އެންމެ ފުރިހަމަ ނަމޫނާއަކީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކަމުގައި ބަޔާންކުރައްވަމުން ﷲ ސުބުހާނަހޫ ވަތަޢާލާ ވަޙީކުރައްވައެވެ.

لَقَدْ كَانَ لَكُمْ فِي رَ‌سُولِ اللَّـهِ أُسْوَةٌ حَسَنَةٌ لِّمَن كَانَ يَرْ‌جُو اللَّـهَ وَالْيَوْمَ الْآخِرَ‌ وَذَكَرَ‌ اللَّـهَ كَثِيرً‌ا ﴿الأحزاب: ٢١﴾
މާނައިގެ ތަރުޖަމާއީ: "ހަމަކަށަވަރުން، اللَّه ގެ ރަސޫލާ(މުޙައްމަދު صلى الله عليه وسلم) ގެ ކިބައިގައި، ތިޔަބައިމީހުންނަށް ރިވެތިވެގެންވާ ނަމޫނާއެއްވެއެވެ. އެއީ ﷲ އާއި (ބައްދަލުކުރުމަށާއި) އަދި އާޚިރަތް ދުވަހަށް އުއްމީދުކޮށް އަދި ގިނަގިނައިން ﷲ ގެމަތިން ހަނދުމަކުރާމީހާއަށެވެ."

އެކަލޭގެފާނުގެ މަތިވެރި އަޚުލާޤުފުޅު ބަޔާންކޮށްދެއްވަމުން އެކަލޭގެފާނުވަނީ މަތިވެރިވެގެންވާ އަޚުލާޤުފުޅެއްގެ މަތީގައި ކަން ބަޔާންކޮށްދެއްވަމުން ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

وَإِنَّكَ لَعَلَىٰ خُلُقٍ عَظِيمٍ ﴿القلم: ٤﴾

މާނައިގެ ތަރުޖަމާއީ: "އަދި ހަމަކަށަވަރުން ކަލޭގެފާނު (މުޙައްމަދު صلى الله عليه وسلم) ވާކަން ކަށަވަރީ މަތިވެރިވެގެންވާ ޚުލްޤުފުޅެއްގެ މަތީގައިކަން ކަށަވަރެވެ."

އަދި ނަބިއްޔާ ޞައްލަﷲ ޢަލައިހި ޥަސައްލަމަ ދެއްވި އެއްޗެއްގައި ހިފުމަށް އަމުރުކުރައްވައި އަދި މަނާކުރެއްވި ކަމެއް ކަންތައްތަކުން ބަރީޢަވުމަށް އަންގަވަމުން އެއިލާހު ބަޔާންކުރައްވަނީ މިފަދައިންނެވެ.

وَمَا آتَاكُمُ الرَّ‌سُولُ فَخُذُوهُ وَمَا نَهَاكُمْ عَنْهُ فَانتَهُوا ﴿٧ الحشر﴾

މާނައިގެ ތަރުޖަމާއި: އަދި ރަސޫލާ (ﷲގެ ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ޥަސައްލަމަ) ގެންނެވި އެއްޗެއްކަމުގައި ވާނަމަ އޭގައި ހިފާށެވެ. އަދި އެކަލޭގެފާނު މަނާކުރެއްވި ކަމެއްކަމުގައިވާނަމަ އެކަމުން ދުރުވެގަންނާށެވެ."

