މުސްލިމަކު މުސްލިމެއްގެ ގޮތުގައި ސިފަކުރެވެނީ އެމީހަކު ﷲގެ ފޮތާއި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުން އެނގިފައިވާ ކަންކަމުގައި ނުވަތަ ދީނުގެ ތަޢުލީމުގައި ހިފާކަމަށްޓަކައެވެ. އަދި އޭނާ ދިރިއުޅޭހުށީ ކީރިތި ޤުރުއާނާއި ޙަދީޘް މަގުދައްކާގޮތަށް އެދެ މަސްދަރުގެ އަލީގައެވެ. އަދި ކޮންމެ ކަމެއްގައިވެސް އޭނާއަށް ﷲގެ ފޮތާއި އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތް ފުދިގެންވެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

وَمَا كَانَ لِمُؤْمِنٍ وَلَا مُؤْمِنَةٍ إِذَا قَضَى اللَّهُ وَرَسُولُهُ أَمْرًا أَنْ يَكُونَ لَهُمُ الْخِيَرَةُ مِنْ أَمْرِهِمْ ( އަޙުޒާބު ސޫރަތް 36)

މާނައިގެ ތަރުޖަމާއީ: " އަދި اللَّهއާއި، އެއިލާހުގެ ރަސޫލާ ކަމަކަށް ނިޔާކުރައްވައިފިހިނދު މުއުމިނުފިރިހެނަކަށްވެސް، އަދި މުއުމިނު އަންހެނަކަށްވެސް، އެއުރެންގެ އެކަމުގައި އެއުރެންނަށް އެކަމުގައި އެގޮތްމެނުވީ އެއްވެސް އިޚުތިޔާރެއްނުވެއެވެ."

އަދިވެސް ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

وَمَا آَتَاكُمُ الرَّسُولُ فَخُذُوهُ وَمَا نَهَاكُمْ عَنْهُ فَانْتَهُوا ... ޙަޝްރު ސޫރަތް 7

މާނައިގެ ތަރުޖަމާއީ: "އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ތިޔަބައިމީހުންނަށް ދެއްވި އެއްޗެއްކަމުގައި ހިފާހުށިކަމެވެ. އަދި ނަހީކުރެއްވި ކަންކަމުން ދުރުވެގަންނާށެވެ."

އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ: (( لا يؤمن أحدكم حتى يكون هواه تبعا بما جئت به)) (3)

ތަރުޖަމާގެ މާނައީ: "ތިމަންކަލޭގެފާނު އެކަންކަމަކާއިގެން ވަޑައިގެން ކަންކަމަށް ލޯބިކުރުމާއެކުގައި އަމަލުކޮށް ބޯލަނބައިގެން މެނުވީ އެއްވެސް މީހަކު އީމާންވީ ކަމުގައި ނުވެއެވެ."

އަދިވެސް މާތްރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ: ((من عمل عملا ليس عليه أمرنا فهو رد))(4)

މާނައިގެ ތަރުޖަމާއީ: "ތިމަންކަލޭގެފާނުގެ ސުންނަތުގައި ބަޔާންވެގެންނުވާ ކަމެއްކޮށްފިމީހަކަށް އެކަމެއް ވަނީ ރައްދުވެގެންނެވެ. އެބަހީ ޤަބޫލުވެވިގެން ނުވެއެވެ."

މިކަންކަމުގެ ސަބަބުން މުސްލިމުންގެ މައްޗަށް މިއަންނަނިވި މާތް ނަބަވިއްޔަ ބަސްފުޅުގައި ބަޔާންކުރައްވާފައިވާ ޘާބިތުވެފައިވާ އިންސާނާގެ ފިޠުރަތުގައި ބަޔާންވެފައިވާ އަދަބުތަކުގައި ހިފުން ލާޒިމުވެގެންވެއެވެ. މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅު ކުރައްވާފައިވެއެވެ.

