނީ "ރަސޫލުބޭކަލުން ފޮނުއްވުމަށްފަހު ނޫނީ އެއްވެސް ގައުމެއްގެ މައްޗަށް ތިމަން ﷲ ޢަޛާބެއް ނުފޮނުއްވަމުއެވެ". (ސޫރަތުލް އިސްރާ ގެ 15 ވަނަ އާޔަތް).

އެހެންކަމުން، ފުރަތަމަ ކަމަކަށް ޖިންނިއަށް ނަޞޭޙަތް ލައިދޭން ޖެހޭނެއެވެ. މިގޮތުންވެސް ޖިންނި ގަބޫލުނުކޮށްފި ނަމަ ޖިންނި އާއި ދިމާލަށް ހަރުކަށި ބަހުން ވާހަކަ ދައްކާ ކަލެއަށް ލަޢުނަތް ހުއްޓޭ ބުނެ ހަދާނީ އެވެ. އަދި ގުރްއާން ކިޔަވާނީ އެވެ. ޚާއްޞަކޮށް އާޔަތުލް ކުރްސި ކިޔަވާނީ އެވެ. މިކަމުގައި މިފަންނަށް ޚާއްޞަމީހުންގެ ފަރާތުން އެހީތެރިކަން ހޯދުން ހުއްޓެވެ.

-އެމްވީ އިސްލާމް ކިޔުއޭ-

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކޮބަާ މައުލޫއަކީ