އިމާމު ޙަސަނުލް ބަޞަރީ ރަޙިމަހުﷲ ވިދާޅުވިއެވެ.

އެކަލޭގެފާނުގެ ބައެއް ދަރިވަރުންނަށް ކިބުރުވެރިކަމާއި ފަހުރުވެރިވުމާއި ބެހޭގޮތުން އިންޒާރު ދެއްވަމުން ދެންނެވިއެވެ.

01.ތިބާ ރަނގަޅުތަނެއް ނުވަތަ ރަނގަޅުބަޔެއްގެ ތެރޭގައި ވުމުން އެކަމާއި މާބޮޑަށް ފަހުރުވެރި ކިބުރުވެރިނުވާށެވެ. އެހެނީ ސުވަރުގެ އަށްވުރެ ވަކިމަތިވެރި މޮޅުތަނެއް ނުވެއެވެ. އެކަން އެންމެ ރަނގަޅަށް ތަޖުރިބާ ކުރި ފަރާތަކީ އަހަރެމެންގެ އެންމެންގެ ބަފައިކަލުން އާދަމް ޢަލައިހިއްސަލާމެވެ.

02.ތިބާއަށް ގިނައިން އަޅުކަން ކުރެވުމުން އެކަމާއި ފަހުރުވެރިވެ ބޮޑާނުވާށެވެ. އެހެނީ އިބިލީހަށް (ޝާއިތާނާއަށް) ވީގޮތާއި މެދު ތިޔަބައިމީހުން ވިސްނާށެވެ. އެހެނީ އޭނާއަށް އެކަން މެދުވެރިވީ އޭނާ އެތައް ޒަމާނަކު އަޅުކަން ކުރުމަށްފަހުގައެވެ.

03.ޞާލިޙު ހެޔޮލަފާ މީހަކާއި ނުވަތަ ބަޔަކާއި ބައްދަލުވެގެން ތިބާ އެކަމާއި ފަހުރުވެރި ނުވާށެވެ. އެހެނީ އެންމެ ހެޔޮ އެންމެ މަތިވެރި އިންސާނަކީ އަހަރެމެން މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ އަލައިހި ވަސައްލަމައެވެ. ނަމަވެސް މުނާފިޤުންނާއި އަދި ކާފަރުންނަށް ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމައާއި ބައްދަލުވެގެން އެއްވެސް ފައިދާއެއްނުކުރިއެވެ. ( ޙަސަނުލް ބަޞަރީގެ ބަސްކޮޅު ނިމުނީ)

އިތުރު ޝަރަޙައެއް

ފުރަތަމަ ނުކުތާ

ވަރަށްވެސް ބޮޑު ތެދެކެވެ. މޮޅުތަނެއްގައި މީހަކު ވުމަކީ މީހަކު މޮޅުވުމަށް އޮތް ސަބަބެއް ނޫނެވެ. އަދި އެތަނެއްގެ މޮޅުކަމާމެދު ފަހުރުވެވިއްޖެނަމަ އޮންނާނީ އެ ނިޢުމަތެއް އޭނާގެ ކިބައިން ގެއްލުމަށް މަގުފަހިވެފައެވެ. އަހަރެމެންގެ މާތް ބަފައިކަލުން އާދަމު އަލައިހިއްސަލާމަށްވުރެ މޮޅުތަނެއްގައި ހުރީ ކާކުހެއްޔެވެ؟ އެކަލޭގެފާނާއި އެކަލޭގެފާނުގެ އަނބިކަނބަލުން ކަމަށްވާ އަހަރެމެންގެ މައިކަނބަލުން ޙައްވާ އަލައިހިއްސަލާމް އެތަން ދޫކޮށް ނުކުންނަން ޖެހުމުގެ ސަބަބަކީ ކުޑަ ކަމަކަށް ކިޔަމަންތެރިކަން އަދާނުކުރެވުމެވެ. ވީމާ އަހަރެމެން އެންމެންވެސް މިކަމުން އިބުރަތް ހޯދަން ޖެހެއެވެ. އެއްވެސް ތަނެއް މޮޅުވުމަކުން މީހަކަށް މޮޅެއްނުލިބެއެވެ. އެމީހެއްގެ އީމާން ތެރިކަން ނެތްނަމަ ފަހުންވާނެ މޮޅެއްވެސް ނެތެވެ.

