މާތްﷲ ދުނިޔޭގައި ލެއްވިހައި ދިރުންތަކުގެ ތެރެއިން އިންސާނާ ޚާއްސަ ކުރެއްވިއެވެ. ދިރިއުޅުމުގެ ކޮންމެ ސިކުންތަކީ ނުވަތަ ކޮންމެ ނޭވާއަކީ އެ އިންސާނާއަށް ލިބިގެންވާ އަގުނުކުރެވޭ ވަރުގެ ހަދިޔާއެކެވެ. އިންސާނާ މަރުވެގެން ދާނީ އެއިންސާނާގެ ފުރާނަ އެޅުއްވި ފަރާތުގެ ހަޟްރަތަށް ކަމާމެދު ޝައްކެއްނެތެވެ. ކަން މިހެން އޮތް އިރު އަމިއްލަޔަށް ފުނާނަ ހަށިގަނޑާއި ވަކި ކުރުމުގެ ހައްޤު އެއްވެސް މީހަކަށް ލިބިގެންވާނެތޯ އެވެ.

އަޅުގަނޑުމެންގެ މި ކުޑަކުޑަ މުޖުތަމަޢަށް ބަލާލާއިރުވެސް މިއީ ޢާންމު ކަމަކަށް ވެއްޖެ އެވެ. ކަމަކާ ހިތް ހަމަ ނުޖެހުމުންނާއި މާޔޫސް ވުމުން މަރުވާން ވިސްނާ މީހުން މި މުޖްތަމައުގައި އިތުރުވަނީއެވެ. ބައެއް މީހުން ދަން ޖެހިގެން މަރުވާން ގަސްތުކުރަނީއެވެ. އަނެއް ބައި މީހުން ބޭސް ކައިގެން ނުވަތަ އެނޫންވެސް ގޮތްގޮތަށް މަރުވާން އެދެނީއެވެ. މިކަމުން ދެން ނިކުންނަ ނަތީޖާ ތަސައްވުރު ކޮށްލެވޭ ނަމަހީ އެފަދަ ނުބައި ކަމަކަށް އަރައި ނުގަންނާނޭ ކަން ޔަޤީނެވެ.

البقرة ގެ 28 ވަނަ އާޔަތުގެ މާނާގައިވެއެވެ.

“ތިޔަބައި މީހުން ﷲ އަށް ކާފިރުވެގަންނަނީ، ކޮންގޮތަކުން ހެއްޔެވެ؟ ތިޔަބައިމީހުން މަރުވެފައިވާ ބައެއްގެ ގޮތުގައި ތިއްބައި، ފަހެ، އެކަލާނގެ ތިޔަބައިމީހުން (އުފައްދަވައި) ދިރުއްވިއެވެ. އެއަށްފަހު، އެކަލާނގެ ތިޔަބައިމީހުންގެ (އަޖަލު ހަމަވުމުން) މަރުގަންނަވާނެތެވެ. ދެން، (ޤިޔާމަތް ދުވަހުން) ތިޔަބައިމީހުން ދިރުއްވާނެތެވެ. ދެން އެކަލާނގެ ޙަޟްރަތަށް ތިޔަބައިމީހުން ރުޖޫޢަ ކުރައްވާނެތެވެ."

ކަން މިހެން އޮތް އިރު އަމިއްލަޔަށް މަރުވާ މީހުންގެ ނިސްބަތް ދުވަހެއް ދުވަހަކަށް އިތުރުވެގެން މި ދަނީ އަނބުރާ ދާން ޖެހެނީ އެކަލާނގެ ހަޟްރަތައް ކަން ނޭގި ހެއްޔެވެ. ދުނިޔެއަކީ މުސީބާތްތަކާއި ކުރިމަތިވާނެ އިމްތިޙާނުގެ ވަގުތީ ގޯއްޗެކެވެ. އެ އިމްތިޙާނުގައި ތިމާއަށް ކުރިމަތިވާ ކަންކަމާއި ކުރިމަތިލައި ދިފާޢުވުމަކީ ކޮންމެ އިންސާނަކަށް ވެސް ލިބިގެންވާ އިޚްތިޔާރެކެވެ. އެ އިމްތިޙާނުން ސަލާމަތްވެ ރެކިގަންނަ މީހާ އަމިއްލައަށް މަރުވުމުން ދެން ކުރިމަތިވާނީ ހަޤީޤީ މުސީބާތްތަކާއި ކަން ދަންނައްޗެވެ. އެހެނަސް އޭރުން އޮންނާނީ މާ ބޮޑަށްވެސް ވަގުތު ފާއިތުވެފައެވެ. ދެވަނަ ފުރުސަތެއް އޭރުން ނުލިބޭނެއެވެ.

