الحمد لله رب العالمين. والصلاة و السلام على أشرف الأنبياء و المرسلين. أما بعد:

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

"ތިޔަބައިމީހުންގެ ކުރީގައި އުޅުނު މީހަކު ވިއެވެ. އޭނާ ނުވަދިހަ ނުވަ މީހުން ޤަތުލުކުރިއެވެ. ދެން އޭނާ ބިމުގައިވާ އެންމެ ޢިލްމުވެރި މީހަކާ ބެހޭ ގޮތުން ސުވާލުކުރުމުން އޭނާއަށް ރާހިބެއް ދެއްކުނެވެ. (ބަނީ އިސްރާއީލުގެ އަޅުވެރިންގެ ތެރެއިން އަޅުވެރިއެއް ދެއްކުނެވެ.) ފަހެ އޭނާ ކައިރިއަށް ގޮސް ސުވާލުކުރިއެވެ. އޭނާ ނުވަދިހަ ނުވަ މީހުން މަރައިފިއެވެ. އޭނާއަށް ތައުބާވޭތޯއެވެ؟ ރާހިބު މީހާ ބުންޏެވެ. ނޫނެކެވެ. ދެން މީނާ ރާހިބުމީހާވެސް މަރާލައިފިއެވެ. އަދި ސަތޭކަ މީހުން ރާހިބުމީހާ ލައިގެން ހަމަކޮށްފިއެވެ.

އެޔަށްފަހު އަނެއްކާވެސް ބިންމަތީގައިވާ އެންމެ ޢިލްމުވެރި މީހެއް ދެއްކުމަށް މީނާ އެދިއްޖެއެވެ. ދެން މީސްތަކުން ޢިލްމުވެރިޔެއް މީނާއަށް ދައްކައިފިއެވެ. އަދި އޭނާ ސަތޭކަ މީހުން މެރިކަމަށާއި އަދި ތައުބާ ވޭތޯ ސުވާލުކޮށްފިއެވެ. ޢިލްމުވެރިޔާ ދެންނެވިއެވެ. އާނއެކެވެ. އަދި ތިބާއާ ތައުބާއާ ދެމެދު މަނާކުރަނީ ކާކުހެއްޔެވެ؟ (އެބަހީ އެކަމަށް ހުރަސްއަޅާ އެއްވެސް މީހަކު ނުވެއެވެ.) މިޔަނި އެވެނި ރަށަކަށް ދާށެވެ. އެތަނުގައި ﷲއަށް އަޅުކަންކުރާ ބަޔަކުވެއެވެ. އެބައިމީހުންނާއި އެކީގައި ﷲއަށް އަޅުކަންކުރާށެވެ. ތިބާގެ ރަށަށް އެނބުރި ނާންނާށެވެ. ފަހެ އެއީ ނުބައިވެގެންވާ ބިމެކެވެ.(އެބަހީ ނުބައި ޢަމަލުކުރާ މީހުންގެ ބިމެކެވެ.)

ދެން އޭނާ އެތަނަށް ދިޔުމަށް ދަތުރު ފަށައިފިއެވެ. މަގު ދެބައިވިތަނާ އޭނާގެ މަރު އޭނާއާ ބައްދަލުކޮށްފިއެވެ.

އަދި ރަޙުމަތުގެ މަލާއިކަތާއާ އަދި ޢަޛާބުގެ މަލާއިކަތާ ދެބަސްވެއްޖެއެވެ. ރަޙުމަތުގެ މަލާއިކަތާ ދެންނެވިއެވެ. އޭނާ އައީ ތައުބާ ވެގެންވާ މީހެއްގެ ގޮތުގައި، އޭނާގެ ހިތާއިގެން ﷲ ތަޢާލާއަށް ކުރިމަތިލައިގެންނެވެ.

ޢަޛާބުގެ މަލާއިކަތާ ދެންނެވިއެވެ. އޭނާ އެއް އިރެއްގައިވެސް ހެޔޮކަމެއް ނުކުރެއެވެ.

ދެން މަލާއިކަތެއް އިންސާނެއްގެ ސޫރައިގައި އެބޭކަލުންގެ އަރިހަށް ވަޑައިގެންފިއެވެ. އަދި އެދެބޭކަލުންގެ މެދުގައި ޙުކުމްކުރާ ފަރާތެއްކަމުގައި ކަނޑައެޅިއެވެ. ދެންނެވިއެވެ. އޭނާއާ ދެމެދުގައިވާ ރާސްތާ މިންއަޅާށެވެ. އެންމެ ގާތް ބިމަކާ އޭނާ ވަނީ އެފަރާތަކަށެވެ. ދެން މިންބެލިއިރު އޭނާ އެންމެ ގާތީ އޭނާ ޤަޞްދުކުރި (ﷲއަށް އަޅުކަންކުރާ މީހުންގެ) ރަށާއެވެ ދެން ރަޙުމަތުގެ މަލާއިކަތާ އޭނާ ހިއްޕެވިއެވެ." ނަބިއްޔާގެ ޙަދީޘްބަސްފުޅުގެ ތަރުޖަމާ ނިމުނީ.