އަދި ނަބިއްޔާއަށް ކިޔަމަންވެއްޖެ މީހަކީ ﷲ އަށް ކިޔަމަންވެއްޖެ މީހާކަމުގައި ﷲ ސުބުހާނަހޫ ވަތަޢާލާ އަންގަވާފައިވެއެވެ.
(مَّن يُطِعِ الرَّسُولَ فَقَدْ أَطَاعَ اللَّـهَ ۖ وَمَن تَوَلَّىٰ فَمَا أَرْسَلْنَاكَ عَلَيْهِمْ حَفِيظًا) النساء 80 މާނައިގެ ތަރުޖަމާއީ: "ރަސޫލާއަށް ކިޔަމަންވާ މީހާ، ފަހެ، ހަމަކަށަވަރުން الله އަށް ކިޔަމަންވެއްޖެއެވެ. އަދި، ފުރަގަސް ދީފި މީހާ (ދަންނާށެވެ!) ފަހެ، އެއުރެންގެ ކަންތައްތައް ބަލަހައްޓަވަން ހުންނެވި ބޭކަލަކު ކަމުގައި ތިމަންރަސްކަލާނގެ ކަލޭގެފާނު ނުފޮނުއްވަމެވެ."

ވީމާ އަޅުގަނޑުމެންނަށް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކަމަކަށް އަމުރުފުޅު ކުރައްވައިފިނަމަ ކުރުމަކީ ވާޖިބުވެގެންވާ ކަމެކެވެ.

އެކަލޭގެފާނުގެ މި ޙަދީޘްބަސްފުޅުތަކާ މެދު ވިސްނާލުން ކީއްތޯއެވެ؟

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘްފުޅެއްގައި އައިސްފައިވެއެވެ. ((عَنْ ابْنِ عُمَرَ رَضِيَ اللَّهُ عَنْهُمَا قَالَ : قَالَ رَسُولُ اللَّهِ -صَلَّى اللَّهُ عَلَيْهِ وَسَلَّمَ -: أنْهِكُوا الشَّوَارِبَ وَأَعْفُوا اللِّحَى)) متفق عليه މާނައީ: "ތިޔަބައިމީހުން މަތިމަސް ކުރުކުރާށެވެ. އަދި ތުނބުޅިއަށް މާފު ކުރާށެވެ. (އެބަހީ: ދިގުކުރަން ދޫކޮށްލާށެވެ.)"

އަދިވެސް ޙަދީޘް ކުރައްވާފައިވެއެވެ.

((عَنْ أَبِي هُرَيْرَةَ قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: جُزُّوا الشَّوَارِبَ وَأَرْخُوا اللِّحَى ، خَالِفُوا الْمَجُوسَ)) رَوَاهُ أَحْمَدُ وَمُسْلِمٌ މާނައީ: އަބޫ ހުރައިރާ ޜަޟިޔާﷲ ޢަންހުގެ އަރިހުން ރިވާވެގެގެން ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްފުޅު ކުރެއްވިއެވެ. ތިޔަބައިމީހުންގެ މަތިމަސްތައް ކުރުކުރާށެވެ. އަދި ތުނބުޅިތައް ދިގު ކުރާށެވެ. މަޖޫސީންނާއި (އަލިފާނަށް އަޅުކަންކުރާ މީހުން) ޚިލާފުވާށެވެ."

އެންމެ ފުރިހަމަ ނަމޫނާ ވަނީ އެކަލޭގެފާނުގެ ކިބައިގައި ކަން ﷲ ގެ ބަސްފުޅުން އިސްވެ ހިނގައްޖެއެވެ.

ހުދު މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަމަލުފުޅުން އެކަލޭގެފާނު ތުނބުޅިފުޅު ދިގުކުރައްވައި މުޝްރިކުންނާއި ޚިލާފު ވެވަޑައިގަތެވެ.

((كَانَ رَسُولُ اللَّهِ كَثِيرَ شَعْرِ اللِّحْيَةِ)) رواه مسلم މާނައި: "ﷲ ތަޢާލާގެ ރަސޫލާގެ ތުނބުޅިފިޅުގެ އިސްތަށިތައް ގިނައެވެ.” ޢަލީ ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވެއެވެ. ((كَانَ رَسُوْلُ اللهِ ضخمَ الهَامَةِ ، عَظِيْمَ اللِّحْيَةِ)) حسنه الألباني މާނައީ: “ރަސޫލުﷲ ޞައްލަﷲގެ އިސްތަށިފުޅު ބޮޑުކަމުގައި ވިއެވެ. އެކަލޭގެފާނުގެ ތުނބުޅިފުޅުވެސް ބޮޑެވެ."