ދެވަނަ ނުކުތާ

ގިނައިން އަޅުކަން ކުރެވިގެން އެއްވެސް މީހަކު އެކަމާއި މެދު ކިބުރުވެރިނުވާށެވެ. ޝައިޚު މުނައްޖިދުގެ ދަރުސެއްގައި ކިޔައިދެއްވާފައިވާ ވާހަކައެއްގައި ވެއެވެ.

މިއުއްމަތުގައި އުޅުއްވި ބޮޑު ޢިލްމުވެރިއެކެވެ. އެޢިލްމުވެރިޔާ އަކީ ޢިލްމީގޮތުން ފުންނާބު އުސް ވަރަށް ގިނަ ފޮތްތައް ލިޔުއްވި ބަހުގެ ގޮތުން މޮޅު އިލްމުވެރިއެކެވެ. ނަމަވެސް މަރުގެ ދާނުގައި މި ޢިލްމުވެރިޔާ އޭނާގެ އަރިހަށް ޤުރުއާން ހާޒިރުކުރުމަށް އެދުނެވެ. އެޔަށްފަހު މަތިވެރި ކަލާމްފުޅު ޙާޒިރުކުރެވުމުން އެފޮތް ދައްކާފައި ބުންޏެވެ. " އަހަރެން ތިފޮތަށް ކާފަރުވަމެވެ. " އެންމެ ފަހު ގަޑީގައި އެފަދަ ޢިލްމުވެރިޔަކު ކާފަރުވުމުން އޭނާގެ އިލްމުން އޭނާއަށް ކުރީ ކޮންފައިދާއެއް ތޯއެވެ. މިކަމުގެ ސަބަބަކީ ކޮބައިކަން ހާމަކޮށްދެއްވަމުން ޝައިޚު މުނައްޖިދު ބަޔާންކުރައްވައެވެ. " އޭނާގެ ޅެމެއްގައި އޭނާ އަމިއްލައަށް އޭނާއަށް ލިބިފައިވާ ޢިލްމާއި މެދު ކިބުރުވެރިވެ ޘަނާ ކިޔާފައިވެއެވެ.."

ވިސްނާށެވެ. މިފަދަ މީހެއްކަމުގައި ވުމަށް ލޯބިކުރަނީ ކާކުތޯއެވެ. ހުރިހާ މަސައްކަތެއް ކުރުމަށްފަހު ފަހުވަގުތު ނާކާމިޔާބު ވެދާނެ ފަދަ ކަމެއް ކުރަން ލޯބި ކުރާނީ ކާކުހެއްޔެވެ؟ އިބިލީހަށްވެސް ވީ އެހެންނެވެ. އޭނާއަށްވެސް އޭނާގެ ނަފުސު ފެނި ބޮޑާވެގަތީއެވެ. އާދަމުގެފާނަށް ސަޖިދަކުރުމަށް އެންގެވުމުން އިބިލީސްގެ ހިތަށް ކިބުރުވެރިކަން ވަނީއެވެ. އޭނާއަށްވުރެ ދަށުދަރަޖައިގެ އެއްޗަކަށް ސަޖިދަކުރުން މަނާކުރީ އޭނާގެ ކިބުރުވެރިކަމެވެ. އެކަމުގެ ސަބަބުން ފަހުގަޑީގައި ހުރިހާ ނިއުމަތްތަކަކުން މަހުރޫމްވީއެވެ. ބަޔާންވި އިލްމުވެރިޔާއަށްވެސް ވީ މިފަދައިންނެވެ. މިހުރިހާ ކަމެއް މެދުވެރިކުރުވީ ކިބުރުވެރިކަމާއި ބޮޑާކަމާއި އަދި ފަހުރުވެރި ވުމުގެ ނަތީޖާއެވެ. އެއްވެސް ބޭފުޅަކު މިކަމަށް އަރައިނުގަންނާށެވެ. އެހެނީ ކިބުރިޔާވަންތަކަމަކީ މި ޢާލަމްތަކުގެ ވެރިރައްބަށް ޙާއްޞަ ސިފައެކެވެ. އެކަން ހައްޤުވެގެން ވާ ފަރާތަކީ އެއިލާހު ފިޔަވައި ދެން ކޮން ފަރާތެއް ހެއްޔެވެ؟

