ލިޔުނީ: އައްޝެއިޚް މުޙައްމަދު އަނީލް

 

2015 ވަނަ އަހަރުގެ ޖުލައިމަހުގެ 6 ވަނަ ދުވަހު އަޅުގަނޑުގެ ފޭސްބުކް ޕޭޖްގައި މިފަދައިން ޕޯސްޓެއް ކުރީމެވެ.

"ފަހު ދިހައިގެ ކޮންމެ ރެއަކު، ސިއްރިޔާތުގައި ފަޤީރަކަށް އެހީތެރިކަމުގެ އަތެއް ދިއްކޮށްލުމަށް ވަކި ޢަދަދެއް ކަނޑައަޅާށެވެ. އެއަށްފަހު ވަރުގަދަ ޢަޒުމަކާއެކު އެކަން ކުރާށެވެ. ވިސްނާލާށެވެ! ފަހުދިހައިގެން ކޮންމެ ރެއަކު މިކަން މިގޮތަށް ކުރެވިއްޖެނަމަ، ލައިލަތުލްޤަދްރީގައި ހޭދަ ކުރެވިފައިވާނެއެވެ. އެގޮތަށް ވެއްޖެނަމަ އެއްހާސް މައްސަރުގެ ހޭދައިގެ ސަވާބު ލިބިގެން ދިޔައީއެވެ."

#best10tipsFahu 10 ge komme reayaku , sirriyaathugai fageerakah ehee therikamuge atheh dhikkollumah vaki adhadheh kanda...

Posted by Sheikh Mohamed Aneel on Monday, 6 July 2015

އެއަށްފަހު މިވާހަކަތަކަށް ތިން އަހަރެއްހައި ދުވަސް ވުމަށްފަހު، މިއަހަރުގެ ރަމަޟާންމަހުގެ ތެރޭގައި މި ފިކުރު އިތުރަށް ތަފްޞީލް ކޮށްދެއްވީ، އަޅުގަނޑުގެ ލޮބުވެތި އަޚް، އަދި ނޫރުލްއިސްލާމް ޖަމްޢިއްޔާގެ ނާއިބު ރައީސް، އުސްތާޛު މުޙައްމަދު ނިހާދު ޖަމާލު އެވެ.

ރަމަޟާންމަހުގެ 17 ވީ ހުކުރު ދުވަހުގެ ވަގުތެއްގައި، އުސްތާޛު ނިހާދުގެ ފޭސްބުކް ޕްރޮފައިލްގައި ހިއްސާކުރެއްވި ސްޓޭޓަސް އަޅުގަނޑުގެ ޕޭޖްގައި ޕޯސްޓް ކޮށްލީމެވެ.

އޭގައި ލިޔުއްވާފައިވަނީ މިފަދައިންނެވެ.

(ގާތްގަނޑަކަށް) 2 މިލިއަން ޑޮލަރު ﷲގެ މަގުގައި ހޭދަކުރައްވާށެވެ.

އެއީ ނުހަނު ފަސޭހަ ކަމެކެވެ.

އެއްހާސް ރުފިޔާ ނަންގަވައި، އެއިން 100 ރުފިޔާގެ ނޫޓެއް ރަމަޟާންމަހުގެ ފަހުދިހައިގެ ކޮންމެ ރެއަކު، ﷲ އަށްޓަކައި ހޭދަކުރައްވާށެވެ.

ލައިލަތުލްޤަދްރިއަކީ 83.33 އަހަރު ކަމުގައި ވެފައި މިގޮތަށް ލައިލަތުލްޤަދްރީގައި ހޭދަކުރެވޭ 100 ރުފިޔާ ވެގެންދާނީ ގާތްގަނޑަކަށް 3 މިލިއަން ދިވެހި ރުފިޔާ ކަމަށެވެ. އަދި ﷲގެ ޙަޟްރަތުގައި އަޅާ ކުރާ ކޮންމެ ހެޔޮކަމެއް 10 ގުނަ އިތުރު ކޮށްދެއްވާތީ، އެޢަދަދު ވެގެންދާނީ 30 މިލިއަން ދިވެހި ރުފިޔާ ނުވަތަ 1.97 މިލިއަން ޑޮލަރު ކަމަށެވެ.