އަލްބަރާއު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ((كَانَ رَسُولُ الله رَجُلَا مرْبُوْعَا, عَرِيْضَ ما بَيْنَ المَنْكِبَيْنِ, كثَّ اللِّحْية )) صححه الألباني މާނައީ: އެކަލޭގެފާނަކީ އިސްކޮޅުގައި މެދުމިނުގެ ބޭކަލެކެވެ. އެކަލޭގޭފާނުގެ ބައިމަތިފުޅު ފުޅަލެވެ. އަދި ތުނބުޅިފުޅު އިސްތަށިން ބޯވެފައިވެއެވެ."

ހަމައެހެންމެ، ތުނބުޅި ދިގުކުރުމަކީ އެކަލޭގެފާނުގެ ހިދާޔަތްވެސްމެވެ. އެކަލޭގެފާނުގެ ޚުތުބާފުޅުގައި ޙަދީޘް ކުރައްވާފައިވެއެވެ. ((وَ خَيْرَ الهَدْيِ هَدْيُ مُحَمَّدٍ –صلى الله عليه و سلم- )) رواه مسلم މާނައީ: "އަދި އެންމެ ހެޔޮވެގެންވާ ގޮތަކީ މުޙައްމަދު –صلى الله عليه و سلم- ގެ ގޮތެވެ."

ﷲ ގެ މިއާޔަތް ނުދެކެމުތޯއެވެ؟

(لَقَدْ خَلَقْنَا الْإِنسَانَ فِي أَحْسَنِ تَقْوِيمٍ) التين 4 މާނައީ: "ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، އެންމެ ރިވެތި ސޫރައިގައި އިންސާނާ ހެއްދެވީމެވެ."

އެޔަށްފަހު ނިކަން ތިބާގެ މޫނުން އެއްޗެއް މަދު ކަމުގައި އިހުސާސް ނުކުރެވޭތޯއެވެ؟ އަންހެނުންނާއި ޚިލާފަށް އެލެއްވި ސިފަ ނައްތާލެވުނު ކަމުގައި އިހުސާސް ނުކުރެވޭތޯއެވެ. ޝެއިޚު ބިން ބާޒު ރަޙިމަހުﷲ ވިދާޅުވާގޮތުން ތުނބުޅި ބޭލުން އަންހެނުންނާއި ވައްތަރުވުމުގެ ތެރެއަށް ވަދެއެވެ.

((لَعَنَ رَسُوْلُ اللهِ المُتَشَبِّهِيْنَ مِنْ الرِّجَالِ بِالنِّسَاءِ وَ المُتَشَبِّهَاتِ مِنْ النِّسَاءِ بِالرِّجَالِ)) رواه البخاري މާނައީ: "ފިރިހެނުންގެ ތެރެއިން އަންހެނުންނާއި އެއްގޮތއްވާ މީހުންނަށާއި އަންހެނުންގެ ތެރެއިން ފިރިހެނުންނާއި އެއްގޮތަވާ މީހުންނަށް ﷲ ގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ލަޢްނަތްލެއްވިއެވެ."

ނިންމުން.