((خمس من الفطرة؛ الاستحداد، و الختان، و قص الشارب، و نطف الإبط، و تقليم الأظفار))(5)

މާނައިގެ ތަރުޖަމާއީ: ފަސްކަމެއް ފިތުރަތުގައިވެއެވެ. އެއީ؛ ލަދުވެތި ގުނަވަނުގެ ވަށައިގެންވާ އިސްތަށިތައް ބޭލުން، ޚިތާނުކުރުން، މަތިސްމަސްކުރުކޮށްކޮށުން، ކިހިލިފަތްދަށުގެ އިސްތަށި އުފުރުން އަދި ނިޔަފަތިކެނޑުމެވެ."

މި އަދަބުތަކަކީ

ލަދުވެތިގުނަވަނުގެ ވަށައިގެންވާ އިސްތަށިތައް ބޭލުން

މިއީ ލަދުވެތި ގުނަވަނުގެ ވަށައިގެންވާ އިސްތަށިތައް ތޫނު އެއްޗަކުން ތިލައަކުން ފަދަ އެއްޗަކުން ބޭލުމެވެ. ގެއްލުމެއްނުވާފަދަ އިސްތަށި ދުއްވާލާ އެއްޗެއް ބޭނުންކޮށްގެން އިސްތަށި ދުއްވާލުމަކުން މައްސަލައެއްނެތެވެ.

ޚިތާނުކުރުން

މިއީ ފިރިހެނުންގެ ލަދުވެތި ގުނަވަނުގެ ކޮޅުގައިވާ ހަންފަށެއް ބުރިކޮށްލުމެވެ. ސުންނަތްވެގެންވާ ގޮތަކީ ފިރިހެންކުއްޖާ އުފަންވާތާ ހަތްވަނައަށްވާ ދުވަހު ޚިތާނުކުރުމެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަވަނީ އެކަލޭގެފާނުގެ ކާފަދެދަރިކަލުން ކަމަށްވާ، ފާޠިމަތު ރަޟިޔަﷲގެ ދެދަރިކަލުން ޙަސަން ރަޟިޔަﷲ އަންހު އާއި އަދި ޙުސައިން ރަޟިޔަﷲ އަންހު ދެބޭކަލުން އުފަންވީތާ ހަތްވަނަ އަށްވީ ދުވަހު ޚިތާނު ކުރެއްވެވިއެވެ. އަދި ބާލިޣުވުމުގެ ކުރިން ޚިތާނުކުރުމަށް ލަސްކޮށްލުމަކުން މައްސަލައެއް ނެތެވެ. އިބުރާހިމް ޢަލައިހިއްސަލާމް އެކަލޭގެފާނު އަމިއްލަފުލަށް ޚިތާނުކުރެއްވެވީ އެކަލޭގެފާނުގެ އުމުރުފުޅުން އަށްޑިހަ އަހަރުގައެވެ. އިބުރާހިމް ޢަލައިހިއްސަލާމާއި ބެހޭގޮތުން ރިވާވެގެންވެއެވެ. މީހަކު އެކަލޭގެފާނުގެ އަތް މައްޗަށް އިސްލާމްވެއްޖެނަމަ އެމީހަކަށް އެކަލޭގެފާނު ދަންނަވައެވެ. "ތިބާގެ ކިބައިގައިވާ ކުފުރުގެ އިސްތަށިތަކުން ޠާހިރުވެ(ކޮށައި ނުވަތަ ބާލައި) ޚިތާނުކުރާ ހުށިކަމެވެ."

