ކޮންމެ މުސްލިމަކުވެސް ރަމަޟާން މަހުގެ ހެޔޮކަން ލިބިގަތުމުގައި އެންމެ މުހިންމު ކަމެއްގެ ގޮތުގައި ކުރަން ޖެހޭ ކަމަކީ ހިތް ނިޔަތް ރަނގަޅު ކުރުން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ވިދާޅުވެއްޖެއެވެ.

ކުރިިއަށް އޮތް ހަފްތާގެ ތެރޭގައި މާތްވެގެންވާ ރަމަޟާން މަސް ފެށޭ އިރު މިއަދުގެ ހުކުރު ހުތުބާގައި މައިގަނޑު ގޮތެއްގައި ނަސޭހަތް ދީފައި ވަނީ އެމަހުގެ މާތްކަމުގެ މައްޗަށް އަލިއަޅުވާލައި އެމަހުގައި މުސްލިމުންގެ އަމަލުތައް ބަހައްޓަން ޖެހޭ ގޮތާއި އެމަހަށް ތައްޔާރު ވާނޭ ގޮތާއި ބެހޭގޮތުންނެވެ.

"މުސްލިމް އަހުންނޭވެ. ރޯދަވެރިޔާ ކެއިން ބުއިމުންނާއި އެހެނިހެން ކަންތައްތަކުން ދުރުހެލިވެ ހުންނަ ހުރުމަކީ ހަމައެކަނި ރޯދަވެރިޔާއާ އޭނާގެ ހާލިގުވަންތަ އިލާހާއި ދެމެދުގައިވާ ސިއްރެކެވެ. އެހެންކަމުން ރަމަޟާން މަހުގެ ހެޔޮކަން ލިބިގަތުމަށްޓަކައި ކުރުން އެންމެ މުހިންމު ކަމަކީ ތިމާގެ ހިތްނިޔަތް ރަނގަޅު ކުރުމެވެ." ހުތުބާގައި ވިދާޅުވިއެވެ.

އަދި އިހުލާސްތެރިކަމާއި އީމާންކަމާއެކު ރޯދަ ހިފާ މީހާގެ އިސްވެގޮސްފައިވާ ފާފަތައް ފުއްސަވައި ދެއްވާނެ ކަން ދޭހަވާ ރަސޫލާ ސައްލައްﷲ އަލައިހި ވަސައްލަމްގެ ހަދީސްފުޅެއްވެސް ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން ރަމަޟާން މަހަކީ ކުށް ފާފަތަކަށް ތައުބާވުމަށް ލިބިގެންދާ އަގުހުރި ފުރުސަތެއް ކަމަށާއި އެހެން ކަމުން ދެބަސްވުންތަކާއި ހިޔާލުތަފާތުވުންތައް ދޫކޮށްލައި އެ މަހުގައި ބަރަކާތް ހާސިލު ކުރުމަށް އަވަސްވެގަތުމަށް ހުތުބާގައި ވަނީ ނަސޭހަތްތެރި ވެފައެވެ.

ރަމަޟާން މަހުުގެ ހާއްސަކަން ފާހަގަ ކުރައްވައި ހުތުބާގައި އިތުރަށް ފާހަގަ ކުރެއްވީ އެއްހާސް މައްސަރަށް ވުރެ ހެޔޮކަން އިތުރުވެގެންވާ ލައިލަތުލްގަދުރި ވިލޭރޭވެސް އަންނަނީ އެމަހުގައި ކަމަށެވެ. އެހެން ކަމުން އެމަހުގައި ސަވާބު ހޯދައި ފާފަތަކަށް ތައުބާވުމަށް އަވަސްވެގަތުމަށް ވަނީ ގޮވާލާފައެވެ.