الحمد لله رب العالمين. والصلاة والسلام على أشرف الأنبياء والمرسلين. أما بعد:

މެއްސެއްގެ ސަބަބުން މީހަކު ސުވަރުގެ ވަންވާހަކަ އަޑުއެއްސެވީމުތޯއެވެ؟ ސަލްމާން ބިން ފާރިސީ ރަޟިޔަﷲ ޢަންހުގެ ކިބައިން އެކަލޭގެފާނު ވިދާޅުވިކަމަށް ރިވާވެގެންވެއެވެ.

(دَخَلَ رَجُلٌ الْجَنَّةَ فِي ذُبَابٍ وَدَخَلَ رَجُلٌ النَّارَ، مَرَّ رَجُلَانِ عَلَى قَوْمٍ قَدْ عَكَفُوا عَلَى صَنَمٍ لَهُمْ» وَقَالُوا: لَا يَمُرُّ عَلَيْنَا الْيَوْمَ أَحَدٌ إِلَّا قَدَّمَ شَيْئًا، فَقَالُوا لِأَحَدِهِمَا: قَدِّمْ شَيْئًا، فَأَبَى فَقُتِلَ، وَقَالُوا لِلْآخَرِ: قَدِّمْ شَيْئًا، فَقَالُوا: قَدِّمْ وَلَوْ ذُبَابًا، فَقَالَ: وَأَيْشٍ ذُبَابٌ، فَقَدَّمَ ذُبَابًا فَدَخَلَ النَّارَ، فَقَالَ سَلْمَانُ: «فَهَذَا دَخَلَ الْجَنَّةَ فِي ذُبَابٍ، وَدَخَلَ هَذَا النَّارَ فِي ذُبَابٍ) رواه ابن أبي شيبة في المصنف. 1796. و صححه الألباني (موقوف)

މާނައީ: "މެއްސެއްގެ ސަބަބުން މީހަކު ސުވަރުގެ ވަނެވެ. އަދި އެހެންމީހަކު މެއްސެއްގެ ސަބަބުން ނަރަކައަށް ވަންނަންޖެހުނެވެ. (އެކަންވީގޮތަކީ) ދެމީހަކު އެއްފަހަރެއްގައި ބުދަށް އަޅުކަންކުރަމުން ދިޔަ ރަށެއް ހުރަސްކުރަން ޖެހުނެވެ. ދެން އެރަށުގެ މީހުން ބުންޏެވެ. މިއަދު އަހަރެމެންގެ ރަށް (އަހަރެމެންގެ ބުދަށް) އެއްޗެއް ޤުރުބާންކޮށްފައި މެނުވީ މިރަށް ހުރަސްނުކުރެވޭނެއެވެ.

އެޤައުމުގެ މީހުން އެތަނުން އެކަކަށް ބުންޏެވެ. ކޮންމެސް އެއްޗެއް ޤުރުބާންކުރާށެވެ. އޭނާ ދެކޮޅު ހެދުމުން އޭނާ ޤަތުލުކޮށްފިއެވެ. ދެން އަނެއްމީހާއަށް ބުނެފިއެވެ. އެއްޗެއް ޤުރުބާންކުރާށެވެ. މެއްސެއް ނަމަވެސް ޤުރުބާން ކުރާށެވެ. ދެން އޭނާ ބުންޏެވެ. މެއްސަކީ ކޮބައި ހެއްޔެވެ؟ އެޔަށްފަހު މެއްސެއް ޤުރުބާންކޮށްފިއެވެ." އެޔަށްފަހު ސަލްމާން ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. "އަދި (އެއަމަލުގެ ސަބަބުން ޝިރުކު ނުކުރުމުގެ ސަބަބުން) އެކަކު ސުވަރުގެ ވަދެއްޖެއެވެ. އަދި އަނެކަކު (ޝިރުކުގެ ކުރުމުގެ ސަބަބުން) ނަރަކައަށް ވަދެއްޖެއެވެ."

ﷲ ސުބުހާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

(قُلْ إِنَّ صَلَاتِي وَنُسُكِي وَمَحْيَايَ وَمَمَاتِي لِلَّـهِ رَ‌بِّ الْعَالَمِينَ، لَا شَرِ‌يكَ لَهُ ، وَبِذَٰلِكَ أُمِرْ‌تُ وَأَنَا أَوَّلُ الْمُسْلِمِينَ) سورة الأنعام: 162 - 163

މާނައިގެ ތަރުޖަމާއީ: "ކަލޭގެފާނު ވިދާޅުވާށެވެ. ތިމަންކަލޭގެފާނުގެ ނަމާދައި އަދި ޤުރުބާންކުރެއްވުމާއި(ﷲއާއި ގާތްވުމަށް ހުއްދަގޮތުގައި ކަތިލާ ކަތިލުން) އަދި ދިރިއުޅުއްވުމާއި އަދި މަރުވުން ވަނީ ޢާލަމްތަކުގެ ވެރި ރައްބު ﷲއަށެވެ. އެއިލާހަށް ޝަރީކެއް ބައިވެރިއެއްނުވެއެވެ. އަދި އެފަދައިން ތިމަންކަލޭގެފާނުގެ މައްޗަށް އަމުރުކުރެއްވިގެންވަނީ އެފަދައިންނެވެ. އަދި ތިމަންކަލޭގެފާނީ (މިއުއްމަތުގެ) މުސްލިމުންގެ ތެރެއިން (ޚުޞޫޢަތްތެރިވުމާއި ﷲއަށް ކިޔަމަންތެރިވުމުގައި) އެންމެ ފުރަތަމަ މުސްލިމެވެ."

