ޙަލާލުތަކެތިން ވިޔަފާރިކުރުމުގައި ނަހީކުރައްވާފައިވާ ގޮތްތައް

- ގަސްތުގައި މަކަރެއް ހެދުމާއެކު ވިއްކުން:

(ބަކަރީގެ ނުވަތަގެރީގެ ނުވަތަ ޖަމަލުގެ ވައްގަނޑުން ކިރުފެލުމުގެ ކުރިން، ކިރުވިއްކުން، ނުވަތަ ކިރުން ގިތެޔޮ ވަކިކުރުމުގެކުރިން ގިތެޔޮ ވިއްކުން، ނުވަތަ ބަކަރީގެ ނުވަތަ ޖަމަލުގެ ކެހެރި ކޮށުމުގެކުރިން، ކެހެރި ވިއްކުން، ނުވަތަ މޭވާ ކެވޭވަރަށް ދޮންވެ ފައްކާވުމުގެކުރިން ވިއްކުން)

މި ހުރިހާ ވިޔަފާރިތަކަަކީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މަނާކުރައްވާފައިވާ ވިޔަފާރިތަކެކެވެ. ދަލީލަކީ އިބުނު ޢައްބާސް ރަޟިޔަﷲ ޢަންހު ރިވާކުރައްވާފައިވާ އަންނަނިވި ޙަދީޘެވެ. މި ޙަދީޘުގައި މަތީގައި ބަޔާންވެފައިވާ ހުރިހާ ކަމެއް ޘާމިލުވެގެންވެއެވެ. މި ހުރިހާ ވިޔަފާރިތަކެއްވެސް މަނާވުމުގެ އަޞްލު ސަބަބަކީ ޖަހާލަތު އަދި ގޮތްނޭންގުން ވަނުމެވެ. އެކަމުގެ ސަބަބުން މަކަރެއްކަމުގައި އެ ވިޔަފާރިވެގެންދެއެވެ.

عَنِ ابْن عَبَّاس، رَضِيَ اللَّهُ عَنْهُمَا، قَالَ: نَهَى رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنْ تُبَاعَ ثَمَرَةٌ حَتَّى تُطْعِمَ، وَلا صُوفٌ عَلَى ظَهْرٍ، وَلا لَبَنٌ فِي ضَرْعٍ . رواه الطبراني في ((معجم الأوسط)) (3708).

އިބުނު ޢައްބާސް ރަޟިޔަﷲ ޢަންހުމާގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެ ވިދާޅުވިއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މޭވާ(ނުވަތަ ގަސްގަހުގައި އަޅާތަކެތި) ހަރުވުމުގެ ކުރިން ވިއްކުމާއި އަދި (ޖަނަވާރުގެ)ކެހެރި ކޮށުމުގެ ކުރިން ވިއްކުމާއި އަދި ވައްގަނޑުގައިވާ ކިރު ވިއްކުން މަނާކުރެއްވެވިއެވެ.

(ޙަދީޘްގެ މަޞްދަރު: ރިވާކުރެއްވީ އިމާމު ޠަބަރާނީ، އަލް އައުސަޠު: 3708 ވަނަ ޙަދީޘް. ދާރުލް ޙަރަމައިނި،މިޞްރު، ޤާހިރާ، 1995 ވަނަ އަހަރުގެ ޗާޕު، ތިންވަނަ މުޖައްލަދު)

  • ބަކަރީގެ ނުވަތަގެރީގެ ނުވަތަ ޖަމަލުގެ ވައްގަނޑުން ކިރުފެލުމުގެ ކުރިން ކިރުވިއްކުން.

