الحمد لله رب العالمين. والصلاة و السلام على أشرف الأنبياء و المرسلين. أما بعد:

ޢަރަބި ޅެންވެރިޔަކު ވިދާޅުވެފައިވެއެވެ. "ތިމަންމެން ނުބައިކަން ދެނެގަންނަނީ އެކަންކުރާކަށް ނޫނެވެ. ނަމަވެސް އެކަމުން ސަލާމަތްވެ ރައްކާތެރިވުމަށްޓަކައެވެ." ދުނިޔެވީ ނުރައްކާތެރި ކަންކަންވެސް އަޅުގަނޑުމެން ދެނެގަންނަނީ އެފަދައިންނެވެ. އެއީ އެނުރައްކަލަށް ވެއްޓި ގެއްލުން ލިބުމުގެ ކުރީގައި އަޅުގަނޑުމެން އެ ނުރައްކަލުން ސަލާމަތްވުމަށެވެ.

އެހެންކަމުން އަޅުގަނޑުމެން މުސްލިމުންގެ ގޮތުގައި ތިބެގެންވެސް، އަޅުގަނޑުމެންގެ ދީން ރައްކާތެރިކުރުމަށް ދެނެގަންނަން ޖެހޭ ކަންކަން އެބަހުއްޓެވެ. އެތަނުން އެންމެ މުހިންމު އެއްކަމަކީ އަޅުގަނޑުމެންގެ ދީނުން ބޭރުކޮށްލަފާނެފަދަ ކަންކަން ދެނެގަތުމެވެ. އެހެނީ އާޚިރަތުގެ ޙަޔާތް ކާމިޔާބު ލިބުންވަނީ އެގޮތުގެ މަތީންނެވެ.

އަޅުގަނޑުމެންގެ ދުނިޔެ ފަސާދަކުރާ ކަންކަން ދެނެގަތުމަށް އިސްކަން ދޭ ފަދައިން ދީން ފަސާދަކޮށްފާނެ ކަންކަން ދެނެގަތުމަށްވެސް ސަމާލުކަން ދޭންޖެހެއެވެ. ސަބަބަކީ ދުނިޔެ ފަސާދަކުރަނިވި ކަންކަމުން ފަސާދަވަނީ ކުޑަވަޤުތުކޮޅެއްގެ ފަސާދަވުމެކެވެ. ނަމަވެސް އާޚިރަތުގެ ފަސާދަވުމުން ތިބާގެ ބާކީ އޮތް ފަނާވުމެއްނެތް އަބަދުގެ އަބަދުގެ ޙަޔާތް ބޭކާރުވެގެން ހިނގައިދާނެއެވެ.

އެގޮތުން އޭގެ ކުރިން ޝިރުކާއި ބެހޭ ބައެއް މަޢުލޫމާތުތައް ކުރުކޮށް ހިއްސާކޮށްލާނަމެވެ.

"ޝިރުކުގެ ތަޢުރީފު: ތިބާހެއްދެވި ފަރާތް ކަމަށްވާ ﷲއާއި އެހެން ފަރާތެއް އެއްފަދަ ކުރުމެވެ.

ޝިރުކު ބެހިގެންވަނީ ދެބަޔަކަށެވެ. (އެއީ ބޮޑު ޝިރުކާއި އަދި ކުޑަ ޝިރުކެވެ.)

ފުރަތަމައީ: އެއީ ﷲގެ ރައްބުވަންތަކަމާއި އިލާހުވަންތަކަމާއި އަދި އިސްމުފުޅުތަކާއި ސިފަފުޅުތަކުގައި އެއިލާހާ ފަރާތެއް އެއްފަދަކޮށް ނެގުމެވެ.

އަދިވެސް އޭގެ ތަޢުރީފުގައި ބުނެވެއެވެ. އެއީ ﷲއަށް ދުޢާކުރާ ގޮތަށް އެހެން ފަރާތެއް އެއްފަދަކޮށް ދުޢާކުރުމެވެ. ނުވަތަ ބިރުވެތިވެ، ނުވަތަ އުއްމީދުކޮށް(ކަންކަމަށް އެދި) ނުވަތަ ﷲދެކެ ލޯބިވާ ގޮތަށް ލޯބިވުމެވެ. ނުވަތަ އެއްވެސް ބާވަތެއްގެ އަޅުކަމެއް އެފަރާތަކަށް ކުރުމެވެ."

