އިސްލާމުން 73 ބަޔަށް ބައިވެ، އަހުލުއްސުންނާ ފިޔަވައި ހުރިހާ އެންމެން ވަނީ ނަރަކައިގައި ކަމަށް ނަބިއްޔާ ޙަދީޘްކުރައްވާފައިވެއެވެ. އެހެންކަމުން އެބައިމީހުންނަކީ ކޮންބައެއްކަން ހޯދައި އަޅުގަނޑުމެން އެމީހުންގެ ތެރެއިން ވޭތޯ ގަދައަޅައި މަސައްކަތްކުރަން ޖެހެއެވެ.

އަހުލުއްސުންނާ ވަލްޖަމާޢާގެ ބަހުގެ ގޮތުން މާނައަކީ ސުންނަތުގެ އަހުލުވެރިންނާއި އަދި ޖަމާޢަތެވެ. މިނަން އެންމެ ފުރަތަމަ ބޭނުންކުރެއްވި ބޭކަލަކީ ޢަބްދުﷲ ބިން ޢައްބާސް ރަޟިޔަﷲ ޢަންހުއެވެ.

އިސްތިލާޙީގޮތުން އަހުލުއްސުންނާ ވަލްޖަމާޢާ އަކީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައާއި އެކަލޭގެފާނުގެ ޞަޙާބީ ބޭކަލުން ތަބާވެވަޑައިގެންނެވި ގޮތާއި މަންހަޖުގައި ހިފާ މީސްތަކުންނަށް ކިޔާނަމެކެވެ.

އެގޮތުން އިސްލާމް ދީނުގައި އަހުލުއްސުންނާ ވަލްޖަމާޢާ ފިޔަވައި އެހެން ހުރިހާ ޖަމާޢަތެއް ވަނީ ނަރަކައިގައި ކަން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ބަޔާންކުރައްވާފައިވެއެވެ. ސަބަބަކީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެނެސްދެއްވި މަގު ފިޔަވައި އެހެން މަގުތަކަކީ ބާތިލުމަގުތަކެވެ.

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

)إِنَّ أُمَّتِي سَتَفْتَرِقُ عَلَى ثِنْتَيْنِ وَسَبْعِينَ فِرْقَةً كُلُّهَا فِي النَّارِ إِلاَّ وَاحِدَةً وَهِيَ الْجَمَاعَةُ) رواه ابن ماجه 3993.

މާނައަކީ: "ތިމަންކަލޭގެފާނުގެ އުއްމަތް ހަތްދިހަ ތިންބަޔަށް ބައިވާނެއެވެ. ހުރިހާ ބައިތައް ވަނީ ނަރަކައިގައެވެ. އެންމެ ބަޔެއްފިޔަވައެވެ. އަދި އެބަޔަކީ ޖަމާޢަތެވެ."

އަހުލުއްސުންނާ ވަލްޖަމާޢާ ނިސްބަތްކުރެވެނީ މި ޙަދީޘުގައި ނަބިއްޔާ ބަޔާންކުރައްވާފައިވާ ޖަމާޢަތަށް ނިސްބަތްކޮށެވެ. އަހުލުއް ސުންނާ ވަލްޖަމާޢާއަށް އެމާނައިގައި، ކިޔޭ އެހެނިހެން ނަންތަކުގެ ތެރޭގައި އަޙުލުލް ޙަދީޘް، އައްޠާއިފަތުލް މަންސޫރާ އަދި އަލްފިރުޤަތުއް ނާޖިޔާ އަދި އަހުލުލްއަޘަރުހިމެނެއެވެ.

އަހުލުއްސުންނާ ވަލްޖަމާޢާގެ މަންހަޖު

އިސްލާމްދީން ބާތިލުބައިތަކަށް ބައިވެގެންދާއިރު އިސްލާމްދީނުގެ ޞައްޙަ މަގަކީ ނުވަތަ ޙަޤީޤީ މުސްލިމުންނަކީ އަހުލުއްސުންނާ ވަލްޖަމާޢަތަށް ނިސްބަތްވާ މީސްތަކުންނެވެ. އެބައިމީހުންގެ މަގަކީ ޤުރުއާނާއި ސުންނަތާއި އަދި ޞަޙާބީ ބޭކަލުންގެ މަގުގައި ހިފުމެވެ. އަދި އެޔާ ޚިލާފުވާ ހުރިހާ އެއްޗެއް ދޫކޮށްލުމެވެ. މިކަން އެނގިގެންދަނީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މި އުއްމަތް 73 ބަޔަށް ބައިވާނެކަމާއި އަދި އެއްބަޔަކު ސަލަމާތްވެ ސުވަރުގެ ވަންނާނެކަން އެންގެވުމުން ޞަޙާބީން ސުވާލުކުރެއްވިއެވެ. އެބަޔަކީ ކޮބައިތޯއެވެ. އެހިނދު ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. (مَا أَنَا عَلَيْهِ الْيَوْمَ وَأَصْحَابِي) رواه الطبراني في معجم الصغير (726)