"މިމައްސަލައިގައި ޖުމްހޫރު ޢިލްމުވެރިން ކަމަށްވާ ޙަނަފީ މަޒްހަބާއި ޝާފިޢީ މަޒްހަބާއި އަދި ޙަންބަލީ މަޒްހަބުގެ ޢިލްމުވެރިން ވިދާޅުވަނީ ވައްގަނޑުގައިވާ ކިރު ވިއްކުން ހުއްދަނުވާނެ ކަމަށެވެ. އަދި އެކަމުގެ ފޮރުވިފައިވާ ސަބަބެއްކަމަށް (ޢިއްލައެއްކަމަށް) ވިދާޅުވަނީ ކިރު ހުރި ވައްތަރަކާއި އަދި އޭގެ މިންވަރު ނޭންގުމެވެ.

ދަލީލަކީ އިބުނު ޢައްބާސް ރަޟިޔަﷲ ޢަންހު ރިވާކުރައްވާފައިވާ މަތީގައިވާ ޙަދީޘެވެ.

 

މޭވާ ދޮންވެ ފައްކާވުމުގެ ކުރިން ވިއްކުން.

މޭވާ ދޮންވެ ފައްކާވުމުގެ ކުރިން ވިއްކުމަކީ ހުއްދަވެގެންވާ ކަމެއްނޫނެވެ. މިކަމުގެ ދަލީލަކީ

(عَمْرُو بْنُ دِينَارٍ أَنَّهُ سَمِعَ جَابِرَ بْنَ عَبْدِ اللَّهِ يَقُولُ نَهَى رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَنْ بَيْعِ الثَّمَرِ حَتَّى يَبْدُوَ صَلَاحُهُ)

މާނައީ: އަމްރު ބިން ދީނާރު އެކަލޭގެފާނު ރިވާކުރައްވައެވެ. ޖާބިރު ބިން ޢަބްދުﷲ ރަޟިޔަﷲ ޢަންހު ވިދާޅުވާތީ ތިމަންނާ އަޑުއެހީމެވެ. "ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މޭވާ(ގަސްގަހުގައިނުކުންނަ ތަކެތި) ދޮންވެ ފައްކާވުމުގެ ކުރިން ވިއްކުން ނަހީކުރެއްވިއެވެ." (ރިވާކުރެއްވީ އިމާމު މުސްލިމް: 1536 ވަނަ ޙަދީޘް )

މި ޙަދީޘުން ހުއްޖަތް ނަންގަވައި ހުރިހާ ޢިލްމުގެ އަހުލުވެރިން މޭވާ ދޮންވެ ފައްކާވުމުގެ ކުރިން ވިއްކުން ހުއްދަނުވާނެ ކަމަށް އިޖުމާޢުވެލައްވާފައިވާ ކަމަށް އިމާމު އިބުނު މުންޛިރު ރަޙިމަހުﷲ އެކަލޭގެފާނުގެ ފޮތްކަމުގައިވާ އަލް-އައުސަތުގައި ޢިޖުމާޢުގެންނަވާފައިވެއެވެ.

بيع الملامسة وبيع المنابذة

މި ދެބާވަތުގެ ވިއްކުމަކީވެސް ހުއްދަވެގެންވާ ކަމެއްނޫނެވެ.

އެންމެ ފުރަތަމަ މި ދެބާވަތުގެ ވިއްކުމަކީ ކޮބައިތޯ ބަލަންޖެހެއެވެ.

الْمُلَامَسَةِ އަކީ އެވިއްކާ އެއްޗެއް ނުދައްކާ އަތްޖައްސާލަންދީފައި ވިއްކާ ވިއްކުމެވެ.

الْمُنَابَذَةِ އަކީ ގަންނަ މީހާ ނުބަލާ ހުއްޓާ ނުވަތަ އެޔާދިމާޔަށް ނުއެނބުރިހުއްޓާ ވިއްކަންވެގެން ވިއްކާއެތި ދޭ ދިނުމެވެ.

