ދުނިޔޭގައި ނުރައްކާތެރި ބައްޔެއް ފެތުރި އެތައް ބަޔަކަށް އެކަމުގެ ނުރައްކާތެރިކަން ކުރިމަތިވަމުންދާ މިފަދަ ދަނޑިވަޅެއްގައި، މުސްލިމުން ޢަމަލުކުރަންވީ ގޮތުގެ އިރުޝާދު މިއަދު ރާއްޖޭގައި އިއްވި ހުކުރު ހުތުބާފައި ދީފިއެވެ.

"ބަލި ޙާލަތެއް މެދުވެރިވުމުން މުސްލިމުން ޢަމަލުކުރަންވީ ގޮތް" މި މަޢުޟޫއަށް މިއަދު ރާއްޖޭގެ ރަށްތަކުގައި އިއްވި ހުކުރު ހުތުބާގައި ބުނެފައި ވަނީ، ބޮޑު މުސީބާތެއް ނުވަތަ ބަލިމަޑުކަމެއް ޖެހުމުން، މުސްލިމުން ޢަމަލުކުރަންވީ ގޮތާއި ޝަރުޢީ ހަމަތައް ދެނެގަތުމަކީ މުޙިންމު ކަމެއް ކަމަށެވެ. އަދި މިފަދަ ދަނޑިވަޅުތަކުގައި ބައެއް މީހުން ހާސްވެ ކަންބޮޑުވެ މާޔޫސްވުމާއި އެކު، އެބައިމީހުންގެ އީމާންކަން ބަލިކަށިވެ ﷲ އާއި މެދު ކުށް ހީތައް ކުރެވޭ ކަމަށެވެ. ނަމަވެސް ﷲ ތަޢާލާ ހުރިހާ ކަމެއް ވަނީ މިންވަރު ކުރައްވާފައިކަން ކޮންމެ މުސްލިމަކު ހިތުގެ އަޑިން ޤަބޫލުކޮށް ކަށަވަރު ކުރަން ޖެހޭނެ ކަމަށް ހުތުބާގައި ބުނެފައި ވެއެވެ.

މިއަދުގެ ހުތުބާގައި ބުނެފައިވާ ގޮތުގައި، ދުނިޔޭގައި އިންސާނާ ހިތް ނޭދޭ ކަންކަން ﷲ ލައްވާފައި ވަނީ، އިލާހީ ޙިކުމަތަކަށްޓަކައި ކަމަށެވެ. އަދި އެކަން އެ އިލާހުގެ ޢަދުލުވެރި އިމްތިހާނުގެ ތެރެއިން ކަމަށް ހުތުބާފައި ބުނެފައި ވެއެވެ. މިކަމާއި ގުޅޭގޮތުން ﷲ ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނަ މިއަދުގެ ހުތުބާގައި އިއްވާފައި ވެއެވެ. އެ އާޔަތުގެ މާނާގައި ވަނީ:

"މީސްތަކުން ތިމަންމެން އީމާން ވެއްޖައީމުއޭ ބުނުމުން، އެއުރެން އިމްތިޙާން ނުކުރައްވައި ދޫކޮށްލައްވާނޭ ކަމަށް ހީކުރީ ހެއްޔެވެ؟ އަދި ހަމަކަށަވަރުން، އެއުރެންގެ ކުރީގެ (އުންމަތްތަކުގެ) މީހުން، ތިމަން ރަސްކަލާނގެ އިމްތިޙާނު ކުރެއްވީމެވެ. ފަހެ (އީމާންކަމުގައި) ތެދުވެރިވި މީހުން، ހަމަކަށަވަރުން، ﷲ ދެނެވޮޑިގެން ވެތެވެ. އަދި ހަމަކަށަވަރުން، ދޮގުވެރިންވެސް އެކަލާނގެ ދެނެވޮޑިގެންވެތެވެ."

