ޖިންނި ޝައިޠާނުން އިންސާނުންނަށް ގޯނާކުރާ ވާހަކައަކީ ވަރަށް ޢާއްމުވާހަކައެކެވެ. ޖިންނީން އިންސާނުންނާއި އަވަލުމަށް މެދުވެރިވާ ތަފާތު ސަބަބުތައް ހުރެއެވެ. އޭގެ ތެރެއިން އެންމެ ނުރައްކާތެރި އަދި އެންމެ އާންމު ސަބަބަކީ ކޮންމެވެސް ސިޙުރުވެރިއެއްގެ ސިޙުރުގެ ސަބަބުން ޖިންނި އަވަލުމެވެ.

ﷲ ތަޢާލާއަށް ޝިރުކުކޮށް، ޖިންނީންގެ ކިބައަށް ކުއްތަންވުމުގެ ގޮތުން އެ ޖިންނީންގެ ކިބައިން ވާތްގާއި އެހީތެރިކަމާއި ރައްކާތެރިކަން ހޯދައި އެ ޖިންނީންނަށް ސަޖިދަޖަހައި ޤުރުބާންކޮށް ހަދަމުންދާ ބަޔަކު އިންސާނުންގެ ތެރޭގައިވެއެވެ. އެއީ ސިޙުރުވެރީންނެވެ. މިއީ އަޅުގަންޑުމެންގެ ދިވެހި މުޖުތަމަޢުގައިވެސް ވަރަށް ގިނަބަޔެކެވެ.

ބޭރުފުށުން ރީތިފޭރާމުގައި، ހެޔޮއެދޭ ބައެއްގެ ގޮތުގައި މީސްތަކުންގެ ތެރޭގައި އުޅުނުމުގައިވިޔަސް، ހަޤީޤަތުގައި އެއީ ނަޖިސްބަޔެކެވެ. އެފަދަ މީހުންގެ ކިބައިން ދުރުވެ ރައްކާތެރިވެހުރުމަކީ ކޮންމެހެންވެސް ކުރަންޖެހޭނޭކަމެކެވެ. ސިހުރު ޖެހުމުން ނުވަތަ ބައްޔެއްވުމުން ނުވަތަ ޖިންނީންގެ ކިބައިން ގޯނާއެއްވާނަމަ އެމީހާއަށް އޮތީ ގިނަގިނައިން ﷲ ތަޢާލާގެ ޒިކުރުކޮށް ނަމާދުތަކަށް ރައްކާތެރިވެ ކީރިތި ޤުރުއާންކިޔެވުން އިތުރުކޮށް ހެނދުނާއި ހަވީރުގެ ދުޢާތަށް ކިޔުމާއި، ޖިންނީންގެ ކިބައިން ރައްކާތެރިކޮށްދެއްވުން އެދި ނުވަތަ އެ ބައްޔަކުން ސަލާމަތްކޮށްދެއްވުންއެދި ﷲ ތަޢާލާގެ ހަޟްރަތުގައި ދުޢާ ދެންނެވުމެވެ.

ނުވަތަ ޝަރުޢުގައި ޘާބިތުވާގޮތައް ކީރިތި ޤުރުއާނާއި މާތްނަބިއްޔާގެ ސުންނަތާއި ޚިލާފުނުވާގޮތުގެ މަތިން ޝަރުޢީ ރުޤްޔާ ހަދާ ރާޤީއެއް ލައްވައި އެކަންކުރުވުމެވެ. މުއުމިނުން ވަކީލުކުރާ ފަރާތަކީ ހަމައެކަނި ﷲ ސުބްހާނަހު ވަތަޢާލާއެވެ. އެއްވެސް ހާލަތެއްގައި ސިޙުރުވެރިއެއްކައިރިއަށް ގޮސް އެހީހޯދުން ހުއްދަވެގެންނުވެއެވެ. އެހެނީ ސިޙުރު ހެދުމަކީ ﷲ ތަޢާލާއަށް ވެވޭ ކުފުރެކެވެ. އަދި ސިޙުރުން ސިޙުރުބާތިލުކުރުމަކީ ހުއްދަކަމެއްނޫނެވެ.

ސިޙުރަކީ ﷲ ތަޢާލާ ޙަރާމް ކުރައްވާފައިވާ އެއްމެބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭކަމެކެވެ. އެހެން ކަމުން ސިޙުރުވެރިން ވަކިކުރާނެގޮތް ދެނެގަތުމަކީ، ސިޙުރުވެރިކަން ޢާއްމުވެފައިވާ މުޖްތަމަޢުއެއްގައި، ވަރަށް މުޙިއްމުކަމެކެވެ.

ސިހުރުވެރިން ދެނެގަންނާނެ ބައެއް ޢަލާމާތްތަކުގެ ގޮތުގައި ޢިލްމުވެރިން ފާހަގަކުރައްވާފައިވާ ބައެއް ޢަލާމާތްތަ ތިރީގައި މިވަނީއެވެ.

