ޖިންނި ޝައިޠާނުން އިންސާނުންނަށް ގޯނާކުރާ ވާހަކައަކީ ވަރަށް ޢާއްމުވާހަކައެކެވެ. ޖިންނީން އިންސާނުންނާއި އަވަލުމަށް މެދުވެރިވާ ތަފާތު ސަބަބުތައް ހުރެއެވެ. އޭގެ ތެރެއިން އެންމެ ނުރައްކާތެރި އަދި އެންމެ އާންމު ސަބަބަކީ ކޮންމެވެސް ސިޙުރުވެރިއެއްގެ ސިޙުރުގެ ސަބަބުން ޖިންނި އަވަލުމެވެ.

ﷲ ތަޢާލާއަށް ޝިރުކުކޮށް، ޖިންނީންގެ ކިބައަށް ކުއްތަންވުމުގެ ގޮތުން އެ ޖިންނީންގެ ކިބައިން ވާތްގާއި އެހީތެރިކަމާއި ރައްކާތެރިކަން ހޯދައި އެ ޖިންނީންނަށް ސަޖިދަޖަހައި ޤުރުބާންކޮށް ހަދަމުންދާ ބަޔަކު އިންސާނުންގެ ތެރޭގައިވެއެވެ. އެއީ ސިޙުރުވެރީންނެވެ. މިއީ އަޅުގަންޑުމެންގެ ދިވެހި މުޖުތަމަޢުގައިވެސް ވަރަށް ގިނަބަޔެކެވެ.

ބޭރުފުށުން ރީތިފޭރާމުގައި، ހެޔޮއެދޭ ބައެއްގެ ގޮތުގައި މީސްތަކުންގެ ތެރޭގައި އުޅުނުމުގައިވިޔަސް، ހަޤީޤަތުގައި އެއީ ނަޖިސްބަޔެކެވެ. އެފަދަ މީހުންގެ ކިބައިން ދުރުވެ ރައްކާތެރިވެހުރުމަކީ ކޮންމެހެންވެސް ކުރަންޖެހޭނޭކަމެކެވެ. ސިހުރު ޖެހުމުން ނުވަތަ ބައްޔެއްވުމުން ނުވަތަ ޖިންނީންގެ ކިބައިން ގޯނާއެއްވާނަމަ އެމީހާއަށް އޮތީ ގިނަގިނައިން ﷲ ތަޢާލާގެ ޒިކުރުކޮށް ނަމާދުތަކަށް ރައްކާތެރިވެ ކީރިތި ޤުރުއާންކިޔެވުން އިތުރުކޮށް ހެނދުނާއި ހަވީރުގެ ދުޢާތަށް ކިޔުމާއި، ޖިންނީންގެ ކިބައިން ރައްކާތެރިކޮށްދެއްވުން އެދި ނުވަތަ އެ ބައްޔަކުން ސަލާމަތްކޮށްދެއްވުންއެދި ﷲ ތަޢާލާގެ ހަޟްރަތުގައި ދުޢާ ދެންނެވުމެވެ.

ނުވަތަ ޝަރުޢުގައި ޘާބިތުވާގޮތައް ކީރިތި ޤުރުއާނާއި މާތްނަބިއްޔާގެ ސުންނަތާއި ޚިލާފުނުވާގޮތުގެ މަތިން ޝަރުޢީ ރުޤްޔާ ހަދާ ރާޤީއެއް ލައްވައި އެކަންކުރުވުމެވެ. މުއުމިނުން ވަކީލުކުރާ ފަރާތަކީ ހަމައެކަނި ﷲ ސުބްހާނަހު ވަތަޢާލާއެވެ. އެއްވެސް ހާލަތެއްގައި ސިޙުރުވެރިއެއްކައިރިއަށް ގޮސް އެހީހޯދުން ހުއްދަވެގެންނުވެއެވެ. އެހެނީ ސިޙުރު ހެދުމަކީ ﷲ ތަޢާލާއަށް ވެވޭ ކުފުރެކެވެ. އަދި ސިޙުރުން ސިޙުރުބާތިލުކުރުމަކީ ހުއްދަކަމެއްނޫނެވެ.

ސިޙުރަކީ ﷲ ތަޢާލާ ޙަރާމް ކުރައްވާފައިވާ އެއްމެބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭކަމެކެވެ. އެހެން ކަމުން ސިޙުރުވެރިން ވަކިކުރާނެގޮތް ދެނެގަތުމަކީ، ސިޙުރުވެރިކަން ޢާއްމުވެފައިވާ މުޖްތަމަޢުއެއްގައި، ވަރަށް މުޙިއްމުކަމެކެވެ.

ސިހުރުވެރިން ދެނެގަންނާނެ ބައެއް ޢަލާމާތްތަކުގެ ގޮތުގައި ޢިލްމުވެރިން ފާހަގަކުރައްވާފައިވާ ބައެއް ޢަލާމާތްތަ ތިރީގައި މިވަނީއެވެ.

1– ބަލިމީހާގެ ނަން ނުވަތަ އޭނަގެ މަންމަގެ ނަން އޮޅުންފިލުވަން އުޅުން.

