އަޅުގަނޑުމެން މިދިރިއުޅޭ ބިމަކީ ވަށް އެއްޗެއްކަމުގައި ޢިލްމުވެރިން އިޖުމާޢުވެފައިވާ ކަމުގައި، އެތައް ބޭކަލަކުވަނީ ބަޔާންކުރައްވާފައެވެ.

އޭގެ ތެރޭގައި:

ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ رحمه الله އަބުލްޙަސަން އިބްނުލްމުނާދީ رحمه الله ގެ އަރިހުން ރިވާކުރައްވާފައިވެއެވެ.

“ދީނީ ޢިލްމުތަކުގެ ފަންނުތަކުގައި ބޮޑެތި މަސައްކަތްތަކާއި އަޘަރުތަކަށް މަޝްހޫރު، އެންމެ ފާހަގަ ކޮށްލެވޭ ޢިލްމުވެރިންގެ ތެރެއިން އިމާމް އަޙްމަދުގެ އަޞްޙާބުންގެ ތެރެއިން ދެވަނަ ޖީލުގެ ބޭކަލުންގެ ތެރެއިން ހިމެނޭ އަލްއިމާމް އަބޫލްޙަސަން އަޙްމަދު ބިން ޖަޢުފަރު ބިން އަލްމުނާދީ ރިވާކުރައްވާފައިވެއެވެ. އުޑުވަނީ ވަށްކޮށްކަމާމެދު ޢިލްމުވެރިންގެ މެދުގައި ޚިލާފުވެފައެއް ނުވެއެވެ…”

އެކަލޭގެފާނު ވިދާޅުވިއެވެ. “ހިކިފަސް ތަންތަކާއި ކަނޑުތަކާއި ބިމުގައިވާ ހުރިހާ އެއްޗަކާއެކު ބިންވަނީ ވަށް ކޮންނެވެ.” އެކަލޭގެފާނު ވިދާޅުވިއެވެ. “ބިމުގެ ހުރިހާ ތަނަކަށް އިރާއި، ހަނދާއި، ތަރިތައް އަރާ އޮއްސުން އެއްވަގުތެއްގައި ނުވާ ކަމީ މިކަމަށް ވާ ދަލީލެކެވެ. އެހެނެއް ކަމަކު އިރުމަތީ ފަރާތަށް ހުޅަނގު ފަރާތަށްވުރެ ކުރިން އިރާއި، ހަނދާއި. ތަރިތައް އަރައެވެ.” [مجموع الفتاوى (25/195) އިން ޚުލާޞާ ކުރެވިފައި]

އުޑާއި ބިމަކީ ވަށް ދޭތިތޯ ބަހުސްކުރި ދެމީހަކު ބަހުސް ކުރިއެވެ. އެތަނުން އެކަކު ބުނީ އެދޭތިވެސް ވަނީ ވަށްކޮންނެވެ. އަނެއް މީހާ އެކަމަށް އިންކާރުކޮށް ބުނީ އެކަމުގައި އަޞްލެއް ނެތް ކަމަށެވެ. އެހެންކަމުން އެކަލޭގެފާނަށް (އެބަހީ: އިބްނު ތައިމިއްޔާއަށް) މިވާހަކަ ދެންނެވުނެވެ. އަދި މިކަމުގައި ރަނގަޅު ގޮތަކީ ކޮބާތޯ ސުވާލު ދެންނެވުނެވެ. ފަހެ، ޖަވާބުގައި ދެންނެވިއެވެ.

