الحمد لله رب العالمين. والصلاة و السلام على أشرف الأنبياء و المرسلين. أما بعد:

ރޯދަމަހަކީ މުސްލިމުންގެ މައްޗަށް އެމަހެއްގައި ރޯދަހިފުން ޝަރުޢުވެފައިވާ މަހެކެވެ. އަދި އެމަހުގައި ރޯދަހިފުމުން މުސްލިމުންނަށް ނުހަނު ގިނަ ފައިދާތައް ދުނިޔަވީ ގޮތުންނާއި އާޚިރަތުގައި ލިބިގެންދެއެވެ. އެހެންކަމުން އަޅުގަނޑުމެންގެ މައްޗަށް އެކަންކަން އެނގުމަކީ ވަރަށް މުހިންމުވެގެންވާ ކަމެކެވެ. އެގޮތުން ތިރީގައި އިސްލާމްދީނުގައި ރޯދައަށް ދެވިފައިވާ މަޤާމު ވަޒަންކޮށްލެވޭނެ ބައެއްކަންކަމެވެ.

" ހ. ރޯދައަކީ އިސްލާމްދީނުގައި ފަރުޟުކުރައްވާފައިވާ ރުކުންތަކުގެ ތެރެއިން އެއްރުކުނެވެ. އެއީ އެންމެ މަތިވެރިވެގެންވާ އަޅުކަންތަކުގެ ތެރެއިން ހިމެނޭ ކަމެކެވެ. ސަބަބަކީ އެއަޅުކަން ވަނީ ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ޚާއްޞަކުރައްވަވާފައެވެ. ޤުދުސީ ޙަދީޘެއްގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

(كُلُّ عَمَلِ ابْنِ آدَمَ لَهُ إِلَّا الصِّيَامَ فَإِنَّهُ لِي وَأَنَا أَجْزِي بِهِ) متفق عليه (رواه البخاري: 1805 و مسلم: 1151)

މާނައީ: "އާދަމުގެ ދަރިޔާގެ ކޮންމެ ޢަމަލެއްވެސް ވަނީ އޭނާއަށެވެ. ރޯދަ ފިޔަވައެވެ. އެކަންވަނީ ތިމަންއިލާހަށެވެ. އަދި ތިމަންއިލާހު އެކަމަށް ޖަޒާދެއްވާހުށީމެވެ."

ށ. ރޯދައަކީ ﷲއާއި އަޅާއާ ދެމެދުގައިވާ ސިއްރެކެވެ. އެކަމުން ސިފަކޮށްދެނީ މުއުމިނާ އޭނާގެ ނަފުސުގެ މައްޗަށް ތެދުވެރިކަމާއެކު ރައްކާތެރިވާމިންވަރެވެ. ސަބަބަކީ އެއްވެސް ހާލެއްގައި އެއްވެސް ގޮތަކަށް އެކަމަށް ދެއްކުންތެރިކަން ނުވެއްދޭނެއެވެ. ﷲ ތަޢާލާ މުއުމިނުންގެ ކިބައިގައި ﷲއަށް ރައްކާތެރިވުމަށާއި އަދި ﷲއަށް ބިރުވެތިވުމަށް އެކަމުން ތަރުބިއްޔާކުރައްވަވައެވެ. އެހެނީ އެކަމަކީ ޝަރަފުވެރި އަދި މަތިވެރި ލަނޑުދަނޑިއެއްވާ ކަމެކެވެ. އަދި އޭނާނޫން، މީސްތަކުންގެ ތެރެއިން ގިނަމީހުންގެ އިޙުސާސްތައް ދެނެގަނެވޭނެއެވެ.

މުސްލިމުން ﷲ ސުބުޙަނަހޫ ވަތަޢާލާއަށް ކުރާ އެއްވެސް އަޅުކަމެއް އެކަމުގައި މާތްކަންކަން އެކުލެވިގެން މެނުވީ ނުވެއެވެ. އަދި އެކަމުގެ މައްޗަށް ﷲ ސުބުޙާނަހޫ ވަތަޢާލާއަށް އަޅުގަނޑުމެން ޙަމްދުކުރަމެވެ. އެއީ ނަމާދު ކަމުގައިވިޔަސް، ޒަކާތްކަމުގައިވިޔަސް އަދި ޙައްޖުކަމުގައިވިޔަސް އަދި ރޯދަކަމުގައި ވިޔަސްމެއެވެ.

