މާތް ﷲ، ޢާދުބާގައިގެ މީހުންނަށް ދެއްވި ނިޢުމަތްތައް އެމީހުން ބޭނުންކުރީ ނަހަމަ ގޮތުގަ އެވެ. އެކަލާނގެ އެމީހުންނަށް ދެއްވި އާރާއި ބާރުގެ ބޭނުންކުރީ، އަނެކުންނަށް އަނިޔާވެރިވުމަށެވެ. އެމީހުން އަނިޔާވެރިވަމުން ގެންދިޔައީ، ހަމައެކަނި އެހެން ޤަބީލާތަކުގެ މީހުންނަކަށެއް ނޫނެވެ. ކިއެއްތޯ އެވެ. އެމީހުންގެ ތެރޭގައި ވެސް އިންތިހާ ދަރަޖައަށް އަނިޔާވެރިކަން އޮތެވެ. އެމީހުންގެ ބޮޑުންނަކީ، އެމީހުންގެ ނިކަމެތިންނާއި ފަޤީރުންނަށް އަނިޔާވެރިވުމުގައި ހައްދުފަހަނަޅާފައިވާ ބަޔެކެވެ. އެމީހުންގެ ހިތްތައް ކަޅިވެފައިވަނީ، ދުޝްމަނުކަމުންނެވެ. އެމީހުންގެ ޢަމަލުތައް ފެވިފައިވަނީ ޒުލްމުންނެވެ. އެމީހުންގެ ނިޔާތަކަކީ، އަނިޔާތަކެކެވެ.

ދުޝްމަނުކަމުން އެއްކިބާވެ، އަނިޔާވެރިކަން އެއްފަރާތްކޮށް، އިންޞާފުވެރި ބަޔަކު ކަމުގައި ވާނެ ޢަވާމިލުތަކެއް އެމީހުންގެ ކިބައިގައި ނުވެ އެވެ. އެމީހުންގެ ނަޒަރުގައި، އެމީހުންނަކީ އެންމެ ބާރުގަދަ މީހުންނެވެ. އަދި އެމީހުންނަށްވުރެ ބާރުގަދަ އެހެން އެއްވެސް ފަރާތެއް ނުވާ ކަމަށް އެމީހުން ބުންޏެވެ.

(مَنْ أَشَدُّ مِنَّا قُوَّةً) ފުއްޞިލަތު: 15
މާނައީ: "ތިމަންމެންނަށްވުރެ ބާރުގަދައީ ކާކު ހެއްޔެވެ؟"

ޢާދުބާގައި މީހުންނަކީ، އެބަޔެއްގެ ހިތުގެ ބަގީޗާތަކުގައި އީމާންކަމުގެ މޭވާ ނާޅައިފި ކޮންމެ ބަޔެއްގެ މިސާލެވެ. އީމާންވާޖެހޭ އެއްވެސް ކަމަކަށް އެމީހުންނަކު އީމާނެއް ނުވެ އެވެ. ޚާއްޞަކޮށް އާޚިރަތް ދުވަހަށް އީމާނެއް ނުވެ އެވެ. އެހެންކަމުން، އެމީހުން މި ދުނިޔޭގައި ކުރާ ޢަމަލުތަކުގެ ޙިސާބު ބައްލަވައި، ޖަޒާ ދެއްވާނެ ދުވަހެއް އަންނާނެ ކަމީ، އެމީހުން ޤަބޫލުކުރި ކަމެއް ނޫނެވެ.

ޢާދުބާގައި މީހުންނަކީ، ނޫޙުގެފާނުގެ ސާމުގެ ޢިވަޞުގެ ޢާދުގެ ދަރިފަސްކޮޅު މީހުންނެވެ. މާތް ﷲ، އެމީހުންނަށް ގިނަގުނަ ނިޢުމަތްތައް ދެއްވި އެވެ. އެކަލާނގެ، އެމީހުންނަށް ދެއްވި ނިޢުމަތްތަކުގެ ތެރޭގައި، ބިމުގެ ވެރިކަމާއި، ޖިސްމާނީ ބާރާއި، ނަޢަމް ސޫފިތަކާއި، ދަރީން ގިނަ ކަމާއި، ގިނަގުނަ ބަގީޗާތަކާއި، އެތަކެއް ފެންއާރުތަކެއް ހިމެނެ އެވެ. އެކަލާނގެ ދެއްވި އެ ނިޢުމަތްތަކަށް އެމީހުން ކުފުރުވި އެވެ. އެކަލާނގެ ޙަޟުރަތަށް ޠާޢަތްތެރިކަން އަދާކުރުމުގެ ބަދަލުގައި އެމީހުން އުރެދުނެވެ. އެމީހުންނަށް ލިބިފައިވާ ބާރުތަކާއި މުދާވެރިކަމަށްޓަކައި ފަޚުރުވެރިވި އެވެ. ދުނިޔޭގެ ބިންމަތީގައި ތަވާޟުޢުވެރިވެ ހިތްތިރިކުރުމުގެ ބަދަލުގައި، ބޮޑާވެ ކިބުރުވެރި ވި އެވެ. އެމީހުންގެ އާރާއި ބާރު ގަދަ ކަމަށްޓަކައި، އޭރު ދުނިޔޭގައި އުޅުނު އެހެން މީހުން، އެމީހުން ދެކެ ޖެހިލުންވެ ބިރުގަނެ އެވެ.

