الحمد لله رب العالمين. والصلاة و السلام على أشرف الأنبياء و المرسلين. أما بعد:

ދުލުގެ ނުރައްކާތެރިކަން ވަރަށް ބޮޑުވެގެންވެއެވެ. ވަރަށް ގިނަ ނައްޞުތަކުގައި މިކަމާއި ބެހޭގޮތުން އިންޒާރުދެއްވާފައިވެއެވެ. ސަބަބަކީ ދުލުގެ ސަބަބުން ޖެހޭ އާފާތްތަކުން ދުރުވުން އުނދަގޫވެފައި އަދި އެކަމަށް ވެއްޓެން ފަސޭހަވުމުގެ ސަބަބުންނެވެ. ދޫ ހިފަހައްޓައިފިނަމަ ހެޔޮކަމެއްކަމުގައި މެނުވީ ނުވެއެވެ. އެޔާއެކު ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަވަނީ މީސްތަކުން ނަރަކައަށް ވައްދާ އެންމެ ބޮޑު އެއްސަބަބަކީ ދޫކަމުގައި ބަޔާންކުރައްވާފައެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

(مَّا يَلْفِظُ مِن قَوْلٍ إِلَّا لَدَيْهِ رَقِيبٌ عَتِيدٌ) سورة ق: 18

މާނައީ: "(ކުރާ ޢަމަލުތައް ލިޔުއްވާ އަދި) ބަލަހައްޓަވަން އޭނާގެ ކައިރީގައި ޙާޟިރުވެ މަލާއިކަތަކުނެތި، އެނާޔަކަށް އެއްވެސް ބަހެއް ނުބުނެވެއެވެ."

ސަހްލު ބިން ސަޢުދު ރަޟިޔަﷲ ޢަންހު ރިވާކުރައްވައެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. (مَنْ يَضْمَنْ لِي مَا بَيْنَ لَحْيَيْهِ وَمَا بَيْنَ رِجْلَيْهِ أَضْمَنْ لَهُ الْجَنَّةَ) رواه البخاري في صحيحه: 6109.

މާނައީ: "ދެތުންފަތުގެ ދެމެދުގައިވާ ގުނަވަނަށާއި އަދި ދެފައިގެ ދެމެދުގައި ވާ ގުނަވަނަށް (އެގުނަވަންތަކުން ފާފަނުކުރާނޭކަމަށް) ތިމަންކަލޭގެފާނަށް ޔަޤީންކަންދޭ މީހާއަށް، އެމީހަކަށް ސުވަރުގެ (ލިބޭނެކަމުގެ) ޔަޤީންކަން ތިމަންކަލޭގެފާނު ދެއްވަމެވެ."

އަދިވެސް މުޢާޛު ބިން ޖަބަލް ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

(يَا رَسُولَ اللَّهِ أَخْبِرْنِي بِعَمَلٍ يُدْخِلُنِي الْجَنَّةَ وَيُبَاعِدُنِي عَنْ النَّارِ قَالَ لَقَدْ سَأَلْتَنِي عَنْ عَظِيمٍ وَإِنَّهُ لَيَسِيرٌ عَلَى مَنْ يَسَّرَهُ اللَّهُ عَلَيْهِ تَعْبُدُ اللَّهَ وَلَا تُشْرِكْ بِهِ شَيْئًا وَتُقِيمُ الصَّلَاةَ وَتُؤْتِي الزَّكَاةَ وَتَصُومُ رَمَضَانَ وَتَحُجُّ الْبَيْتَ ثُمَّ قَالَ أَلَا أَدُلُّكَ عَلَى أَبْوَابِ الْخَيْرِ الصَّوْمُ جُنَّةٌ وَالصَّدَقَةُ تُطْفِئُ الْخَطِيئَةَ كَمَا يُطْفِئُ الْمَاءُ النَّارَ وَصَلَاةُ الرَّجُلِ مِنْ جَوْفِ اللَّيْلِ قَالَ ثُمَّ تَلَا تَتَجَافَى جُنُوبُهُمْ عَنْ الْمَضَاجِعِ حَتَّى بَلَغَ يَعْمَلُونَ ثُمَّ قَالَ أَلَا أُخْبِرُكَ بِرَأْسِ الْأَمْرِ كُلِّهِ وَعَمُودِهِ وَذِرْوَةِ سَنَامِهِ قُلْتُ بَلَى يَا رَسُولَ اللَّهِ قَالَ رَأْسُ الْأَمْرِ الْإِسْلَامُ وَعَمُودُهُ الصَّلَاةُ وَذِرْوَةُ سَنَامِهِ الْجِهَادُ ثُمَّ قَالَ أَلَا أُخْبِرُكَ بِمَلَاكِ ذَلِكَ كُلِّهِ قُلْتُ بَلَى يَا نَبِيَّ اللَّهِ فَأَخَذَ بِلِسَانِهِ قَالَ كُفَّ عَلَيْكَ هَذَا فَقُلْتُ يَا نَبِيَّ اللَّهِ وَإِنَّا لَمُؤَاخَذُونَ بِمَا نَتَكَلَّمُ بِهِ فَقَالَ ثَكِلَتْكَ أُمُّكَ يَا مُعَاذُ وَهَلْ يَكُبُّ النَّاسَ فِي النَّارِ عَلَى وُجُوهِهِمْ أَوْ عَلَى مَنَاخِرِهِمْ إِلَّا حَصَائِدُ أَلْسِنَتِهِمْ)