މާނައަކީ: "އެއީ އެގޮތެއްގެ މަތީގައި ތިމަންކަލޭގެފާނާއި އަދި ތިމަންކަލޭގެފާނުގެ ޞަޙާބީންވާ ގޮތެވެ"

އެގޮތުން އަންނަނިވި ކަންކަމަކީ އަހުލުއް ސުންނާ ވަލްޖަމާޢާގެ މަންހަޖުގެ ޚާއްޞަބައެއްކަންކަން

ޤުރުއާނާއި ސުންނަތުގައި ހުރިހާ ކަމެއްގައި ހިފެހެއްޓުން.
ޢަޤީދާ އަދި އެހެނިހެން ދީނާއި ގުޅޭކަންކަމުގައި ޞަޙާބީ ބޭކަލުން ޢަމަލުކުރެއްވި ގޮތަށް ޢަމަލުކުރެއްވުން. ސަބަބަކީ އެބައިމީހުންނަކީ ޙައްޤަށް އެންމެ ރަނގަޅަށް ތަބާވެ ވަޑައިގެންނެވި ބޭކަލުންނެވެ.
ޤުރުއާނާއި ސުންނަތުގެ މައްޗަށް އިތުރުގޮތެއް ކިޔައި ރައުޔު އިސްނުކުރުން.
އަދި ދީނުގެ ނަމުގައި އަލަށް އުފެދޭ ކަންކަމުން ދުރުވެ އެފަދަ މަގުތަކަށް ގޮވާލާ މީހުންގެ ކިބައިން ދުރުވުން.
މުސްލިމުންގެ ޖަމާޢަތުގައި ހިފަހައްޓައި އަދި ބައިބައިވުމުން ދުރުވެ ގަތުން.

އަހުލުއް ސުންނާ ޖަމާޢަތުގައި ދެމިހުރުމަށްޓަކައި ކުރަންޖެހޭ ކަންކަން

އަހުލުއްސުންނާ ވަލްޖަމާޢަތުގައި ދެމިހުރުމަށް ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ އަމުރުކުރައްވާފައެވެ. ވަޙީބަސްފުޅުކުރައްވާފައިވެއެވެ. (وَأَنَّ هَـٰذَا صِرَاطِي مُسْتَقِيمًا فَاتَّبِعُوهُ وَلَا تَتَّبِعُوا السُّبُلَ فَتَفَرَّقَ بِكُمْ عَن سَبِيلِهِ ذَٰلِكُمْ وَصَّاكُم بِهِ لَعَلَّكُمْ تَتَّقُونَ) سورة الأنعام 153.

މާނައީ: " އަދި މިއީ ތިމަންރަސްކަލާނގެ ސީދާވެގެންވާ ތެދުމަގެވެ. ފަހެ، އެ މަގަށް ތިޔަބައިމީހުން تبع ވާށެވެ! (އެނޫން) މަގުމަގަށް ތިޔަބައިމީހުން تبع ނުވާށެވެ! (އޭރުން) އެކަލާނގެ މަގުން ތިޔަބައިމީހުން ވަކިވަކިވެގެން ހިނގައިދާނެތެވެ. މިކަންތައްތަކަށް، ތިޔަބައިމީހުންނަށް އެކަލާނގެ وصية ކުރެއްވީ، ތިޔަބައިމީހުން تقوى ވެރިވުމަށްޓަކައެވެ."

