ބައްޕަނެތް ކުދިންނަކީ އެކުދިންގެ ޒާތުގައި މަޢުޞޫމް ބަޔެކެވެ. އެކުދިންގެ މައިންބަފައިން ކުރި ނުބައިކަމެއްގެ ސަބަބުން އެކުދިން އެކަމުގެ ޒިންމާ ނަގާކަށް ނުޖެހޭނެއެވެ. އެއީ އެކުދިންނަކާ ބެހޭވެސް ކަމެއްނޫނެވެ. ގިޔާމަތްދުވަހުން އެކުދިންނަކީވެސް އެހެންމީހުންނެކޭ އެއްފަދަ ބަޔެކެވެ. ޞާލިޙް ރަގަޅު ޢަމަލުކޮށްފައިވަނީ ނަމަ އަކަމުގެ ހެޔޮ ޖަޒާ ލިބޭނެއެވެ. ނުބައިކަމެއްކޮށްފައިވަނީނަމަ އެކަމެއްވެސް ދެކޭނެއެވެ. މުސްލިމެއްކަމުގައިވާ ޙާލު މަރުވެއްޖެނަމަ ސުވަރުގެލިބޭނެއެވެ. އިންޝާ ﷲ.

ޒިނޭކުރި އަންހެންމީހާ ކައިވެނި ކުރިތާ ހަމަސްފަހުން ވިހައިފިކަމަށްވަނީ ނަމަ ފިރިމީހާއަށް ދަރިލައްވާނެއެވެ. މި ޙާލަތުގައި ފިރިމީހާ އޭނާގެ ދަރިއެއްނޫން ކަމަށް ޘާބިތުކޮށްދޭން ބޭނުންވެއްޖެނަމަ އެކަމަށް އޮތް މަގަކީ ލިޢާނު ކުރުމެވެ. އެނޫންގޮތަކުންނަމަ ދަރިލައްވާނީ ފިރިމީހާއަށެވެ. އެހެންފިރިހެނަކު އަންހެންމީހާ އާއި އެކު ޖިމާޢުވި ކަމަށް ދަޢުވާކުރިކަމަށް ވީނަމަވެސް މެއެވެ.

އަންހެންމީހާ ކައިވެންޏެއް ނުކޮށްހުއްޓާ ވިހައި، އޭނައާއި އެކު ޒިނޭކުރި ފިރިހެންމީހާ އެދަރިފުޅަކީ އޭނާގެ ދަރިފުޅެއްކަމަށް އެއްބަސްވެއްޖެ ކަމަށްވަނީނަމަ ދަރިލައްވާނެތޯ ނުވަތަ ނޫންތޯ، މިކަމާއިމެދު ޢިލްމުވެރިންގެ މެދުގައި ޚިލާފެއް ހުއްޓެވެ.
ޖުމްހޫރު ޢިލްމުވެރިން ދެކިލައްވާ ގޮތުގައި މި ޙާލަތުގައި ފިރިމީހާއަށް ދަރިއެއް ނުލައްވާނެއެވެ.

އެބޭކަލުންގެ ދަލީލަކީ ކީރިތި ރަސޫލާގެ ޙަދީޘްފުޅެވެ.
(الولد للفراش، وللعاهر الحجر)
މާނައަކީ: "ދަރި ލައްވާނީ ތަންމައްޗަށެވެ. (މަންމައަށެވެ). ޒިނޭކުރި ފިރިހެންމީހާއަށް އޮތީ ހިލަގަނޑެވެ. (އޭނާ އަކަށް އެއްޗެއް ނެތެވެ)."

އަދި ކީރިތި ރަސޫލާ ޞައްލަ ﷲ އަލައިހި ވަސައްލަމް ޒިނޭގެ ދަރިންގެ މައްސަލަ އެއްގައި އެކުދިންގެ ބައްޕަ އިޢުތިރާފުވެފައިވަނިކޮށްވެސް، ބައްޕަ އަށް ދަރިނުލައްވައެވެ.

ނަމަވެސް އަލްއިމާމު ޙަސަނުލް ބަޞްރީ އާއި އިބްނު ސީރީން، ނަޚަޢީ، ދެކިލައްވާ ގޮތުގައި ފިރިމީހާގެ މައްޗަށް ޒިނޭގެ ޙައްދު ގާއިމް ކުރެވިއްޖެނަމަ ދަރިލައްވާނެއެވެ، އަދި ފިރިމީހާގެ މުދަލުން ވާރުތަވެސް ކުރާނެއެވެ. އެބޭކަލުންގެ ދަލީލަކީ ޖާހިލިއްޔަ ޒަމާނުގައި ވިހެއި ޒިނޭގެ ކުދިންތަކެއް، ޢުމަރުގެފާނު އެކުދިންގެ ބައްޕަ އަށް ލެއްވި ކަމެވެ. އަލްއިމާމް އަބޫޙަނީފާ ވިދާޅުވަނީ ފިރިހެންމީހާ އޭނާގެ ދަރިއެއްކަމަށް އެއްބަސްވެއްޖެ ކަމަށްވަނީނަމަ އޭނާ އަށް ދަރިލައްވާނެ ކަމަށެވެ.

