ފެހޭތާ ފެންނަގާށޭ ބުނާ ފަދައިން ވަގުތު ފާއިތު ނުވަނީސް ހެޔޮ އަމަލުތަކުގައި އަވަދިވެތި އުޅެވޭތޯ މަސައްކަތް ކުރުމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައިފިއެވެ.

"މުސްލިމް އަޙުންނޭވެ. ވެހޭތާ ފެން ނަގާށޭ ބުނާ ފަދައިން ލިބިފައިވާ ފުރުސަތުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފުމަށް އެންމެ ތަކުންނަށް ނަސޭހަތްތެރި ވަމެވެ. ހެޔޮކަންތަކާއި ހެޔޮ އަމަލު ކުރެވޭނީ ގައިގައި ބާރު ހުއްޓައެވެ. މުސްކުޅިވެ ވަރުދެރަވުމުން ފުރިހަމައަކަށް އެއްވެސް ކަމެއް ނުކުރެވޭނެއެވެ. އެހެން ކަމުން ވަގުތު ފާއިތު ނުވަނީސް ހެޔޮ އަމަލުތަކުގައި އަވަދިވެތި އުޅެވޭތޯ މަސައްކަތް ކުރާށެވެ." ހުތުބާގައި ވިދާޅުވިއެވެ.

މިހާރު ކުރިއަށް މިދަނީ ޝައުބާން މަހުގެ ދުވަސްތައް ކަން ފާހަގަ ކުރައްވައި ހުތުބާގައި ޝައުބާން މަހު އަޅުކަމުގައި ހީވާގިވުން ސިފަ ކުރައްވާފައި ވަނީ ހިތާއި ގުނަވަންތަކުން ރަމަޟާން މަހުގައި ގަދައަޅައި މަސައްކަތް ކުރުމަށް ލިބިދެވޭ އަޅުކަމުގެ ތަމްރީނެއްގެ ގޮތުގައެވެ. އަދި އެއީ ޝައިތާނާާގެ ކަސްތަޅުތަކުންނާއި ހަވާނަފްސުގެ އެދުންތަކުން ސަލާމަތްވުމަށް ލިބިދޭ އަގުހުރި ފުރުސަތެއް ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އެމީހަކަށް ކުޅަދާނަވީ މިންވަރުން އަޅުކަން ހެޔޮކަން ކުރުމަށް ހުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ. އަދި އިތުރަށް ވަނީ މާތްﷲގެ ހަޟުރަތުގައި އެންމެ ހެޔޮކަން ބޮޑު އަމަލުތަކަކީ ދެމިހުންނަނިވި ގޮތުގައި ކުރެވޭ އަމަލުތައްކަން ފާހަގަ ކުރައްވާފައެވެ.

މީގެ އިތުރުން ސުވަރުގެއަށް މަގު ކޮށާ ބަޔަކު ކަމުގައި ވާން ބޭނުން ނަމަ ކީރިތި ގުރުއާނާއި މާތް ނަބިއްޔާގެ ސުންނަތަށް އަމަލު ކުރާ ބަޔަކަށް ވުމަށް ހުތުބާގައި ގޮވާލެއްވިއެވެ. އަދި ތިމަންމާއަށް ނޭނގެއޭ ކިޔާފައި ބަރަކާތްތެރި ރަހުމަތުގެ ދުވަސްތައް ނަގައި ނުލުމަށް ގޮވާލެއްވިއެވެ.

މީގެ އިތުރުން އިސްލާމް ދީނުގެ ކަންކަން ދަންނަ މީހުންގެ ކިބައިން ކަންތައް އޮޅުން ފިލުވައި އެހުމަށް ހުތުބާގައި ގޮވާލެއްވިއެވެ. އަދި ދަރުސްތައް އަހައި އިސްލާމީ އިލްމުން އަމިއްލަ ނަފްސު މުއްސަނދި ކުރުމަށް ގޮވާލެއްވިއެވެ.