الحمد لله رب العالمين. والصلاة والسلام على أشرف الأنبياء والمرسلين وبعد:

ހުކުރު ދުވަހަކީ ހަފުތާގެ އެންމެ މާތް ވެގެންވާ ދުވަހެވެ. އަދި އެދުވަހަކީ މުސްލިމުންގެ މައްޗަށް އަންނަ ހަފުތާގެ ޢީދު ދުވަހެވެ. މިދުވަހު މުސްލިމުންގެ މައްޗަށް ހުކުރު ނަމާދު ކަނޑައަޅުއްވައި މިދުވަހަކީ މުސްލިމުންގެ މައްޗަށް އަންނަ ޚާއްޞަ ދުވަހެއްކަމުގައި ލައްވަވާފައިވެއެވެ. އަދި މިދުވަހު ކުރުމަށް އެތައްކަމެއް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ އަޅުގަނޑުމެންގެ މައްޗަށް އިރުޝާދު ދެއްވާއެވެ.

އެގޮތުން ބައެއްކަންކަން ތިރީގައި ފާހަގަކޮށްލާނަމެވެ.

ހ. ހުކުރު ވިލޭރެއާއި(ބުރާސްފަތި ދުވަހުގެ ރޭ) އަދި ހުކުރު ދުވަހު ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް ޞަލަވާތް ކިޔެއްވުން ގިނަކުރުން.

ޙަދީޘްގައި އައިސްފައިވެއެވެ. (إِنَّ مِنْ أَفْضَلِ أَيَّامِكُمْ يَوْمَ الْجُمُعَةِ، فَأَكْثِرُوا عَلَيَّ مِنَ الصَّلَاةِ فِيهِ) (رواه أبو داود: 1531 و صححه الألباني)

މާނައީ: "ހަމަކަށަވަރުން ތިޔަބައިމީހުންގެ މައްޗަށްވާ އެންމެ މާތް ދުވަހަކީ ހުކުރު ދުވަހެވެ. ފަހެ އެދުވަހުގައި(ހުކުރު ވިލޭރެއާއި ދުވަހުގައި) ތިޔަބައިމީހުން ތިމަންކަލޭގެފާނުގެ މައްޗަށް ޞަލަވާތް ކިޔެވުން ގިނަކުރާށެވެ."

ށ. ހުކުރު ދުވަހު ހިނައިގަތުން.

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(غُسْلُ يَوْمِ الجُمُعَةِ وَاجِبٌ عَلَى كُلِّ مُحْتَلِمٍ) (رواه البخاري في صحيحه: )2655
މާނައީ: "ބާލިޣުވެފައިވާ ކޮންމެ މީހަކަށް ހުކުރު ދުވަހުގެ ހިނައިގަތުމަކީ ވާޖިބުވެގެންވާ ކަމެކެވެ."

ނ. ދަތްއުނގުޅުމާއި(ސިވާކުރުމާއި)، ސާފުތާހިރުވުމާއި، ހުވަނދުލުން (ސެންޓުޖެހުން).

ހުކުރު ދުވަހު ދަތްއުނގުޅައި އަދި ހުވަނދު ލުމަކީވެސް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަމުރުކުރައްވާފައިވާ ކަމެކެވެ. ޙަދީޘްކުރައްވާފައިވެއެވެ.

(غُسْلُ يَوْمِ الْجُمُعَةِ عَلَى كُلِّ مُحْتَلِمٍ، وَسِوَاكٌ، وَيَمَسُّ مِنَ الطِّيبِ مَا قَدَرَ عَلَيْهِ) (رواه مسلم في صحيحه: 846)

މާނައީ: "ބާލިޣުވެފައިވާ ކޮންމެ މީހަކަށް ހުކުރު ދުވަހު ހިނައިގަތުމާއި އަދި ދަތްއުނގުޅުމާއި (ސިވާކު ކުރުމާއި) އަދި އެމީހަކަށް ވީ މިންވަރަކުން ސެންޓުޖެހުން (ޢަތަރުލުން) ވެއެވެ."

ރ. ކަހަފް ސޫރަތް ކިޔެވުން.

ހުކުރު ދުވަހު ކަހަފް ސޫރަތް ކިޔެވުން ސުންނަތް ވެގެންވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. مَنْ قَرَأَ سُورَةَ الْكَهْفِ فِي يَوْمِ الجُمُعَةِ أَضَاءَ لَهُ مِنَ النُّورِ مَا بَيْنَ الجُمُعَتَيْنِ " (رواه البيهقي 526 و حسنه ابن حجر و صححه الألباني)

މާނައީ: ހުކުރު ދުވަހު ކަހަފް ސޫރަތް ކިޔަވައިފިމީހަކަށް ދެހުކުރު ދެމެދުގައި އެމީހަކަށް (އަލިކުރާ) ނޫރެއް ދެއްވޭހުއްޓެވެ"

އިމާމު ޝާފިޢީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. މިޙަދީޘުން ހުކުރު ދުވަހުގެ ރެޔާއި އަދި ހުކުރު ދުވަހު ކަހަފް ސޫރަތްކިޔެވުން ސުންނަތް ކަމަށް ދަލީލުކުރެއެވެ.

ހުކުރު ދުވަހު ނުކިޔެވުނު ނަމަ ހަފުތާގެ ކޮންމެ ދުވަހެއްގައި ކިޔެވިކަމުގައި ވިޔަސް މައްސަލައެއްނެތެވެ.

ނިންމުން.

އަދިވެސް ހުކުރު ދުވަހުގައި ކުރުމަށް ވާރިދުވެފައިވާ އިތުރު ސުންނަތްތައް އައިސްފައިވެއެވެ. މި ލިޔުމުގެ ދެވަނަ ބައިގައި އިތުރު ސުންނަތްތައް ހުށައަޅާލާނަމެވެ. ހުކުރު ދުވަހަކީ އަޅުގަނޑުމެން މުސްލިމުންނަށް ހަފުތާގައި އަންނަ އެންމެ ހެޔޮވެގެންވާ ދުވަހެވެ. ވީމާ މިދުވަހުގެ ހެޔޮކަން އަޅުގަނޑަށާއި އަދި ތިހުރިހާ ބޭފުޅުންނަށް ދެއްވުމަކީ އަޅުގަނޑުގެ ދުޢާއެވެ. އަދި ކޮންމެ ހުކުރު ދުވަހަކީވެސް އަޅުގަނޑުމެންގެ މައްޗަށްވާ ބާއްޖަވެރި ދުވަހެއްކަމުގައި ލެއްވުން އެދި ﷲގެ ކިބައިން ދަންނަވަމެވެ.

وصلى الله وسلم على محمد و آله صحبه أجمعين. آمين.