އެމީހުންނަކީ، ނޫޙުގެފާނުގެ ޒަމާނުގައި ދުނިޔެ ޣަރަޤުވި ބޮޑު ޠޫފާނަށްފަހު، ދުނިޔެއަށް އައި މީސްތަކުންގެ ތެރެއިން، އެންމެ ފުރަތަމަ ބުދަށް އަޅުކަންކުރި މީހުންނެވެ. މާތް ﷲ، އެމީހުންގެ ގާތަށް، ސަލާމްލެއްވި ހޫދުގެފާނު ފޮނުއްވި އެވެ. އެމީހުންނަށް އެކަލޭގެފާނު ގޮވާލެއްވީ، ބުދަށް އަޅުކަންކުރުން ދޫކޮށް، އަރަހުށި ހުސްޠާހިރުވަންތަ މާތް ﷲ ގެ ޙަޟުރަތަށް އަޅުކަންކުރުމަށެވެ. އެކަލާނގެ ފިޔަވައި އެހެން ފަރާތްތަކަށް އަޅުކަން ނުކުރުމަށް ގޮވާލެއްވި އެވެ. ހޫދުގެފާނުގެ ގޮވާލެއްވުމަށް، ޢާދުބާގައިގެ މީހުން އިޖާބައެއް ނުދިނެވެ. ކިއެއްތޯ އެވެ. އެކަލޭގެފާނާ ދެކޮޅުވެރިވެ، އެކަލޭގެފާނު ދޮގުކޮށް، އެކަލޭގެފާނުގެ ޤަދަރު ކުޑަކޮށް، އެމީހުން އެކަލޭގެފާނަށް ދުއްތުރާތައް ކުރި އެވެ.

ޢާދުބާގައިގެ މީހުންނަކީ، ޢާންމު ގޮތެއްގައި ފޭލިގެތަކުގައި ދިރިއުޅުނު ބަޔެއް ކަމަށް ބުނެވެ އެވެ. އެމީހުންގެ ފޭލިގެތައް ޖެހުމަށް ބޭނުންކުރީ ބޮޑެތި ބިޔަ ތަނބު ކަމަށް ވެސް ބުނެވެ އެވެ. އެމީހުންނަކީ، ބޮޑެތި ޢިމާރާތްތައް ހެދި ބަޔެއްކަން ކީރިތި ޤުރުއާނުގެ މޫރިތި އާޔަތްތަކުން އެނގެ އެވެ. ބޮޑެތި ބިޔަ ޢިމާރާތްތަކާއި، ބޭކާރު މޮނިއުމަންޓްތައް އެމީހުން ހަދަމުން ގެންދިޔައީ އުސް ބިންތަކުގެ މަތީގަ އެވެ. އެ ބިނާތަކަކީ، ބިނާވެށީގެ ޒީނަތްތެރިކަމަށާއި، އެމީހުންގެ ހައިބަތު ދެއްކުމަށާއި، ކުޅިވަރު ކުޅުމަށާއި، އެމީހުންގެ ޚުލޫދަށްޓަކައި ހެދި ބިނާތަކެކެވެ.

ސަލާމްލެއްވި ހޫދުގެފާނު، އެމީހުންގެ ގާތަށް ވަޑައިގެން، އެމީހުންގެ ބިނާތަކާބެހޭ ގޮތުން ދެއްކެވި ބައެއް ވާހަކަތައް އައްޝުޢަރާއު ސޫރަތުގައި ބަޔާންކުރައްވާފައި ވެ އެވެ.