ތިންވަނަ ނުކުތާ

އަބޫ ޖަހުލާއި އަބޫލަހަބާއި މިސާލަކަށް ބަލަމާތޯއެވެ. ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމަޢާއި ބައްދަލުވުމުގެ ނަސީބު ލިބުނެވެ. ނަމަވެސް މިދެމީހުންވެސް ކިބުރުވެރިވެގަތީއެވެ. އެމީހުންނަށް ގޮވާލެވުނު ގޮވާލެވުމާމެދު އިންކާރުކުރީއެވެ. މި ދުނިޔެއަށް ފޮނުއްވި އެންމެ މާތް އިންސާނާއަށް އެމީހުން ބީރުކަންފަތެއް ދިނީއެވެ. އެމީހުން އެކަލޭގެފާނާއި ބައްދަލުވުމުގެ ފުރުސަތުގެ ލިބުނެވެ. ނަމަވެސް އެއިން ކުރީ ކޮން ފައިދާއެއްތޯއެވެ؟ ހަމައެފަދައިން މިޒަމާނުގައިވެސް އަޅުގަނޑުމެން މޮޅު މީހެއް ކައިރިން ކިޔެވުނީތީ ކިބުރުވެރި ނުވާންވީއެވެ. މޮޅު މީހެއްގެ ކައިރިޔަށް މީހަކު ދިޔަކަމުގައިވިޔަސް އީމާން ނުވާނަމަ ލިބޭނީ ކޮންމޮޅެއްތޯއެވެ؟

ނިންމުން

ވީމާ ކޮންމެ ބެފުޅަކުވެސް މިކަމާމެދު ވިސްނަވާށެވެ. ދުނިޔޭގެ މޮޅު ޔުނިވަރސިޓީއަކުން ކިޔެވުނީތީ ކިބުރުވެރި ނުވާށެވެ.

ދުނިޔޭގެ މަޝްހޫރު ޝެއިޚެއްގެ އަރިހުން މޮޅު ޢިލްމުވެރިއެއްގެ އަރިހުން ކިޔެވުނީތީ ބޮޑާ ނުވާށެވެ.

ދުނިޔޭގެ އެންމެ މާތް ރަށުގައި އުޅޭތީ ކިބުރުވެރިނުވާށެވެ. އަދި ދުނިޔޭގެ އެންމެ ރީތި އެންމެ އަގުބޮޑު އެންމެ މަޝްހޫރު ޔުނިވަރސިޓީއަށް ވަދެވުނީތީވެސް އަދި އެތަނުން ކިޔެވުނީތީވެސް ފަހުރުވެރިވެ ބޮޑާނުވާށެވެ. އެހުރިހާ ނިޢުމަތްތަކަށް ޝުކުރުވެރިނުވެ، އެ ނިޢުމަތްތަކަށް ކާފަރުވެ އާހިރު މަންޒިލަކީ ނަރަކަ ކަމުގައިވެއްޖެނަމަ އެމޮޅު ތަނުން ލިބުނީ ކޮން މޮޅެއްތޯއެވެ؟

ރަށެއްގެ ވެރިކަން ލިބުމުން ނުވަތަ ތިމާއަށް ކުރެވޭ ހެޔޮޢަމަލުތަކާއި މެދުވެސް ކިބުރުވެރި ނުވާންވީއެވެ.