ރޯދައިގެ މާތްކަމުގެ ތެރޭން

ހ. ރޯދައަކީ ފާފަތަކުން ދުރުވުމަށް އިންސާނާއަށްވާ ރައްކާތެރިކަމެކެވެ. އެކަމުން ވަރަށް ގިނަ ހެޔޮކަން އެމީހަކަށް ދެއްވެއެވެ. އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު ރިވާކުރައްވައެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިވެއެވެ.

(الصِّيَامُ جُنَّةٌ فَلَا يَرْفُثْ وَلَا يَجْهَلْ وَإِنْ امْرُؤٌ قَاتَلَهُ أَوْ شَاتَمَهُ فَلْيَقُلْ إِنِّي صَائِمٌ مَرَّتَيْنِ وَالَّذِي نَفْسِي بِيَدِهِ لَخُلُوفُ فَمِ الصَّائِمِ أَطْيَبُ عِنْدَ اللَّهِ تَعَالَى مِنْ رِيحِ الْمِسْكِ يَتْرُكُ طَعَامَهُ وَشَرَابَهُ وَشَهْوَتَهُ مِنْ أَجْلِي الصِّيَامُ لِي وَأَنَا أَجْزِي بِهِ وَالْحَسَنَةُ بِعَشْرِ أَمْثَالِهَا) رواه البخاري: 1795.

މާނައީ: "ރޯދައަކީ އައްޑަނައެކެވެ. (ރޯދައަށް ހުންނަ މީހާ) ޖިމާޢުވެގެން ނުވަތަ ޖާހިލުވެގެން(އެފަދައިން ޢަމަލުކޮށްގެން) ނުވާނެއެވެ. މީހަކު އޭނާޔާ ތަޅާފޮޅާ އަދި އެއްޗެހި ކިޔައިފިނަމަ އެމީހަކަށް ދެފަހަރުބުނާށެވެ. ތިމަންނާއަކީ ރޯދަވެރިޔެކެވެ. އެ ފަރާތެއްގެ އަތްޕުޅުގެ ދަށުގައި ތިމަންކަލޭގެފާނުގެ ނަފުސުވާ ފަރާތް ގަންދެއްވައި ހުވާކުރައްވާފައިބުނަމެވެ. ރޯދަވެރިޔާގެ އަނގައިގެ ވަސް ﷲ ތަޢާލާގެ ޙަޟްރަތުގައި ގޮމަކަސްތޫރީގެ ވަހަށްވުރެ މީރުވަސްދުވައެވެ. (ﷲ ވަޙީކުރައްވާފައިވެއެވެ.) އެމީހަކު ކެއުމާއި ބުއިމާއި އަދި ޝަހުވަތްތެރިކަން އެދޫކޮށްލަނީ ތިމަންއިލާހަށްޓަކައެވެ. އެރޯދަވަނީ ތިމަންއިލާހަށެވެ. އަދި އެކަމަށް ޖަޒާ ދެއްވާނީ ތިމަންއިލާހެވެ. އަދި ކޮންމެހެޔޮކަމެއް ވަނީ ދިހަ ހެޔޮކަން ފަދައިންނެވެ."

ށ. ރޯދައަކީ ފާފަތަކާއި އަދި ނުބައިކަންކަން ފުހެވިގެންދާ ކަމެކެވެ. ޙުޒައިފާ ރަޟިޔަﷲ ޢަންހު ރިވާކުރައްވާފައިވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. (فِتْنَةُ الرَّجُلِ فِي أَهْلِهِ وَوَلَدِهِ وَجَارِهِ تُكَفِّرُهَا الصَّلَاةُ وَالصِّيَامُ وَالصَّدَقَةُ وَالْأَمْرُ بِالْمَعْرُوفِ وَالنَّهْيُ عَنْ الْمُنْكَرِ) رواه البخاري: 502.

މާނައީ: "މީހަކު އެމީހެއްގެ އަހުލުންނާއި ދަރިޔާއި އަދި އަވައްޓެރިޔާގެ މައްޗަށް މެދުވެރިވާ ފާފަތައް ނަމާދާއި ރޯދަޔާއި ޞަދަޤާތާއި އަދި ހެޔޮކަންކަމަށް އަމުރުކުރުމާއި އަދި ނުބައިކަންކަމަށް މަނާކުރުމުން ފުހެވިގެން ދެއެވެ."

ނ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ ރޯދަވެރިންނަށް މެނުވީ ނުވަދެވޭ ދޮރުކޮޅެއް ސުވަރުގޭގައި ޚާއްޞަކުރައްވާފައެވެ. ސަހުލު ރަޟިޔަﷲ ޢަންހު ރިވާކުރައްވައެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(إِنَّ فِي الْجَنَّةِ بَابًا يُقَالُ لَهُ الرَّيَّانُ يَدْخُلُ مِنْهُ الصَّائِمُونَ يَوْمَ الْقِيَامَةِ لَا يَدْخُلُ مِنْهُ أَحَدٌ غَيْرُهُمْ يُقَالُ أَيْنَ الصَّائِمُونَ فَيَقُومُونَ لَا يَدْخُلُ مِنْهُ أَحَدٌ غَيْرُهُمْ فَإِذَا دَخَلُوا أُغْلِقَ فَلَمْ يَدْخُلْ مِنْهُ أَحَدٌ) رواه البخاري: 1797.

މާނައީ: "ހަމަކަށަވަރުން ސުވަރުގޭގައި ރައްޔާނޭ ކިޔުނު ދޮރުކޮޅެއް ވެއެވެ. ޤިޔާމަތް ދުވަހު އެދޮރުކޮޅުން ވަންނާނީ ރޯދަވެރީން(ރޯދަ ގިނަގިނައިން ހިފައި އުޅުނު މީސްތަކުން)ނެވެ. އެބައިމީހުން ފިޔަވައި އެހެން ބަޔަކު ނުވަންނާނެއެވެ. ބުނެވޭނެއެވެ. ރޯދަވެރިން ކޮބައިހެއްޔެވެ؟ އެބައިމީހުން ތެދުވާނެއެވެ. އެބައިމީހުން މެނުވީ އެހެން ބަޔަކު އެދޮރުކޮޅުން ނުވަންނާނެއެވެ. އެބައިމީހުން ވަދެއްޖެނަމަ ދޮރުކޮޅު ބަންދުކުރެވޭނެއެވެ. އެދޮރުކޮޅުން އެހެން އެއްވެސް ބަޔަކު ނުވަންނާނެއެވެ."

ރ. ރޯދަމަހުގައި ރޯދަހިފުމަކީ ހުރިހާ އިސްވެދިޔަ ފާފަތައް ފުހެލާ ކަމެކެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. "އީމާންކަމާއި އަދި ﷲގެ ޙަޟްރަތުން ސަވާބަށްއ އުއްމީދުކުރާ ހާލު ރޯދަމަހުގެ ރޯދަހިފައިމީހާގެ އިސްވެދިޔަ ހުރިހާ ފާފަތަކެއް ފުހެލައެވެ." ބައެއް ސުންނަތް ރޯދަތައް ކަމުގައިވާ އާޝޫރާ ދުވަހާއި އަދި ޙައްޖުދުވަހު އަންނަން އޮތް އަހަރާއި އިސްވެދިޔަ އަހަރުގެ ފާފަ ފުހެވޭ ކަމަށް އޮތުމަށްފަހު، ރޯދަމަހުގެ ރޯދައާއި މެދުވަނީ އިސްވެދިޔަ ހުރިހާ ފާފައެއް ފުހެލާކަމަށެވެ. އެހެންކަމުންރޯދަމަހުގެ މާތްކަމުގެ ބޮޑުކަން އެނގިގެން ދެއެވެ.

އަދިވެސް ވަރަށް ގިނަ ނައްޞުތަކުގައި ރޯދައިގެ މަތިވެރިކަން ބަޔާންކޮށްދެއްވާފައިވެއެވެ.

ވީމާ މިމަހު އެންމެ ފުރިހަމަ ގޮތުގައި ރޯދަހިފައި އަދި ސުންނަތް ރޯދަތަކަށްވެސް ރައްކާތެރިވާ ބައެއް ކަމުގައި އަޅުގަނޑުމެން ލެއްވުން އެދި ދުޢާކުރަމެވެ.

وصلى الله وسلم على محمد و آله و صحبه أجمعين. آمين.