الحمد لله رب العالمين. والصلاة والسلام على أشرف الأنبياء والمرسلين و بعد:

ޤިޔާމަތް ދުވަސް އަންނާނީ މިޔަނި ދުވަހަކުއޭ އެވަނި ދުވަހަކުޔޭ އެކި ދީންތަކަށް އެކި ފިކުރުތަކަށް ނިސްބަތްވާ މީހުން ބުނެއުޅެއެވެ. އަދި ދުވަސް ކަނޑައަޅައި ހަދައެވެ. މިދުވަސް ވާނީކޮން އިރަކުންބާއެވެ؟ ކުރިޔަށް ވަޑައިގަންނަވާށެވެ.

ޤޔާމަތްވުމަކީ ހަޤީޤަތެކެވެ. ނަމަވެސް ވާނެ ވަގުތަކީ ﷲ ސުބުހާނަހޫ ވަތަޢާލާ ފިޔަވައި އެހެން މީހަކަށް އެނގިގެންވާ ކަމެއްނޫނެވެ. ހުދު ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށްވެސް އެކަން އެނގިވަޑައި ނުގަންނަވައެވެ. އެކަލޭގެފާނުވަނީ އެ ޤިޔާމަތް ދުވަހުގެ ޢަލާމާތްތައް ބަޔާންކޮށްދެއްވާފައެވެ. އެއީ އެކަލޭގެފާނަށް އެކަންތައްތައް އެނގިވަޑައިގަތީ ﷲ ސުބުޙާނަހޫ ވަތަޢާލާ އެކަން ބަޔާންކޮއްދެއްވުމުންނެވެ. މުސްލިމުންގެ އަޤީދާ މިކަމުގައި އޮންނަން ޖެހޭ ގޮތަކީ މިއެވެ.

ޤިޔާމާތްވާނެ ވަޤުތަކީ އެއްވެސް މީހަކަށް އެނގޭނެ ވަގުތެއްނޫނެވެ. އެކަން އެނގިވޮޑިގެންވަނީ ހަމައެކަނި އާލާމްތަކުގެ ވެރި ﷲ ސުބުޙާނަހޫ ވަތަޢާލާއަށެވެ. މާތް ﷲ ކީރިތި ޤުރުއާނުގައި ވަހީކުރައްވާފައިވެއެވެ. (يَسْأَلُونَكَ عَنِ السَّاعَةِ أَيَّانَ مُرْسَاهَا، قُلْ إِنَّمَا عِلْمُهَا عِندَ رَبِّي‌) سورة الأعراف: 187.

މާނައީ: "އެބައިމީހުން ޤިޔާމަތް ދުވަސް އަންނާނެ ވަޤުތާއި ބެހޭގޮތުން ކަލޭގެފާނާއި ސުވާލުކުރާނެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ. ހަމަކަށަވަރުން އެކަމުގެ ޢިލްމު ލިބިވޮޑިގެންވަނީ (ހަމައެކަނި) ތިމަންކަލޭގެފާނުގެވެރި ރައްބަށެވެ.)"

އަދިވެސް ﷲ ސުބުޙާނަހޫ ވަތަޢާލާ ސޫރަތުއް ލުޤުމާނުގައި ވަޙީކުރައްވާފައިވެއެވެ.

(إِنَّ اللَّـهَ عِندَهُ عِلْمُ السَّاعَةِ وَيُنَزِّلُ الْغَيْثَ وَيَعْلَمُ مَا فِي الْأَرْحَامِ ، وَمَا تَدْرِي نَفْسٌ مَّاذَا تَكْسِبُ غَدًا ، وَمَا تَدْرِي نَفْسٌ بِأَيِّ أَرْضٍ تَمُوتُ ، إِنَّ اللَّـهَ عَلِيمٌ خَبِيرٌ) سورة لقمان: 34.