(أَتَبْنُونَ بِكُلِّ رِيعٍ آيَةً تَعْبَثُونَ) (وَتَتَّخِذُونَ مَصَانِعَ لَعَلَّكُمْ تَخْلُدُونَ) އައްޝުޢަރާއު: 128-129

މާނައީ: "ތިޔަބައިމީހުން ބޭކާރު ކުޅުންތައް ކުޅުމަށް ކޮންމެ އުސްތަނެއްގައި ބިނާއެއް ހަދަނީ ހެއްޔެވެ؟". "އަދި ތިޔަބައިމީހުން (އެތަންތާނގައި މަރުނުވެ) އަބަދަށް ދެމިތިބޭނޭ ކަމަށް ގަނޑުވަރުތައް ހަދަނީ ހެއްޔެވެ؟"

ޢާދުބާގައި މީހުންގެ ޙަޟާރަތު ވެއްޓި، އެމީހުން ހަލާކުވުމަށް މެދުވެރިވި މައިގަނޑު ތިން ސަބަބު ވާކަމަށް ޢިލްމުވެރިން ވިދާޅުވެފައި ވެ އެވެ.

ފުރަތަމަ ސަބަބަކީ، އެމީހުންގެ އާރާއި ބާރާމެދު އެމީހުން ފަޚުރުވެރިވުމެވެ. އެމީހުންގެ ޙަޟާރަތު ދިޔައީ ހަލުއި ބާރުމިނެއްގައި ކުރިއަރަމުންނެވެ. އެމީހުން ހީކުރީ، އެއީ އެމީހުންގެ ކުޅަދާނަކަމާއި މޮޅުކަމުން އުފެދި ކުރިއަރަމުންދިޔަ ޙަޟާރަތެއް ކަމަށެވެ.

ދެވަނަ ސަބަބަކީ، އަނިޔާވެރިކަމެވެ. އެމީހުންނަކީ، ހިތް ހަރު އަނިޔާވެރި ބަޔެކެވެ. މީހުންގެ މައްޗަށް ރަޙުމުނުކުރާ ބަޔެކެވެ. އެމީހުން ބަޔެއްގެ މައްޗަށް ގަދަފަދަކަން ދައްކާ ހިނދު، އެކަން ކުރަނީ އެންމެ އަނިޔާވެރި ޒާލިމު ޖައްބާރުންގެ ގޮތުގަ އެވެ.

ތިންވަނަ ސަބަބަކީ، ކާފިރުވުމާއި، އީމާން ނުވުމެވެ. މާތް ﷲ އާއި އެކަލާނގެ ދެއްވާފައިވާ ނިޢުމަތްތަކަށް އެމީހުން ކުފުރުވި އެވެ. އީމާންވުމަށް އެކަލާނގެ އަންގަވާފައިވާ އެއްވެސް ކަމަކަށް އެމީހުންނަކު އީމާނެއް ނުވެ އެވެ. ޚާއްޞަކޮށް ޤިޔާމަތް ދުވަހަށް އީމާނެއް ނުވެ އެވެ. އެ ދުވަސް އަންނާނެ ކަމާމެދު އިންކާރުކޮށް، އެ ދުވަސް ދޮގުކުރި އެވެ.

މި ސަބަބުތަކަށްޓަކައި މާތް ﷲ، އެމީހުންގެ މައްޗަށް ކޯފާ ލެއްވި އެވެ. ދެން އެމީހުންގެ ބިމަށް ވާރޭ ވެހުން ހުއްޓި، އެތައް ދުވަހެއް އެ ގޮތުގައި ފާއިތުވެގެންދިޔަ އެވެ. އޭރު އެމީހުން ކޮންމެ ދުވަހަކުމެ، އިންތިޒާރުކުރަމުން ގެންދިޔައީ، ވާރޭ ވެހޭނެ ދުވަހަކަށެވެ. ވިއްސާރަ ވިލާގަނޑެއް އަންނާނެ އިރުވަރަކަށެވެ. އެމީހުން އެގޮތުގައި ތިއްބައި އެއްދުވަހަކު، އެމީހުންގެ ވާދީތަކާ ދިމާއަށް އުދަރެހުން އަރައިގެން އައި، ވިލާގަނޑެއްގެ ސިފައިގައިވާ އެއްޗެއް ފެނުނެވެ. އެމީހުން ހީކުރީ އެއީ، އެމީހުންނަށް ވާރޭ ވެއްސައިދޭނެ ވިލާގަނޑެއް ކަމަށެވެ.