رواه الترمذي في سننه: 2616 و صححه الألباني.

މާނައީ: "އޭ ރަސޫލުﷲއެވެ. ތިމަންކަލޭގެފާނު ސުވަރުގެ ވައްދާނެ އަދި ނަރަކައާއި ދުރުކުރާނެ ޢަމަލެއްގެ ވާހަކަ ބުނެދެއްވާށެވެ. ޙަދީޘްކުރެއްވިއެވެ. "ބޮޑުކަމަކާ ބެހޭ ގޮތުން ސުވާލުކުރައްވައިފީމުއެވެ. ފަހެ ﷲ ފަސޭހަކޮށްދެއްވައިފިމީހަކަށް އެކަމަކީ ފަސޭހަކަމެކެވެ. އެއީ ﷲއަށް އަޅުކަންކުރުމެވެ. އަދި ﷲއާއި ޝިރުކުނުކުރުމެވެ. އަދި ނަމާދު ޤާއިމުކުރުމެވެ އަދި ޒަކާތްދިނުމެވެ. އަދި ރޯދަ ހިފައި އަދި އެކަމަށް ކުޅަދާނަވީނަމަ ގެފުޅަށް ޙައްޖުވުމެވެ." އެޔަށްފަހު ޙަދީޘްކުރެއްވިއެވެ. "ހެޔޮކަމުގެ ދޮރުތަކަށް މަގުދައްކަންހެއްޔެވެ؟ ރޯދައަކީ އައްޑަނައެކެވެ. އަދި ޞަދަޤާތް، ފެނުން އަލިފާން ނިވާލާ ފަދައިން ފާފަތައް ފުހެލައެވެ. އަދި މީހާ ރޭގަނޑުގެ މެންދަރު ކުރާ ނަމާދެވެ. އެޔަށްފަހު ކިޔަވާ ވިދާޅުވިއެވެ. (تَتَجَافَىٰ جُنُوبُهُمْ عَنِ الْمَضَاجِعِ يَدْعُونَ رَبَّهُمْ خَوْفًا وَطَمَعًا وَمِمَّا رَزَقْنَاهُمْ يُنفِقُونَ، فَلَا تَعْلَمُ نَفْسٌ مَّا أُخْفِيَ لَهُم مِّن قُرَّةِ أَعْيُنٍ جَزَاءً بِمَا كَانُوا يَعْمَلُونَ) (سورة السجدة 16-17. މާނައީ: އެއުރެންގެ ވެރިރަސްކަލާނގެ ޙަޟްރަތަށް ބިރުވެތިކަމާއި އުންމީދާއެކު ދުޢާކުރާ ޙާލު، އެއުރެންގެ އަރިކަށިތައް (ރޭއަޅުކަންކުރުމަށްޓަކައި) ތަންމަތިތަކާ ފޭވެއެވެ. އަދި ތިމަންރަސްކަލާނގެ، އެއުރެންނަށް ދެއްވި ތަކެތީން، އެބައިމީހުން ހޭދަކުރެއެވެ. ފަހެ އެބައިމީހުންނަށްޓަކައި ފޮރުއްވާފައިވާ ލޮލުގެ ފިނިކަން (އެބަހީ: ލޮލަށް ފިނިކަންދެނިވި، ސުވަރުގޭގެ ނިޢުމަތްތައް) އެއްވެސް ނަފުސަކަށް ނޭނގޭނެއެވެ. (އެއީ) އެބައިމީހުން ކޮށްއުޅުނު ޢަމަލުތަކުގެ ޖަޒާއެއް ކަމުގައެވެ.) އެޔަށްފަހު ޙަދީޘްކުރެއްވިއެވެ. "(ހުރިހާ)ކަމެއްގެ އަސްލާއި އަދި އޭގެ ތަނބު އަދި އޭގެ ކުރިބޯށީގެ ޚަބަރުދެއްވަން ހެއްޔެވެ؟" ދެންނެވީމެވެ. ރަސޫލުﷲއެވެ. އާދޭހެވެ. ޙަދީޘްކުރެއްވިއެވެ. "ހުރިހާކަމެއްގެ އަސްލަކީ(ބޮލަކީ) އިސްލާމްކަމެވެ. އަދި އޭގެ ތަނބަކީ ނަމާދެވެ. އަދި އޭގެ ކުރިބޯއްޓަކީ ޖިހާދެވެ." އެޔަށްފަހު ޙަދީޘްކުރެއްވިއެވެ. "އެހުރިހާކަމެއް މިލްކުވާނެ (އަދި އެކަން ވަރުގަދަކޮށްދޭނެ) ކަމެއްގެ ވާހަކައިން ޚަބަރު ދެއްވަން ހެއްޔެވެ؟" ދެންނެވީމެވެ. ރަސޫލުﷲއެވެ. އާދެހޭވެ. ދެން އެކަލޭގެފާނުގެ ދޫފުޅުގައި ހިއްޕަވައި ޙަދީޘްކުރެއްވިއެވެ. "ތިބާގެ ކިބައިން މިދޫރައްކާތެރިކުރާށެވެ." ދެންނެވީމެވެ. ރަސޫލުﷲއެވެ. ތިމަންމެން ދައްކާއުޅޭ ވާހަކައިގެ މައްޗަށް ޢަޒާބުދެއްވޭނެ ހެއްޔެވެ؟ ޙަދީޘްކުރެއްވިއެވެ. "ކަލޭގެފާނުގެ މައިކަނބަލުން ކަލޭގެފާނަށް ގެއްލިއްޖެއެވެ. މީސްތަކުން ދޫތަކުން ގެނައިކަންތައްތަކުގެ ސަބަބުން މެނުވީ ނަރަކައަށް މޫނުވަތަށް ނުވަތަ ނޭފަތްވަތަށް ބަންޑުން ވައްޓާލެނުލެވޭ ހެއްޔެވެ؟"

ފައިދާތައް.

ހ. ދުލުގެ ނުރައްކާތެރިކަން އަދި އެކަމުން ރައްކާތެރިވުމުގެ ވާޖިބުކަން. ނުވިސްނާ މީހަކު ބުނާ އެންމެ ބަހެއްގެ ސަބަބުން ނަރަކައަށް ވަންނަން ޖެހިދާނެއެވެ.

ށ. ހެޔޮކަންކަމުގައި ނޫންގޮތަށް ދޫބޭނުންކުރުމަކީ ނަރަކައަށް ވަންނަން ޖެހިދާނެ ސަބަބެކެވެ. އަދި ދުލުގެ މައްޗަށް ރައްކާތެރިވުމަކީ ސުވަރުގެއަށް ވަދެވޭ ސަބަބެކެވެ.

ނ. ފައިދާއެއް ނެތް ގޮތުގައި ޣާފިލުކަންމަތީ ދުލުން ނުބައިކަންކަން ކުރުން ވަނީ ގިނަވެފައެވެ.

وصلى الله وسلم على محمد و على آله و صحبه أجمعين. آمين.

ކިޔުންތެރިންގެ ހިޔާލު