މިވާހަކައިން ލިބޭ ޢިބުރަތް.

ރޯދަމަހަކީ ތައުބާގެ މައްސަރެވެ. ކިތަންމެ ގިނައިން ފާފަކުރެވިފައިވިޔަސް ﷲއަކީ ގިނަގިނައިން ފާފަފުއްސަވާ އިލާހެވެ.

ތައުބާވާން އިޚުލާސްތެރިކަމާއެކީ މަސައްކަތްކުރާ މީހާއަށް ﷲމަގުދައްކަވާނެކަން.

ނުބައިމީހުން އުޅޭތަންތަން ދޫކޮށްފައި ދިޔުމަކީ ތައުބާވުމަށްވާ މަގެއްކަން.

ނުބައިމީހުންނާއި އެކު ނޫޅުން.

ޙަދީޘްގެ ނައްޞު:

عَنْ أَبِي الصِّدِّيقِ عَنْ أَبِي سَعِيدٍ الْخُدْرِيِّ أَنَّ نَبِيَّ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ كَانَ فِيمَنْ كَانَ قَبْلَكُمْ رَجُلٌ قَتَلَ تِسْعَةً وَتِسْعِينَ نَفْسًا فَسَأَلَ عَنْ أَعْلَمِ أَهْلِ الْأَرْضِ فَدُلَّ عَلَى رَاهِبٍ فَأَتَاهُ فَقَالَ إِنَّهُ قَتَلَ تِسْعَةً وَتِسْعِينَ نَفْسًا فَهَلْ لَهُ مِنْ تَوْبَةٍ فَقَالَ لَا فَقَتَلَهُ فَكَمَّلَ بِهِ مِائَةً ثُمَّ سَأَلَ عَنْ أَعْلَمِ أَهْلِ الْأَرْضِ فَدُلَّ عَلَى رَجُلٍ عَالِمٍ فَقَالَ إِنَّهُ قَتَلَ مِائَةَ نَفْسٍ فَهَلْ لَهُ مِنْ تَوْبَةٍ فَقَالَ نَعَمْ وَمَنْ يَحُولُ بَيْنَهُ وَبَيْنَ التَّوْبَةِ انْطَلِقْ إِلَى أَرْضِ كَذَا وَكَذَا فَإِنَّ بِهَا أُنَاسًا يَعْبُدُونَ اللَّهَ فَاعْبُدْ اللَّهَ مَعَهُمْ وَلَا تَرْجِعْ إِلَى أَرْضِكَ فَإِنَّهَا أَرْضُ سَوْءٍ فَانْطَلَقَ حَتَّى إِذَا نَصَفَ الطَّرِيقَ أَتَاهُ الْمَوْتُ فَاخْتَصَمَتْ فِيهِ مَلَائِكَةُ الرَّحْمَةِ وَمَلَائِكَةُ الْعَذَابِ فَقَالَتْ مَلَائِكَةُ الرَّحْمَةِ جَاءَ تَائِبًا مُقْبِلًا بِقَلْبِهِ إِلَى اللَّهِ وَقَالَتْ مَلَائِكَةُ الْعَذَابِ إِنَّهُ لَمْ يَعْمَلْ خَيْرًا قَطُّ فَأَتَاهُمْ مَلَكٌ فِي صُورَةِ آدَمِيٍّ فَجَعَلُوهُ بَيْنَهُمْ فَقَالَ قِيسُوا مَا بَيْنَ الْأَرْضَيْنِ فَإِلَى أَيَّتِهِمَا كَانَ أَدْنَى فَهُوَ لَهُ فَقَاسُوهُ فَوَجَدُوهُ أَدْنَى إِلَى الْأَرْضِ الَّتِي أَرَادَ فَقَبَضَتْهُ مَلَائِكَةُ الرَّحْمَةِ) متفق عليه.

وصلى الله وسلم على محمد و على آله و صحبه أجمعين. آمين.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    މިވާހައަކައަކީ ވަންއޮފް މައި އޯލްޓައިމް ފޭވަރިޓް ވާހަކައެއް. މިވާހަކައިގެ އިތުރުން ސަލާހުއްދީނުލް އައްޔޫބީގެ ވާހަކައާއި ސަލްމާނު ފާރިސީގެ ވާހަކައާއި ޚާލިދުބުން ވަލީދުގެ ވާހަކަވެސް އެހާ އިބުރަތްތެރި.

    13