"މުސްލިމުންގެ ޢިލްމުވެރިންގެ އަރިހުގައި އުޑަކީ ވަށް އެއްޗެކެވެ. ދީނުގެ ބޮޑެތި ޢިލްމުވެރިންގެ ތެރެއިން އެކަކަށްވުރެ ގިނަ ބޭކަލުންވަނީ އެކަމަށް އިޖުމާޢުވެފައިވާކަން ބަޔާންކުރައްވާފައެވެ. އޭގެ ތެރޭގައި އަބޫލްޙަސަން އަޙްމަދު ބިން ޖަޢުފަރު ބިން އަލްމުނާދީ ހިމެނެއެވެ. އެކަލޭގެފާނަކީ އިމާމް އަޙްމަދުގެ އަޞްޙާބުންގެ ތެރެއިން ދެވަނަ ޖީލުގެ ފާހަގަކޮށްލެވޭ ބޮޑު ޢިލްމުވެރިއެކެވެ. އަދި އެކަލޭގެފާނު ހަތަރު ސަތޭކައެއްހާ ފޮތް ލިޔުއްވާފައިވެއެވެ. އަދި އިމާމް އަބޫ މުޙައްމަދު ބިން ޙަޒުމް އާއި އަބުލްފަރަޖް ބިން އައްޖައުޒީ ވެސް މިކަމަށް އިޖުމާޢުވެފައިވެއެވެ. ޢިލްމުވެރިން އެފަދައިން ރިވާކުރައްވާފައިވަނީ ޞަޙާބީންނާއި ތާބިޢީންގެ އަރިހުން ފާހަގަކޮށްލެވޭ ސަނަދުތަކުންނެވެ. އަދި ﷲގެ ފޮތާއި އެއިލާހުގެ ރަސޫލާގެ ސުންނަތުންވެސް އެކަން ޛިކުރުކުރައްވާފައިވެއެވެ. އަދި އެބޭކަލުންނަށް އިވިވަޑައިގެންފައިވާ ދަލީލުތަކާބެހޭގޮތުންވެސް ވާހަކަ ދައްކަވާފައިވެއެވެ. އަދި ހަމައެހެންމެ އެކަމަށް ދަލީލުކޮށްދޭ ހިސާބުގެ ދަލީލުތައްވެސް ވެއެވެ. މުސްލިމް ޢިލްމުވެރިންގެ ތެރެއިން ފާހަގަކޮށްލެވޭ އެއްވެސް ބޭކަލަކު އެކަމަށް އިންކާރު ކުރައްވާފައިވާކަން ތިމަންކަލޭގެފާނަށް އެނގިފައެއް ނެތެވެ. ޖަދަލުކުރާ މަދު ބަޔަކު މެނުވީ އެކަމަށް އިންކާރު ނުކުރެއެވެ. އެބައިމީހުން އެކަމަށް އިންކާރުކުރަނީ ނުޖޫމީ ޢިލްމުވެރިންނާ ޖަދަލުކުރުމަށެވެ. އެގޮތުން ޖަދަލު ކުރަމުން އެބައިމީހުން ބުނެއެވެ. “ހަތަރެސް ކަނަށް ނުވަތަ ހަކަނަށް ވެސް ވެދާނެއެވެ. ނުވަތަ އެނޫން ގޮތަކަށްވެސް ވެދާނެއެވެ. ވަށް އެއްޗަކަށް ވެދާނެކަމަށް އެބައިމީހުން އިންކާރެއް ނުކުރެއެވެ. ނަމަވެސް އޭގެ އިދިކޮޅު ދައްކައިގެން ޖަދަލުކުރަނީއެވެ. އެއީ ވަށް އެއްޗެއް ނޫންކަމަށް ޔަޤީންކަމާއެކު ބުނާ އެއްވެސް މީހަކު ތިމަން ކަލޭގެފާނަށް އެނގިފައެއް ނެތެވެ. އެބަޔަކަށް މީސްތަކުން އެއްވެސް ފަރުވާލެއް ނެތް ޖާހިލުން ފިޔަވައެވެ." [مجموع الفتاوى (6/586)]

އަދި އަބޫ މުޙައްމަދު އިބްނު ޙަޒުމް رحمه الله ވިދާލުވެފައި ވެއެވެ.

