އުމުރުން ދުވަސްވީ މީހުންނަށް ކަމޭ ހިތާ، އެ މީހުންނާއި ކަންކަމުގައި ޚިޔާލު ހޯދުމަކީ މާތް ﷲގެ ބަރަކާތް ލައްވާނެ ކަމެއް ކަމަށް ހުކުރު ޚުތުބާގައި ވިދާޅުވެއްޖެއެވެ.

މިއަދުގެ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި ޚުތުބާގައި ވަނީ މާތް ﷲ އަށް އެކަނި އަޅުކަން ކުރުމަށް ފަހު ދެން އަމުރުކުރައްވާފައި ވަނީ އުމުރުން ދުވަސްވީ މީހުންނާއި މައިންބަފައިންނަށް އިހުސާންތެރިވުމަށް ކަމަށެވެ.

އަދި އިސްލާމީ މަތިވެރި އަޚްލާޤީ ސިފަތަކުގެ ތެރޭގައި ޢުމުރުން ދުވަސްވީ މީހުންނަށް އަޅާލުމާއި، އެމީހުންގެ ޙައްޤުތައް ދެނެގަނެ، އެ ޙައްޤުތަކަށް ރައްކާތެރިވުން ހިމެނޭކަން ވަނީ ހަނދުމަކޮށްދީފައެވެ.

އަދި އެ މީހުންނަށް އަދަބު އިޙްތިރާމް އަދާކުރުމަށް އިސްލާމް ދީނުގައި އަމުރު ކުރައްވާފައިވާ ކަމަށް ހުތުބާގައިވެއެވެ.

މިއަދު ޢުމުރުން ދުވަސްވެ ގައިބާރު ދެރަވެފައިވާ ބަޔަކަށް ވިޔަސް، އެއީ ދުނިޔޭގައި ގިނަދުވަހު އުޅެ ގިނަ ތަޖުރިބާ ތަކެއް ކޮށްފައިވާ ޤައުމުގެ އިސް ރަށްވެހިންކަމުން އެ މީހުން ކަންކަމުގައި ބައިވެރިވުމަށް އިސްކަންދިނުމަށް ޙުތުބާގައި ވަނީ އިލްތިމާސްކޮށްފައެވެ.

ހަމައެހެންމެ އިސް ރަށްވެހިންނަކީ ގައިން ދާއޮހުރުވައި، ބޮޑެތި ޤުރުބާނީތަކެއް ވެފައިވާ މީހުން ކަމަށް ވުމުން، އެމީހުންނަށް ދޭން ޖެހޭ ޙައްޤު ޤަދަރާއި، އިޙްތިރާމު ދިނުމަށް އިސްލާމް ދީނުގައި ވަނީ އަމުރު ކުރައްވައި، ވަޞިއްޔަތް ކުރައްވާފައިވާ ކަން ހުތުބާގައި ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން ވާހަކަދެއްކުމާއި މުއާމަލާތުކުރުމުގައި ރިވެތި ގޮތުގައި އަދަބާއި އެކު މުއާމަލާތުކުރުމަށާ، އަޅާލުމާއި ލޯތްބާއި ކަމޭ ހިތުމަށް ވެސް ހުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.

" ލޮބުވެތި މުސްލިމު އަޚުންނޭވެ! ބޮޑެތި މީހުންނަށް އިޙްތިރާމު ކުރުމަކީ އިސްލާމީ މަތިވެރި އަގުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެއީ ހަމައެކަނި ރީތި އާދަކާދަ އާއި، ރިވެތި ސުލޫކެއް ނޫނެވެ. އެހެނެއްކަމަކު، އެއީ އިސްލާމީ އަދަބެކެވެ. އެއީ އިސްލާމީ އަދަބެކެވެ. އިސްލާމް ދީނުގައި ވާޖިބު ކުރައްވާފައިވާ މަތިވެރި އަޅުކަމެކެވެ." ހުތުބާގައިވެއެވެ.