އޭ އަޚާއެވެ. ﷲ ތިބާއަށް ރަޙުމަތް ލައްވައި އަޅުގަނޑަށާއި ތިބާއަށް ހިދާޔަތު ދައްކަވާށިއެވެ. ތިބާ މިކަމާއި މެދު ވިސްނާލައި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ނަމޫނާ އަމަލީ ގޮތުން ދައްކަން ފަށަމާ ހިނގާށެވެ. އަންހެނުންނާއި ވައްތަރުވެ ގަންނަ މީހުން ކަމުގައި ނުވާށެވެ. ކާފަރުންހެން އޮފުކުރި ދަޅައަޅާ ދަތްދޮޅިއެއްގެ ބަދަލުގައި ﷲ ގެ ރުއްސެވުން ލިބެނިވި ތުނބުޅިން ޖަރީވެފައިވާ ދަތްދޮޅިއެއްގެ ވެރިއެއްކަމުގައިވާށިއެވެ. އެހެނީ ތުނބުޅި ބޭލުމަކީ ޙަރާމްކަމެކެވެ. އަދި ތުނބުޅި ބެހެއްޓުމަކީ ވާޖިބުވެގެންވާކަމެކެވެ.

سُبْحَانَ رَ‌بِّكَ رَ‌بِّ الْعِزَّةِ عَمَّا يَصِفُونَ . وَسَلَامٌ عَلَى الْمُرْ‌سَلِينَ . وَالْحَمْدُ لِلَّـهِ رَ‌بِّ الْعَالَمِينَ .

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ތުނބުޅި ދިގުކޮށްލީމަ ލިބޭ އެންމެ ބޮޑު ފައިދާއަކީ ތެލި ދޮންނަ ނަރުގަނޑު ގަންނަން ނުޖެހޭކަން. އެއަށް ފަހު ކުޑަކުދިން ބޮއްވަން އޮފިޝަލް ލައިސަންސް ލިބޭކަން

    • ކިތަންމެ ހަޖޫއެއް ކިޔަސް ކަންވާނީ އެ އޮތްގޮތަކަށް.. ދީނުގައި ސާބިތުވާ ކަންކަމާ ހިތުގައި ނަފުރަތު އުފެދޭނަމަ އެއީ ތިމާ އަމިއްލައަށް ވިސްނަންޖެހޭކަމެއް..ޚުދު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަދި ސަޙާބީންނާއި އިހުގެ ހުރިހާ ބޭކަލުންވެސް ތުނބުޅި ބެހެއްޓެވިކަން ސާބިތުވޭ.. އާޚިރުގައި ޚުދު ތިބާވެސް މަރުވާނެ އަދި ތިބާގެވެސް ހިސާބު ބެއްލެވޭނެ.. ﷲ އަހަރެމެން އެންމެންނަށް ހިދާޔަތް ދެއްވާށި..

    • އެހެން ވީއިރު ތިވާނީ ޔަޤީނުންވެސް ތިބުނި ފައިދާތަކަކީ ހަމައެކަނި ތިބާއަށް ލިބޭ ފައިދާތަކެއްކަމުގަ.އެހެން މީހުން އިސްތިސްނާ.

  2. ތުނބުޅި ބެހެއްޓުން ވާޖިބު ކުރެއްވި ދަލީލަކީ ކޮބާ؟

    • ފާތުމަހޮއްކޮ

      👍ތިޔައީ އަޅުގަޑުވެސް މި އަހާ ސުވާލަކީ.
      ކަނޑަ އެޅިގެންވާ ބާތިލް ކަންތަކުން ބޭރުން "ޙަރާމް" ކަމަކީ ކޮބައިތޯ.

    • (عَنْ أَبِي هُرَيْرَةَ قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: جُزُّوا الشَّوَارِبَ وَأَرْخُوا اللِّحَى ، خَالِفُوا الْمَجُوسَ)) رَوَاهُ أَحْمَدُ وَمُسْلِمٌ މާނައީ: އަބޫ ހުރައިރާ ޜަޟިޔާﷲ ޢަންހުގެ އަރިހުން ރިވާވެގެގެން ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްފުޅު ކުރެއްވިއެވެ. ތިޔަބައިމީހުންގެ މަތިމަސްތައް ކުރުކުރާށެވެ. އަދި ތުނބުޅިތައް ދިގު ކުރާށެވެ. މަޖޫސީންނާއި (އަލިފާނަށް އަޅުކަންކުރާ މީހުން) ޚިލާފުވާށެވެ."

