ޢަބްދުﷲ ބިން މަސްޢޫދު ރަޟިޔަﷲ އަންހު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވި ކަމަށް ރިވާކުރައްވާފައިވެއެވެ.
"ޤިޔާމަތް ދުވަހުން ﷲ އެންމެ ގަދަފަދަ ޢަޒާބު ދެއްވާ މީހުންނަކީ ޞޫރަކުރާ މީހުންނެވެ" (ޞަޙީޙް ބުޚާރީ)
އަބޫހުރައިރާ ރަޟިޔަﷲ އަންހު ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަގެ އަރިހުން ރިވާކުރައްވާފައިވާ ޙަދީޘް ބަސްފުޅެއްގެ މާނައިގައިވެއެވެ.

"ތިމަންރަސްކަލާނގެ ތަކެތި ހައްދަވާ ގޮތަށް ތަކެތި ހަދާ މީހުންނަށްވުރެ ވަކިން އަނިޔާވެރިކަން ބޮޑުވެގެންވަނީ ކޮންބަޔެއްހެއްޔެވެ؟ އެމީހުން ފަހެ އެންމެ ޒައްރާއެއް ހަދާބަލާށެވެ. ނުވަތަ އޮއްޓަރެއް ހަދައިބަލާށެވެ. ނުވަތަ ގޮދަންފުށެއް ހަދައިބަލާށެވެ. " (ޞަޙީޙް ބުޚާރީ އަދި މުސްލިމް)
އިބުނު ޢައްބާސް ރަޟިޔަﷲ އަންހު ވިދާޅުވެފައިވެއެވެ.
"ސޫރަކުރާ ކޮންމެ މީހެއްވަނީ ނަރަކައިގައެވެ. އޭނާ ހަދާ ކޮންމެ ސޫރައަކަށް އޭނާއަށް ފުރާނައެއް ދެއްވޭ ހުއްޓެވެ. އަދި ނަރަކައިގައި އޭނާއަށް އަޒާބުދެއްވޭ ހުއްޓެވެ. " އަދިވެސް އިބުނު ޢައްބާސް ރަޞިޔަﷲ އަންހު ވިދާޅުވެފައިވެއެވެ. " ތިބާ ސޫރަ ހަދަން ކޮންމެހެން ބޭނުންނަމަ ގަސްގަހާ ގެއްސާއި އަދި އެނޫންވެސް ފުރާނަނެތް އެއްޗެހީގެ ފޮޓޯކުރަހާށެވެ. "

މި ޙަދީޘްފުޅުތަކުން ސާފުކޮށް އެނގޭގޮތުގައި ދިރޭތަކެތީގެ ސޫރަކުރުމަކީ ޙަރާމްކަމެކެވެ. އެއީ އިންސާނުންނަށް ވީ ކަމުގައިވިޔަސް އަދި ދިރޭތަކެއްޗަށް ވީ ކަމުގައި ވިޔަސްމެއެވެ. ތަސްވީރު ތުރީޑީކޮށްވިޔަސް އަދި ޓޫޑީކޮށް ކަމުގައި ވިޔަސް މެއެވެ. މިފަދަ ތަކެތީގެ ތަސްވީރުކުރުންވަނީ މަނާކުރެވިގެންނެވެ. އެއީ ކުރެހި ކަމުގައިވިޔަސް، ކަނޑާ ނެގިކަމުގައި ވިޔަސް، ކޮށާމަށައިގެން ކަމުގައިވިޔަސް، ނުވަތަ ކުލޭއިން ހެދިކަމުގައި ވިޔަސް މެއެވެ. މިކަން މަނާކުރައްވާފައިވާ ޙަދީޘްތަކުގައި މިހުރިހާ ގޮތްތަކެއް އަދި ސޫރަކުރެވެން ހުރި ހުރިހާ ގޮތްތަކެއް މަނާކުރައްވައެވެ.
ޝަރީޢަތުގައި ބަޔާންވެފައިވާ ގޮތް ކޮންމެ މުސްލިމަކުވެސް އެއްވެސް ދެކޮޅުހެދުމަކާއި ނުލައި ޤަބޫލުކުރުމަކީ އެމީހެއްގެ މައްޗަށް އޮތް ވާޖިބެކެވެ. ބަޔެއް މީހުން ބުނެއުޅެއެވެ. " އެންމެ ރަނގަޅެވެ. އަހަރެން މި ތަސްވީރުތަކަށް އަޅުކަން ކޮށް އަދި ސަޖިދައެއް ނުކުރަމެވެ."

