ސުވަރުގެ ދާން އޮތް މަގަކީ އަމިއްލަ ނަފްސުގެ އެދުންތަކާއި ދެކޮޅަށް ޖިހާދުކުރުން ކަމަށް ހުކުރު ހުތުބާގައި ވިދާޅުވެއްޖެއެވެ.
" ސުވަރުގޭގެ މަތިވެރި ނިއުމަތް" މި މައުޟޫއަށް ތައްޔާރުކޮށްފައިވާ މިއަދުގެ ހުތުވާފައި ވަނީ ސުވަރުގެ ދިއުމުގެ މަގަކީ ތަކުލީފުތަކާއި، އުނދަގޫތަކުން ފުރިފައިވާ މަގެއް ކަން ފާހަގަކުރައްވާފައެވެ. އަދި އެ މަގަކީ މުންކަރާތްތަކާއި، ފާޙިޝް ޢަމަލުތަކާއި، ޝަހުވާނީ އެދުންތަކުން ވަށާލެވިފައިވާ މަގެއް ކަމަށް ހުތުބާގައިވެއެވެ.

އެހެންކަމުން ޝައިތާނީ ވަސްވާސްތަކުންނާއި ދުނިޔަވީ ދަޅުތަކުން ރައްކާތެރިވެ ތިބުމަށް ރަސޫލު ﷲ އިރުޝާދު ދެއްވިކަން ހުތުބާގައި ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ރަސޫލާ ސައްލައްއަލައިހި ވަސައްލަމަގެ ހަދީސްފުޅެއްގެ މާނައިގައި ސުވަރުގެ ވަށާލެވިފައި ވަނީ، ހިތް ނޭދޭ ކަންތައްތަކުން ކަމާއި ނަރަކަ ވަށާލެވިފައި ވަނީ ކުރާ ހިތްވާ ކަންތައްތަކުން ކަން ބަާންކުރެއްވިކަން ހުތުބާގައި ފާހަގަކުރެއްވިއެވެ.

އެހެންކަމުން އެސުވަރުގެ ހޯދުމަށްޓަކައި ކޮންމެ މީހަކު ވެސް ގަދައަޅައި މަސައްކަތްކުރަންވާނެ ކަމަށާ ޝައިޠާނާގެ ކެހިވެރިކަމުގައި ޖެހިގެން ނުވާނެ ކަމަށް ހުތުބާގައި ބުނެފައިވެއެެ.

އަދި ހަމައެހެންމެ ދުނިޔެވީ އިއްޒަތާއި އަރާމަށް ހެއްލި، އާޚިރަތުގެ މަތިން ހަދާން ނައްތާލައިގެން ނުވާނެ ކަމާއި، ސުވަރުގެ ދިއުމުގެ މަގަކީ ތިމާގެ އަމިއްލަ ނަފުސުގެ އެދުންތަކާ ދެކޮޅަށް، ޖިހްދު މެނުވީ، ހޯދޭނެ މަގެއް ނޫންކަން ހުތުބާގައި ވަނީ ހަނދާން ކޮށްދީފައެވެ.

އެއީ މުދަލާއި ފުރާނައިން އެތަކެއް ޤުރުބާނީއެއް ވެގެން ނޫނީ ކާމިޔާބު ކުރެވޭނެ މަގެއް ނޫންކަމަށްވެސް ހުތުބާގައިވެއެވެ.

" މާތް ﷲ ވަޙީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައި ވެއެވެ. "ހަމަކަށަވަރުން، ﷲ މުއުމިނުންގެ ކިބައިން އެއުރެންގެ
ނަފްސު ތަކާއި، މުދާތައް، އެއުރެންނަށް ސުވަރުގެ ހުރިކަން އަންގަވައި، ބައްލަވައިގަތެވެ. އެއުރެން ﷲ ގެ މަގުގައި ހަނގުރާމަ ކުރެތެވެ. ފަހެ، އެއުރެން (ދުޝްމަނުން) ޤަތުލުކޮށް، އަދި އެއުރެން ޤަތުލުވެދެއެވެ. (އެއުރެންނަށް ސުވަރުގެ ހުރިކަމީ) ތައުރާތާއި، އިންޖީލާއި، ޤުރްއާނުގައި، އެކަލާނގެ ޒާތުފުޅުގެ މައްޗަށް ޙައްޤު ގޮތުގައި ކުރައްވާފައިވާ ވަޢުދެކެވެ." ހުތުބާގައިވެއެވެ.

ހުތުބާގައި އިތުރަށް ވިދާޅުވެފައި ވަނީ ސުވަރުގެ އަކީ ނިޢުމަތްތަކުން ފުރިގެންވާ ތަނެއް ކަމަށެވެ.ސުވަރުގެއަށް އެންމެ ފަހުން ވައްދަވާ މީހާއަށް ވެސް، ﷲ ގެ ފަޟްލުވަންތަ ކަމުގެ ބޮޑުކަމުން ލިބޭ ނިޢުމަތްތަކުގެ ފުރިހަމަކާމެދު ވިސްނުމަށް ހުތުބާގައި ހަނދާން ކޮށްދީފައިވެއެވެ.