(ﷲގެ ރައްބުވަންތަ ކަމުގައި ފަރާތެއް އެއްފަދަ ކުރުމޭ) ބުނެވިފައިވާ ބަހުގެ މުރާދަކީ އުފެއްދެވުންފަދަ، ރިޒުޤުދެއްވުމާއި އަދި ދިރުއްވުމާއި މަރުގެންނެވުމާއި އަދި ރައްބުވަންތަކަމުގެ ހުރިހާ ސިފަތަކެއްގައި ﷲއާއި އެއްފަދަކޮށް އިއުތިޤާދުކުރުމެވެ. އަދި (ﷲގެ އިލާހުވަންތަކަމުގައި ފަރާތެއް އެއްފަދަ ކުރުމަކީ): ﷲ ފިޔަވައި އެހެން ފަރާތްތަކަށް އަޅުކަން ކުރުންފަދަ، ރުކޫކޮށް، ސަޖިދަކޮށް ޤުރުބާންކޮށް، ނަދުރުބުނެ، ދުޢާކޮށް މިފަދަ ކަންކަން ﷲ ފިޔަވައި އެހެންފަރާތަކަށް ކުރުމެވެ.

ނުވަތަ އިސްމުފުޅުތަކާއި އަދި ސިފަފުޅުތަކުގައި ފަރާތެއް އެއްފަދަކުރުމޭ ބުނެވޭ ބަހުގެ މުރާދަކީ ލާތުފަދަ ނަންތައް އަލް-އިލާހުން ނެގުމާއި، އަދި ޢުއްޒާ އަލްޢަޒީޒް އިން ނެގުންފަދަ ކަންކަމެވެ. އަދި ސިފަފުޅުތަކުގައި ޚާލިޤުގެ ސިފަފުޅުތައް މަޚުލޫޤުންގެ ސިފަތަކާއި (ނަމުގެ ގޮތުން) ވައްތަރުވެގެންވެއެވެ. (ﷲއަށް ނިސްބަތްކުރެވޭ ސިފަފުޅަކަށް ކިޔާނަމެއް، މަޚުލޫޤުންނަށް ބޭނުންކުރެވުނަސް، އެއީ ޝިރުކަކަށްނުވާނެއެވެ. މިސާލަކަށް: އަޑުއެއްސެވުން. )

ބޮޑު ޝިރުކުކުރާ މީހާގެ މައްޗަށްވާ ނުރައްކާތެރިކަން.

" ބޮޑު ޝިރުކު ކުރާ މީހާގެ މައްޗަށް ތައުބާވުމުން މެނުވީ ﷲ އެމީހެއްގެ ފާފަ ނުފުއްސަވައެވެ. އެކަންކުރި މީހާ އެކަމުގެ މަތީގައި ހުރެ ﷲއާއި ބައްދަލުކޮށްފިނަމަ، ފަހެ އެމީހަކު ނަރަކައިގައި އަބަދުގެ އަބަދަށް ދެމިގެންވެއެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާ ވަހީކުރައްވާފައިވެއެވެ.

(إِنَّ اللَّـهَ لَا يَغْفِرُ أَن يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَٰلِكَ لِمَن يَشَاءُ ، وَمَن يُشْرِكْ بِاللَّـهِ فَقَدِ افْتَرَىٰ إِثْمًا عَظِيمًا) سورة النساء: 48.

މާނައީ: "ހަމަކަށަވަރުން اللَّه، އެކަލާނގެއަށް ޝަރީކުކުރުމުގެ ފާފައެއް ނުފުއްސަވާނެއެވެ. އެނޫން ފާފަތައް، އެއިލާހު އިރާދަކުރައްވާ މީހަކަށް ފުއްސަވައެވެ. އަދި ﷲއާ ޝިރުކުކޮށްފިމީހާ ފަހެ ބޮޑުވެގެންވާ ފާފައެއް ހަދައިގެންފިކަން ކަށަވަރެވެ."

މިބާވަތުގެ ޝިރުކަށް އަރައިގަންނަ ގިނަމީހުން މިފާފައަށް ވެއްޓެނީ ދީނުގެ އުޞޫލުތައް އުގެނެން ދެކޮޅުހެދުމުގެ ސަބަބުންނެވެ. އަދި ތައުޙީދާއި މެދު ކަންފަސޭހަ ކޮށްލުމުގެ ސަބަބުންނެވެ. އަދި އެކަމަށް އިރުޝާދު ދޭ ކަންކަމާއި އަދި ޙަޤީޤަތުގެ މައްޗަށް ނުހުއްޓުމުގެ ސަބަބުންނެވެ. އަދި ދީނުން ބޭރުވާ އަދި ދީން ފަސާދަކުރާ އެކަންކަން ވަންނަ ހިދުން ފެށިގެން ދީން ފަސާދަކޮށް އަދި ޢަމަލުތައް ބާޠިލުކުރާ، ކަންކަން ނުއުނގެނުމުގެ ސަބަބުންނެވެ."

وصلى الله وسلم على محمد و على آله و صحبه أجمعين. آمين.

މަޞްދަރު: خلاصة الكلام في أركان الإسلام.