ނަމަވެސް ތިބާ ގާތުން ބަލައިފިނަމަ މިޒަމާނުގައި ފޮޓޯނެގުމާއި އަދި ސޫރަކުރުމުގެ ސަބަބުން އުފެދޭ ފިތުނަތަކުގެ ބޮޑުކަން ފެންނާނެއެވެ. މި މަނާކުރެއްވުމުގެ ފަހަތުގައި ވާ މަތިވެރި ޙިކުމަތް އެނގިގެންދާނެއެވެ. " މިތަސްވީރުތަކުގެ ސަބަބުން ވަހުޝީ ޖިންސީ އެދުންވެރިކަން ޢާންމުވެ މުޖުތަމަޢުގެ އިޖުތިމާއީ ހަމަނުޖެހުން ގެއްލުމަށް މެދުވެރިއެވެ."
މުސްލިމުން އެމީހުންގެ ގެތަކުގައި އެއްވެސް ތަސްވީރެއް ބަހައްޓައިގެން ނުވާނެއެވެ. ސަބަބަކީ މިފަދަ ތަސްވީރުތައް ހުންނަ ކަމުގައި ވާނަމަ އެގެޔަކަށް މަލާއިކަތް ބޭކަލުން ނުވަންނަހުއްޓެވެ. ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.

"މަލާއިކަތް ބޭކަލުން އެގެޔެއްގައި ތަސްވީރާއި އަދި ކުއްތާ ވާ ގެޔަކަށް ވަދެވަޑައި ނުގަންނަވާ ހުއްޓެވެ. " (ޞަޙީޙް ބުޚާރީ)
ވަރަށްގިނަ ގެތަކުގައި ތަފާތުވައްތަރުގެ ބުދުތައް ބަހައްޓާފައި ހުރެއެވެ. އަދި ކާފަރުން އަޅުކަންކުރާ ބުދުތައްވެސް ބައެއް މީހުން ރީއްޗަކަށް ބަހައްޓާފައި ހުރެއެވެ. މިބާވަތުގެ ބުދު ބެހެއްޓުމުގެ ޙަރާމަކަން ބޮޑުވެގެން ވެއެވެ. އެއީ ފޮރުވާފައި އޮންނަ ފޮޓޯއަކަށްވުރެ އެލުވާފައި ނުވަތަ ފާރުގައި ތަތްކޮށް ނުވަތަ ހަރުކޮށްފައި ހުންނަ ފޮޓޯއެއް ނުބައިވެގެންވާ ފަދައިންނެވެ. ގިނަ ފަހަރަށް ތަސްވީރުވެފައި ވެފައި މަތިވެރިކޮށް ބޮޑާވެ ފަޚުރުވެރިވުމަށް ބޭނުންކުރެވޭ އެއްޗަކަށެވެ.
އަހަރެމެން ހަނދާނަކަށް ކަމަށްބުނެ ބަހައްޓާ ފޮޓޯތައް އަސްލު ހަނދާނަކަށް ބެހެއްޓުމުގެ ބަދަލުގައި އެހަނދާން ހުންނަން ޖެހޭނީ އަޅުގަނޑުމެންގެ ހިތްތަކުގައެވެ. އެބައިމީހުންގެ މަތިން ހަޤީޤީ ހަނދާންކުރުމަކީ އެބައިމީހުންގެ ފާފަ ފުއްސާވާތޯ ދުޢާކޮށް ރަޙުމަތްލެއްވުން އެދި ދުޢާކުރުމުންނެވެ.

މިފަދަ ތަސްވީރުތައް އަޅުގަނޑުމެން ނަގަން އެބަޖެހެއެވެ. އެފަދައިން އަމަލުކުރުމަށް ތިބާއަށް އުނދަގޫ ނުވަނީސް އެތަކެތި ނަގައި ސާފުކުރަންއެބަޖެހެއެވެ. ބައެއް ފަހަރަށް މިފަދަ ތަކެތި ޢާންމުވާ މިންވަރީ ކާތަކެތީގެ ބޭރުގަޔާއި ފޮތްތަކުގަޔާއި އަދިވެސް އެނޫންތަންތާގައި ޢާންމުވެއެވެ. އެހާރުންވެސް އެތަކެތި ނައްތާލުމަށްކުރެވެން ހުރި ހުރިހާކަމެއް ކުރުން ތިބާގެ މައްޗަށް ހުއްޓެވެ. އަދި ފޮތްތަކުގައި ހުންނަ ތަފާތު ފާހިޝް ތަސްވީރުތަކާއި މެދުގައި ފަރުވާތެރި ވުން ތިބާގެ މައްޗަށް ހުއްޓެވެ.

