الحمد لله رب العالمين، الصلاة و السلام على أشرف الأنبياء و المرسلين. أما بعد.

އެންމެ ބޮޑުވެގެންވާ ދުވަހަކީ ޙިސާބު ބައްލަވާނެ ޤިޔާމަތްދުވަސް ކަމާމެދު ޝައްކެއްނެތެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަވަނީ އެދުވަހުން ﷲގެ ޢަރުޝިކޮޅުގެ ހިޔާދެއްވާނެ ހަތްބަޔެއްގެ ޚަބަރުދެއްވާފައެވެ. ނަބިއްޔާ ޞައްލަަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

( سَبْعَةٌ يُظِلُّهُمْ اللَّهُ فِي ظِلِّهِ يَوْمَ لَا ظِلَّ إِلَّا ظِلُّهُ الْإِمَامُ الْعَادِلُ وَشَابٌّ نَشَأَ فِي عِبَادَةِ رَبِّهِ وَرَجُلٌ قَلْبُهُ مُعَلَّقٌ فِي الْمَسَاجِدِ وَرَجُلَانِ تَحَابَّا فِي اللَّهِ اجْتَمَعَا عَلَيْهِ وَتَفَرَّقَا عَلَيْهِ وَرَجُلٌ طَلَبَتْهُ امْرَأَةٌ ذَاتُ مَنْصِبٍ وَجَمَالٍ فَقَالَ إِنِّي أَخَافُ اللَّهَ وَرَجُلٌ تَصَدَّقَ أَخْفَى حَتَّى لَا تَعْلَمَ شِمَالُهُ مَا تُنْفِقُ يَمِينُهُ وَرَجُلٌ ذَكَرَ اللَّهَ خَالِيًا فَفَاضَتْ عَيْنَاهُ)(1)

މާނައީ: އެދުވަހުން ﷲ ގެ ހިޔާނޫން ހިޔަލެއްނުވާ ދުވަހު (ޤިޔާމަތްދުވަހު)، ﷲގެ (ޢަރުޝިކޮޅުގެ) ހިޔަލުން 7 މީހަކަށް ﷲ ހިޔާދެއްވާނެއެވެ. (އެބައިމީހުންނަކީ) ޢަދުލުވެރި އިމާމެވެ. އަދި އަޅުކަންކުރުމުގައި ބޮޑުވި ޒުވާނާއެވެ. އަދި އެމީހެއްގެ ހިތްމިސްކިތްތަކާއި ގުޅިފައިވާ މީހާއެވެ. އަދި ﷲ އަށް ޓަކައި ލޯބިވީ ދެމީހުންނެވެ. އެދެމީހުން އެކަތިގަނޑަކަށްވީ ﷲއަށްޓަކައެވެ. އަދި ވަކީވީވެސް ﷲއަށްޓަކައެވެ. އަދި ރީތިކަމާއި މަޤާމު ހުރި އަންހެނާ ޒިނޭކުރަން ދަޢުވަތުދޭހިނދު ﷲއަށް ބިރުވެތިވަމޭ ބުނި(އެކަމުން ސަލާމަތްވި) ޒުވާނާއެވެ. އަދި ކަނާތުން ކުރާ ޞަދަޤާތް އޭނާގެ ވާތަށްވެސް ނޭނގޭހާ ސިއްރުން ޞަދަޤާތްކުރާ މީހާއެވެ. އަދި އެކަނިވާހިނދު ﷲހަނދުމަކޮށް ކަރުނައިން ދެލޯ ތެންމާލިމީހާއެވެ."

އެގޮތުން އެބައިމީހުންގެ ތެރެއިން ﷲއަށްޓަކައި ލޯބިވީ ދެމީހުންނާއި ބެހޭގޮތުން ޢައްލާމާ އިބުނު ޢުޘައިމީން ރަޙިމަހުﷲ މަތީގައި ބަޔާންކުރެވުނު ޙަދީޘްގެ ޝަރަޙާގައި ވަރަށް ޢިބުރަތުން ފުރިގެންވާ ބަސްކޮޅެއް ލިޔުއްވާފައިވެއެވެ. އެކަލޭގެފާނު ބަޔާންކުރައްވައެވެ.