މަތިމަސް ކުރުކުރުން

މުސްލިމު ފިރިހެނުން އެބައިމީހުންގެ މަތިމަސްތައް ތުންފަތުގެ ތިރިޔަށް ނާންނާނެ ގޮތަށް ކުރުކޮށް ކޮށަންޖެހޭނެއެވެ. އަދި މޫނުގެ އެހެން ހިސާބުތައް ކަމަށްވާ ދަތްދޮޅިދަށާއި އަދި ކޯތާފަތްމަތީގައިވާ އިސްތަށިތައް ނުވަތަ ތުނބުޅި ޖެހޭނީ ކޮށުމެއްނެތި ދިގުވުމަށް ދޫކޮށްލާށެވެ. އެއީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މިބަސްފުޅުގެ މައްޗަށެވެ: ((جزوا الشوارب و أرحوا اللحى، خالفوا المجوس))(1) މާނައިގެ ތަރުޖަމާއީ: "ތިޔަބައިމީހުންގެ މަތިމަސްތައް ކުރުކުރާށެވެ. އަދި ތުނބުޅިތައް ދޫކޮށްލާހުށިކަމެވެ. ތިޔަބައިމީހުން މަޖޫސީންނާއި ޚިލާފުވާހުށިކަމެވެ." އަދިވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ: ((خالفوا المشركين احفوا الشوارب و أعفوا اللحى))(2) މާނައިގެ ތަރުޖަމާއީ:"ތިޔަބައިމީހުން މުޝްރިކުންނާއި ޚިލާފުވާހުށިކަމެވެ. އެގޮތުން ތިޔަބައިމީހުންގެ މަތިމަސްތައް ކުރުކޮށް ކޮށާށެވެ. އަދި ތުނބުޅިތައް ނުކޮށައި ދިގުވާން ދޫކޮށްލާ ހުށިކަމެވެ." އެބަހުގެ މުރާދަކީ ތުނބުޅި ދިގުވާން ދޫކޮށްލައި އިސްތަށި ދިގުވެ ގިނަވުމަށް ދޫކޮށްލުމެވެ.

އަދި ބޭލުންވަނީ ޙަރާމްވެގެންނެވެ. އަދި ތުނބުޅީގެ އެއްބައި ބޭލުމަށްފަހު އަނެއްބައި ދޫކޮށްލާފައި ބެހެއްޓުމުން ރައްކާތެރިވާހުށިކަމެވެ. ސަބަބަކީ ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަވަނީ މިފަދައިން އަމަލުކުރުން ނަހީކުރައްވާފައެވެ. އިބުނު އުމަރު ރަޟިޔަﷲ އަންހު ވިދާޅުވެފައިވާ ބަސްފުޅުގައިވެއެވެ: ((نهى الرسول الله صلى الله عليه وسلم عن القزع)) (3) މާނައިގެ ތަރުޖަމާއީ: " ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ތަންތަން ގަނޑު ބާލާފައިބެހެއްޓުން (އެބަހީ ބައެއް ތަންތަނުގައި އިސްތަށި ބަހައްޓާފައި) މަނާކުރެއްވިއެވެ."

އަދި ތުނބުޅީގެ އިސްތަށީގައި ކަޅުކުލަ(ޑައީކުރުން)ޖެއްސުމުންވެސް ސަލާމަތްވާހުށިކަމެވެ. ސަބަބަކީ މައްކާ ފަތަޙަކުރެވުނު ދުވަހު އަބޫބަކުރު ރަޟިޔަﷲ ޢަންހުގެ ބަފައިކަލުންކަމަށްވާ އަބޫ ޤުހާފާ ރަސޫލޫﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް ގެނެވުނު ހިނދު އެކަލޭގެފާނުގެ ބޮލުގައި ވަނީ ނުރަޖަހައި ވަރަށް ބޮޑަށް ހުދުވެފައެވެ. އެހިނދު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނަށް ބޮލުގެ ކުލަ ބަދަލުކުރެއްވުމަށް އަންގަވަމުން ޙަދީޘްފުޅު ކުރެއްވި ބަސްފުޅުގައި ވެއެވެ: ((اذهبوا به إلى بعض نساءه فليغيرنه بشيء و جنبواه السواد))(4) މާނައިގެ ތަރުޖަމާއީ: "ތިޔަބައިމީހުން މިޔަނި އެވެނި އަންހެން ބޭކަނބަލުން ކައިރިއަށް އަބޫޤުހާފާއި ގޮވައިގެން ވަޑައިގެން (އަބޫ ޤުހާފާގެ ބޮލުގެ ކުލަ) ބަދަލުކުރާހުށިކަމެވެ. ނަމަވެސް ކަޅުކުލަ (ޖެއްސުމުން) ބަރީއަވާހުށިކަމެވެ."

