ނަރަކައިގައި އަބަދަށް ދާއިމަށް ދެމިތިބޭނެ މީސްތަކުންނަކީ ކާފަރުން ނުވަތަ މުޝްރިކުންގެ ގޮތުގައި ތިބެ އެގޮތުގައި މަރުވެދާމީހުންނެވެ. އެބައިމީހުން ދުވަހަކުވެސް ސުވަރުގެ ނުވަންނާނެވެ. އަދި އެބައިމީހުން ނަރަކައިގެ ވޭންދެނިވި އަޛާބުގައި ދާއިމަށް ދެމިތިބޭނެވެ.

ﷲ ވަޙީކުރައްވާފައިވެއެވެ. { إِنَّ الَّذِينَ كَفَرُوا مِنْ أَهْلِ الْكِتَابِ وَالْمُشْرِكِينَ فِي نَارِ جَهَنَّمَ خَالِدِينَ فِيهَا أُولَئِكَ هُمْ شَرُّ الْبَرِيَّةِ} .މާނައީ:"ހަމަކަށަވަރުން، ފޮތުގެ أهل ވެރިންނާއި، مشرك ންގެ ތެރެއިން كافر ވިމީހުންވަނީ ނަރަކައިގެ އަލިފާނުގެ ތެރޭގައެވެ. އެތާނގައި އެއުރެން ދެމިތިބެނިވިގޮތުގައެވެ. އެއުރެންނީ، މީސްތަކުންކުރެ ހަމަ އެންމެ ނުބައިމީހުންނެވެ ".

ނަމަވެސް މުސްލިމުންގެ ތެރެއިން ﷲގެ އެއްކައުވަންތަކޮށް އެއިލާހަށް ޝިރުކުނުކުރާމީހުންގެ ތެރެއިން ބޮޑެތިފާފަތަކުގެ އަހުވެރިންނާއި ފާސިޤުންނާއި ޢުޞާތުން ނަރަކައިގައި ތިބޭނެވެ. ނަމަވެސް އެބައިމީހުންނަކީ އަބަދުގެ އަބަދަށް އެތާނގައި ދެމިތިބޭނެ ބައެއް ނޫނެވެ. ﷲ ތަޢާލާ އެބައިމީހުންނަށް ލިޔުއްވާފައިވާ މުއްދަތެއްގެ ތެރޭގައި އެތާނގައި ދެމިތިބޭނެވެ.

ބުޚާރީ އާއި މުސްލިމްގެ ފަރާތުން ރިވާވެގެންވާ ޙަދީޘްފުޅެއްގައިވެއެވެ. { يارب ائذن لي فيمن قال لا إله إلا الله ، فيقول الله: وعزتي وجلالي وكبريائي وعظمتي لأخرجن منها من قال لا إله إلا الله}.މާނައީ:" އޭ ހައްދައިވިގެންގުޅުއްވާ އިލާހެވެ. ތިމަންކަލޭގެފާނުގެ އުއްމަތުގެ މީސްތަކުންގެ ތެރެއިން لا إله إلا الله ކިޔާފައިވާ މީސްތަކުންނަށް ޝަފާޢަތްތެރިވުމުގެ އިޒުނަދެއްވާށެވެ! ފަހެ ﷲ ތަޢާލާ ވަޙީކުރައްވާނެތެވެ. ތިމަން އިލާހުގެ ޢިއްޒަތްވަންތަކަމާއި ޖަލާލަތުވަންތަކަމާއި ކިބުރިއާވަންތަކަމާއި އަދި މަތިވެރިކަންގަންދެއްވަމެވެ. ހަމަކަށަވަރުންވެސް لا إله إلا الله ކިޔައިފިމީހަކު ތިމަންއިލާހު ނަރަކައިން ނެރުއްވާ ހުށީމެވެ.

އެހެންކަމުން ނަރަކައިގައި އަބަދަށް ދާއިމަށް ދެމިތިބޭނީ ﷲ ތަޢާލާގެ އެއްކައުވަންތަކަން ޤަބޫލުނުކޮށް ނުވަތަ ﷲ އާއި ޝިރުކުކޮށް އެޙާލުގައި މަރުވެދާމީހުންނެވެ. އަދި މުސްލިމުންގެ ތެރެއިން ބޮޑެތި ފާފަތަކުގެ އަހުލުވެރިން ނަރަކައިގައި ﷲ މިންވަރުކުރަށްވާ ދުވަހަކަށް ދެމިތިބޭނެވެ. އެއަށްފަހު އެބައިމީހުން އެއިލާހު މިންވަރުކުރައްވާ ދުވަހަކުން ސުވަރުގެ ވައްދަވާނެވެ.

އިސްލާމްކިއުއޭ - ޖަވާބު ދެއްވީ: ފަޟީލަތުއްޝައިޚް މުޙައްމަދު ޠައްޔިބު ޢަބްދުލްޙަކީމް