މީގެ އިތުރުން، އިސްލާމީ މުޖުތަމައުގައި ބޮޑެތި މީހުންނަށް ޚާއްސަ ގަދަރަކާއި އިހުސާންތެރިކަމެއް ވަނީ ދީފައިކަން ފާހަގަކޮށް ޚުތުބާގައި ވަނީ އުމުރުން ދުވަސްވީ މީހުންނަށް މަލާމާތް ކުރުމާއި، އިހާނެތިކޮށް ހިތުންފަދަ ކަންކަން މިހާރު މުޖުތަމައުގައި ދިމާވާތީ އެކަމުގެ ކަންބޮޑުވުން ޙިއްސާކޮށްފައެވެ.

އެގޮތުން ނަފްސާނީ ގޮތުން ބަލިކަށި ކުރުމަށް އެކަހެރިކޮށްލުމާއި، ޖިސްމާނީ އަނިޔާދިނުން ފަދަ ލަދުވެތި ކަންކަން އާއިލާ އާއި، އާއިލާ ނޫން ދުރުހިލޭ މީހުންގެ ފަރާތުންވެސް ކުރިމަތވާކަން ޚުތުބާގައި ވަނީ ފާހަގަކޮށްފައެވެ.

"މައިންބަފައިންގެ ގައިގައި އާރާއިބާރު ހުންނައިރު، މާމަކާފަ ކުދިން ބަލާ، ނުވަތަ ގޭގައި މަސައްކަތްކުރާ މަސައްކަތު މީހުންގެ ގޮތުގައި އެ ލޮބުވެތި މައިންބަފައިން އުޅެންޖެހޭކަމީ މަދުން ނަމަވެސް މުޖުތަމަޢުން ފެންނަ ހިތްދަތި މަންޒަރެކެވެ. އެފަދަ މައިންބަފައިން ދުވާލުދާ ހަތަރުދަމު، ހިންދެމިލާނެ ވަގުތެއްނެތި 24 ގަޑިއިރުހެން އުޅެންޖެހެނީ މާމަ ނުވަތަ ކާފަ ދަރިން ބެލުމަށާއި ގޭތެރޭގެ މަސައްކަތުގައި އަވަދިނެތިއެވެ. " ޚުތުބާގައި ވެއެވެ.

މިފަދައިން ބުރަކޮށް އުޅެން ޖެހުމުން ނަމާދުކޮށް ޤުރުއާނުން ކިޔަވާނެ ވަގުތެއް ވެސް ނުވާ އެތައް ބަަކު އެބަ ތިބި ކަމަށާއި، މަސައްކަތްތައް
ކުރެވޭނެ ބާރެއްނެތި ބަލިޙާލުގައި އުޅެންޖެހޭ ދުވަހު މައިންބަފައިންނަށް އިހާނެތިކޮށް ހިތާ އެ މައިންބަފައިން ގެއިން ނެރެލުމަކީ މިއަދު މި މުޖުތަމައުއިން ފެންނަ ކަމެއްކަމަށް މިއަދުގެ ޚުތުބާގައި ވެއެވެ.

އެގޮތަށް އަމަލު ކުރުމަކީ އިސްލާމް ދީނުގައި ނަހީ ކުރައްވާފައިވާ ކަމެއް ކަމަށާއި، އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިންނަށާއި އުމުރުން ދުވަސްވީ މީހުންނަށް އިހުސާންތެރިވެ އޯގާތެރިވުމަކީ އިސްލާމް ދީނުގައި ވަރަށް ބޮޑަށް ބާރު އަޅުއްވާ ކަމެއްކަން މިއަދުގެ ޚުތުބާގައި ތަކުރާރުކޮށް ފާހަގަކުރައްވާފައި ވެއެެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢަލީ

    ވިޔަފާރިވެރިންގެ މިސްކިތުގެ ސައުންޑު ސިސްޓަމް ރަނގަޅު ކުރާނީ ކޮން ދުވަހަކުންހޭ! ޚުޠުބާ/ޤުރްއާން/ދުޢާ ކިޔާ އިރު، ކިޔާ އެއްޗެއް ސާފުނުވޭ!