ﷲ ގެ އަޅުން އަމިއްލަޔަށް އެކަލާނގެ އެޅުއްވި ފުރާނަ ދުއްވާލާ މީހާއަކީ އެކަލާނގެ އެންމެ ކޯފާލައްވާނެ އެއް ބަޔަކަށް ނޫނީ ނުވެއެވެ. އެއީ އެންމެ ބޮޑު ފާފަތަކުގެތެރެއިން ފާފައަކަށް ވާ ސަބަބަކީ ވެސް އެއީއެވެ. ދުނިޔޭގެ އިމްތިޙާނުގައި މަރު އިހްތިޔާރު ކުރާ މީހާއަށް އޮތީ ހީވެސް ނުކުރާހާ ބިރުވެރި ދާއިމީ އަޒާބެވެ.

ދުނިޔޭގެ ޙަޔާތާ މެދު އައިސްފައިވާ ރިވާޔަތެއްގައި ވެއެވެ. ކީރިތި ރަސޫލުﷲ ސައްލަﷲ ޢަލައިހި ވަސައްލަމް ޙަދީސް ކުރެއްވިއެވެ.

"މި ދުނިޔޭގެ ޙަޔާތާއި އާޚިރަތުގެ ޙަޔާތް އަޅާކިޔާނަމަ ތިޔައިގެ ތެރެއިން މީހަކު ކަނޑަށް އިނގިލި ކޮއްޕާލާފައި ނެގުމުން އެ އިނގިލީގައި އެހުރި ފެނަކީ ދުނިޔޭގެ ޙަޔާތެވެ. ކަނޑުގައި އެހުރި ފެނަކީ އާޚިތަރުގެ ޙަޔާތެވެ"

ވީއިރު މިވަރުގެ ކުޑަ ޙަޔާތަށް ކެތް ނުކުރެވުނު މީހާ ދާއިމީ އަޒާބަށް ކެތްކުރާނީ ކިހިނިކުން ހެއްޔެވެ؟ އެއީ އެއްވެސް މީހަކަށް ކެތްކުރުމަށް ކުޅަދާނަވެގެންވާފަދަ އަޒާބެއް ނޫންކަން މީގެ އެތައް ސަތޭކަ އަހަރެއް ކުރިން ދުނިޔެއަށްފޮނުއްވި ފޮތުން އެއޮތީ އެނގޭށެވެ. އެކަން ޤަބޫލު ކުރާ މީހާ މި ދުނިޔޭގައި ކުރިމަތިވާ ކުޑަކުޑަ މުސީބާތަކާއި މެދު މާޔޫސްވެ ފުރާނަ ދުއްވައެއް ނުލާނެއެވެ. އަމިއްލައަށް މަރުވާ މީހާގެ މަރު، ކުފުރު މަރަކަށް ނޫނީ ނުވާނެކަން ޔަޤީނެވެ.

سورة النساء ގެ 29 އަދި 30 ވަނަ އާޔަތުގެ މާނާގައިވެއެވެ.

"އަދި، ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތައް ތިޔަބައިމީހުން ޤަތުލު ނުކުރާށެވެ. ހަމަކަށަވަރުން ތިޔަބައިމީހުންގެ މައްޗަށް ރަޙީމް ވަންތަ ރަސްކަލާންގެ ކަމުގައި ﷲ ވޮޑިގެންވެއެވެ. ދެކޮޅުވެރިކަމާއި، އަނިޔާވެރިކަމުގެ ގޮތުން އެކަން ކުރާމީހާ ދަންނާށެވެ ފަހެ، ތިމަންރަސްކަލާންގެ އެމީހަކު ނަރަކައަށް ވައްދަވާހުށީމެވެ"

ދީނީ ފޮތްތަކުން އެނގެން އޮންނަ ގޮތުގައި ދަން ޖެހިގެން އަމިއްލަޔަށް މަރުވާ މީހާ ޤިޔާމަތް ދުވަހުން ނަރަކައިގެ ގަދަފަދަ އަޒާބުގެ ތެރޭގައި ވާނީ ދުނިޔޭގައި ފުރާނަ ދުއްވާލަން ދަން ޖެހުނު ހެން ދަން ޖެހިޖެހި ތާއަބަދަށް އެގޮތުގައެވެ. ތޫނު އެއްޗެއް ހަށިގަނޑަށް ހަރައިގެން މަރުވާ މީހާ ވެސް އެދުވަހުން ހަމަ އެފަދައިން ތޫނު އެއްޗެއް ހެރިހެރި ދާއިމީ އަޒާބުގައި ވާނެއެވެ. އެހެން ކަމުން އެފަދަ މަރަކުން މަރުވާ މީހާ ތާ އަބަދު އޮންނަން ޖެހޭނީ މަރުވާން ތެޅޭ ހާލުގަ މަރު ނުވާނޭ ދުނިޔެއެއްގައެވެ.

