الحمد لله رب العالمين. والصلاة و السلام على أشرف الأنبياء و المرسلين. أما بعد:

ނަމާދަކީ އިސްލާމްދީނުގެ ތަނބެވެ. އަދި އެދީނުގެ އެންމެ މުހިންމު ރުކުނެވެ. އެގޮތުން ނަމާދު ފިރިހެނުން ކުރުން ޝަރުޢުވެގެންވަނީ މިސްކިތުގައެވެ. އެއީ ޝަރުޢީ އުޒުރެއް މެދުވެރިނުވާހާ ހިނދަކުއެވެ. އެކަމުގައި ވަރަށްބޮޑު މާތްކަން އެކުލެވިގެންވެއެވެ. އެއީ އަންހެން ކަނބަލުންނާއި ޚިލާފަށެވެ. އަންހެން ބޭކަނބަލުން ނަމާދުކުރުން އެންމެ މޮޅު އިތުރުވެގެންވަނީ ގޭގައެވެ. އަދި އެކަނބަލުންނަށް އެންމެ ގިނަ ސަވާބު ލިބޭ މޮޅު އިތުރު ގޮތަކީއެއީއެވެ. މިސްކިތްތައް އެޅިފައިވަނީ އެކަމަށްޓަކައެވެ. އެހެންކަމުން އެމިސްކިތްތަކުގައި ނަމާދުކުރުމާއި އަދި ޖަމާޢަތުގައި ނަމާދުކުރުމުގެ މާތްކަން އަޅުގަނޑުމެންނަށް އެނގެން އެބަޖެހެއެވެ.

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(صَلَاةَ الْجَمَاعَةِ أَفْضَلُ مِنْ صَلَاةِ الْفَذِّ بِسَبْعَةٍ وَعِشْرِينَ دَرَجَةً) رواه البخاري ومسلم.

މާނައީ: "އެކަހެރިކޮށް ކުރެ ކުރާ ނަމާދުގެ 27 ދަރަޖަ އިތުރަށް ޖަމާޢަތުގައި ކުރާ ނަމާދުގެ ހެޔޮކަން އިތުރުވެގެންވެއެވެ."

މިޙަދީޘުން ޖަމާޢަތުގައި ނަމާދު ކުރުމުން ނަމާދުގެ ސަވާބު އެތައްގުނައަކަށް އިތުރުވެގެންދާކަން އެބައެނގެއެވެ. އެހެންކަމުން ޖަމާޢަތުގައި ނަމާދުގެ މައްޗަށް ރައްކާތެރިވާނަ އެބަޖެހެއެވެ.

އަދިވެސް ޙަދީޘްކުރައްވާފައިވެއެވެ.

(مَنْ تَطَهَّرَ فِي بَيْتِهِ، ثُمَّ مَشَى إِلَى بَيْتٍ مَنْ بُيُوتِ اللهِ لِيَقْضِيَ فَرِيضَةً مِنْ فَرَائِضِ اللهِ، كَانَتْ خَطْوَتَاهُ إِحْدَاهُمَا تَحُطُّ خَطِيئَةً، وَالْأُخْرَى تَرْفَعُ دَرَجَةً) رواه مسلم.

މާނައީ: "ގެއިން ތާހިރުވެ، އަދި ﷲގެ ގެކޮޅުތަކުގެ ތެރޭން ގެކޮޅަކަށް(މިސްކިތަށް) ފަރުޟު (ނަމާދު)ތަކުގެ ތެރޭން ފަރުޟެއް އަދާކުރަން ހިނގާފައިދިޔުމުން، އެމީހެއްގެ ފިޔަވަޅުތަކުގެ ތެރޭން އެއްފިޔަވަޅު ފާފަ ފުހެދޭއިރު، އަނެއްފިޔަވަޅު އޭނާގެ ދަރަޖަ އުފުއްލައި ދެއެވެ."

އަދިވެސް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(مَنْ صَلَّى الْعِشَاءَ فِي جَمَاعَةٍ فَكَأَنَّمَا قَامَ نِصْفَ اللَّيْلِ، وَمَنْ صَلَّى الصُّبْحَ فِي جَمَاعَةٍ فَكَأَنَّمَا صَلَّى اللَّيْلَ كُلَّهُ) رواه مسلم.

މާނައީ: ޢިޝާ ނަމާދު ޖަމާޢަތުގައި ކޮށްފިމީހާ ފަހެ ރޭގަނޑުގެ ދެބައިކޮށްފައި އެއްބައިގައި ނަމާދުކުރިފަދައެވެ. ފަތިސް ނަމާދު ޖަމާޢަތުގައި ކޮށްފިމީހާ (ސަވާބުގެ ގޮތުން) މުޅިރޭ އަޅުކަން ކުރިފަދައެވެ."

އަދިވެސް އެތައް ނައްޞުތަކެއްގައި ޖަމާޢަތުގެ ނަމާދު ކުރުމުގެ މާތްކަމާއި ބެހޭގޮތުން ބަސްފުޅު އައިސްފައިވެއެވެ. މިއީ އަޅުގަނޑުމެން ފިރިހެނުން މިކަމަށް ސަމާލުކަންދީ ރައްކާތެރިވާން ޖެހޭކަމެކެވެ. އެހެނީ ނަމާދަކީ އެއަޅުކަމެއް ރަނގަޅުވެއްޖެނަމަ އަޅުގަނޑުމެންގެ ހުރިހާ ޢަމަލެއް ރަނގަޅުވެގެންދާ އަޅުކަމެވެ. އަދި އެކަން ބާޠިލުވެއްޖެނަމަ ހުރިހާ އަޅުކަމެއް ބާޠިލުވެގެންވެސް ދެއެވެ.

އެއަޅުކަން ފުރިހަމަ ގޮތުގައި ކުރެވެން ހުރި ހުރިހާ ގޮތެއްބަލައި އެގޮތަށް އަޅުގަނޑުމުން ޢަމަލުކުރަން ޖެހެއެވެ. އެހެނީ ދުނިޔަވީ ގޮތުން އެންމެ ފުރިހަމަ ގޮތް އެދޭ ފަދައިން، ދީނީގޮތުންވެސް އެންމެ ފުރިހަމަގޮތުގައި ހުރިހާ ކަމެއްކުރެވޭތޯ އަޅުގަނޑުމެން މަސައްކަތްކުރަން ޖެހޭނެއެވެ. ދުޢާއަކީ ﷲ ސުބުޙަނަހޫ ވަތަޢާލާ އަޅުގަނޑުމެންނަށް ތައުފީޤު ދެއްވައި އެކަންކަމުގައި ދެމިތިބުމުގެ ނިޢުމަތް މިންވަރުކުރެއްވުމެވެ.

وصلى الله وسلم على نبينا محمد و آله وصحبه أجمعين. آمين.

ކިޔުންތެރިންގެ ހިޔާލު