ރަމަޟާން މަހަކީ މައްސަރުތަކުގެ ތެރެއިން މާތް ކުރައްވާފައިވާ މަހެކެވެ.އެމަހުގައި ކީރިތި ޤުރުއާން ބާވައިލެއްވިއެވެ. އެމަހުގެ ރޯދަ ފަރުޟު ކުރެއްވިއެވެ.އެމަހުގެ ރޭއަޅުކަން ސުންނަތެއްކަމުގައި ލެއްވިއެވެ. އަދި އެމަހުގައި ކުރެވޭ ކޮންމެ ހެޔޮކަމެއްގެ ޘަވާބު އިތުރު ކުރެއްވިއެވެ.

ހަމަ އެއާއެކު އެމަހުގެ ކުރީކޮޅުގައިވަނީ ﷲ ގެ ރަޙްމަތެވެ. މެދު ތެރޭގައި ވަނީ ﷲ ގެ ފުއްސެވުމެވެ. ފަހު ކޮޅުގައިވަނީ ނަރަކައިން މުއްތި ކުރެއްވުމަށްވާއިރު އެމަހުގައި އެއްހާސް މައްސަރަށްވުރެ ހެޔޮވެގެންވާ ރެއެއް ވެއެވެ. އެއީ މާތް ވެގެންވާ ލައިލަތުލް ޤަދްރި ވިލޭރެއެވެ. އެއްހާސް މައްސަރުގެ ހެޔޮކަން އެންމެ ރެއަކުން ލިބިގެންދާ ރެއެވެ. މިކަން އެނގިގެންދާ ދަލީލް ސޫރަތުލް ޤަދްރި ގެ ތިންވަނަ އާޔަތުން އެނގިދެއެވެ.

އަބޫހުރައިރާ ރަޟިޔަﷲ އަންހުގެ ކިބައިން ރިވާވެގެންވެއެވެ. ހަމަކަށަވަރުން ސަލާމާއި ޞަލަވާތް ލެއްވި ނަބިއްޔާ ރަމަޟާން މަސް އައި ހިނދު ހަދީޘް ކުރެއްވިއެވެ.

"ތިޔަބައިމީހުންގެ ގާތަށް ބަރަކާތްތެރި މައްސަރެއް އަތުވެއްޖެއެވެ. އެމަހުގެ ރޯދަ ތިޔަބައިމީހުންގެ މައްޗަށް ފަރުޟު ކުރެއްވިއެވެ. އެމަހުގައި ސުވަރުގޭގެ ދޮރުތައް ހުޅުވެއެވެ. އަދި އެމަހުގައި ނަރަކައިގެ ދޮރުތައް ލެއްޕެއެވެ. އަދި އެމަހުގައި ޝައިޠާނުން ކަސްތޮޅު އެޅުވެއެވެ. އަދި އެމަހުގައި އެއްހާސް މައްސަރަށްވުރެ ހެޔޮރެއެއްވެއެވެ. އެރޭގެ ހެޔޮކަމުން މަޙްރޫމްވެއްޖެ މީހާ ފަހެ ހަމަކަށަވަރުން އޭނާއީ މަޙްރޫމްވެއްޖެ މީހެކެވެ."

ސަލާމާއި ޞަލަވާތްލެއްވި ރަސޫލުﷲގެފާނު ރަމަޟާން މަހުގައި ވަކިން ގިނައިން އަޅުކަން ކުރައްވާ ޞަދަޤާތް ކުރެއްވުން ގިނަ ކުރައްވައެވެ.އަދި ފަހު ދިހައިގެ ރޭތަކުގައި އެކަލޭގެފާނު އަޅުކަމުގައި ވަކިން ބޮޑަށް އުޅުއްވައެވެ. ޢާއިޝާ ރަޟިޔަﷲ ޢަންހާގެ ކިބައިން އިމާމު ބުޚާރީ އާއި މުސްލިމު ރިވާކުރެއްވި ހަދީޘެއްގެ މާނައިގައިވެއެވެ.

"ސަލާމާއި ޞަލަވާތް ލެއްވި ނަބިއްޔާ ފަހު ދިހަޔަށް އެޅިއްޖެެއްޔާއި ރޭގަނޑު ހޭފުޅު ލައްވާ އުޅުއްވައެވެ. އަދި އެކަލޭގެފާނުގެ އަނބިއަނބި ކަނބަލުންނާއި ވަކިވެ ވަޑައިގެން އަޅުކަމުގައި އުޅުއްވައެވެ."

މިއަހަރުގެ ރަމަޟާން މަސް މިވަނީ އަޅުގަނޑުމެންނާ ބައްދަލުކޮށްފައެވެ. އަޅުގަނޑުމެން އެންމެހާ އަޙުންނާއި އުހުތުންވެސް މަސައްކަތް ކުރަންވީ ރަމަޟާން މަހުގެ ހެޔޮކަމާއި ދަރުމަ ހާޞިލް ކުރެވޭތޯއެވެ. ނުބައި ފާޙިޝް އަމަލުތަކާއި މުންކަރާތްތަކުން ދުރުވެ ނަފްސު ތާޙިރު ކުރުމަށެވެ. އަދި ގިނަ ވަގުތުތަކުގައި އަޅުކަމުގައި މަސްއޫލުވެ އުޅުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. صلى الله عليه وسلم