މިއަދު ދުނިޔެއަށް ކުރިމަތިވެފައިވާ ފަދަ މުސީބާތްތަކަށް އަލިއަޅުވާލަމުން ހުތުބާގައި ބުނެފައިވަނީ، މުސްލިމް އަޅާގެ މިފަދަ ކަންކަމުން ވަނީ އިބުރަތް ޙާސިލުކުރުން ކަމަށެވެ. އަދި މިފަދަ ކަންކަން ބަލައިގަންނަން ވާނީ އޭނާގެ ޣާފިލުކަމުގެ ނިދިން ހޭލައްވާލުމެއްގެ ގޮތުގައި ކަމަށާއި، ހެޔޮ ޢަމަލު ގިނަކޮށް ނުބައި ކަންކަމުން ދުރުހެލުވެ، ﷲ އާއި ކުއްތަންވުމަށް މަގުފަހިކޮށްދޭ ވަސީލަތެއްގެ ގޮތުގައި ކަމަށެވެ. އަދި ހަމަ އެހެންމެ މިފަދަ ކަންކަން، މަރު ހަނދާންކޮށް، ޤިޔާމަތް ދުވަހަށް ތައްޔާރުވުމަށް ލިބޭ ފުރުސަތަކަށް ހަދަން ޖެހޭ ކަމަށް ހުތުބާގައި ބުނެފައި ވެއެވެ.

ހުތުބާގައި ވާގޮތުގައި މުސީބާތެއް މެދުވެރިވުމުން އެކަމުން ރައްކާތެރިވުމަށްޓަކައި އަޅަންޖެހޭ ސިއްޙީ ފިޔަވަޅުތަކާއި، ދީނީ އިރުޝާދުތައް ދެނެގަންނަން ޖެހެއެވެ. އަދި ކެތްތެރިކަމާއި އެކު ޢަމަލުތައް ބެހެއްޓުމުން މުސްލިމުންނަށް ހުރި މަތިވެރި ސަވާބާއި ދަރުމައިގެ އުފާވެރިކަންވެސް ހިތްމައްޗަށް ގެންނަން ޖެހޭ ކަމަށް ހުތުބާގައި ބުނެފައި ވެއެވެ.

"ލޮބުވެތި މުސްލިމް އަޚުންނޭވެ! އަޅުގަނޑުމެން ދަންނަން ޖެހޭ ހަޤީޤަތަކީ، ދުނިޔޭގެ ޙާލަތު އެއްގޮތެއްގައި ތާއަބަދަށް ދެމިނޯންނާނެ ކަމެވެ. ދަތިކަމަކަށް ފަހު ފަސޭހަކަމެއް އަންނާނެ ކަމެވެ. ތަދުމަޑު ކަމަކަށްފަހު ތިޔާގިކަމެއް އަންނާނެ ކަމެވެ. މިއީ ދުނިޔޭގައި ކަންހިނގާ ގޮތެވެ. ހަމަ އެފަދައިން ހިތާމަތަކާއި ހިތްދަތިކަމާއި، ހިތްނޭދޭ ކަންކަން ތަޙައްމަލްކުރަން ނުޖެހޭ ބަޔަކު ނޫޅޭކަންވެސް ހަނދާނަށް ގެންނަން ޖެހެއެވެ. އެހެންކަމުން އަޅުގަނޑުމެންގެ މައްޗަށް ވާޖިބުވެގެން ވަނީ، ﷲ މިންވަރު ކުރެއްވި ކަމެއް މެނުވީ ކުރިމަތިނުވާނެކަން ހިތުގެ އަޑިން ޤަބޫލުކޮށް ﷲ އަށް ވަކީލުކޮށް، ސަވާބާއި ދަރުމައެދޭ ހާލު، ކެތްތެރިވުމެވެ." މިއަދުގެ ހުކުރު ހުތުބާގައި ވެއެވެ.

