(ނޯޓް: މިއީ ރޯދަމަަހަށް ޚާއްޞަކޮށް، ދީނީ، އިޖްތިމާޢީ އަދި އަޚްލާޤީ މައްސަލަތަކަށް އަލިއަޅުވާލެވި ތައްޔާރުކުރެވޭ ކުރު ލިޔުންތަކެކެވެ! ތަފާތު އެކި މައުޟޫތަކަށް މި ލިޔުންތަކުގައި އަލިއަޅުވައި ލެވޭނެއެވެ.)

ފުރްޤާން މިސްކިތަށް އެއްދުވަހެއްގެ މަޣްރިބް ގަޑީގައި އަޅުގަނޑު ދިޔައީމެވެ. އެގޮސް ސައިކަލް ޕާކްކޮށްލައި، މިސްކިތަށް އަރަންވެގެން ހިނގައިގަތް ގަޑީގައި، ފެންނަ މަންޒަރަކީ އެމިސްކިތުގެ އަނެއްފަރާތުގައި އަމީނީމަގަށްވާގޮތަށް ހަދާފައިއިން ފުޓްސަލް ދަނޑެއްގައި، ޒުވާން ޢުމުރުގެ ބާލިޣުވެ، ބޮޑެތިވެފައިވާ ދިވެހި ދަރިންތަކެއް، ނަމާދަށް ބަންގި ގޮވައި، ނިމި، ޤަމަތް ދިންއިރުވެސް ހަމަ ފުޓްބޯޅަ ކުޅުމުގައި މަޝްޣޫލުވެފައިވާ މަންޒަރެވެ. މިސްކިތް އެހެރީ އެތާ 'ބުޑު' އެވެ. ބަންގިގޮވަނީ ވަރުގަދަ ލައުޑަކުންނެވެ. ނަމާދަށް އެހެރަގެން މީހުން އަރަނީއެވެ. ކުޑަކުދިންނެވެ. ބޮޑެތި މީހުންނެވެ. ނަމަވެސް އަޅުގަނޑު ދެންނެވި އެއްކަލަ 'ގްރޫޕަށް' މިސްކިތް ނުފެންނަ ކަހަލަ އެވެ. ބަންގީގެ އަޑު ނީވޭ ކަހަލައެވެ. ހިތްތައް ތަޅުލެވިފައިވާ ކަހަލައެވެ. ތިޔަބޭފުޅުން ވިދާޅުވެބައްލަވާށެވެ! މިވަރު ފުކެއް ބޮޑުވަރެއް ނޫންހެއްޔެވެ؟ ލަދެއްވެސް ހަމަނެތީބާއެވެ.

ލޮބުވެތި އަޚުންނެވެ! ކުޅިވަރުގެ ތެރެއިން އިސްލާމްދީނުގައި ސީދާ މަނާވެގެންވާ ޒާތުގެ ކަންކަން އެބަހުއްޓެވެ. މިސާލަކަށް ޖުވާކުޅުން ފަދަ ކަންކަމަކީ ދުވަހަކުވެސް ހުއްދަނުވާނެ ކަންކަމެވެ. މިއިން ކުޅިވަރަކާއި ވައިއެޅުންވެސް ހުއްދައެއް ނޫނެވެ. ނަމަވެސް ދެންހުންނަ ކުޅިވަރަކީ އޭގެ ޒާތުގައި ހުއްދަ ނަމަވެސް، އެކުޅިވަރެއް ކުޅޭގޮތުން އެކަމެއް އެބަޔަކަށް މަނާވާ ކަހަލަ ކުޅިވަރެވެ. މިސާލަކަށް ފުޓްބޯޅަ އަކީ ހަމަ ހުއްދަ ކުޅިވަރެކެވެ. އެންމެންވެސް ފުޓްބޯޅަ ކުޅުމަށް ލޯބިކުރެއެވެ. ޚުދު އަޅުގަނޑުވެސް ވަރަށް ޝައުޤުވެރިވާ ކުޅިވަރެކެވެ. ނަމަވެސް 'އެއްކަލަ ގްރޫޕް' ހެން ނަމާދު އަޅާފައި، ނުވަތަ މިސްކިތުގެ ޙުރުމަތް ކަނޑައިފައި ކުޅުމަކީ ހުއްދަކަމެކޭ ބުނެވޭނީ ކޮން އުޞޫލަކުން ހެއްޔެވެ؟ ވިސްނަވާށެވެ! މިތާ ހަރާމްވަނީ ކުޅޭ ކުޅިވަރެއް ނޫނެވެ. ކުޅެވޭ ގޮތެވެ.

އަދި ހަމައެނެއް މިސާލަކީ އަންހެނުން ފިރިހެނުން 'މިކްސް' ވެގެން ކުޅެވޭ އެކި ޒާތްޒާތުގެ ކުޅިވަރުތަކެވެ. މިސާލަކަށް ފެންކުޅި އެވެ. މި 'މިކްސް' ވުން ހިނގާނަމަ މިކަމަކީވެސް ޝައްކެއްނެތް ގޮތުގައި ޙަރާމް ކަމެކެވެ. ސަބަބަކީ ހިލޭ 2 މީހަކު އެކަކު އަނެކަކު ގަޔަށް އައްލައި އުޅުން ވަނީ ކާއިނާތުގެ ވެރި ރައްބު މަނާކުރައްވާފައިވުމެވެ.