އެހެންވީމާ، ތިބާގެ 1000 ރުފިޔާ ތައްޔާރު ކުރައްވައި، ގާތްގަނޑަކަށް 2 މިލިއަން ޑޮލަރު ހޭދަކުރުމުގެ ސަވާބާއި ދަރުމަ ލިބިގަތުމަށް ތައްޔާރު ވާށެވެ!

އަދި އެނގޭތޯއެވެ! މި ސްޓޭޓަސް ޝެއަރ ކުރައްވުމުގެ ސަބަބުން މީހަކު މިގޮތަށް ޢަމަލުކޮށްފިނަމަ، އޭނާއަށް އެލިބޭ ފަދައިން ތިބާއަށްވެސް އަޖުރު ލިބިގެން ދާނެއެވެ.

Spend 2 Million dollars in the cause of Allah.It's simple.Collect 1000 rf and spend a 100rf note in each of the last...

Posted by Sheikh Mohamed Aneel on Friday, 1 June 2018

 

މި ސްޓޭޓަސް މިހާތަނަށް މިލިޔުން ލިޔުނު ގަޑިއާ ހަމައަށް މިވީ 17 ވަރަކަށް ގަޑިއިރުގެ ތެރޭގައި 870 އަށްވުރެ ގިނައިން ފޭސްބުކްގައި ޝެއަރ ކުރެވި، ވަކިވަކިން ކޮޕީކޮށް ސޯޝަލްމީޑިއާގެ އެކިއެކި ވަސީލަތްތަކުގެ ތެރޭގައި ދައުރުވަމުން އެބަދެއެވެ.

މިކަމާ ގުޅިގެން ވަރަށް ގިނަ ފަރާތްތަކުން، ހޭދަކުރައްވާނެ ގޮތަކާމެދު، ނުވަތަ ފައިސާ ދޭނީ ކޮން ފަރާތަކަށްކަން އޮޅުން ފިލުއްވުމަށް ތަކުރާރުކޮށް ސުވާލު ފޮނުއްވާތީ ދަންނަވަމެވެ.

މިއީ ވަރަށްވެސް ހެޔޮކަން ބޮޑުވެގެންވާ ކަމެކެވެ. ޚާއްޞަކޮށް ރަމަޟާންމަހަކީ ހޭދަކުރުމުގެ މައްސަރެވެ. އެކަމުގައި ފުރިހަމަ ނަމޫނާ ދެއްކެވީ ލޮބުވެތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައެވެ. އެކަލޭގެފާނު ރަމަޟާންމަހު ދީލަތިވެވަޑައިގަންނަވާ މިންވަރު ޞަޙާބީން ސިފަ ކުރެއްވީ ބާރު ވައިރޯޅިއެއްގެ ސިފައިގައެވެ.

ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! އެމީހަކަށް ވެވުނު މިންވަރަކުން ހޭދަކުރައްވާށެވެ! ﷲގެ ޙަޟްރަތުގައި ބައްލަވަނީ މީހާ ހޭދަކުރާ ޢަދަދަކަށް ނޫނެވެ. އެހެން ނަމަވެސް އޭނާގެ އިޚްލާޞްތެރިކަމަށެވެ.

ފަހަރުގައި، މިލިއަނުން ހޭދަކުރާ މީހާއަށްވުރެ، ވަކިލާރިކޮޅެއް ހޭދަކުރާ މީހާގެ ހޭދަކުރުން ﷲގެ ޙަޟްރަތުގައި ޤަބޫލުވެގެން ހިނގައިދާނެއެވެ. އޭނާގެ އިޚްލާޞްތެރިކަމުގެ ސަބަބުންނެވެ.

ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! ބޭނުން ޖެހިފައިވާ މީހުން އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ގިނައެވެ. ފަޤީރުންނާއި މިސްކީނުންވެސް މަދެއް ނޫނެވެ. ބޮޑެތި ބަލިތަކުގައި ޖެހި، ޚަރަދު ކުރާނެ ފައިސާ ނެތިގެން ފަރުވާ ނުކުރެވި ތިބި މީހުން ގިނައެވެ. ކެއިން ބުއިމުގެ ކަންތައް ހަމަޖައްސާ ނުލެވޭހާ ފަޤީރު ޢާއިލާތައް އަޅުގަނޑުމެންގެ މުޖުތަމަޢުތަކުގައި އެބަ އުޅެއެވެ. މިފަދަ މީހުންނަކީ އަޅުގަނޑުމެންގެ ވަށައިގެން އަވަށްޓެރިންގެ ތެރޭގައިވެސް އުޅޭ މީހުން ކަމުގައި ވެދާނެއެވެ. ގިނަފަހަރަށް އެފަދަ މީހުން ސަލާން ނުޖަހާނަމަ، އެމީހުންގެ ޙާލަތު އަޅުގަނޑުމެންނަށް ނޭނގި އޮވެދެއެވެ. މިއީ ހައްތަހާވެސް މިހޭދައިން ދެވިދާނެ މީހުންނެވެ.

އަދި މިކަމާ ގުޅޭގޮތުން އަޅުގަނޑު ދިވެހިރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިއަކާ މަޝްވަރާ ކުރުމުން ވިދާޅުވީ، ފަޤީރުންނާއި މިސްކީނުން ހޯދުމުގައި އުނދަގޫ ކަމުގައި ވިޔަސް، ރާއްޖެއަށް މަސައްކަތު މީހުންގެ ގޮތުގައި ރާއްޖެއިން ބޭރުން ގެނެވި، އެބައިމީހުން ގެންނަ ފަރާތުން މުސާރަ ނުދީ، ހިފަހައްޓައިގެން ގެންގުޅޭ އެތައް މުސްލިމު އަޚުން މި ދިވެހިރާއްޖޭގައި ތިބިކަމަށާއި، އެފަދަ މީހުންނަށްވެސް، މިފަދަ އެހީއަކުން ދެވިދާނެކަމަށެވެ. އެފަދަ މުސްލިމުންތައް، އެމީހުންގެ އަމިއްލަ ޤައުމުން ބޭރުގައި ތިބުމުގެ އިތުރަށް އެމީހުންނަށް ލިބެންޖެހޭ އުޖޫރަ ނުލިބުމުން، ނިކަމެތިވެފައިވެއެވެ.

ހަމައެހެންމެ، އިސްލާމްދީން ކުރިއެރުވުމަށް ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާއަށް، ނުވަތަ އިސްލާމްދީން ކުރިއެރުވުމަށް މަސައްކަތް ކުރާ ނަންޕްރޮފިޓް ރޭޑިއޯ ސްޓޭޝަނަކަށްވެސް ހޭދަކުރެވިދާނެއެވެ.

އަދި މިގޮތަށް ހޭދަކުރުމުގައި، ދުރު މީހުންނަށްވުރެ ގާތްތިމާގެ މީހުންގެ ތެރޭގައި ބޭނުން ޖެހިފައިވާ ބަޔަކު ވާނަމަ، އެފަރާތްތަކަށް އެހީތެރިވުމުގެ ހެޔޮކަށް ބޮޑުވެގެން ވެއެވެ. ސަބަބަކީ، ގާތްތިމާގެ ގުޅުން ޤާއިމު ކުރުމުގެ ސަވާބާއި ހޭދަކުރުމުގެ ސަވާބު އެމީހާއަށް އޭރުން ލިބިގެން ދާނެތީއެވެ.

ހޭދަކުރުމުގައި ތިމާގެ މައިންބަފައިންގެ ތެރެއިން މަރުވެފައިވާ ފަރާތަކުގެ ނަމުގައި ހޭދަކުރެވިދާނެއެވެ. އޭގެ ސަވާބާއި ދަރުމަ އެމީހުންނަށް ލިބޭއިރު، ﷲގެ ރަޙުމަތުން ތިމާއަށްވެސް ސަވާބާއި ދަރުމަ ލިބޭނެކަން ދަންނާށެވެ.

ފަހުދިހައިގެ ދުވަސްތަކާއި ރޭތައް އެންމެ ހެޔޮގޮތުގައި ހޭދަކުރާ މީހުންގެ ތެރެއިން، ﷲތަޢާލާ އަޅުގަނޑުމެން އެންމެން ލައްވާށި!