އިންސާނާގެ ޙަޔާތް ބެހިގެންވަނީ މަރުހަލާތަކަކަށެވެ. ފުރަތަމަ އެ އިންސާނާ އޮތީ މައިމީހާގެ ބަޑުގައި ކުރުގެޅިގެންނެވެ. އެ މަރުހަލާގައި އޭނާއަށް ވިސްނުމެއް ލިބިފައި އޮތް ނަމަ ހީކުރާނީ ހަޔާތަކީ އެ ބަނޑުގައި އެކަނި ހޭދަކުރަންޖެހޭ ވަގުތެއް ކަމަށެވެ. އެހެން ނަމަވެސް އެގޮތުގައި ދުވަސްކޮޅެއް ވަންދެން އޮތުމަށްފަހު އުފަންވަނީ މި ދުނިޔެއަށެވެ. މި ދުނިޔޭގައި އުޅޭ ހަޔާތަކީވެސް މައިމީހާގެ ބަޑުގައި ހޭދަކުރިފަދަ ދުވަސްކޮޅެއް ކަން ދަންނާށެވެ. މަރުވުމަށްފަހު ދެން ދިރުއްވޭނީ މިއަށްވުރެ ތަނަވަސް، ހަޤީޤީ އަދި ދާއިމީ ދުނިޔެއަށެވެ. ހަޤީޤީ އުފަން ވުމަކީ އެއީއެވެ.

سورة الزمر ގެ 68 ވަނަ އާޔަތުގެ މާނާގައިވެއެވެ.

''އަދި އެ ދުވަހުން، ތާޅަފިލި ފުމެލެވޭނެއެވެ. އެ ހިނދު، ﷲ އިރާދަ ކުރެއްވި ބަޔަކު ފިޔަވާ، އުޑުތަކާއި ބިމުގައި ދެން ތިބިހާ ބައެއް މަރުވެދެއެވެ. ދެން އެއަށްފަހު ޙިސާބު ބެއްލެވުމަށްޓަކައި ހުރިހާ ޚަލްޤުތަކުން އަލުން ދިރުއްވުމަށްޓަކައި، އެހެން ފުމެލުމެއް މަލާއިކަތް ބޭކަލު ފުމެލައްވާނެއެވެ. އެ ހިނދު، އެންމެހައި މީސްތަކުން ކަށްވަޅުތަކުން ތެދުވެ، ޤިޔާމަތް ދުވަހުގެ ބިރުވެރިކަން ބަލަން ތިބޭނެއެވެ.''

އެންމެހާ މީސްތަކުން ޤިޔާމަތް ދުވަހުން ސުވަރުގެ ވަނުމަށް، ނަރަކަ މަތީގައިވާ ސިރާތުމަގު ހުރަސް ކުރަން ޖެހޭނެއެވެ. ﷲ އަށް ކުފުރުވެ އަމިއްލަ ނަފްސުތަކަށް އަނިޔާވެރިވެގަތް މީހުން ނަރަކަ މަތިން ދަނިކޮށް އެ ނަރަކައިގެ ތެރެޔަށް ވެއްޓޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. އަހުމަދު

  ވ ރަނގަޅު ލިޔުމެއްމިވަގުތާވެސް ގުޅޭ. (ޝުކުރިއްޔާ އަޒްހީމް)???

  62
  1
 2. ހުސެން

  މާޝާﷲ ، މި ލިޔުންތެރިޔާ އަށް ވ އިޙްލާސްތެރި ޝުކުރެއް ދަންނަވާލަން. ތިބާގެ މަސައްކަތުގައި މާތްﷲ ބަރަކާތް ލައްވާށި. އާމީން.

  62
  1
 3. ނާޒިމް

  ބައެއް މީހުން ހީކުރޭ ކުފުރު މަރަކުން މަރުވާ މީހާވެސް މުސްލިމަކަށް ވިއްޔާ ނަރަކައިން ދިންނަވާނެ ކަމަށް، ހަމަ ހިލާ އެހެނަކުން ނުވާނެ

  17