الحمدلله رب العالمين. والصلاة والسلام على أشرف الأنبياء والمرسلين وبعد:

ތިރީގައިވާ ޙަދީޘްގައި އެވަނީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނުގެ ބޮޑުބޭބެ ދަރިކަލުންކަމަށްވާ އެކަލޭގެފާނުގެ ދެބެންގެ ދެދަރި ބޭކަލެއްކަމުގައިވާ ޢަބްދުﷲ ބިން ޢައްބާސް ރަޟިޔަﷲ ޢަންހުއަށް ކުރައްވާފައިވާ ވަރަށް މުހިންމު ވަޞިއްޔަތުގެ ބަސްފުޅުތަކެކެވެ. އެބަސްފުޅުތަކުގައި އެވަނީ ﷲއަށް ރައްކާތެރިވުމަށް ކުރެވޭނެ ކޮންތައްތަކެއް ކަމާއި އަދި އެކަން ކޮށްފިނަމަ ﷲގެ ރައްކާތެރިކަން ލިބޭނެ ކަމެވެ. އެހެން ކަމުން ﷲ ގެ ރައްކާތެރިކަން ބޭނުންވާ މީހާ ކުރަން އޮތް ކަމަކީ މިއެވެ. އަދި އީމާންކަމުގެ ވަރަށް މުހިންމު ދެކަމެއް ބަޔާންކޮށްދެއްވާފައިވެއެވެ. އެއީ ﷲއަށް ވަކީލުކުރުމާއި އަދި ޤަޟާ ޤަދަރަށް އީމާންވުމެވެ. ވީމާ މީ އަޅުގަނޑުމެން ދަނެ ދަސްކޮށް ފިލާވަޅު ލިބިގަންނަން ޖެހޭ މުހިންމު ކަންކަމެވެ.

)عَنْ عَبْدِ اللَّهِ بْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا قَالَ: "كُنْت خَلْفَ رَسُولِ اللَّهِ صلى الله عليه و سلم يَوْمًا، فَقَالَ: يَا غُلَامِ! إنِّي أُعَلِّمُك كَلِمَاتٍ: احْفَظْ اللَّهَ يَحْفَظْك، احْفَظْ اللَّهَ تَجِدْهُ تُجَاهَك، إذَا سَأَلْت فَاسْأَلْ اللَّهَ، وَإِذَا اسْتَعَنْت فَاسْتَعِنْ بِاَللَّهِ، وَاعْلَمْ أَنَّ الْأُمَّةَ لَوْ اجْتَمَعَتْ عَلَى أَنْ يَنْفَعُوك بِشَيْءٍ لَمْ يَنْفَعُوك إلَّا بِشَيْءٍ قَدْ كَتَبَهُ اللَّهُ لَك، وَإِنْ اجْتَمَعُوا عَلَى أَنْ يَضُرُّوك بِشَيْءٍ لَمْ يَضُرُّوك إلَّا بِشَيْءٍ قَدْ كَتَبَهُ اللَّهُ عَلَيْك؛ رُفِعَتْ الْأَقْلَامُ، وَجَفَّتْ الصُّحُفُ" . رواه الترمذي و صححه.

وَفِي رِوَايَةِ غَيْره: "احْفَظْ اللَّهَ تَجِدْهُ أمامك، تَعَرَّفْ إلَى اللَّهِ فِي الرَّخَاءِ يَعْرِفُك فِي الشِّدَّةِ، وَاعْلَمْ أَنَّ مَا أَخْطَأَك لَمْ يَكُنْ لِيُصِيبَك، وَمَا أَصَابَك لَمْ يَكُنْ لِيُخْطِئَك، وَاعْلَمْ أَنَّ النَّصْرَ مَعَ الصَّبْرِ، وَأَنْ الْفَرَجَ مَعَ الْكَرْبِ، وَأَنَّ مَعَ الْعُسْرِ يُسْرًا(

