الحمد لله رب العالمين. والصلاة و السلام على أشرف الأنبياء و المرسلين. أما بعد:

ޣައިބުގައިވާ ކަންކަމަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް އެނގުމެއް ނުވާ ހަމައެކަނި އެ އިލާހު ދެނެވޮޑިގެންވާ ކަންކަމެވެ. އެ އިލާހު ފިޔަވައި އެހެން އެއްވެސް ފަރާތަކަށް އެކަންކަން ނޭނގޭނެއެވެ. އެއީ މަލާއިކަތް ބޭކަލުންކަމުގައި ވިޔަސް އަދި ނަބީބޭކަލުން ކަމުގައިވިޔަސްމެއެވެ. ފަހެ ޣައިބުގެ ކަންކަމަށް އެނގޭކަމަށް ދަޢުވާކުރާ މީހާއަކީ ކާހިނެކެވެ. އަދި ދޮގުހަދާ މީހެކެވެ. ބައެއް ފަހަރު ތެދު ހެދިކަމުގައި ވިޔަސްމެއެވެ. އެފަދަ މީހަކާއި ސުވާލުކޮށް އަދި އެފަދަ މީހެއްގެ ގާތަށް ދިޔުން ހުއްދަވެގެން ނުވެއެވެ.

އަދި މުސްތަޤުބަލުގައިވާ ކަންކަން ބުނެދޭ މީހެއް ނޫން ކަމުގައި ވިޔަސް ވަސީލަތެއްކަމުގައި ވިޔަސް ވަނީ އެއް ޙުކުމެކެވެ. މިޒަމާނުގައި އިންޓަރނެޓުގައި ތަފާތު ޕުރޮގްރާމްތަކާއި ސޮފްޓުވެއަރ ތައްވެސް މިފަދަ ކަންކަން ކުރުމަށް ބޭނުންކުރެވެއެވެ.

ޢިލްމުގެ ޣައިބު އެނގޭކަމަށް ދައުވާ ކުރާ މީހާ ނުވަތަ އެގޮތަށް އިޢުތިޤާދުކުރާ މީހާ ނުވަތަ އެހެން މަޚުލޫގަކަށް އެފަދައިން އެނގޭކަމަށް ޤަބޫލުކުރާ މީހާ ދީނުން ބޭރުވާ ހުއްޓެވެ. ސަބަބަކީ އެއީ ޤުރުއާނާއި ސުންނަތް ދޮގުކުރާމީހެއް ކަމުގައި ވާތީއެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

(قُل لَّا يَعْلَمُ مَن فِي السَّمَاوَاتِ وَالْأَرْضِ الْغَيْبَ إِلَّا اللَّـهُ) سورة النمل: 65

މާނައީ: "ކަލޭގެފާނު ވިދާޅުވާށެވެ. اللَّه އަށް މެނުވީ އުޑުތަކާއި ބިމުގައިވާ އެއްވެސް މީހަކަށް ޣައިބުގައިވާކަމެއް ނޭނގޭނެއެވެ."

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(مَنْ أَتَى عَرَّافًا فَسَأَلَهُ عَنْ شَيْءٍ لَمْ تُقْبَلْ لَهُ صَلَاةٌ أَرْبَعِينَ لَيْلَةً) رواه مسلم في صحيحه: 2230

މާނައީ: "ފާލުބަލާމީހެއް ކައިރިއަށް އައިސް ކަމަކާއި ބެހޭގޮތުން ސުވާލުކޮށްފިނަމަ (އެބަސް ޤަބޫލުނުކުރިކަމުގައި ވާނަމަ)، އެމީހެއްގެ ނަމާދު ސާޅީސް ދުވަސްވަން ޤަބޫލުނުކުރެއްވޭ ހުއްޓެވެ."

އަދިވެސް ޙަދީޘްކުރައްވާފައިވެއެވެ.

(مَنْ أَتَى كَاهِنًا فَصَدَّقَهُ بِمَا يَقُولُ أَوْ أَتَى امْرَأَةً حَائِضًا أَوْ أَتَى امْرَأَةً فِي دُبُرِهَا فَقَدْ بَرِئَ مِمَّا أُنْزِلَ عَلَى مُحَمَّدٍ) رواه ابو داود في سننه: 3904

މާނައީ: "ކާހިނެއް ކައިރިއަށް( ﷲއަށް ޚާއްޞަވެގެންވާ ޣައިބުގައިވާ ކަންތައްތައް ބުނެދޭ މީހާ)ގެ ކައިރިއަށް ގޮސް އެމީހެއްގެ ބަސް ޤަބޫލުކޮށްފިނަމަ، ނުވަތަ ޙައިޟުގެ ދުވަސްވަރު އަންހެނަކާ(އަނބިމީހާއާ9 އެއްދާންކޮށްފިނަމަ، ނުވަތަ ފުރަގަސް ފަރާތް ބޭނުންކޮށްގެން (އަނބިމީހާއާ) ގުޅުން ހިންގައިފިނަމަ، ފަހެ އެމީހަކު މުޙައްމަދު (ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް) ބާވާލެއްވުނު (ދީނުން ނުވަތަ ދީނުގެ ކަންކަމުން) ބަރީޢަވެއްޖެއެވެ."

އެހެންކަމުން މިފަދަ ނުބައިވެގެންވާ ކަންކަމުން ސަލާމަތްވެ ބަރީއަވުމަކީ އަޅުގަނޑުމެންގެ މުސްލިމުންގެ ބޮލުގައި އެޅިފައިވާ ޒިންމާއެކެވެ. މިފަދަ ކަންކަން ދީނުގެ މަޢުލޫމާތު އެނގެން ޖެހޭ ގޮތުގައި ނޭނގުމުގެ ސަބަބުން ފެތުރެމުންދަނީ ވަރަށްވެސް ހަލުއިމިނުގައެވެ.

އަދި މިފަދަ ކަންކަމުގެ ތެރޭގައި ހޮރޮސްކޯޕު ބެލުންވެސް ހިމެނެއެވެ. އެފަދަ ތަކެތި ޤަބޫލުކުރުން ވަންނާނީ މިފަދަ ކަންތައްތަކުގެ ތެރެއަށެވެ. އެފަދަ ކަންކަމުންގެ ސަބަބުން ދީނީ ގޮތުންނާއި ދުނިޔަވީ ގޮތުންވެސް ގެއްލުން ލިބެއެވެ. ބައެއްފަހަރު ދިމާވާ ފަދަ ކަންކަން ހުރި ކަމުގައިވިޔަސް އެބަސްތަކުގައި ގިނައިން ވަނީ ދޮގާއި މަކަރާއި އޮޅުވާލުމާއި މީހުންގެ އަތުން ނުޙައްޤުން ފައިސާ ހޯދުން ފަދަ ކަންކަމެވެ.

ވީމާ ދުޢާއަކީ ޢަޅުގަނޑުމެންނަކީ ފުރިހަމަ މުސްލިމުން ކަމުގައި ލައްވައި މިފަދަ ނުބައިވެގެންވާ ޢަމަލުތަކުން ބަރީޢަކޮށްދެއްވުމެވެ. އާމީން.

وصلى الله وسلم على محمد و على آله و صحبه أجمعين. آمين.

ކިޔުންތެރިންގެ ހިޔާލު