އަދި ކުލަޖެއްސުމުގައި ހީނާއާއި ކަތުމް ބޭނުންކުރުން މޮޅުވެގެންވެއެވެ.

ބޮލުގެ އިސްތަށި ގިނަނަމަ ބޮލުގައި ތެޔޮލައި ފުނާއެޅުން ހެޔޮވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަޞައްލަމަ ޙަދީޘްކުރައްވާފައިވެއެވެ: ((من كان له شعر فليكرمه))(5)

މާނައިގެ ތަރުޖަމާއީ: "އެމީހަކަށް އިސްތަށި ލިބިފައިވާ މީހާ އޭގެ މައްޗަށް އޯގާތެރިވާހުށިކަމެވެ."

ކިހިލިފަތްދަށުގައިވާ އިސްތަށި އުފުރުން

ކިހިލިފަތް ދަށުގައިވާ އިސްތަށި އުފުރުން މުސްލިމުންގެ މައްޗަށްވެއެވެ. އެކަމަށް ކުޅަދާނަ ނުވީނަމަ އިސްތަށި ބޭލުމުން މައްސަލައެއް ނެތެވެ. ބޭހެއް ނުވަތަ އެނޫންވެސް އެފަދަ އެއްޗެއް ބޭނުންކޮށްގެން އިސްތަށިތައް ދުއްވާލުން އެންމެ ރަނގަޅެވެ.

ނިޔަފަތި ކެނޑުން

އަދި ފިޠުރަތުގެ އަދަބުތަކުގެ ތެރޭގައި ނިޔަފަތި ކެނޑުން ހިމެނެއެވެ. ސުންނަތް ވެގެންވަނީ ކަނާތުން ނިޔަފަތި ކެނޑުމަށްފަހު ވާތުން ނިޔަފަތި ކެނޑުމެވެ. އަދި އެޔަށްފަހު ކަނާތު ފަޔަށްފަހު ވާތު ފައިގެ ނިޔަފަތި ކެނޑުމެވެ. އެއީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކަނާތުން ފެއްޓެވުމަށް ލޯބިކުރައްވައެވެ.

މި އިސްވެ ދިޔަ ކަންތައްތައް މުސްލިމުންގެ މައްޗަށް ކުރުން އޮތީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތަށް ތަބާވެ އެކަލޭގެފާނަށް ތަބާވުމުގެ މައްޗަށް ނިޔަތްގަތުމާއި އެކުގައެވެ. އޭރުން އެކަމުގެ މައްޗަށް ހެޔޮދަރުމަ ދެއްވާނެއެވެ. އަދި އެކަލެގެފާނުގެ ސުންނަތުގައި ހިފީތީޔާއި އެކަލޭގެފާނަށް ތަބާވީތީ އެކަމުގެ ހެޔޮދަރުމައާއި އަޖުރު ލިބި އެކަންކަން ޙާޞިލުވާހުއްޓެވެ. ސަބަބަކީ ކޮންމެ އަމަލަކަށްވެސް ނިޔަތެއްވެއެވެ. އަދި އެކަމެއްވަނީ އެމީހަކު ނިޔަތްގަތް ގޮތެއްގެ މައްޗަށެވެ.

ވީމާ މިކަންކަމަށް ތަބާވާ ބައެއްކަމުގައި ލައްވައި އަޅުގަނޑުމެން އެންމެނަށް ހެޔޮރަޙުމަތްލައްވާށިއެވެ. އާމީން.

وصلى الله وسلم على محمد وآله صحبه أجمعين. آمين.

(ނޯޓު: މަތީގައިވާ ލިޔުމަކީ ތަރުޖަމާއެކެވެ)