ދަރިންނަށް ނަސޭހަތް ދޭއިރު، އެ ކުދިން ނިކަމެތިކޮށްލާ ފަދަ ބަސްތައް ނުބުނުމަށާއި، އެހެން ކުދިންނާއި އަޅާނުކިޔުމަށް ޚުތުބާގައި ވިދާޅުވެއްޖެެއެވެ.

ހެޔޮގޮތުގައި ދަރިން ތަރުބިއްޔަތު ކުރުމާއި ގުޅޭގޮތުން މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި ޚުތުބާގައި ވިދާޅުވެފައި ވަނީ، ދަރިން ހެޔޮމަގުން އެއްކިބާވުމުގައި ޒިންމާ ނަގަން ޖެހޭނީ މައިންބަފައިން ކަމަށާއި، އެ ކުއްޖާއަށް އެކި ގޮތްގޮތަށް ބައްޓަންވެ ދަނީ މައިންބަފައިން އެ ކުދިން ގެންގުޅޭ ގޮތުގެ މައްޗަށް ކަމަށެވެ. އަދި އެ ކުއްޖާގެ އުޅުމާއި، ގުޅުމާއި އަހްލާގުގެ މައްޗަށް ކަމަށްވެސް ޚުތުބާގައި ވެއެވެ.

ޚުތުބާގައި ވިދާޅުވެފައި ވަނީ، ބައެއް މީހުން ދެކޭ ގޮތުގައި ދަރިން ދެކެ ލޯބިވުމަކީ އެ ކުދިންގެ އުމުރާއި ބޭނުންތަކަށް ނުބަަލައި، އެ ކުދިން ބޭނުން ވަރަަކަށް ފައިސާ ދިނުމާއި، ބޭނުންހާ އެއްޗެއް ހޯދާ ދިނުން ކަމަށެވެ. އަދި ދަރިން ބޭނުންތަނަކަށް ދިއުމުގެ މިނިިވަންކަން ދިނުން ކަމަށެވެ.

"ނަމަވެސް ދަރިންދެކެ ހަގީގީ ލޯބިވުމަކީ އިސްލާމީ ތަރުބިއްޔަޔަކުން އެ ދަރިން ތަރުބިއްޔަތު ކުރުމެވެ. ހަލާލު އާމްދަނީން އެ ދަރިން ރަނގަޅު ތައުލީމު ފައިދާ ހުރި ކާނާ އާއި ފޭރާން ހޯދާދިނުމެވެ. ދަރިންގެ އުމުރާއި ގުޅޭ ގޮތަށް ބޭނުންތައް ފުއްދައިދިނުމެވެ. އެ ކުދިންގެ އުޅުމާއި އަަޙްލާގާއި، ސުލޫކު ރަނގަޅު ކުރުމަށްޓަކައި، އަބަދާއި އަބަދު މަސައްކަތް ކުރުމަކީ މައިންބަފައިން ކޮންމެހެން ކުރަންޖެހޭ ކަމަކެވެ". ޚުތުބާގައި ވެއެވެ.

އަދި ދަރިންނަ ތަރުބިއްޔަތު ކުރުމާއި، ކުރާ މަސައްކަތުގެ ނަތީޖާ ފެންނަނީ މައިންބަފައިން ނަމޫނާއަކަށް ވެގެން ކަމަށާއި، އަދި މައިންބަފައިން ދަރިންނަށް ދޭ ނަސޭހަތާއި، އިރުޝާދުން އެ ކުދިންނަށް އަސަރު ކުރާނީ، އެ ކުދިންނަށް މަނާ ކުރާ ކަންތައްތައް ތަކުން މައިންބަފައިން ދުރުހެލިވެގެން ކަމަށް ޚުތުބާގައި ވެއެވެ.

މީގެ އިތުރުން ޚުތުބާގައި ވިދާޅުވެފައި ވަނީ، އިންޓަނޭޓަކީ ދެ މިޔަލީ ކަނޑިއެއް ފަދަ އެއްޗެއް ކަމަށާއި، ދަރިންނަށް އިންޓަނޭޓަށް ވަދެވޭ ފަދަ އެއްޗެހި ދޭ އިރު ހާއްސަ ސަމާލުކަމަށް ދިނުމަށެވެ. އަދި ޓީވީ ޕްރޮގްރާމްތަކުން ދައްކާ އެއްޗެއްސަކީ އެ ކުދިން ބެލުން ރަނގަޅު އެއްޗެހިތޯ ބެލުމަށްވެސް ޚުތުބާގައި ވެއެވެ.

އަދި ދަރިންނަށް ނަސޭހަތް ދޭއިރު، އެ ކުދިން ނިކަމެތިކޮށްލާ ފަދަ ބަސްތައް ނުބުނުމަށާއި، އެހެން ކުދިންނާއި އަޅާ ނުކިޔުމަށް ޚުތުބާގައި ނަސޭހަތްތެރިވެފައި ވެއެވެ. ޚުތުބާގައި ވަނީ، އެފަދަ ގޮތަކަށް ކުއްޖާއާ މުހާތަބު ކުރާނަމަ، ކުއްޖާއަށް އޭނާއަކީ އަގެއް ނެތް ގޯސް ކުއްޖެއްކަމަށް ސިފަވާން ފަށާނެ ކަމަށް ޚުތުބާގައި ވެއެވެ.

ޚުތުބާގައި އިތުރަށް ވަނީ، ދަރިންނަށް ނަމާދު ކުރުމަށް ބާރުއެޅުމަށާއި، ނަމާދު ކުރުމަށް ހޭލުންތެރިކޮށް، ކުޑައިރުއްސުރެ އެކަމަށް ކުއްޖާ ހޭލުންތެރި ކުރުމަށް ނަސޭހަތްތެރިވެފައެވެ. އަދި އަންހެން ދަރިން ހެދުން އެޅުމާއި ސަމާލުކަން ދިނުމަށާއި، ކުޑައިރުން ފެށިގެން އިސްލާމީ މިންގަނޑު ތެރެއިން ހެދުން އެޅުމަށް ނަަސޭހަތްތެރިވެފައި ވެއެވެ.