ޢަބްދުﷲ ބިން ޢައްބާސް ރަޟިޔަﷲ ޢަންހުމާގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. "އެއްދުވަހަކު ތިމަންކަލޭގެފާނު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ފަހަތްޕުޅުގައި ހުރީމެވެ. އެކަލޭގޭފާނު ޙަދީޘްފުޅު ކުރެއްވިއެވެ. "ހަމަކަށަވަރުން ތިމަންކަލޭގެފާނު ކަލޭގެފާނަށް މިއަދު ކަލިމަތަކެއް ދަސްކޮށްދެއްވާހުށީމެވެ.: ﷲއަށް ރައްކާތެރިވާށެވެ. އޭރުން ﷲ ކަލޭގެފާނު ރައްކާތެރިކޮށްދެއްވާނެއެވެ. ﷲއަށް ރައްކާތެރިވާށެވެ. އޭރުން ކަލޭގެފާނަށް މަގުދައްކަވާނެއެވެ. ކަމަކަށް ކަލޭގެފާނު އެދޭނަމަ ﷲގެ ކިބައިން އެދޭށެވެ. ކަލޭގެފާނު އެހީއަކަށް އެދިވަޑައިގަންނަވާނަމަ ﷲގެ ކިބައިން އެހީއާއި މަދަދަށް އެދޭށެވެ. އަދި ދަންނާށެވެ. ހަމަކަށަވަރުން ބަޔަކު މީހުން ކަލޭގެފާނަށް ފައިދާއެއް ކޮށްދިނުމަށް އެއްވިނަމަވެސް ﷲ ލިޔުއްވާފައިވާ ކަމަކުން މެނުވީ އެބައިމީހުންނަށް ކަލޭގެފާނަށް ފައިދާއެއް ނުކޮށްދެވޭނެއެވެ. އަދި އެބައިމީހުން ކަލޭގެފާނަށް ގެއްލުމެއްދޭން އެއްވެއްޖެނަމަ ﷲ ލިޔުއްވާ ކަނޑައަޅުއްވާފައިވާ ކަމަކުން މެނުވީ ކަލޭގެފާނަށް ގެއްލުމެއްނުދެވޭނެއެވެ. ފަހެ ޤަލަންތައް އުފުލިއްޖެއެވެ. އަދި ގަނޑުތައް ހިކިއްޖެއެވެ.(އެބަހީ ﷲ ލިޔުއްވަން ކަނޑައަޅުއްވާފައިވާ ކަންތައްތައް ލިޔުއްވި ނިމިއްޖެއެވެ)."

އަދި ތިރްމިޛީގައިވާ ނޫން އެހެން ރިވާޔަތެއްގައި އައިސްފައިވެއެވެ. "ﷲއަށް ރައްކާތެރިވާށެވެ. އޭރުން ކަލޭގެފާނަށް ﷲ ސުބުޙާނަހޫ ވަތަޢާލާ ކުރިމަތިން މަގުދައްކަވާނެއެވެ. ފަސޭހަވެގެންވާ ވަޤުތުގައި ﷲ ދެނެގަންނާށެވެ. އޭރުން ދަތިއުނދަގޫ ވަޤުތުގައި އެއިލާހު ތިބާ މަތިން ހަނދުމަކުރާނެއެވެ. އަދި ތިބާގެ މައްޗަށް ޖެހޭ ގޯސްކަމެއް ރަނގަޅު ނުކުރެވޭނެއެވެ. އަދި ތިބާގެ މައްޗަށް ޖެހޭ ރަނގަޅު ކަމެއް ގޯސްނުކުރެވޭނެއެވެ. އަދި ދަންނާށެވެ. ހަމަކަށަވަރުން ނަޞްރުއައުން ވަނީ ކެތްތެރިވުމާއި އެކުގައެވެ. އަދި ހައްލުވަނީ ދަތިއުނދަގޫކަމާއެކުގައެވެ. އަދި ކޮންމެ ދައްޗަކާއެކު ފަސޭހަކަމެއްވެއެވެ."

ފިލާވަޅުން ލިބޭ ޢިބުރަތްތައް.

ހ. ﷲގެ އަމުރުތަކަށް ބޯލަނބައި އަދި ނަހީތަކުން ދުރުވެގެން ﷲއަށް ރައްކާތެރިވާ މީހާ ﷲ ރައްކާތެރިކޮށްދެއްވާނެކަން.

ށ. ﷲއަށް ވަކީލުކޮށް އެއިލާހަށް ޚާއްޞަކަންކަމުގައި ހަމައެކަނިއެކަނި ބަރޯސާވުމަށް އަދި އެހީއަށް އެދުމަށް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަމުރުކުރެއްވުމުން އެކަމުގެ މުހިންމުކަން އެނގިގެން ދެއެވެ.

ވީމާ ދުޢާއަކީ މިފަދަ ކަންކަމަށް ރައްކާތެރިވާ މީސްތަކުންގެ ތެރޭގައި އަޅުގަނޑުމެން ލެއްވުމެވެ.

وصلى الله وسلم على محمد و آله صحبه أجمعين. آمين.