1– ބަލިމީހާގެ ނަން ނުވަތަ އޭނަގެ މަންމަގެ ނަން އޮޅުންފިލުވަން އުޅުން.

2– ބަލިމީހާގެ ކޮންމެވެސް އަޘަރެއް ގެންދަން އުޅުން. (ބަލިމީހާގެ ހެދުމެއް ނުވަތަ ރުމާލެއް ނުވަތަ އިސްތައްޓެއް ނުވަތަ އެފަދަ ކޮންމެވެސް އެއްޗެއް)

3– ބައެއްފަހަރު ޚާއްސަ ޝަރުތު ތަކެއް ފުރިހަމަވާ ނުވަތަ ޚާއްސަ ޞިފަތަކެއް އެކުލެވިގެންވާ ޖަނަވާރެއް ޛަބަޙަ ކުރުމަށް (ކަތިލުމަށް) ހޯދަން ބުނެއެވެ.

4– އަކަ ކުރެހުން. (ސިޙުުރު ރަމްޒުކޮށްދޭ އެކިބައްޓަން ބައްޓަމަށްހުންނަ ކުރެހުންތައް)

5– އެހެންމީހުނަށް ކިޔާ ނުކިޔާއެއްޗެއް ނޭނގޭފަދަ ޢިބާރާތްތަކަކުން އެއްޗެހިތަކެއްކިޔުން. އެގޮތުން އެކަންކުރުމުގައި ޖިންނި ޝައިޠާނުންގެ ނަންތައް(މީހުން އަޑުއަހައި ނޫޅެ ކަހަލަ ބީރައްޓެހި ނަންތައް) ކިޔައި އެތަކެތީގެ ކިބައިން ސިޙުރުވެރިން އެހީއަށް އެދެއެވެ.

6– އަންދާފައިވާ ކަރުދާސްތަކެއް ސިޙުރުވެރިޔާ ބަލިމީހާއަށް ދެއެވެ. އަދި އޭގެ ބޭނުންކޮށްގެން އާވިއަރުވައި ސިޙުރުވެރިޔާ އެދޭގޮތަކަށް ކަންކަން ކުރުމަށްބުނެއެެވެ.

7– އިރުގެއަލި ނުވަންނަގޮތަށް ބަންދުވެފައި ހުންނަ ކޮޓަރިއެއްތެރޭގައި ހުރެ، ވަކި ވަޤުތެއް ވަންދެން އެހެންމީހުން ބޭރަށް ނެރުމަށް ބަލިމީހާއަށް އެންގުން. (ބަލިމީހާއާއި ސިހުރުވެރިޔާ އެކަހެރިވުމަށް)

8– ބައެއްފަހަރު ވަކި މުއްދަތެއް ވަންދެން ފެނުގައި ނުޖެހި ހުރުމަށް ބަލިމީހާ އަށް އަންގައެވެ. އެ މުއްދަތަކީ ގިނަފަހަރަށް 40 ދުވަހެވެ.

9– ބިމުގައި އެއްޗެހި (ސިޙުރު ހަދާފައިވާ ތަކެތި) ވަޅުލުމަށް ބަލިމީހާއާއި ހަވާލުކުރެއެވެ.

10– ސިޙުރުވެރިޔާގެ ކުރިމަތީގައި ބަރަހަނާވުމަށް ބަލިމީހާގާތު އެދެއެވެ.

11– އަކުރުތައް ވަކި ވަކިން ހުންނަގޮތަށް (ސިހުރުގެ ބަސްތައް އަރަބިބަހުން ނުވަތަ ޤުރުއާނުގެ އާޔަތްތައްވިޔަސް އަދި ﷲ ތަޢާލާގެ އިސްމުފުޅުތައްވިޔަސް އެއަށް އިހާނަތްތެރިވާގޮތަށް) ގަނޑެއްގައި ނުވަތަ ތައްޓެއްގައި ސިޙުރުވެރިޔާ ބަލިމީހާއަށް ލިޔެދެއެވެ. އަދި އެ ކަރުދާސްގަނޑު ގައިގެ ތަނެއްގައި ތަވީދުގެ ގޮތުގައި ނުވަތަ އެހެންވެސް ގޮތަކަށް ހަށިގަނޑުގައި ނުވަތަ ގޭގައި ހަރުކުރުމަށް އަންގައެވެ. އަދި އެ ލިޔެދިން ތަށިން ފެންބުއިމަށް އެންގުން.

12– ސިޙުރުވެރިޔާ ދޭ ޚާއްސަ ހެދުމެއް ލުމަށް ބަލިމީހާ ކައިރީބުނެއެވެ. އޭގެ ބޭރުފުށުން އާދައިގެ ހެދުމަކާއި ތަފާތެއް ނުފެނުނުނަސް، އެތެރޭގައި ފޮރުވިފައިވާ ގޮތައް ސިޙުރު ރަމްޒުކޮށްދޭ ލިޔުންތައް ލިޔެފައި ހުރެއެވެ. އޭގެ ސަބަބުން ބަލިމީހާގެ ބަލި ވަނީ އިތުރެވެ.