2– ބަލިމީހާގެ ކޮންމެވެސް އަޘަރެއް ގެންދަން އުޅުން. (ބަލިމީހާގެ ހެދުމެއް ނުވަތަ ރުމާލެއް ނުވަތަ އިސްތައްޓެއް ނުވަތަ އެފަދަ ކޮންމެވެސް އެއްޗެއް)

3– ބައެއްފަހަރު ޚާއްސަ ޝަރުތު ތަކެއް ފުރިހަމަވާ ނުވަތަ ޚާއްސަ ޞިފަތަކެއް އެކުލެވިގެންވާ ޖަނަވާރެއް ޛަބަޙަ ކުރުމަށް (ކަތިލުމަށް) ހޯދަން ބުނެއެވެ.

4– އަކަ ކުރެހުން. (ސިޙުުރު ރަމްޒުކޮށްދޭ އެކިބައްޓަން ބައްޓަމަށްހުންނަ ކުރެހުންތައް)

5– އެހެންމީހުނަށް ކިޔާ ނުކިޔާއެއްޗެއް ނޭނގޭފަދަ ޢިބާރާތްތަކަކުން އެއްޗެހިތަކެއްކިޔުން. އެގޮތުން އެކަންކުރުމުގައި ޖިންނި ޝައިޠާނުންގެ ނަންތައް(މީހުން އަޑުއަހައި ނޫޅެ ކަހަލަ ބީރައްޓެހި ނަންތައް) ކިޔައި އެތަކެތީގެ ކިބައިން ސިޙުރުވެރިން އެހީއަށް އެދެއެވެ.

6– އަންދާފައިވާ ކަރުދާސްތަކެއް ސިޙުރުވެރިޔާ ބަލިމީހާއަށް ދެއެވެ. އަދި އޭގެ ބޭނުންކޮށްގެން އާވިއަރުވައި ސިޙުރުވެރިޔާ އެދޭގޮތަކަށް ކަންކަން ކުރުމަށްބުނެއެެވެ.

7– އިރުގެއަލި ނުވަންނަގޮތަށް ބަންދުވެފައި ހުންނަ ކޮޓަރިއެއްތެރޭގައި ހުރެ، ވަކި ވަޤުތެއް ވަންދެން އެހެންމީހުން ބޭރަށް ނެރުމަށް ބަލިމީހާއަށް އެންގުން. (ބަލިމީހާއާއި ސިހުރުވެރިޔާ އެކަހެރިވުމަށް)

8– ބައެއްފަހަރު ވަކި މުއްދަތެއް ވަންދެން ފެނުގައި ނުޖެހި ހުރުމަށް ބަލިމީހާ އަށް އަންގައެވެ. އެ މުއްދަތަކީ ގިނަފަހަރަށް 40 ދުވަހެވެ.

9– ބިމުގައި އެއްޗެހި (ސިޙުރު ހަދާފައިވާ ތަކެތި) ވަޅުލުމަށް ބަލިމީހާއާއި ހަވާލުކުރެއެވެ.

10– ސިޙުރުވެރިޔާގެ ކުރިމަތީގައި ބަރަހަނާވުމަށް ބަލިމީހާގާތު އެދެއެވެ.

11– އަކުރުތައް ވަކި ވަކިން ހުންނަގޮތަށް (ސިހުރުގެ ބަސްތައް އަރަބިބަހުން ނުވަތަ ޤުރުއާނުގެ އާޔަތްތައްވިޔަސް އަދި ﷲ ތަޢާލާގެ އިސްމުފުޅުތައްވިޔަސް އެއަށް އިހާނަތްތެރިވާގޮތަށް) ގަނޑެއްގައި ނުވަތަ ތައްޓެއްގައި ސިޙުރުވެރިޔާ ބަލިމީހާއަށް ލިޔެދެއެވެ. އަދި އެ ކަރުދާސްގަނޑު ގައިގެ ތަނެއްގައި ތަވީދުގެ ގޮތުގައި ނުވަތަ އެހެންވެސް ގޮތަކަށް ހަށިގަނޑުގައި ނުވަތަ ގޭގައި ހަރުކުރުމަށް އަންގައެވެ. އަދި އެ ލިޔެދިން ތަށިން ފެންބުއިމަށް އެންގުން.

12– ސިޙުރުވެރިޔާ ދޭ ޚާއްސަ ހެދުމެއް ލުމަށް ބަލިމީހާ ކައިރީބުނެއެވެ. އޭގެ ބޭރުފުށުން އާދައިގެ ހެދުމަކާއި ތަފާތެއް ނުފެނުނުނަސް، އެތެރޭގައި ފޮރުވިފައިވާ ގޮތައް ސިޙުރު ރަމްޒުކޮށްދޭ ލިޔުންތައް ލިޔެފައި ހުރެއެވެ. އޭގެ ސަބަބުން ބަލިމީހާގެ ބަލި ވަނީ އިތުރެވެ.

މީގެތެރެއިން ޢަލާމާތެއް އެފަދަ މީހެއްގެކިބައިން ފެނިއްޖެނަމަ އެމީހަކާއި މުޅީން ދުރުވާށެވެ. އެހެނީ ޝަރުޢީ ގޮތުން ހުއްދަވެގެންވާ ގޮތުގައި، ކީރިތި ޤުރުއާނާއި ސުންނަތުގެ އަލީގައި ހުއްދަ ރުޤުޔާ ހަދާ ރާޤީއެއްގެ ކިބައިން އެ ޞިފަތަކެއްނުފެންނާނެއެވެ.

ދިސަލަފިއްޔާ - އަލް އަޚް ބިލާލް ޢަބްދުއްސައްތާރު