ކޮންމެ އަހަރަކު ދުނިޔޭގެ އެކޮ ކަންކޮޅުތަކުން، އެތައް ހާސް ބަޔަކު މައްކާގައި ހުންނަ މާތްވެގެންވާ ގެފުޅަށް ހައްޖު ވުމަށާއި އުމްރާވުމަށް ޒިޔާރަތްކުރާއިރު، ކައުބާގެ އިރުމަތީ ފަޅީގައި ބެހެއްޓިފައިވާ ހިލަކޮޅު ދުށުމަށް ގިނަ ބަޔަކު ޝަޢުޤުވެރިވެއެވެ. ކަޅުކުލައިގެ މި ހިލަކޮޅަކީ ސުވަރުގެއިން ދުނިޔެއަށް ގެނެވިފައިވާ ހިލަކޮޅެއް ކަމަށް ވެއެވެ. މި ހިލަކޮޅަށް ދެވިފައިވާ ނަމަކީ، "ހަޖަރުލް އަސްވަދު" އެވެ.

ސުވަރުގެއިން ދުނިޔެއަށް ގެނެވުނުއިރު، ހުދުކުލައިން އޮންނަ މި ހިލަކޮޅަކީ ގެފުޅު ބިނާކުރެވުނުއިރު ސަލާމްލެއްވި އިބްރާޙީމްގެފާނަށް، ވަޙީގެ މަލާއިކަތާ ޖިބްރީލް ޢަލައިހިއްސަލާމް އެރުއްވި ހިލަކޮޅެކެވެ.

ކައުބާގައި ބެހެއްޓިފައިވާ މި ހިލަކޮޅުގައި ވަނީ ރިހިން ހަދާފައިވާ ފްރޭމެއް ހަރުކޮށްފައެވެ. މި ފްރޭމުގެ ތެރޭގައި ހަޖަރުލް އަސްވަދުގެ ހިލަކޮޅުތައް ބެހެއްޓިފައިވާއިރު، ހިލަކޮޅުތައް ހުންނަނީ އޭގެތެރޭގައި ޚާއްސަ މައުދަނެއް ބޭނުންކޮށްގެން ހަރުކުރެވިފައެވެ.

ހަޖަރުލް އަސްވަދުގެ އަށް ހިލަކޮޅު މިއަދުވެސް ފެންނާން ހުރިއިރު، އެންމެ ކުޑަ ހިލަކޮޅުގައި ހުންނަނީ ގާތްގަނޑަކަށް އެއް ސެންޓިމީޓަރެވެ. އަދި އެންމެ ބޮޑު ހިލަކޮޅު ދެ ސެންޓިމީޓަރަށްވުރެ ބޮޑެއް ނޫނެވެ. މިއިން ކޮންމެ ހިލަކޮޅެއްގެ ބޮޑުމިންވެސް ތަފާތެވެ. މި ހިލަކޮޅުތަކަކީ ކުރިން އެއްކޮށް އޮތް، ގާތްގަނޑަކަށް 110 ސެންޓިމީޓަރު ހުންނަ ހިލަކޮޅެއް ކަމަށް ވެއެވެ.

ހިޖުރައިން 339 ވަނަ އަހަރު ޝިއައީ މުސްލިމުންގެ ޖަމާޢަތަކުން މި ހިލަކޮޅު އެއްކޮށް ވަނިކޮށް ކައުބާއިން ގެންދިޔައެވެ. އެއަށްފަހު ސައުދީ އަރަބިއްޔާގެ އަހްސާ އާއި އިރާޤުގައިވެސް ހިލަކޮޅު ރައްކާ ކުރެވުނެވެ. ހިލަކޮޅު ކައުބާއިން ގެންދެވުނުފަހުން ވީ މުއްދަތުގެ ތެރޭގައި އެ ހިލަކޮޅު ބައިބަޔަށް ވަކިވެ ވަކި ހިލަކޮޅުތަކަކަށް ވިއެވެ. އެ ޖަމާޢަތުގެ އަތްދަށުން ހިލަކޮޅު ފަހުން ކައުބާއަށް އަނބުރާ ގެނެވުނު ނަމަވެސް، އެކަން ހިނގާފައިވަނީ ސީދާ ކޮން އަހަރެއްގައި ކަމެއް އެނގޭކަށް ނެތެވެ.

މިހާރު ހަޖަރުލް އަސްވަދު ސާފުކުރުމާއި އެކު، ބޭރުގައިވާ ރިހިކަވަރު ފޮހެ ސާފުކުރުމާއި އަދި ހިލައިގައި މީރުވަސް ދުވާ ހުވަންދުލުމާއި އެކު ހިލަ ބެލެހެއްޓުމުގެ ހުރިހައި މަސައްކަތް ކުރިއަށްގެންދަވަނީ، ސައުދީގެ ޝެއިޚް މުހައްމަދު މަހްމޫދު ބަދްރުގެ އާއިލާއިންނެވެ. ފައިސަލް އާއެކު އެ މަސައްކަތުގައި އޭނާގެ ދަރިންވެސް ބައިވެރިވެއެވެ. ޝެއިޚް ބަދްރު އެ މަސައްކަތް ކުރައްވަމުން އައި ގޮތް އޭނާގެ ގާތުން ދަސްކޮށްގެން މަސައްކަތް މިއަދާއި ހަމައަށްވެސް ކުރަމުން އަންނަނީ އޭނާގެ ދަރިންނާއި، ދަރިންގެ ދަރިންނެވެ.

ގެފުޅަށް ގޮސް ހައްޖުވާ ހައްޖުވެރިން، ހަޖަރުލް އަސްވަދަށް ބޮސް ދިނުމަކީ ވަރަށް ގިނައިން ފެންނަ މަންޒަރަކަށް ވާއިރު، ތަވާފް ކުރަން ފެށުމުގެ ކުރިން ހަޖަރުލް އަސްވަދަށް ބޮސް ދިނުމާއި، އެ ހިލަކޮޅާއި ކައިރި ނުވެވޭނަމަ ހިލަކޮޅު ބެހެއްޓިފައިވާ ދިމާލަށް އިޝާރާތްކުރުންވެސް ހުއްދަވެގެން ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޝުކުރިއްޔާ

    މިއީ ޚާއްޞަކޮށް ކޮންމެ މުސްލިމަކަށް ވެސް އެނގެންޖެހޭ ވަރަށް މުހިންމު މަޢުލޫމާތު ކޮޅެކެވެ. މުޙައްމަދު އަޒްހީމަށް ﷲ ހެޔޮ ރަޙުމަތް ލައްވާށި! އާމީން

    14
    1
  2. ާއަލި

    އިތުރު މަޢުލޫމާތު ހިމަނައިގެން އަދިވެސް އިތުރު ލިޔުމެއް ލިޔުއްވާނެ ކަމަށް އުންމީދު ކުރަން. جزاك ﷲ