ވީމާ އަޅުގަނޑުމެންގެ އަމާޒަކަށް ވާންވާނީ މިއިން އެއްވެސް ކަމެއްގައި ﷲއަށް ޝަރީކު ނުކުރުމެވެ. އެހެނީ ﷲ ފިޔަވައި އެނޫން އެއްޗަކާއި ގާތްވުމުގެ ގޮތުން ގޮތުން އެއްޗެއް ކަތިލައިފިނަމަ އެއީ ޝިރުކުގެ ތެރެއަށް ވަންނާނެ ކަމެކެވެ. އަޅުގަނޑުމެންގެ މައްޗަށް އޮތީ ﷲއަށް ކިޔަމަންތެރިވުމެވެ. އަމަލާއި ބަހާއި ހިތުންނެވެ.

މިރިވާޔަތުގެ މަޞްދަރު އަދި ތަޚުރީޖު

މިރިވާޔަތް މަތީގައިވާ މަޞްދަރަށްފަހު އިބުނު އަޢުރާބީގެ މުޢުޖަމުގައި މައުޤޫފުކޮށް (1796) ރިވާވެގެންވެއެވެ. އަދި ޙިލްޔަތުލް އަޢުލިޔާގައި (1/203) އަދި އިމާމު ބައިހަޤީ ޝުޢަބުލް އީމާންގައި (6962) ގެންނަވާފައިވެއެވެ. ހުރިހާ ރިވާޔަތެއްވެސް ވަނީ ސަލްމާންވިދާޅުވިކަމަށެވެ.

މި ރިވާޔަތް ރިވާވެފައިވަނީ ސަލްމާނުލް ފާރިސީ ރަޟިޔަﷲ ޢަންހުގެ ކިބައިންނެވެ. އެގޮތުން މިރިވާޔަތް ޞައްހަކޮށް އެކަލޭގެފާނުގެ ކިބައިން ރިވާވެގެން އައިސްފައިވެއެވެ. އަދި އެކަލޭގެފާނުގެ ކިބައިން މި ރިވާޔަތް ޞައްޙަ ކަމަށް ޝެއިޚ އަލްބާނީ ސިލްސިލާ ޟަޢީފާގައި ގެންނަވާފައިވެއެވެ. 5829 ވަނަ ޙަދީޘް ބައްލަވާށެވެ.

މި ޙަދީޘް ކިތާބުއް ތައުޙީދުގެ ދިހަވަނަ ބާބުގައި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ނިސްބަތްކޮށް ގެނެވިފައިވެއެވެ. ނަމަވެސް އެއީ ކުށެކެވެ. ނަބިއްޔާއަށް މަރުފޫޢުކޮށް މިރިވާޔަތް ޞައްހަވެގެންނުވެއެވެ. އަދި އިމާމު އަޙުމަދު ރިވާކުރެއްވިކަމަށް ބަޔާންވެފައިވެއެވެ. އެއީ އިމާމު އަޙުމަދުގެ ޒުހުދު ކިޔުނު ފޮތުގައި މި ރިވާޔަތް އައިސްފައިވަނީވެސް މައުޤޫފުކޮށެވެ. ސަލްމާނުލް ފާރިސީއަށް ނިސްބަތްކޮށެވެ. އަދި މުސްނަދު އަޙުމަދުގައި މިރިވާޔަތް އައިސްފައިނުވެއެވެ. މިފަދައިން ކިތާބުއް ތައުޙީދު ޝަރަހަކުރެއްވި ސުލައިމާން އާލުއް ޝައިޚު ބަޔާންކުރައްވާފައިވެއެވެ.

ޝެއިޚު އަލްބާނީ މިރިވާޔަތް އިޖުމާލީކޮށް ސަނަދާއި މަތަނު ޞައްޙަކަމަށް ވިދާޅުވެފައިވެފައިވެއެވެ. އަދި އިސްރާއިލީ ރިވާޔަތަކަށް ވުން އެކަށީގެންވާ ކަމަށް ސިލްސިލާ ޟަޢީފާގައި ވިދާޅުވެފައިވެއެވެ. އިތުރު މަޢުލޫމާތު ބެއްލެވުމަށް ސިލްސިލާ ޟަޢީފާގެ 5829 ވަނަ ރިވާޔަތް ބައްލަވާށެވެ.

والله أعلم. وصلى الله وسلم على محمد و على آله و صحبه أجمعين. آمين.