މިއަދުގެ ހުތުބާގައި ބުނެފައި ވަނީ، ބައެއް ފަހަރު މެދުވެރިވާ ބައެއް ކަންކަމަކީ، އެއީ ތިމާ ހިތްނޭދޭ ކަންކަން ކަމުގައި ވީނަމަވެސް އެކަންކަމުގެ ފަހަތުގައި ހެވެއް އޮވެދާނެ ކަމަށެވެ. އެހެންކަމުން އެފަދަ ކަމެއް މެދުވެރިވުމުން ކަންބޮޑުވެ މާޔޫސް ނުވުމަށާއި، ﷲ ގެ ރަޙުމަތުން އުންމީދު ކަނޑައިނުލުމަށް ހުތުބާގައި ނަސޭހަތްތެރިވެފައި ވެއެވެ.

މިއަދުގެ ހުކުރު ހުތުބާގައި ބުނެފައިވަނީ، އާންމު ސިއްޙަތުގެ ނާރެހަކީ ސާފުތާހިރުކަން ކަމަށެވެ. އަދި އިސްލާމް ދީނަށްވުރެ ބޮޑަށް ސާފުތާހިރު ކަމަށް ބާރުއަޅާފައިވާ އެހެން ދީނެއް ނުވާކަމަށް ބުނެފައި ވެއެވެ.

ސާފުތާހިރުކަމާއި ބެހޭގޮތުން ކީރިތި ރަސޫލާ (ސ.އ.ވ) ޙަދީސް ކުރެއްވި ބަސްފުޅެއްވެސް މިއަދުގެ ހުތުބާގައި އިއްވާފައި ވެއެވެ. އެ ހަދީސްފުޅުގެ މާނައިގައި ވަނީ، "ސާފުތާހިރު ކަމަކީ އީމާންކަމުގެ ދެބައިކުޅަ އެއްބައި" ކަމަށެވެ.

އެހެންކަމުން ސާފުތާހިރުކަމަށް ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދޭން ޖެހޭ ކަމަށާއި، ކެއުމުގެ ކުރީން އަތްދޮވުމާއި، ކެއްސައި ކިނބިހި އަޅާއިރު އަނގަމަތި ނިވާކުރުން ފަދަ އިސްލާމީ އަދި ސިއްޙީ އަދަބުތަކަށް ޚާއްސަ ސަމާލުމަކެއް ދޭންޖެހޭ ކަން ހުތުބާގައި ހަނދާންކޮށްދީފައި ވެއެވެ. އަދި ހަމައެހެންމެ މަގުމައްޗަށް ކުޅުޖެހުމާއި އަރިދަފުސް ފޮޅުން ފަދަ ނުރަނގަޅު އާދަތަކުން އަބަދުވެސް އެއްކިބާވާން ޖެހޭ ކަމަށާއި، އާންމު ސިއްޙަތާއި ބެހޭ އިދާރާތަކުންދޭ އިރުޝާދުތަކަށް ތަބާވެ ބޯލަނބަން ޖެހޭނެ ކަމަށް ހުތުބާގައި ބުނެފައި ވެއެވެ.

"އޭރުން މާތް ﷲ އަޅަމެން ދުޅަހެޔޮކަމުގެ ފޭރާމުން ޒީނަތްތެރި ކޮށްދެއްވާނެތެވެ." މިއަދު އިއްވި ހުކުރު ހުތުބާގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ބެ

  ކޮންމެވެސް ގޮތަކުން ދެކޮޅު ޖައްސާނެ

  1
  2
 2. އާނ

  އަނގަޔަކުން ނާރާނެ. އެއްޗެކޭ ބުނާނެ ކަމެއްނެތް. ޖާހިލުން ޖާހިލުކަން މަތީ އަބަދަށް

 3. ބުރުތުގާލް

  ސަރުކާރު ބޮޑުތަނުން ފެއިލް ވެއްޖެ އެބަލި ރާއްޖެ އައީ ސަރުކާރުން ބަލަން ޖެހޭ ވަރަށް ނުބެލުމުން