ވީމާ ވިސްނަންވީ ކިބުރުވެރިނުވެ އެއްބަޔަކު އަނެއްބަޔަކަށް އިޚުލާސްތެރިވެ، އަޅުކަމުގައިވެސް އިޚުލާސްތެރިވެ ﷲ ސުބުހާނަހޫ ވަތަޢާލާގެ ލޯތްބާއި ރަޙުމަތް ހޯދުމެވެ. ދެ ދުނިޔޭގެކާމިޔާބު ލިބޭނީ އޭރުންނެވެ. ނިމުނީ.

ނޯޓު: ޙަސަނުލް ބަޞަރީ ރަޙިމަހުﷲ އަކީ ކޮންބޭކަލެއް؟

ހަސަނުލް ބަޞަރީ ރަޙިމަޙުﷲ އުފަންވެ ވަޑައިގަތީ ހިޖުރީ ސަނަތުން 21 ވަނަ އަހަރު އުމަރު ބުނުލް ޚައްތާބުގެ ހިލާފަތުގެ ފަހުކޮޅު މަދީނާގައެވެ. އެކަލޭގެފާނުގެ މަންމާ ފުޅަކީ މުއުމިނުތަކުންގެ މައިކަނބަލެއްކަމަށްވާ އުއްމު ސަލްމާ ރަޟިޔަﷲ އަންހާގެ ޙިދުމަތުގައި އުޅުއްވި ބޭކަނބަލެކެވެ. ބައެއްފަހަރު އެކަލޭގެފާނު ކުޑައިރު ކީރިތި ކުރައްވަން ފެއްޓެވުމުން އުއްމު ސަލްމާ ރަޟިޔަﷲ އަންހާ އެކަލޭގެފާނު އުރުވަޑުވައި މަސަލަސް ކުރައްވަން މަސައްކަތްކުރައްވައެވެ. މިކަލޭގެފާނުގެ ތުއްޕުޅު އިރުގެ ތަރުބިއްޔަތުގެ ބިންގާ އެޅުނީ ނަބިއްޔާ ޞައްލަﷲ އަލައިހި ވަސައްލަމަގެ ގެކޮޅުގެ ތެރޭންނެވެ.

ޢުމަރު ބިން ޚައްތާބު ހަސަނުލްބަޞަރީއަށް ދުޢާކުރެއްވިއެވެ. " އޭ ހައްދަވާ ބޮޑުކުރެވި ރަސްކަލޭކޯއެވެ. މިކުއްޖާއަށް ދީން އުގައްނައިދެއްވައި މީސްތަކުންގެ ލޯބި ލިބޭ މީހެއްކަމުގައި ލައްވާށިއެވެ"

އުމުރުފުޅުން ދިހަ އަހަރުގައި ޤުރުއާން ހިތުދަސްކުރެއްވިއެވެ.

އެކަލޭގެފާނު މަދީނާގައި އުޅުއްވީ ވާދިލްޤުރާ އޭ ކިޔުނުތަނެއްގައެވެ. އެކަލޭގެފާނު ހުކުރުނަމާދަށް ވަޑައިގަންނަވަނީ އުޘްމާން ރަޟިޔަﷲ އަންހުއާއި އެކުއެވެ. އުޘްމާނުގެފާނު ޝަހީދުކޮށްލެވުނު އިރު އެކަލޭގެފާނު އުމުރުފުޅަކީ 14 އަހަރެވެ

އަދި ފަހުން ޢަލީ ރަޟިޔަﷲ އަންހުގެ ހިލާފަތު އިރާޤަށް ބަދަލުވުމުން އެކަލޭގެފާނުވެސް އިރާޤަށް ހިޖުރަކުރެއްވިއެވެ. އަދި އެޔަށްފަހު އެކަލޭގެފާނުގެ ދިރިއުޅުއްވާފައިވަނީ ބަޞަރާގައެވެ.