ހޫދުގެފާނު ވިދާޅުވި އެވެ. "އެއީ، ވާރޭ ވެއްސައިދޭނެ ވިލާގަނޑެއް ނޫނެވެ. ކިއެއްތަ! އެއީ އަވަސްވެގަތުމަށް ތިޔަބައިމީހުން އެދިގެން އުޅުނު ކަންތަކެވެ. އެއީ ވޭންދެނިވި ޢަޛާބު އޭގައި ހިމެނިގެންވާ ގަދަ ވަޔެކެވެ." މިވާހަކަ އަލްއަޙުޤާފު ސޫރަތުގެ 24 ވަނަ އާޔަތުގައި ބަޔާންކުރައްވާފައި ވެ އެވެ.

ހޫދުގެފާނު ވިދާޅުވި ފަދައިން ވޭންދެނިވި ޢަޛާބު އައިސް އެމީހުންނާ ކުރިމަތިވި އެވެ. ދުވަހަކުވެސް އެމީހުން ދެކެފައިނުވާ ފަދަ ބާރުގަދަ ވަޔެއް ޖެހެން ފެށި އެވެ. ގަސްގަހާގެހި ބިމުން ލުހެލައި، ނަޢަމްސޫފިތަކާއި އެފަދަ އެހެނިހެން އެއްޗެހި ވަޔާއެކު މާދުރަށް ގެންދަންފެށި އެވެ. ސަޙަރާގައިވާ ވެއްޔާއި ހިރަފުހުން، ޖައްވު ކިލަނބުވެ، އުޑުމަތި ބަނަވެ، އަނދިރިކަން ވެރިވި އެވެ. މިކަންކަން ކުރިމަތިވާން ފެށުމުން، ސަލާމަތްވެވޭތޯ އެމީހުން މަސައްކަތްކުރި އެވެ. އެހެނަސް، ޖެހެމުންދިޔަ ބާރުގަދަ ވައި، އެމީހުންނާއި އެމީހުންގެ ހުރިހައި އެއްޗެއް ހަލާކުކޮށް ނެތިކޮށްލި އެވެ. އެ ވައިގައި ގަދަފަދަ އަޑާއި، ގަދަ ފިނި އެކުލެވިފައި ވި އެވެ. އެއީ، މަންފާއެއް ނެތް ވަޔެވެ.

އޭގެ ސަބަބުން އެމީހުން ހޭނިގެން ވެއްޓުނެވެ. އެ ވައި، ޖެހުނު ކޮންމެ އެއްޗެއް، ފުނޑުފުނޑުކޮށް އަޅިޔަށް ހަދައިނުލައެއް ދުލެއް ނުކުރެ އެވެ. ވައިރޯޅި އައިސް އެމީހުން ތިބިތަނުން ލުހެލަ އެވެ. އެއަށްފަހު، ވެއްޓިފައިވާ ކަދުރުރުކުގެ ބުޑުތަކެއް ފަދައިން އެމީހުން ހަދައިލަ އެވެ. އެގޮތުގެ މަތިން، ހޮއިހެދިފައިވާ ކަދުރުރުކުގެ ބުޑުތަކަކާ، އެމީހުން އެއްފަދަވެގެން ދިޔަ އެވެ. އަދި އޮޔާދާ ކުނިތަކެއް ފަދައިން މާތް ﷲ އެމީހުން ލެއްވި އެވެ.

އެކަލާނގެ އެމީހުންގެ މައްޗަށް ހަތް ރެޔާއި، އަށް ދުވާ ވަންދެން ވިދިވިދިގެން އެ ޢަޛާބު ފޮނުއްވި އެވެ.

-ބަޙުރު އީމަޖައްލާ-

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުސޭނުބޭ

    އެންމެ ވައިރޯޅިއެއްތަ؟ 7 ރެއާއި 8 ދުވަސްވަންދެން އައި ކޯފާގެ ވަރުގަދަ ވައެއް

  2. Anonymous

    ވަގުތު.އެމްވީ އަކީ މިހާރު ދިވެހިންގެ މެދުގައި އެންމެ މަޤުބޫލު ނޫހެވެ. ޚާއްޞަކޮށް މި ރަމަޟާންމަހުގައި ވަގުތުގެ މަޤުބޫލުކަން ވަރަށް ބޮޑަށް އިތުރުވެއްޖެއެވެ. އެއީ އިސްލާމްދީނުގެ ޞައްޙަ މަޢުލޫމާތު ފަތުރައި އިސްލާމްދީނަށާއި މުސްލިމުންނަށް ނަޞްރުދޭތީ ކަމަށް ޤަބޫލުކުރެވެއެވެ.

    10
    3