ޒަރޫރަތަކަށްޓަކައި ބައެއް ތަސްވީރު ބެހެއްޓުން ހުއްދައެވެ. އެއީ ކާކުކަން އަންގައިދޭ ކާޑުތަކާއި ލައިސެންސުކާރޑާއި އަދިވެސް އިހުތިރާމް ނުކުރެވޭ ގޮތަށް އެއެއްޗެއްގެ މަތިން ހިނގޭގޮތަށް ( މިސާލަށް ދޫލައިގައި ހުންނަ ތަސްވީރު) ފަދަ ތަކެތި ހުއްދައެވެ.
ތަޢާބުނު ސޫރަތުގެ 16 ވަނަ އާޔަތުގައި މާތްﷲ ސުބުހާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.
(فَاتَّقُوا اللَّـهَ مَا اسْتَطَعْتُمْ)
މާނައިގެ ތަރުޖަމާ: ވެވުނު (އެންމެ ބޮޑަކަށް) ތިޔަބައިމީހުންގެ ވާޖިބުތައް ﷲއަށް އަދާކޮށް އެއިލާހަށް ބިރުވެތިވާށެވެ.

ބައެއް ބަސްބަހުގެ މާނަ
ސޫރަ: ދިރޭ ކޮންމެއެއްޗެއްގެ ތަސްވީރު ނުވަތަ ފޮޓޯ ނުވަތަ ބުދު. މިސާލަށް އިންސާނުންގެ ސޫރަ، ޖަނަވާރުންގެ ސޫރަކުރުން: ބުދުހެދުން، ފޮޓޯ ނެގުން، ކަނޑާނެގުން، ޓެޓޫޖެހުން، ކުރެހުން،
މާނައިގެ ތަރުޖަމާ: ޤުރުއާނުގެ ބަސްފުޅުގެ ދޭހަވާ މާނައިގެ ތަރުަޖަމާ. ތަރުޖަމާ ނުވަތަ މާނައަކީ ޤުރުއާނެއް ނޫނެވެ. ނަމަވެސް އެއީ ޤުރުއާނުގެ މާނަ ނުވަތަ މާނައިގެ ތަރުޖަމާއެވެ

މަޞްދަރު: (މުޙައްރަމާތު އިސްތަހާނަ ބިހާ ކަޘީރުން މިނައް ނާސި)" ގިނަމީހުން ލުއިކޮށްލަމުންދާ ޙަރާމްކަންތައްތައް" ޝެއިޚު މުނައްޖިދު فك الله أسره

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މުއުމިން

    މިކަހަލަ ވާހަކަދައްކާތީއޭ މައްސަލައަކީ

  2. އަޙުމަދު

    އަޅުގަނޑުމެންގެ އަލްބަމުތަކުގައްޔާޢި ފޯނުގާ ރައްކާކޮށްފަ ހުންނަ ފޮޓޯވެސް އެގޮތަށް ގެންގުޅުން ޙަރާމް އެވެ.

  3. ތިމަންނަ

    މިކަންތައް އޮންނަގިޮތް ތަފްސީލު ކޮށް ވަރަށްރަގަޅަށް އޮޅުން ފިލުވާ ދެއްވުމަށް ދީނީ ބޭފުޅުންނަށް ގޮވާލަން

  4. ކިސްމާ

    އަދިވެސް އިހުތިރާމް ނުކުރެވޭ ގޮތަށް އެއެއްޗެއްގެ މަތިން ހިނގޭގޮތަށް ( މިސާލަށް ދޫލައިގައި ހުންނަ ތަސްވީރު) ފަދަ ތަކެތި ހުއްދައެވެ. ދޫލަތައްވެސް ހުންނަނީ ކޮޓަރީގަ ބައްވާފަ އެވެ. ވީމާ ބޮޑަށް ރަނގަޅީ ސޫރަނުހުންނަ އެއްޗިހި ބޭނުންކުރުމެވެ.

  5. ސަލީމާ

    ޒަމާނާ ފެތޭގޮތަށް މިއާޓިކަލް ތިލަކޮށްލިނަމަ ވަރަށް ފަސޭހަވީސް