“ބިމަކީ ވަށް އެއްޗެއްކަން ބަޔާންކޮށްދިނުން:

އަބޫ މުޙައްމަދު ވިދާޅުވިއެވެ. އެކަމަށް އެދެކޮޅުހަދާ ބައެއް މީހުންގެ ވާހަކަތައް ﷲ ތަޢާލާގެ އިރާދަފުޅާއެކު އަޅުގަނޑުމެން ޛިކުރުކޮށްލާނަމެވެ. އެބައިމީހުން ބުނެއެވެ. ހެކިތަކުން ދަލީލުކޮށްދެނީ ބިމަކީ ވަށް އެއްޗެއްކަމެވެ. އަދި ޢާންމުން އެކަމާ ދެކޮޅެވެ. އަދި އަޅުގަނޑުމެންގެ ޖަވާބަކީ: ޢިލްމުގެ އިމާމުންގެ ގޮތުގައި މުޚާޠަބުކުރުމަށް ޙައްޤުވެގެންވާ މުސްލިމުންގެ އެއްވެސް އިމާމަކު – رضي الله عنهم – ބިމަކީ ވަށް އެއްޗެއް ކަން އިންކާރެއް ނުކުރެއެވެ. އެކަމަށް އިންކާރު ކުރާ އެއްވެސް އަޘަރެއް އެބޭކަލުންގެ އަރިހުން އައިސްފައެއް ނުވެއެވެ. އެހެން ނަމަވެސް ޤުރުއާނާއި ސުންނަތުން ދަލީލު ކޮށްދެނީ ބިމަކީ ވަށް އެއްޗެއްކަމެވެ.-ވާޤިދެއްވަނީ ﷲ ތަޢާލާއެވެ.” އަދި އެކަމުގެ ދަލީލުތައްގެންނަވާފައިވެއެވެ. [الفصل في الملل والأهواء والنحل (2/78)]

ބިމަކީ ވަށް އެއްޗެއްކަމުގެ ދަލީލު:

ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

﴿خَلَقَ السَّمَاوَاتِ وَالْأَرْضَ بِالْحَقِّ يُكَوِّرُ اللَّيْلَ عَلَى النَّهَارِ وَيُكَوِّرُ النَّهَارَ عَلَى اللَّيْلِ…﴾ [سورة الزمر ٥]

މާނައީ: “އެއިލާހު އުޑުތަކާއި ބިން ޙައްޤުގޮތުގައި ހެއްދެވިއެވެ. އެއިލާހު ދުވާލުގެ މައްޗަށް ރޭގަނޑު އޮޅާލައްވަތެވެ. އަދި ރޭގަނޑުގެ މައްޗަށް ދުވާލު އޮޅާލައްވަތެވެ…”

އިބްނު ޙަޒުމް އާއި އެނޫން ބޭފުޅުން މިއާޔަތުން ދަލީލު ނަންގަވައެވެ.

އަދި އައްޝައިޚް އިބްނު ޢުޘައިމީން رحمه الله ވިދާޅުވެފައިވެއެވެ.

“ޤުރުއާނާއި މިދުނިޔޭގައި ކަންހިނގާގޮތާ އަދި ޢިލްމުގެ އަހުލުވެރިންގެ ބަސްތަކުން ދުނިޔެއަކީ ވަށް އެއްޗެއްކަމަށް ދަލީލު ކޮށްދެއެވެ. ޤުރުއާނުގެ ދަލީލާމެދު ދަންނައެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿…يُكَوِّرُ اللَّيْلَ عَلَى النَّهَارِ وَيُكَوِّرُ النَّهَارَ عَلَى اللَّيْلِ…﴾ [سورة الزمر ٥]

މާނައީ: “… އެއިލާހު ދުވާލުގެ މައްޗަށް ރޭގަނޑު އޮޅާލައްވަތެވެ. އަދި ރޭގަނޑުގެ މައްޗަށް ދުވާލު އޮޅާލައްވަތެވެ…”