އެކަލޭގެފާނަކީ ދީންވެރި، ވާހަކަދައްކަވާ އިރު ފަޞާހާތްތެރި، މަޑުމައިތިރި ދިރިއުޅުމެއް އުޅުއްވި އަޅުވެރި ބޭކަލެކެވެ. އަދި ބަޞަރާގައި އެކަލޭގެފާނު ކިޔަވާދެއްވާފައިވެއެވެ.

އެކަލޭގެފާނު އަވަހާރަވި ހިޖުރީ ސަނަތުން 110 ވަނައަހަރު 1ވީ ރަޖަބުމަހުއެވެ. އޭރު އުމުރުފުޅުން 88 އަހަރެވެ. މާތްﷲ އެކަލޭގެފާނަށް ހެޔޮރަޙުމަތްލައްވައި ހެޔޮޖަޒާދެއްވާށިއެވެ.

އެއީ ބަޞަރާގެ އަހުލުވެރިންގެ ތެރޭގައި އެންމެ މަޝްހޫރު ތާބިއީ އެއްބޭކަލެވެ. ތާބިޢީ ބޭކަލުންނަކީ ރަސޫލާ މުޙައްމަދު ޞައްލަﷲ އަލައިހި ވަސައްލަމަގެ އަރިހުގައި ނުވަތަ އެކަލޭގެފާނާއި ބައްދަލުވެ ވަޑައިގެންނެވި ޞަޙާބީ ބޭކަލުންނާއި ބައްދަލުވެވަޑައިގެންފައިވާ ބޭކަލުންނެވެ. އަދި އެގޮތުގައި އީމާންކަމުގައި އަވަހާރަވެ ވަޑައިގެންފައިވާ ބޭކަލުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ދިވެހިކޮރަކަލި

    ތިފަދަ ބޮޑާ މީހުން އަޅުގަނޑުމެންގެ ރާއްޖޭގައިވެސް ވަރަށް ގިނައެވެ ފަރަންޖީ 2 ބަހާ ފައިސާ ކޮޅެއް އަދި ހާއްސަކޮން ގެދޮރުވެރިކަމެއް ލިބިފައިވާނަމަ އަމިއްލަ ނަފްސައް ބޮޑާވެ ކޮންމެ ކަމެއް ފައިސާ އިން ކޮށްލެވިދާނެ ކަމަށް ދެކި އެހެން މީހުންނަށް ފުރަށްސާރަ ކުރުމުގައި ދެމިތިބެއެވެ

    18
  2. ތުނޑުހަސަނު

    އަހަރެމެންވެސް މިތިބީ އަހަރެމެނަށް މާސޯލިހު ވެރިއެއް ލިބިގެން ބޮޑާވެފާ. އެކަމުގެ ސަބަބުން ތަފާތު މުސީބާތްތައް ދަނީ ތަކުރާރުވަމުން. އަދިވެސް ހޭނާރާ.

  3. ކޮރަލް

    ވ ރަނގަޅު ކޮލަމް އެކެވެ.

  4. އަސްތަޤްފިރު ﷲ

    ހަށިގަނޑު ދައްކައިގެންވެސް ބޮޑާ ވޭ. މި ކަހަލަ ބައެއް މީހުންނާ އަދި މި މީހުންނަށް ސަޕޯޓް ކުރާ ބައެއް މީހުންނަށް ހީވާކަހަލަ އެވަރެއްނެތޭ. މިކަން ދޫކޮށް ކެއްތެރިވެލާނަމަތާ ހަގީގީ ރީތިކަމާއި އުފާތަށް ލިބޭނީ ދެ ދުނިޔެއިންވެސް. ބައެއް މީހުން ދެން މިކަހަލަ ބޭކާރު ކަންކަމުގަ މުޅި އުމުރު ?