4 ވަނަ ބައި

ﷲގެ އިލާހުވަންތަކަމަށް އީމާންވުމާއި ގުޅޭކަންތައްތައް.

"ދެވަނަކަމަކީ: ﷲއަށް އީމާންވުމުގައި ﷲގެ އިލާހުވަންތަކަމަށް އީމާންވުމުގައި ހިމެނޭކަންކަން.

އެބަހުގެ މުރާދަކީ ﷲ ސުބުޙާނަހޫ ވަތަޢާލާއަކީ އެއްކައުވަންތަ ޙައްޤު އިލާހުކަމަށް

ތިބާގެ ހިތުން އިޢިތިޤާދުކުރުމާއެކުގައި، ތިބާގެ ދުލުން އިޤުރާރުވުމެވެ. އެއިލާހުގެ އެއްކައުވަންތަކަމުގައި އެއްވެސް ޝަރީކަކު ނުވެއެވެ. އަދި އެއިލާހު ފިޔަވައި އަޅުކަންކުރެވޭ ހުރިހާ ފަރާތްތަކަކަކީ ބާޠިލު އިލާހުންތަކެކެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

(ذَٰلِكَ بِأَنَّ اللَّـهَ هُوَ الْحَقُّ وَأَنَّ مَا يَدْعُونَ مِن دُونِهِ هُوَ الْبَاطِلُ وَأَنَّ اللَّـهَ هُوَ الْعَلِيُّ الْكَبِيرُ) سورة الحج: 62.

މާނައީ: " އެހެނީ ހަމަކަށަވަރުން، اللَّه އީ ޙައްޤުވަންތަ ރަސްކަލާނގެއެވެ. އަދި ހަމަކަށަވަރުން، އެކަލާނގެ ފިޔަވައި، އެއުރެން އަޅުކަންކުރާ ތަކެއްޗަކީ އެއީ ބާޠިލު ތަކެއްޗެވެ. އަދި ހަމަކަށަވަރުން، اللَّه އީ އެންމެމަތިވެރި އެންމެ ބޮޑުވެގެންވާ ރަސްކަލާނގެއެވެ."

ﷲ ތަބާރަކަ ވަތަޢާލާގެ އިލާހުވަންތަކަމަށް އީމާންވުމުގައި ހިމެނެނީ އެއްވެސް ބާވަތެއްގެ އަޅުކަމެއް ﷲ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް ނުކުރުމެވެ. ހަމައެކަނި ޙައްޤުގޮތުގައި އަޅުކަންވެވޭ ހަމައެކަނި ޙައްޤު އިލާހަކީ ﷲ ސުބުޙާނަހޫ ވަތަޢާލާއެވެ. އަޅާ ހިތުން ކުރާ އަޅުކަމެއްވިޔަސް އަދި ބަހުންކުރާ އަޅުކަމެއްވިޔަސް އަދި ޢަމަލުންކުރާ އަޅުކަމެއްވިޔަސް ﷲ ސުބުޙާނަހޫ ވަތަޢާލާ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް އަޅުކަންކުރުމެއްނުވެއެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރެއްވިއެވެ.

(يَا أَيُّهَا النَّاسُ اعْبُدُوا رَبَّكُمُ الَّذِي خَلَقَكُمْ وَالَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ) سورة البقرة: 21

މާނައީ: " އެންމެހާ މީސްތަކުންނޭވެ. ތިޔަބައިމީހުންނާއި އަދި ތިޔަބައިމީހުންގެ ކުރީގެ މީސްތަކުން އުފެއްދެވި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް ތިޔަބައިމީހުން އަޅުކަން ކުރާށެވެ. (އަޅުކަންކުރަންވީ) ތިޔަބައިމީހުން ތަޤުވާވެރި ވުމަށްޓަކައެވެ."

އަދިވެސް ވަޙީކުރައްވާފައިވެއެވެ.

(وَاعْبُدُوا اللَّـهَ وَلَا تُشْرِكُوا بِهِ شَيْئًا) سورة النساء: 36.

މާނައީ:" ތިޔަބައިމީހުން، اللَّه އަށް އަޅުކަންކުރާށެވެ. އަދި އެކަލާނގެއަށް އެއްވެސް އެއްޗެއް ޝަރީކު ނުކުރާހުށިކަމެވެ "

އަދިވެސް ވަޙީކުރައްވާފައިވެއެވެ.

(وَقَضَىٰ رَبُّكَ أَلَّا تَعْبُدُوا إِلَّا إِيَّاهُ) سورة الإسراء: 23

މާނައީ: "ކަލޭގެފާނުގެ ވެރިރައްބު، އެއިލާހަށް މެނުވީ އަޅުކަން ނުކުރުމަށް ކަނޑައެޅުއްވިއެވެ."

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

(قَالَ اللَّهُ تَبَارَكَ وَتَعَالَى: أَنَا أَغْنَى الشُّرَكَاءِ عَنْ الشِّرْكِ مَنْ عَمِلَ عَمَلًا أَشْرَكَ فِيهِ مَعِي غَيْرِي تَرَكْتُهُ وَشِرْكَهُ) رواه مسلم في صحيحه : 2985.

މާނައީ: "ﷲ ތަބާރަކަ ވަތަޢާލާ ވަޙީކުރެއްވިއެވެ: ތިމަންއިލާހުވަނީ ޝިރުކުކުރާ މީހުންގެ ޝިރުކުގެ ޢަމަލުގެ ކިބައިން ފުދިވޮޑިގެންނެވެ. މީހަކު ޢަމަލެއްކޮށް އެޢަމަލުގައި ތިމަންއިލާހާ ފަރާތެއް ބައިވެރިކޮށްފިކަމުގައިވާނަމަ އެމީހަކާއި އެމީހެއްގެ ޝިރްކު ތިމަންއިލާހު ދޫކުރައްވާހުށީމެވެ."

އަޅާގެ މައްޗަށް ވާޖިބުވެގެންވަނީ އެއްވެސް ބާވަތެއްގެ އަޅުކަމެއް ﷲ ފިޔަވައި އެހެން ފަރާތަކަށް ނުކުރުމެވެ. އެއީ ނަޛުރު ބުނުން ފަދަ ޤުރުބާންކުރުން ފަދަ ދުޢާކުރުން ފަދަ އެހީއަށް އެދުންފަދަ އަދި ނުރައްކަލުގެ ހާލުގައި ކަންކަމަށް އެދުންފަދަ އަދި ކިޔަމަންވުމާއި ބޯލެނބުން (ﷲއަށް ޚާއްޞަކަންކަމުގައި) އަދި ތައުބާވުމާއި އަދި ނަމާދުކުރުމާއި އަދި ޙައްޖުވުމާއި ޒަކާތްދިނުން ފަދަ އަދި އެހެން އަޅުކަން ތަކުގައެވެ. ﷲ ފިޔަވައި އެހެން ފަރާތެއް (އަޅުކަންކުރުމުގައި) ޤަޞްދުކޮށްފިނަމަ އެކަމަކީ ޝިރުކެވެ."

والله أعلم وصلى الله وسلم على محمد وآله وصحبه أجمعين. آمين.