ނަރަކައިން ދުރަށް ދެވޭނީ ޝަހުވަތްތަކާ ދުރަށް ދެވުނު ވަރަކުން ކަމަށް މިއަދުގެ ޚުތުބާގައި ބުނެފިއެވެ.

"ރަމަޟާން މަހަކީ ނަރަކައިން މުއްތި ކުރެއްވުމުގެ މައްސަރު" މިމައުޟޫއަށް މިއަދު ރާއްޖޭގެ މިސްކިތްތަކުގައި ދިން ޚުތުބާގައިވަނީ ނަރައިން މިންޖުވުމަށް ކުރެވޭނެ ކައްތައްތަކަށް އަލިއަޅުވާލާފައެވެ.

މިއަދުގެ ޚުތުބާގައި ރަމަޟާން މަހަކީ ކުށްތަކަށް ތަޢުބާ ވުމުގެ މައްސަރުކަމުގައި ފާހަގަކޮށް ތަޢުބާވެ، ﷲ ގެ މަގަށް އަވަހަށް ރުޖޫޢަ ވުމަށް އެންމެހާ މީސްތަކުންނަށްވަނީ ގޮވާލާފައެވެ.

"ﷲ މިވަނީ ރަޙްމަތާއި ފުއްސެވުމާއި މުއްތި ކުރެއްވުމުގެ ދޮރު ހުޅުވާ ދެއްވާފަ. އަޅަމެންނަކީ ﷲ ގެ ރަޙްމަތަށް ބޭނުން ވެފައި ތިބި ބައެއް. ނަރަކައިގެ ހޫނާއި އަޒާބަށް ކެތް ކުރުމުގެ ޤާބިލިއްޔަތު ކަމެއް އަޅަމެންގެ ކިބައިގައެއް ނެތް." ޚުތުބާގައި ބުނެފައިވެއެވެ.

މިއަދުގެ ޚުތުބާގައި އިތުރަށް ބުނެފައިވަނީ ނަރަކައިން މިންޖުވާން އެދޭނަމަ ﷲ ގެ ނަންފުޅު އަދައިގެން ރަމަޟާން މަހުގެ ރޯދަ ފުރިހަމައަށް އަދާ ކުރުމަށާއި އީމާންކަން ހަރުދަނާ ކުރުމަށް ގޮވާލާފައެވެ. އަދި ﷲ އަށް ބިރުވެތިވެ، އެކަލާންގެ ހަޟްރަތުގައި ނިކަމެތިވެ، މަޑުމޮޅި ވުމަށްވެސްވަނީ ގޮވާލާފައެވެ.

މިއަދުގެ ޚުތުބާގައި ގިނަ ބަޔަކު އުރެދުންތަކާއި މުންކަރާތްތަކަށް ވެއްޓިގެންދަނީ ޝަހުވަތްތަކުގެ ސަބަބުންކަން ފާހަގަކޮށް ބުނެފައިވަނީ ރަމަޟާން މަސް އަޅުގަނޑުމެންގެ ގާތަށް އައިސްފައިވަނީ ޝަހުވަތްތަކުން ދުރުހެލިވުމަށް ތަރުބިއްޔަތު ކުރުމަށް ކަމުގައެވެ. އަދި ޝަހުވަތްތަކުގެ ސަބަބުން ކިތައް މީހުންގެ މުދަލަށާއި އަބުރަށް އަރައިގަނެވިފައިވޭތޯ ވަނީ ސުވާލުކޮށްފައެވެ.

މީގެ އިތުރުން ރަމަޟާން މަހު ގިނަގިނައިން ޞަދަޤާތް ކުރުމަށްވަނީ ހަނދުމަކޮށްދީފައެވެ. ރަމަޟާން މަހަކީ ދީލަތިކަމާއި އެއްބަޔަކު އަނެއް ބަޔަކަށް އޯގާތެރި ވުމުގެ މައްސަރު ކަމުގައި ސިފަކޮށް، ރޯދަވެރިޔާއަކަށް ރޯދަވިއްލުމެއް ދީފި މީހާއަށް ލިބޭ ޘަވާބުވަނީ ބަޔާންކޮށްދީފައެވެ. މިގޮތުން ބުނެފައިވަނީ ރޯދަވެރިޔަކަށް ރޯދަވިއްލުމެއް ދީފި މީހަކަށް ތިމާއަށް އެރޯދަ ހިފި މިހަށް ލިބޭވަރުގެ ޘަވާބު ލިބިގެންދާނެ ކަމެއް ކަމުގައެވެ. އަދި އެއީ ރޯދަވެރިޔާގެ ޘަވާބުން އުނި ކުރުމެއް ނެތިއެވެ.