تكوير އަކީ އެއްޗެއް އޮޅާލުމެވެ. ފަގުޑި އޮޅާލާ ފަދައިންނެވެ. ބިން މަތީ ރޭގަނޑާއި ދުވާލު ވިދިގެން އަންނަކަމީ އެނގިގެންވާ ކަމެކެވެ. މިއިން އެނގިގެންދަނީ ބިމަކީ ވަށް އެއްޗެއްކަމެވެ. އެހެނީ އެއްޗެއްގެ ވަށައިގެން ތިބާ އެއްޗެއް އޮޅާލުމުން، އެ އެއްޗަކީ ވަށް އެއްޗަކަށްވުން ލާޒިމުވެއެވެ. އެއެއްޗަކީ ބިން ކަމުގައިވުމުން ބިމަކީ ވަށް އެއްޗެއްކަން ދޭހަވެއެވެ.

ދުނިޔޭގައި ކަންހިނގާ ގޮތުން މިކަން ޘާބިތުކޮށްދޭނެ ދަލީލާމެދު ދަންނައެވެ. ފަހެ މިޘާލަކަށް، މީހަކު ޖިއްދާއިން ހުޅަނގަށް ދަތުރުކުރާނަމަ، އޭނާ ޖިއްދާއަށް އެނބުރި އަންނާނީ އިރުމަތީ ފަރާތުންނެވެ. އެއީ ސީދާ ރޮނގަކަށް ދަތުރުކުރާނަމައެވެ. މިއީ ދެމީހަކު ޚިލާފުވާނެ ކަމެއް ނޫނެވެ.

ޢިލްމުގެ އަހުލުވެރިންގެ ބަސްފުޅުތަކާމެދު ދަންނައެވެ. އިރުމަތީފަރާތުގައި އިރު އޮއްސުނު ވަގުތު މީހަކު މަރުވިނަމަ، އަދި އެހެން މީހަކު ހުޅަނގު ފަރާތުގައި އިރު އޮއްސުނު ވަގުތު މަރުވިނަމަ އެދެމެދުގައި ވަގުތު ތަކެއް ވެއެވެ. ފަހެ، ހުޅަނގު ފަރާތުގައި އިރު އޮއްސުނު ވަގުތު މަރުވި މީހާއަށް އިރުމަތީ ފަރާތުގައި އިރު އޮއްސުނު ވަގުތު މަރުވި މީހާގެ ފަރާތުން ވާރުތަ ކުރާނެއެވެ. އެއީ އޭނާގެ ވާރުތަވެރިއެއްކަމުގައި ވާނަމައެވެ. ފަހެ، މިކަމުން ދަލީލު ކޮށްދެނީ ބިމަކީ ވަށް އެއްޗެއްކަމެވެ. އެހެނީ ބިމަކީ ސީދަލަށް އޮތް އެއްޗެއްނަމަ ހުރިހާ ފަރާތަކަށް އެއް ވަގުތެއްގައި އިރު އޮއްސުން ލާޒިމުވާނެއެވެ. މިކަން މިގޮތަށް ޘާބިތުވުމުން އެއްވެސް މީހަކަށް އިންކާރެއް ނުކުރެވޭނެއެވެ. މިކަމާ ﷲ ތަޢާލާ ވަޙީކުރައްވާފައިވާ އަންނިވި ބަސްފުޅާ ފުށުއެރުމެއް ނުވެއެވެ.