"އެބަހީ: އެދެމީހުންގެ ދެމެދުގައި ލޯބިވެތިކަން އުފެދިފައިވާ ވާހަކައެވެ. ނަމަވެސް އެއީ ﷲއަށްޓަކައި ވާ ލޯތްބެވެ. އެލޯތްބަކީީ (ގުޅުމަކީ) މުދަލަކަށްޓަކައި، ޖާހަކަށްޓަކައި އަދި ނަސަބަކަށްޓަކައި އަދިވެސް އެނޫން ކަމަކަށް އުފެދިފައިވާ ގުޅުމެއްނޫނެވެ. އެއީ ހަމައެކަނި ﷲއަށްޓަކައިވާ ލޯތްބެކެވެ. އެގުޅުން ބަލަމުންދަނީ ﷲއަށް ކިޔަމަންތެރިވުމުގައި ޤާއިމުވުމުގެ މައްޗަށެވެ. އަދި ޙަރާމްކުރެއްވި ކަންކަމުން އެއްކިބާވެގަތުމުގެ މައްޗަށެވެ. އެހެނީ (އެދެމީހުން) ލޯބިވީ އެކަމުގެ ސަބަބުން ކަމުގައި ވާތީއެވެ. މި ޙަދީޘްގައި މިބުނާ "ﷲއަށްޓަކައި އެކަކު އަނެކަަކަށް ލޯބިވީ" ކަމުގެ ވާހަކައަކީ މުރާދަކީ އެއީއެވެ.

އެޔަށްފަހު ޙަދީޘްބަސްފުޅުގައި އެވާ " އެދެމީހުން އެކަތިގަނޑަކަށްވީ ﷲއަށްޓަކައެވެ. އަދި ވަކީވީވެސް ﷲއަށްޓަކައެވެ" މި ބަހުގެ މުރާދަކީ އެބައިމީހުން ދުނިޔޭގައި އެކަތިގަނޑަކަށްވެ އެެގޮތުގެ މަތީގައި މަރުއައިސް އެދެމީހުން ދެތަންކުރަންދެން ދެމިތިބި ވާހަކައެވެ. އަދި މަރުވިއިރުވެސް އެދެމީހުން ތިބީ އެގޮތުގައެވެ. މިޙަދީޘުން ﷲއަށްޓަކައި ލޯބިވީ ދެމީހުން ދުނިޔޭގެ ސަބަބަކަށްޓަކައި ގުޅުން ކަނޑާނުލާނެ ކަމަށް އިޝާރާތްކޮށްދެއެވެ. އެހެނީ އެދެމީހުން ލޯބިވީކަން ކަށަވަރީ ﷲއަށްޓަކައި އެކަންޏެވެ. އެހެނީ އަށް ލޯބިވީ ދެމީހުން މަރުމެނުވީ ވަކިނުކުރާހުއްޓެވެ. އެއިން އެކަކު އަނެކާގެ މައްޗަށް ގޯހެއް ހެދުނުކަމުގައިވިޔަސް، އަނެކާގެ ޙައްޤަށް އަރައިގެން ކަމުގައިވިޔަސްމެއެވެ. މިއިން ކަމެއް އެމީހުންނަކަށް މުހިންމެއް ނުވާނެއެވެ. ސަބަބަކީ އެބައިމީހުން އެކަތިގަނޑަކަށްވީ (ލޯބިވީ) ﷲއަށްޓަކައި ކަމުގައިވާތީއެވެ. އެހެންކަމުން އޭނާގެ އަޚާގެ އުނިސިފަ ބަޔާންކޮށްދީ ކޮށް ރަނގަޅުކޮށްދޭ ހުއްޓެވެ. ސަބަބަކީ އެއީ ނަޞީޙަތުގެ އެންމެ ފުރިހަމަ ގޮތްކަމުގައި ވާތީއެވެ.

އަޅަމެން އެންމެން އަދި އެންމެހާ މުސްލިމުން އެއިލާހަށްޓަކައި ލޯބިވާ ބަޔެއްކަމުގައި ލައްވައި، އެއިލާހަށްޓަކައި ހެޔޮކަންކަމަށާއި އަދި ތަޤުވާވެރިވުމުގެ މައްޗަށް އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވާ ބަޔެއްކަމުގައި ލެއްވުން އެދި ﷲއަށް ދަންނަވަމެވެ. إنه جواد كريم." أهـ (2)

ޝެއިޚު ޢުޘައިމީން ރަޙިމަހުﷲގެ ބަސްކޮޅު ނިމުނީ.

وصلى الله وسلم على محمد و آله صحبه أجمعين.

الله الموفق و عليه التكلان.

_____________________

متفق عليه. (رواه البخاري: 629، 1357، 6421 / رواه مسلم: 1031)
شرح رياض الصالحين. 1/432

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އާމީން

    " އަޅަމެން އެންމެން އަދި އެންމެހާ މުސްލިމުން އެއިލާހަށްޓަކައި ލޯބިވާ ބަޔެއްކަމުގައި ލައްވައި، އެއިލާހަށްޓަކައި ހެޔޮކަންކަމަށާއި އަދި ތަޤުވާވެރިވުމުގެ މައްޗަށް އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވާ ބަޔެއްކަމުގައި ލެއްވުން އެދި ﷲއަށް ދަންނަވަމެވެ. "
    އާމީން

  2. ައަހުމަދު

    ފުރިހަމަ ބަސްކޮަޅެއް