ޖިންނި ޝައިތާނުންނަކީ އިންނާނުންގެ ތެރޭގައި އުޅޭ އިންނާނުންނެކޭ އެއްފަދައިން، އެހެނަސް އިންސާނުން އުފެއްދެވުމުގެ ކުރިން މާތްﷲ ޚަލްޤުކުރައްވާފައިވާ މަހުލޫޤުންނެވެ. މާތްﷲ ޖީންނީންނާއި އިންސީންވެސް ޚަލްޤުކުރައްވާފައި ވަނީ އެކަލާނގެއަށް އަޅުކަން ކުރުމަށް ކަމުގައިވާއިރު، އެތަކެތީގެ ތެރޭގައިވެސް ކާފިރު ޖިންނީންނާއި މުސްލިމް ޖިންނީން އުޅެއެވެ.

ބުއްދީގެ ހަމަތަކުންނާއި، ޤުރުއާނާއި ސުއްނަތުގެ ދަލީލުތަކުގެ އަލީގައިވެސް ޖިންނީންނަކީ ލެއްވި އެއްޗެއްކަން އެނގޭއިރު، ބައެއް ފަހަރަށް އިންސާނުންނަށް ކާފިރު ޖިންނީންގެ އުނދަގޫ ކުރިމަތިވެއެވެ. އެފަދަ ޖިންނީންނަކީ ޤިޔާމަތަށް ދާންދެން އިންސާނުންގެ ޢަދުއްވުންނެވެ. ނުވަތަ ޝައިތާނުންނެވެ. އެހެންކަމުން އެސޮރުމެންގެ ކިބައިން ސަލާމަތްވުމަށްޓަކައި ސަމާލުކަންދޭންވީ ކަންކަން ކޮންމެ މުސްލިމަކަށްވެސް އެނގުމަކީ މުޙިންމު ކަމެކެވެ.

ސާފުތާހިރުކަން ކުޑަވުމަކީ ޖިންނީން ވަރަށް ފަސޭހައިން އަވަލަވާ ކަމެކެވެ. އިންސާނުންގެ ތެރެއިން ސާފުތާހިރުނުވާ މީހުންނާއި ކައިރިވުމަށް ޖިންނީން ލޯބިކުރެއެވެ. އެހެންކަމުން ޖިންނީންގެ އުނދަގޫ ކުރިމަތިވާނަމަ ތިމާގެ ހަށިގަނޑު ސާފުތާހިރުކަންމަތީގައި ބެހެއްޓުމަށް އަޙަންމިއްޔަތުކަން ދިނުމަކީ މުޙިންމު ކަމެކެވެ.

ގިނަ ފަހަރަށް އެސޮރުމެންގެ އުނދަގޫ ފޯރަނީ އެސޮރުމެން ރުޅިއައުމުން ބަދަލުހިފުމުގެ ގޮތުންނެވެ. އެއީ ބައެއް އިންސާނުން އެސޮރުމެންނަށް އުނދަގޫވާކަމެއް ކުރުމުންނެވެ. ނުވަތަ އުނދަގޫކުރީ ގަސްދުގައިކަމަށް އެސޮރުމެންނަށް ހީވުމުންނެވެ. މިސާލަކަށް އެސޮރުމެންގެ ބައެއްގެ މައްޗަށް ކުޑަކދަމުދިއުން ނުވަތަ ހޫނުފެން އެޅުންފަދަ ކަންކަން މިއީ ގަސްތަކާއި ނުލައި ކުރި ކަމެއް ނަމަވެސް ޖިންނީންގެ އުނދަގޫ އެފަދަ ކަންކަމުގެ ސަބަބުން ކުރިމަތިވާން ދިމާވެއެވެ. އެއީ އިންސާނުންގެ ތެރޭގައިވެސް ބައެއްފަހަރު އެކަން ވާފަދައިންނެވެ.

ހަމަ އެހެންމެ ފާޙިޝް ކަންކަމުގައި މަސްއޫލުވެ އުޅުމަކީވެސް ޖިންނި ޝައިތާނުންގެ އުނދަގުލާއި ކުރިމަތިލާން ޖެހިދާނެ ކަމެކެވެ. ޖިންނީންގެ ތެރޭގައި ހިމެނޭ ޝައިތާނުންނަކީ އިންސާނާއަށް ފާޙިޝް ކަންތައް ކުރުމަށް ހިއްވަރުދޭ ބަޔަކަށް ވެދާނެއެވެ. އެހެންކަމުން އެފަދަ ކަންކަމުގައި މަސްއޫލުވެ ﷲ ތަޢާލާމަތިން ހަނދުމަނުކޮށް އުޅޭ މީހުންނާއި ޖިންނި އަވަލާން ފަސޭހަވެއެވެ.

މަޣްރިބް ގަޑި ޖެހުމުން ކުޑަކުދިން ބޭރަށް ނުނެރުމަށް ކީރިތި ރަސޫލާ- ޞައްލަﷲ އަލައިހިވަސައްލަމަ- އިރްޝާދު ދެއްވާފައިވެއެވެ. ސަބަބަކީ އެވަގުތަކީ ޝައިޠާނުންތައް ފެތުރިގަންނަ ގަޑި ކަމަށްވާތީވެއެވެ. ޝައިޠާނުންތައް ލޯބިކުރަނީ އަނދިރިވަގުތުތަކަށެވެ. އަދި އަލިވަގުތު ތަކަށް އެތަކެތި ނަފްރަތު ކުރެއެވެ. އެހެންކަމުން އިރު އޮއްސޭ ވަގުތުގައި ބޭރުތެރޭގައި ކުޑަކުދިން ގެންގުޅުމަކީ އެކުދިންނާއި ޖިންނި އަވަލުމަށް ހުޅުވާލެވޭ ދޮރަކަށް ވެދާނެއެވެ.

މަތީގައި ފާހަނގަ ކުރެވުނު ކަންކަމުގެ އިތުރުންވެސް ޖިންނި ޝައިތާނުންގެ އުނދަގޫ އިންސާނުންނަށް ކުރިމަތިކުރުވާ ގިނަ ސަބަބުތައްވެއެވެ. އެފަދަ ޙާލަތަކުން ސަލާމަތްވުމަށްޓަކައި ފާހަނގަ ކުރެވުނު ކަންކަމާއިމެދު ސަމާލުކަން ބަހައްޓައި ގިނައިން ހެޔޮ ޢަމަލުކޮށް ޒިކުރު ކުރުމަކީ އެންމެ ރަނގަޅު ގޮތެވެ. ހަމަ އެހެންމެ ނިދާއިރު ޤުރުއާން އަޑުއެހުން، ނުވަތަ ޤުރުއާން ޖަހައިފައި ބެހެއްޓުމަކީ ޖިންނީންގެ އުނދަގޫ ފޯރުމަށް ހުރަސްއެޅޭނެ ކަމެކެވެ.