އެހެންކަމުން މުސްލިމުންނަށް އަހުލުއްސުންނާ ވަލްޖަމާޢަތުގެ މަގުގައި ހުންނަން ބޭނުންވާ ކަމުގައިވާނަމަ އޮތްގޮތަކީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މަގު އުގެނި އެމަގުގައި ހިފުމެވެ. އެކަންބަޔާންކުރައްވައި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(فَإِنَّهُ مَنْ يَعِشْ مِنْكُمْ فَسَيَرَى اخْتِلَافًا كَثِيرًا، فَعَلَيْكُمْ بِسُنَّتِي وَسُنَّةِ الْخُلَفَاءِ الرَّاشِدِينَ الْمَهْدِيينَ، عَضُّوا عَلَيْهَا بِالنَّوَاجِذِ، وَإِيَّاكُمْ وَمُحْدَثَاتِ الْأُمُورِ؛ فَإِنَّ كُلَّ بِدْعَةٍ ضَلَالَةٌ) رواه أبو داود والترمذي.

މާނައީ: "ތިޔަބައިމީހުންގެ ތެރެއިން ދިރިތިބިމީސްތަކުންނަށް ވަރަށް ގިނަ ޚިލާފުތައް ފެންނާނެއެވެ. އަދި ތިޔަބައިމީހުންގެ މައްޗަށް ވަނީ ތިމަންކަލޭގެފާނާއި އަދި ތެދުމަގު ދައްކާ ޚުލަފާއުއް ރާޝިދޫންގެ މަގުގައި ހިފުމެވެ. އަދި ތިޔަބައިމީހުންގެ ކޮލުދަތްތަކުން އޭގައި ބާރަށް ހިފަހައްޓާށެވެ. އަދި ދީނުގައި އަލަށް އުފެދޭ ކަންކަމުން ރައްކާތެރިވާށެވެ. އަދި ދީނުގެ ނަމުގައި އަލަށް އުފެދޭ ކަންކަމަކީ މަގުފުރެދުމެކެވެ."

އެގޮތުން އަހުލުއް ސުންނާ ވަލްޖަމާޢާގައި ދެމިހުރުމަށްޓަކައި އަންނަނިވި ކަންކަން ކުރަން ޖެހޭނެއެވެ.

ޤުރުއާނާއި ނަބިއްޔާގެ ސުންނަތަށް ޢަމަލުކުރުން.
ޞަޙާބީ ބޭކަލުން ޤުރުއާނާއި ސުންނަތް ނެގި ގޮތަށް ޢަމަލުކުރުން.
ދީނުގައި އައިސްފައިވާ ޣައިބުގައިވާ ކަންކަމާއި އަދިވެސް އެނޫން ކަންކަމުގެ މައްޗަށް އަމިއްލަ ރައުޔު އިސްނުކުރުން.
ދީނުގައި ޢަލަށް އުފެދޭ ކަންކަމުން ދުރުވުން. އެފަދަ ކަންކަމަށް ކިޔާ ނަމަކީ ބިދުޢައެވެ. އެއީ ނަބިއްޔާގެ ސުންނަތުގެ އިދިކޮޅު ސިފައެވެ.
ﷲ އާއި ރަސޫލާގެ އަމުރެއް އަތުވެއްޖެނަމަ އޭގެ މައްޗަށް އެހެން އެއްވެސް ކަމެއް އިސްނުކުރުން.
ކަމަކާއި މެދު އެއްވެސް ޚިލާފެއް ވެއްޖެނަމަ އެކަމެއް ﷲއާއި ރަސޫލާ އެންގެވި ގޮތާއި އެންމެ ކައިރިގޮތަކަށް ކުރުން.

ޙަދީޘްއަކީ ﷲގެ ކިބައިން އައިސްފައިވާ ވަހީބަސްފުޅުކަމަށް އިޤުރާރުވުން. އެކަން ނަޖުމު ސޫރަތުގެ 3 ވަނަ އާޔަތާއި 4 ވަނަ އާޔަތުގައި ﷲވަނީ އަންގަވާފައެވެ.

ކުރުކޮށް މިލިޔުމުގައި މިވަނީ އަހުލުއް ސުންނާ ވަލްޖަމާޢަތަކީ ކޮބައިކަމެވެ. އެބައިމީހުންގެ ތެރޭގައި އަޅުގަނޑުމެން އެންމެން ލައްވައި ހެޔޮރަޙުމަތްލައްވާ އަޅުގަނޑުމެންގެ އެންމެންގެ ފާފަ ފުއްސަވައި ސުވަރުގޭގެ އަހުލުވެރިންގެ ތެރެއިން ލައްވާށިއެވެ.

وصلى الله وسلم على محمد و آله وصحبه أجمعين. آمين.