﴿أَفَلَا يَنظُرُونَ إِلَى الْإِبِلِ كَيْفَ خُلِقَتْ [١٧] وَإِلَى السَّمَاءِ كَيْفَ رُفِعَتْ [١٨] وَإِلَى الْجِبَالِ كَيْفَ نُصِبَتْ [١٩] وَإِلَى الْأَرْضِ كَيْفَ سُطِحَتْ [٢٠]﴾ [سورة الغاشية]

މާނައީ: “ފަހެ، ޖަމަލު ހައްދަވާފައިވަނީ ކޮންފަދައަކުން ކަމާމެދު އެއުރެން ޖަމަލަށް ނުބަލަނީ ހެއްޔެވެ. (17) އަދި އުޑު އުފުއްލަވާފައިވަނީ ކޮންފަދައަކުން ކަމާމެދު އެއުރެން އުޑަށް ނުބަލަނީ ހެއްޔެވެ. (18) އަދި ފަރުބަދަތައް ކޮޅަށް ނަންގަވާފައިވަނީ ކޮންފަދައަކުން ކަމާމެދު އެއުރެން ފަރުބަދަތަކަށް ނުބަލަނީ ހެއްޔެވެ. (19) އަދި ބިން ފަތުރުއްވާފައިވަނީ ކޮންފަދައަކުން ކަމާމެދު އެއުރެން ބިމަށް ނުބަލަނީ ހެއްޔެވެ. (20)”

އެހެނީ ބިމަކީ ނިސްބަތުން ބޮޑު އެއްޗަކަށްވުމުން، ކައިރި ހިސާބަކުން އޭގެ ވަށްކަން ނުފެންނާނެއެވެ. ފަހެ، ފެންނަފެނުމަށް ބިންވަނީ ފަތުރާލެވިފައެވެ. އެތަނުގައި ދިރިއުޅުމަށް ޖެހިލުންވާފަދަ ކަމެއް ނުފެނެއެވެ. މިކަމުން އެއީ ވަށް އެއްޗެއްކަން ނަފީ ނުކުރެއެވެ. އެހެނީ އެއީ އޭގެ ޒާތުގައި ވަރަށް ބޮޑު އެއްޗެކެވެ. ނަމަވެސް ބުނެވޭގޮތުން ބިމަކީ ހުރިހާ ފަރާތަކުން އެއްވަރަށް ވަށް ބުރަށް އޮތް އެއްޗެއް ނޫނެވެ. ނަމަވެސް އުތުރާއި ދެކުނުން ވަނީ ކުޑަކޮށް އުފުލިފައެވެ. އެބައިމީހުން ބުނާ ގޮތުން ބިންވަނީ ބިހެއްގެ ބައްޓަމަށެވެ. އެބަހީ: ބިހެއް ފަދައިން އުތުރާއި ދެކުނުން ކުޑަކޮށް އުފުލިފައެވެ.” [فتاوى نور على الدرب]

މިކަމުން އެނގެނީ ބިމަކީ ވަށް އެއްޗެއްކަމެވެ. ބިހެއްގެ ބައްޓަމަށް ވުމުން އެކަން ނަފީއެއް ނުވެއެވެ. އަދި އެއީ ސީދަލަށް އޮތް އެއްޗެއްކަމުގެ ބާޠިލު ބުނުމަކީ ކަނީސާގެ (ޗާޗުގެ) ޢަޤީދާއެކެވެ. އަދި އެހެންކަމުން އެބައިމީހުން ޢިލްމުވެރިންގެ ތެރެއިން ބިމަކީ ވަށް އެއްޗެއްކަމުގައި ބުނި މީހުންނަށް ލަޢުނަތްދީ އަންދާލިއެވެ. [العلمانية نشأتها وتطورها (1/130)]

والله أعلم

މަސްދަރު: ދިސަލަފިއްޔާ
މިއީ islamqa.info ގައިވާ ލިޔުމެއްގެ ތަރުޖަމާއެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ތާލިބާން

    ރާއްޖޭގެ ގިނަ ބަޔަކު ގަބޫލެއް ނުކުރާނެ ބިމަކީ ވައް އެއްޗެއް ކަމަކަށް....

    2
    1
    • ޑޯގްކިންގް

      ސަބަބަކީ ކޮބާ؟

      2
      1