މީގެތެރެއިން ޢަލާމާތެއް އެފަދަ މީހެއްގެކިބައިން ފެނިއްޖެނަމަ އެމީހަކާއި މުޅީން ދުރުވާށެވެ. އެހެނީ ޝަރުޢީ ގޮތުން ހުއްދަވެގެންވާ ގޮތުގައި، ކީރިތި ޤުރުއާނާއި ސުންނަތުގެ އަލީގައި ހުއްދަ ރުޤުޔާ ހަދާ ރާޤީއެއްގެ ކިބައިން އެ ޞިފަތަކެއްނުފެންނާނެއެވެ.

ދިސަލަފިއްޔާ - އަލް އަޚް ބިލާލް ޢަބްދުއްސައްތާރު

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހުސައިން އިބްރާހިމް

    ސިހުރުހަދާމީހާދެނެގަންނަނީކީއްކުރަން ހަރާންކަމެއް

  2. ބާސިތު އަބްދުﷲ

    މިހާރު ރާއްޖޭގައި ރުގުޔާކުރާ ގިނަ މީހުންނަކީ އެކަން އާމްދަނީއެއްގެ ގޮތުގައި ކުރާ މީހުންނެވެ. އެފަދަ މީހެއްކައިރިޔަށް ބަލިމީހަކު ގޮސްފި ކަމަށް ވާނަމަ އެބަލިމީހާ ހުރީ ވަރަށް ނުރަށްކާތެރި ހާލަތެއްގައި ކަމަށް ބުނެ އެހެން ރާގީން ކާރިޔަށް ގޮސްފިނަމަ ފުރާނަ ގެއްލިދާނެ ކަމަށް ބުނެ ދޮގާއި މަކަރުން އެކޭސް ތެރެއަށް ވަދެ ގިނަ އަދަދެއްގެ ފައިސާ އަތުލައެވެ. އަދި ބަލިމީހާ އަށް ފަރުވާ ކޮށް ކޮށް ކޮޅެއް ނުފެނުމުން އިތުރު ދޮގުތަށް ހަދައި އެބަލިމީހާ އާއިގުޅުން ކަނޑައެވެ. މިއީ އސްލުގައި ރުގުޔާ ނުދަންނަ މީހުންނެވެ. މިފަދަ ނޭނގޭ މީހުން ލައްވައި ރުގުޔާ ކުރުމުން ބަލިމީހާގެ އަސްލު މައްސަލަ ނުހޯދި ޝައިތާނާ އަށް އަނިޔާވެ މައްސަލަ ހައްލު ނުވުމުން ރަނގަޅު ރާގީއެއް ކާރިޔަށް ދާއިރު ޝައިތާނާ ބަދަލު ހިފުމުގެ ގޮތުން ބަލިމީހާއަށް މާބޮޑު ވޭނެއް ޖައްސައެވެ. ނަތީޖާއަކީ މައްސަލަ ހައްލުކުރުމުގެ މުއްދަތު ދިގުވުމާއި އުނދަގޫވުމެވެ. މިއީ އާންމު ކޮށް މިހާރު ހިނގަމުންދާކަންކަން. ރާއްޖޭގައި އެބަތިބި ރުގްޔާ ކުރުމުގެ އިލްމާއި ހިލްމު ﷲ ދެއްވަވާފައި ތިބި މަދު 2، ނުވަތަ 3 މީހަކު.

    މީހަކަށް ރޫހާނީ އުނދަގުލެއް ވާކަމުގެ އިހުސާސް ކުރެވިއްޖެ ނަމަ އެންމެ މޮޅުގޮތަކީ އަމިއްލަޔަށް އެކަމުން ސަލާމަތް ވުމަށް މަސައްކަތްކުރުން.
    ގަބޫލުކުރަންވީ ކަމަކީ އެއްވެސް މީހަކު އަނެކާއަށް ޝިފާއެއްނުދެވޭނެކަން، އަދި ޝިފާ އަންނަނީ ﷲ ތައާލާގެ ހަޒުރަތުންކަން، ޝިފާއަށް އެދި އެކަލާންގެ އަށް “ދެންނެވުމުން” އިރާދަ ކުރައްވަވާ އަޅަކަ އެކަން ފުރިހަމަވެގެން ދާނެ. ރުގުޔާ އަކީ ވެސް ﷲގެ އަޅާ އަށް ޝިފާއަށް އެދި އެކަލާންގެ އަށް ދަންނަވާ ހާއްސަ ދެންނެވުމެއް.( ގުރުއާނާއި ސުންނަތާއި ހާއްސަ ދުއާތަކުން).

    14
  3. އަސޭ ލާ

    މިއީ މާ ކުރީގައި ހަ ދާ ސިހުރެއް ގެ ވާހަކަ

    1
    1