ޖުމްހޫރުންގެ (ގިނަ ޢިލްމުވެރިންގެ) ބަހުން ދޭހަވާގޮތުން ޒިނޭގެދަރި ނިސްބަތްވާނީ މަންމައަށެވެ. މަންމަގެ ފަރާތުން ވާރުތަވެސް ކުރާނެއެވެ. އަދި މަންމަގެ އެހެންކުދިންނަކީ އެކުދިންގެ އެއްބަނޑު ކުދިންނެވެ. އަދި އެކުދިން ބައްޕަ އަށް ނިސްބަތެއް ނުކުރެވޭނެއެވެ. އެކުދިންނަކީ އެފިރިހެންމީހާގެ ދަރިޔެކޭވެސް ނުބުނެވޭނެއެވެ. އެފަދަކުދިން ވާނީ އެފިރިހެންމީހާގެ ދޮންދަރިންނަށެވެ.

އެހެންނަމަވެސް އެ ފިރިހެންމީހާ އާއި ކައިވެނި ޙަރާމްވާނެއެވެ. އަދި އެފިރިހެންމީހާގެ އެހެންކުދިންނާވެސް ކައިވެނި ޙަރާމްވާނެ އެވެ. ކައިވެނި ޙަރާމްވިނަމަވެސް މަޙްރަމަކަށް ނުވާނެއެވެ. ކައިވެނި ޙަރާމްވާ ކޮންމެ މީހަކީ މަޙްރަމެއް ނޫނެވެ.

އިސްލާމް ކިއުއޭ - ފަޟީލަތުއްޝައިޚް އާދަމް ޝަމީމް އިބްރާހީމް

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ބޮލުގަ އެޅިފަ އޮތް ދަރަނި

    ޒިނޭގެ ދަރިއަކަށް ދިރިއުޅުމެއް ހޯދާ ދޭން ޖެހޭނީ ޒިނޭ ކުރި ފިރިހެން މީހާތަ؟އެ ފިރިހެން މީހާ އެހެން ދިރިއުޅުމެއްގަ ހުއްޓާވެސް އެ ދަރިގޮވައިގެން ގޮސް މިއީ އެ ފިރިހެން މީހާގެ ދަރިއެކޭ މީނާ ދުވަހަކުވެސް ކައިވެންޏެއް ކުރާނޭ ކަމަށް ނުދައްކައޭ އެ ފިރިހެން މީހާ މަރުވި ދުވަހަކުން ބޮލުގައި އެޅިފަ އޮތް ދަރަންޏެއް ނޫންހޭ އެ ޒިނޭގެ ދަރިއަކީ ބުނެވިދާނެތޯ

    7
    5
  2. ސަކީނާ

    ޒިނޭގެ ދަރިއަކަށް ދިރިއުޅުމެއް ނުލިބިއްޖެނަމަ އެކަމުގެ ޒިންމާ އުފުލާނީ ކާކުތޯ

    17
    4
    • Anonymous

      މުޖުތަމައު ޒިންމާވާން ޖެހޭނެ މައން ބަފައިންގެ ލޯބިން ދަރިންމަހުރޫމު ކުރާއިރު

      7
      1
      • ޟަރޖީ

        ޒިނޭ ކުރި ފިރިހެން މީހާގެ ދަރަންޏެއް ކުއްޖާ އަކީީ އެހެން ބަޔަކު ޒިންމާ ވާކަށް ނުޖެހޭނެ

  3. ޕޮގުބާ

    އެކުއްޖާ ދިރިއުޅުމެއް ހޯދާނީ

    6
    5
  4. ޢައިޝާ

    ދަރިފަސް ކޮޅު އޮޅުނީމަ އޭގެ ޒިންމާ ނަގަނީ ކާކުތޯ

    8
    4
  5. އިދްރީސް

    މީހުން ކިޔާ އުޅޭ ޒިނޭގެ ދަރިއަކަށް ވިޔަސް އެކުއްޖާ އަކީ ޒިނޭ ކުރި ފިރިހެން މީހާގެ ބޮލުގަ އެޅިފަ އޮންނާނޭ ދަރަންޏެކޭ
    ހަގީގަތެއް ނޭނގޭ އެއްގޮތަކަށްވެސް
    އެފަދަ ކުދިންނަކީ ޒިނޭ ކުރި ފިރިހެން މީހާ ޒިންމާ ވާން ނުޖެހޭ ބަޔަކަށް ވަންޏާ ކިތަންމެހާވެސް ރަނގަޅު

    4
    5
  6. ހުސެން

    ލޮޖިކެއްނުވާ ފުލޯކު ވާހަކަތަކެއް. ތިމީހުންނަކީ ޑީއެންއޭ ޕެޓާރނިޓީ ޓެސްޓު ގަބޫލުކުރާ ބައެއްނޫން. ކައިވެނިކޮށް އެތައް އަހަރެއްފަހުން ފިރިހެންމީހާ އަށް އޭނަގެ ދަރިއެއްނޫންކަން އެނގުނަސް އޭނައަކަށް އެކަމުން ސަލާމަތް ވެވޭނެ ގޮތެއްނޯވޭ. ހިތާއި ދެކޮޅަށް ނަމަވެސް އޭނައަށް ޖެހޭނީ ދަރިއާއި ހަވާލުވާން. މިއީ ކޮންތާކުޖެހޭ ލޮޖިކެއްތަ؟

    1
    3
  7. ހާމިދު ޝާޙިދު

    ޒިނޭ ކޮށްގެން ހޯދާ ދަރި އެ އެކުއްޖޭގެ މަންމައާ ކައިވެނި ފަހުން ކޮށްފި ނަމަ ދަރި ފިރިހެން މީހާއަށް ލައްވާލާނެތޯ. ނޫނީ، ޑީއެންއޭ ބޭނުން ކޮށްގެން ހޯދާ ހޯދުމަކުން ދަރި ލައްވާލާނެތޯ!