    • އެއީ ތުނބުޅި ބޭލުން ހަރާންވާތީ.. އެބަހީ ފިރެހެނުން އަންހެނުންގެ ސިފަވުމަށާއި އަންހެނުން ފިރެހެނުންގެ ސިފަ ވުމަކީ ނަހީ ކުރައްވާފައިވާ ކަމެއްކަމުގައިވާތީ.. މިނޫނަސް ތުނބުޅި ބަހައްޓައި މަތިމަސް ކުރުކުރުމަށް ވަނީ އިރުޝާދު ދެއްވާފަ.. ކަމަކަށް ހިތްނުރުހުނަސް އަދި ތިމާއަށް އެކަން މިއަދު ޢަމަލުނުކުރެވުނަސް ދީނުގައި ސާބިތުވާ ކަންކަމާ އިންކާރުނުކުރަމާ.. އޭރުން ކޮންމެވެސް ދުވަހަކުން ﷲ ގެ ރަޙްމަތުން ހިދާޔަތް ދެއްވާށި..

  3. އެކަލޭގެ ފާނު އެންގެވި ގޮތައް ޢަމަލުކުރާތީ މިއަދުވެސް ބަޔަކުމީހުން އެކަން ހުއްޓުވަން ފާޑު ފާޑުގެ ގަވާއިދުތައް ހަދައިގެން މަސައްކަތް ކުރެއެވެ.

  4. ތިބުނާ ދޮންމީހުންވެސް ތުނބުޅި ބަހައްޓައިގެން އުޅޭ، ތުނބުޅި ދިގުކުރުމަށައި މަތިމަސް ކުރުކުރުމަށް ވިދާޅުވި ހާދިސާ ފުރިހަމަ ކޮށްދެއްވިނަމަ ރަނގަޅުވީސް، ތިއޮތީ އެހާދިސާއިން ބައެއް ނަންގަވާފައި، ކުރުކޮށް ބުނާނަމަ ދެބައިމީހުން ތަފާތުވުމަށް ވިދާޅުވި ވިދާޅުވުމެއް، އެންމެފަހުން ނިންމަވާލެއްވީ، ނަމާދުން ދެބައިމީހުން ތަފާތުވެގަތުމަށް، އެމީހުން ނަމާދެއް ނުކުރާނެ، އަހަރެމެން ނަމާދަށް މިސްކިތަށްއަރަމު.

  5. ސީދާ ތުނބުޅި ބަހައްޓަން އެންގެވި ހަދީސްގަވެސް އެއޮތީ އަލިފާނަށް އަޅުކަން ކުރާމީހުންނާ ތަފާތު ކުރުމަށޭ، އެމީހުންނާ ތަފާތުވޭ ނަމާދު ކުރިޔަސް އެހެންވީމަ ތުނބުޅި ކޮންމެހެން ނުބެހެއްޓިޔަސް މައްސަލައެއް ނެއްތާ!!!!

    • ބޯހަމަނުޖެހޭ ވާހަކަނުދައްކާ.. ހަމަ އެއިރުވެސް ނަމާދުކުރާމީހުންނާ މުޚާތަބުކޮށް އެއޮތީ އެކަން ޙަދީޘް ކުރައްވާފަ.. ދެން ތިކަހަލަ ބަހަނާ ގިނަފަހަރަށް ދައްކަނީވެސް ފަސްވަގުތު ނަމާދުނުކޮށް އުޅޭމީހުން.. ދީނުގެ ކަމަކާ ހިތް ނުރުހުނަސް ބަދުބަސްނުބުނެ ހިދާޔަތް ދެއްކެވުން އެދި ދުއާކުރަމާ.. އޭރުން ކަންކަމުގެ ޙަޤީޤަތް ﷲ އިރާދަކުރެއްވިއްޔާ ދައްކަވާނެ..