މާނައީ: "ހަމަކަށަވަރުން ޤިޔާމަތްވުމުގެ ވަޤުތު (ހަމައެކަނި) ދެނެވޮޑިގެންވަނީ ﷲ އެވެ. އެއިހާލު ވާރޭ ވެއްސަވައެވެ. އަދި ރަޙިމްތަކުގައި ވަނީ ކޮންއެއްޗެއްކަން އެއިލާހު ދެނެވޮޑިގެންވެއެވެ. އަދި އެއްވެސް ނަފުސަކަށް އެނަފުސެއް މާދަމާ މެދުވެރިވާނީ ކޮންކަމެއްކަން ނޭންގޭ ހުއްޓެވެ. އަދި އެއްވެސް ނަފުސަކަށް އެނަފުސެއް މަރުވާނީ ކޮންބިމެއްގައިކަންވެސް ނޭންގޭހުއްޓެވެ. ހަމަކަށަވަރުން ﷲއަކީ އެންމެ މޮޅަށް ދެނެވޮޑިގެންވާ ޚަބީރުވަންތަ އިލާހެވެ."

އީމާންކަމާއި އިޙުސާން ކަމާއި ބެހޭގޮތުން މާތް ﷲ ރުއްސުންލެއްވި ޢުމަރުގެފާނު ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން ރިވާކުރައްވާފައިވާ މަޝްހޫރު ޖިބުރީލު ހަދީޘްގައިވެއެވެ. ސުވާލުކުރާ ފަރާތުން ސުވާލުކުރެއްވިއެވެ. " ޤިޔާމަތްދުވަހާއި ބެހޭގޮތުން ތިމަންނާއަށް ޚަބަރުކުރާށެވެ." ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަ ޙަދީޘްކުރެއްވި ބަސްފުޅުގެ މާނައިގައިވެއެވެ. " ސުވާލު ކުރިމީހާއަށްވުރެ ބޮޑަށް ސުވާލު ވެވުނު މީހާއަށް ނޭންގެއެވެ." މިޙަދީޘްގެ ޝަރަޙައިގައި ޝައިޚު އުޘައިމީން ރަޙިމަހުﷲ ގެންނަވާފައިވެއެވެ. ޝެއިޚުލް އިސްލާމް އިބުނު ތައިމިއްޔާ ޢަޤީދަތުލް ވާސިތިއްޔާގައި ވިދާޅުވެފައިވެއެވެ. އާޙިރަތް ދުވަހަށް އީމާންވުމަކީ އެދުވަހާއި ބެހޭގޮތުން ރަސޫލާ މުޙައްމަދު ޞައްލަﷲ އަލައިހި ވަސައްލަމަ އަންގަވާފައވާ ހުރިހާކަމަކަށް އީމާންވުމެވެ.

އޭގެތެރޭގައި މަރުވުމަށްފަހުގައި ވާނެކަންކަމާއި އަދި ކަށްވަޅުގައި ދިމާވާނެ ފިތުނަތަކާއި އަދި ކައްވަޅުގައި ތިންކަމަކާއި ބެހޭގޮތުން ސުވާލުކުރެވޭ ކުރެވުން ހިމެނެއެވެ. އެއީ ތިބާގެ ރައްބަކީ ކޮބައިހެއްޔެވެ؟ އަދި ތިބާގެ ދީނަކީ ކޮބައިހެއްޔެވެ؟ އަދި ތިބާގެ ނަބިއްޔަކީ ކޮބައިހެއްޔެވެ؟ ( މިތިން ސުވާލެވެ.) ވީމާ އަޅުގަނޑުމެން މުސްލިމުންގެ ގޮތުގައި ތިބެ ޤަބޫލުކުރަން ޖެހޭގޮތަކީ މިއެވެ. އަޅުގަނޑުމެންގެ މައްޗަށް އޮތީ ﷲއާއި އެއިލާހުގެ ރަސޫލާއަށް ކިޔަމަންވުމެވެ. އަދި ޙުރާފާތްތަކާއި އަދި މުޝްރިކުންގެ ބާތިލު އަޤީދާތަކުން ސަލާމާތްވުމެވެ. އަޅުގަނޑުމެންނަކީ އީމާންވެގެންވާ ޞާލިޙު އަމަލުކުރާ މީހުންގެ ތެރެއިން ލައްވައި އަޅުގަނޑުމެންގެ ފާފަތައް ފުއްސަވާށިއެވެ. އަދި މުޝްރިކުންނާއި މުލްޙިދުންނާއި ކާފަރުންގެ މަޅިތަކުން އަޅުގަނޑުމެން ސަލާމަތް ކުރައްވާށިއެވެ. އާމީން

وصلى الله وسلم على محمد و آله و صحبه أجمعين. آمين.