ދަލީލު:

(أَنَّ أَبَا سَعِيدٍ رَضِيَ اللَّهُ عَنْهُ أَخْبَرَهُ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ نَهَى عَنْ الْمُنَابَذَةِ وَهِيَ طَرْحُ الرَّجُلِ ثَوْبَهُ بِالْبَيْعِ إِلَى الرَّجُلِ قَبْلَ أَنْ يُقَلِّبَهُ أَوْ يَنْظُرَ إِلَيْهِ وَنَهَى عَنْ الْمُلَامَسَةِ وَالْمُلَامَسَةُ لَمْسُ الثَّوْبِ لَا يَنْظُرُ إِلَيْهِ)

މާނައީ: ހަމަކަށަވަރުން އަބޫ ސަޢީދުލް ޚުދްރީ ރަޟިޔަﷲ ޢަންހު ރިވާކުރައްވައެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ الْمُنَابَذَةِ (ވިއްކުން) މަނާކުރެއްވިއެވެ. އަދި އެއީ އެމީހަކު (ވިއްކާ) ހެދުން (ނުވަތަ ފޮތިގަނޑު) ވިއްކުމަށްޓަކައި އެމީހަކު ބެލުމުގެ ކުރިން ނުވަތަ އެމީހަކު އެނބުރުމުގެ ކުރިން ހެދުން އެއްލުމެވެ. އަދި الْمُلَامَسَةِ (ގެވިއްކުންވެސް) މަނާކުރެއްވިއެވެ. އަދި މުލާމަސާއަކީ އެމީހަކު (ގަންނަ) ހެދުމަށް (ނުވަތަ ފޮތިގަނޑަށް) ނުބަލާހާލު އަތްޖައްސުވާފައި ވިއްކުމެވެ."

(ޙަދީޘްގެ މަޞްދަރު: صحيح البخاري، بَاب بَيْعِ الْمُلَامَسَةِ وَقَالَ أَنَسٌ نَهَى عَنْهُ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، كتاب البيوع, رقم الحديث: 2144، )

އިބުނު ޤުދާމާ ރަޙިމަހުﷲ އެކަލޭގެފާނުގެ ފިޤުހުފޮތްކަމަށްވާ "އަލްމުޣްނީ"ގައި މި ދެބާވަތުގެ ވިޔަފާރި ޙަރާމްކަމަށް ޢިލްމުގެ އަހުލުވެރިންގެ މެދުގައި ޚިލާފެއް ނެތްކަމަށް ބަޔާންކުރައްވާފައިވެއެވެ.

بيع الحصاة

އަދި ޙަޞާގެ ވިއްކުމަކީވެސް ހުއްދަވެގެންވާ ވިއްކުމެއްނޫނެވެ.

މި ބާވަތުގެ ވިޔަފާރިއަކީ ގަންނަން ބޭނުންވާ އެތި ގަތުމުގެ ކުރިން، ކުޑަހިލަކޮޅެއް ނަގައި އެ އެއްލުމުން ޖެހޭ އެއްޗެއް ތިމަންނާއަށް ވިއްކަން ވާޖިބުވާނޭ ބުނާ ބުނުމެވެ. (ނުވަތަ ވިއްކާ ވިއްކުމެވެ.)

މި ބާވަތުގެ ވިޔަފާރި ހުއްދަނުވާނެ ކަމުގެ ދަލީލު:

(عَنْ أَبِي هُرَيْرَةَ قَالَ : نَهَى رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَنْ بَيْعِ الْحَصَاةِ وَعَنْ بَيْعِ الْغَرَرِ)

އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު ރިވާކުރައްވައެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހިލަކޮޅުއެއްލާއިގެން ވިއްކާވިއްކުމާއި އަދި ޖަހާލަތު ހިމެނޭ ވިއްކުން މަނާކުރެއްވިއެވެ."

(ޙަދީޘްގެ މަޞްދަރު: رواه مسلم، بَاب بُطْلَانِ بَيْعِ الْحَصَاةِ وَالْبَيْعِ الَّذِي فِيهِ غَرَرٌ، كتاب البيوع، رقم الحديث: 1513)

(ނުނިމޭ)