އަދި އިޚްލާޞްތެރިކަމާއެކު އެއިލާހަށް އަޅުކަން ކުރުން މަތީ ދެމިތިބެ، ﷲގެ ރުހިވޮޑިގަތުން ލިބޭފަދަ ޢަމަލެއްގެ މަތީގައި ދެމިތިބުމުގެ ހެޔޮތައުފީޤް އަޅުގަނޑުމެން އެންމެންނަށް ﷲ ދެއްވާށި! އާމީން.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ދިވެހިން

    ދެން މިހެން ލިޔެފަ އޮތީމަ ސަވާބާއި ދަރުމަ ހޯދުމަށާއި ހަމައެކަނި ފަހު ދިހައިގެ ރޭތަކުގަ ލައިލަތުލްޤަދްރިވިލޭރޭ ހޯދާށޭ ކިޔާފަ ހޭދަކުރިޔަސް ކަމަކު ނުދާނެ....ހުރިހާ ދުވަހެއްގައިވެސް ހުރިހާ ވަގުތެއްގައިވެސް ހެޔޮ އަމަލުކުރުން މަތީ ދެމިހުރެކުރާ ހޭދަ ޤަބޫލުވެވިގެންވާނީ........މިހެން ޝެއިޚް ނުލިޔުއްވީތީ ހައިރާންވަން.....

    • ކޮއްކޮ

      ރަނގަޅުވާނެ..

    • ޒިފާފް

      މިލިޔުމުގައި ހުރި ރަނގޅުކަންތައް ފާހަގަ ނުކުރީތީ ވަރަށް ބޮޑަށް ހައިރާންވޭ.

  2. މީ

    އާމީން

  3. ރާއްޖެ

    މިކަހަލަ ވާހަކަ ދައްކާތީ މި ޝެއިހުން މަށަށް ކަމުނުދަނީ. ރޯދަމަހު ފުރަތަމަ 20 ދުވަހު ރޯދަ ނުހިފާ ހުރެ ވެސް ފަހު ދިހައިގަ ރޯދަ ހިފާފަ ތިބުނާ ސަދަގާތެއް ކުރެވުނީމަ ސުވަރުގެ ދެވުނީއޭދޯ ތިކިޔަނީ.؟

    • ދޮންބެ

      މިކަހަލަ ލިޔެފަ ހުންނަ އެއްޗެތި ފަހުމް ނުވާމީހުން އުޅޭތީ މާސަކަރާތްނު ބްރޯ

  4. Anonymous

    ހޭދަ ކުރަންވާނީ އެމީހަކަށް ލިބޭ މިންވަރަކުން އޭގައި ވަކި އަދަދެއް ކަނޑައަޅައި ހެދުމެއްނޯވޭ! ﷲއަށްޓކައި ކުރާ ހޭދަ އެއީ ކިތަންމެ ކުޑަ މިންވަރެއް ކަމުގައި ވިޔަސް ހެޔޮދަރުމަ އާއި ޘަވާބު ލިބިގެންދޭ!

  5. ރާއްޖެ

    އަހަރެން އަތުގަ ބިލިޔަން ރުފިޔާ ހުރެ ފަގީރަކަށް 100 ރުފިޔާ ދިނުމާއި، އަހަރެން އަތުގަ 200 ރުފިޔާ ހުރެމެ ެތަނުން 100 ރުފިޔާ ފަގީރަކަށް ދިނުން ހެޔޮކަމުގެ ގޮތުން ތަފާތުވާނެ.

  6. ވިސްނާ

    ރާއްޖެނަމުގަ ކޮމެންޓް ފޮނުއްވާފައިވާފަރާތަށް ދަންނަވާލަން ރޯދަަމަހު20 ދުވަހުރޯދަނުހިފާފަރާތެއް ފަހުދިހައިގެރޯދަހިފާނެކަމަށް ގަބޫލްނުކުރެވޭ،އަދިޞަދަގާތްކުރައްވާނެ
    ކަމަށްވެސް ގަބޫލްނުކުރެވޭ 1 ދުވަހުވެސް ގަސްދުގައިރޯދަނުހިފާ ސަދަގާތްކުރުމަކީﷲނަހީ
    ކުރައްވާފައިވާކަމެއްކަމާއި، އެއީބޭކާރު ކަމެއްކަމުގައި އެގިނުލައްވާފަރާތަކުން ސަދަގާތެއް
    ކުރައެްވާނެހެންހީނުވޭ