ކޮވިޑް-19 ގެ ނުރައްކާ މުޅި ދުނިޔެއަށް ވެރިވެފައި ވަނިކޮށް، އެ މަހެއްގައި އަޅުތަކުން ނަރަކައިން މުއްތި ކުރެއްވުމުގެ މާތް، ރަމަޟާން މަސް މުސްލިމުންނާއި ބައްދަލު ކުރީއެވެ.

މިއީ މާތް ﷲ ގެ ތަނަވަސް ރަޙުމަތް ބޮޑުވެގެންވާ މަހެކެވެ. މާތްﷲ ގެ ފުއްސެވުން އަދި ފަހުދިހާގައި ނަރަކައިން މުއްތިކުރެއްވުން ލައްވާފައިވާ މަހެވެ.

ރަސޫލާ ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. "އެއީ، އެމަހުގެ ކުރީކޮޅުގައި ރަޙްމަތް ، އަދި މެދުތެރޭގައި ފުއްސެވުން އަދި ފަހުކޮޅުގައި ނަރަކައިން މުއްތި ކުރެއްވުން އޮތްމަހެކެވެ."

ރަމަޟާންމަހަކީ މުޙައްމަދުގެފާނުގެ އުއްމަތަށް މާތްﷲ ގިނަގުނަ މާތްކަންތައްތަކެއް ލެއްވިމަހެކެވެ.

ފުރަތަމަ ކަމަކީ ރަމަޟާންމަހުގެ ފުރަތަމަ ރޭ، އަރަހުށި މާތް ﷲ އެމީހުންނަށް ބައްލަވައި ވޮޑިގެންނެވުމެވެ. ރަޙްމަތުގެ ނަޒަރަކުން އެކަލާނގެ ބައްލަވައި ވޮޑިގަންފި އަޅަކަށް ދުވަހަކުވެސް ޢަޛާބެއް ނުދެއްވާނެއެވެ.

ދެވަނަކަމަކީ، ﷲގެ މަލާއިކަތުން ކޮންމެދުވަހަކާއި ކޮންމެ ރެއަކު ރޯދަވެރިންނަށް ފާފަފުއްސަވާ ދެއްވުމަށް އެދި ވަޑައިގެން ދުޢާކޮށްދެއްވުމެވެ. މަލާއިކަތުންގެ ދުޢާއަކީ ﷲގެ ޙަޟްރަތުގައި ޤަބޫލުކުރައްވަނިވި އެއްޗެކެވެ. އެހެނީ ،އެބޭކަލުން ކުރައްވާކަމެއް ކުރައްވާނީ ﷲ އެކަމަށް އިޛްނަ ދެއްވުމުންނެވެ.

ތިންވަނަކަމަކީ، މާތްﷲ ސުވަރުގެއަށް ރޯދަވެރިންނަށްޓަކައި ތައްޔާރުވެ ޒީނަތްތެރިވުމަށް އެންގެވުމެވެ. މިއިން އެނގެނީ ﷲ އަންގަވާފައިވާގޮތަށް ރޯދަހިފި މީހުންނަށް މާތްﷲ ސުވަރުގޭގެ މަތިވެރި ނިއުމަތް ދެއްވާނެކަމެވެ.

ހަތަރުވަނަކަމަކީ، ރަމަޟާންމަހުގެ އެންމެ ފަހުރޭ ހުރިހާ ރޯދަވެރިންނަށް މާތްﷲ ފާފަފުއްސަވާ ދެއްވުމެވެ. އެއީ ލައިލަތުލްޤަދްރި ވިލޭރެއެއް ނޫނެވެ. އެކަމަކު އެއީ، މީހަކު ،މީހަކަށް މަސައްކަތެއް ކޮށްދިނުމުން، އެކުރި މަސައްކަތުގެ އަގު ދެވޭގޮތަށް، މާތްﷲ ރޯދަވެރިންނަށް ދެއްވާ ސަވާބެވެ. ނުވަތަ އަޖްރެވެ.

މިއީ ގިނަގިނައިން ދުޢާ ދަންނަވަންވީ ވަގުތު

ދުނިޔެއަށް ދިމާވެފައިމިވާ ބަލިމަޑުކަމުން ސަލާމަތް ވުމަށް ކުރެވޭނެ އެންމެ މުޙިއްމު ކަމަކީ، އެކަލާނގެ ހަޟްރަތަށް ދުޢާ ދެންނެވުމެވެ. މި މާތް މަހުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފުމެވެ.

މާތްﷲ ޞުބުޙާނަހޫ ވަތާޢާލާ އަޅުންގެ މައްޗައް ކަމެއް ފަރުޟުކުރައްވައިފިނަމަ އެކަމެއްގައި ޙިކްމަތެއް ލައްވައެވެ. ހުރިހާ އަޅުކަމެއްގައި ޙިކްމަތެއް ލެއްވިފަދައިން ރޯދައިގައި ވެސް ވަރަށް މަތިވެރި ޙިކްމަތެއް ލެއްވިއެވެ.

ރޯދަވެރިޔާ ނުކައި ނުބޮއެ ހުރުމުގެ ޙިކްމަތަކީ ކޮބައިތޯއެވެ؟ ނުކައި ނުބޮއެ އުޅޭ ފަޤީރުންނާއި މެދު ހަނދާންކުރުމެވެ. އަދި ފަޤީރުން ދުނިޔޭގައި އުޅޭކަމާއި އެމީހުންނަށް އެހީތެރިވުމުގެ ގޮތުންނެވެ. ރޯދަ ވެރިޔާ ނުކައި ނުބޮއެ ހުރުމުން ބަނޑުހައި ހޫނުކަން އިހްސާސްކުރަން ޖެހެއެވެ. މިކަމުގެ ސަބަބުން ދުނިޔޭގައި ބަނޑުހައި ހޫނުކަންމަތީ އުޅޭ ފަޤީރުން މަތިން ހަނދާންވާނެއެވެ. އަދި އެމީހުންނަށް އަޅައިލާ އެމީހުންގެ އިޙްސާސްތައް ދެނެގަތުމަށް ލިބޭ ފުރުޞަތެކެވެ.

ހަމައެހެންމެ، ރޯދަމަހުގެ ސަބަބުން ނަފްސު ޠާހިރުވެއެވެ. ތިމާގެ ފާފަތައް ފުހެވުމަށް ހުޅުވޭ ދޮރަކަށް ވެއެވެ. އަދި ކެތްތެރިވުމާއި ޢަޒުމް ވަރުގަދަވުމަށް ދަސްވެއެވެ. ރޯދައަށް ހުރުމުގެ ސަބަބުން ދުނިޔޭގެ އެނދުންތަކާ ދުރުވެ ﷲ ޞުބުޙާނަހޫ ވަތަޢާލާއަށް ބިރުވެތިވެ،އެކަނލާނގެ މަތިން ހަނދާން ކުރެއެވެ.