ފަހު ޒަމާން ފާޅުވުމާއެކުގައި އެތައްބާވަތެއްގެ ބިދުޢަތައް ފާޅުވާނެއެވެ. އަދި ފަހުޒަމާނުގެ އަހުލުވެރިން ކުރީގެ މީސްތަކުން އެބަހީ ޞަޙާބީންނަށް އެއްޗެހި ކިޔާ ލަޢުނަތްދީ ހަދާނެއެވެ. އަދި ޞަޙާބީ ބޭކަލުންގެ މާތްކަން އެބައިމީހުން ވަޒަނެއްނުކުރާނެއެވެ. އެބައިމީހުން ޞަޙާބީ ބޭކަލުންގެ މަތިވެރިކަމާއި އަދި އެބޭކަލުންގެ މަޤާމު ހަނދާން ނައްތާލާނެއެވެ. އަދި ﷲ ސުބުޙާނަހޫ ވަތަޢާލާ ޞަޙާބީ ބޭކަލުންގެ މައްޗަށް ރުއްސަވާ ވޮޑިގެން ބާވާލައްވާފައިވާ އާޔަތްތައް ހަނދާން ނައްތާލާނެއެވެ.
މިއުއްމަތުގެ ފަހުގެ މީހުން އުއްމަތުގެ ފުރަތަމަކޮޅުގެ މީހުންނަށް ކިހައްޑިހަބަސްތައް ރައްދުކުރާނެއެވެ.
ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.
"މިއުއްމަތުގެ ފަހުންއަންނަ މީހުން މިއުއްމަތުގެ ކުރީގެ މީސްތަކުންގެ މައްޗަށް ލައުނަތްދިނުމަށް ދާންދެން ޤިޔާމަތްނުވާހުއްޓެވެ."
މިތަނުގައި އުއްމަތް ގެނެވިފައި އެވަނީ ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައިގެ އުއްމަތުގެ މާނައިގައެވެ. އެންމެމޮޅަށް ދެނެވޮޑިގެންވަނީ ﷲ.
މައިމީހާ އޭނާގެ ޞާހިބު މީޙާ ވިހެއުން
ޤިޔާމަތްވުމުގެ އެއްއަލާމާތަކީ އަޅު އަންހެނާ އޭނާގެ ޞާހިބުމީހާ ވިހެއުމެވެ. މިކަން ދިމާވަނީ މިނިވަންވެފައިވާ ފިރިހެނާ އަޅުއަންހެނާއަށް ލިބޭކުއްޖާ ބޮޑުވަނީ މިނިވަނެއްގެ ގޮތުގައެވެ. މިކުއްޖާ މިނިވަންކުއްޖެއްގެ ގޮތުގައި ބޮޑުވާއިރު އޭނާގެ ބައްޕައަކީ ކުރިއްސުރެ މިނިވަނެކެވެ. ނަމަވެސް އެކުއްޖާގެ މަންމަ އޭރުވެސް ވާނީ އަޅަކަށެވެ. އަދި އެ ހާލަތުގައި އޭނާވާނީ އޭނާގެ ދަރިފުޅުގެވެސް އަޅަކަށެވެ. ނުވަތަ ދަރިފުޅަކީ އޭނާގެ ސާހިބެއްފަދައެވެ.
ޤިޔާމަތް ވުމާއި ބެހޭގޮތުން ޖިބްރީލް ޢަލައިހިއް ސަލާމް ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައާއި ސުވާލުކުރެއްވާފައިވާ މަޝްހޫރު ޙަދީޘްގައިވެއެވެ. ރަސޫލުﷲ ގެފާނުގެ ބަސްފުޅުގެ މާނައިގައިވެއެވެ. "އަހަރެން ޤިޔާމަތްދުވަހުގެ އަލާމާތްތައް ބުނެދޭނަމެވެ. އެއީ އަޅުއަންހެނާ އޭނާގެ ޞާހިބުމީހާއަށް ވިހެއުމެވެ."
އަދި މިތަނުގައި އެވާ ބަހުގެ މާނައަކީ އަޅުއަންހެނާ ރަސްކަލެއް ވިހެއުން ކަމަށްވެސް ބުނެވެއެވެ. އޭރުން މަންމަ ރަސްގެފާނުގެ މުދަލަކަށް ފަހުން ވެއެވެ. ނުވަތަ ބާރުގެ ދަށުގައި ވެއެވެ. (ޝައިޚު އަރީފީގެ ބަސްކޮޅު ނިމުނީ)
އިތުރު ނޯޓެއް:
ފުރަތަމަ ޢަލާމާތް
މިޒަމާނަކަށް އައިސް ހުދު އަޅުގަނޑުމެންގެ ދިވެހިރާއްޖެއިންވެސް ޞަޙާބީ ބޭކަލުންނަށް އެއްޗެހި ގޮވާ ދީނުގެ ޙުކުމްތައް ދޫކޮށްލުމަށް ބަހަނާއެއްގެ ގޮތުން އެބޭކަލުންނަކީ ހަމަ އަހަރެމެންކަހަލަ ބަޔެއްކަމަށް ބުނާ ބަޔަކު އެބައުޅެއެވެ. މިއީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޚަބަރުކުރައްވާފައިވާ ކަންތައްތައް އަޅުގަނޑުމެންގެ ލޯމައްޗަށް ފެނުން ފަދަ ކަމެކެވެ. އަދި ޞަޙާބީ ބޭކަލުންގެ ބަސްފުޅުތަކަކީ ކިހައްޑިހަ އެއްޗަކަށް ހަދައި އެއްވެސް ޤަދަރެއް ނުކުރާތަނުގައި އެބޭކަލުންނަށް އެއްޗެހި ކިޔާ މީހުން އަޅުގަނޑުމެންނަށް ފެންނަމުންދާ ކަމީ ހިތާމައެކެވެ. މިފަދަ މީހުންގެ ތެރެއިން އަޅުގަނޑުމެން ނުވޭތޯ ގަދައަޅައި މަސައްކަތްކޮށް ދީނުގައި ގަދައަށް ހިފަހައްޓާ ބަޔެއްކަމުގައި ލައްވާށިއެވެ.
އަދި މިފަދަ މީސްތަކުންގެ ކިބައިން ސަލާމަތްވުމަކީ ކޮންމެ މީހެއްގެ މައްޗަށްވެސް އޮތްކަމެކެވެ. އަޅުގަނޑުމެންނަށް އޮތީ ހައްޤުހޯދަން މަސައްކަތްކުރުމެވެ. އަޅުގަނޑުމެންނަކީ އެފަދަ ޖާހިލުން ކަމުގައި ނުލައްވާށިއެވެ. އާމީން.
ޖިޙާދުކުރުމަކީ ވަރަށްމަތިވެރިކަމެކެވެ. ޖިހާދުކުރުމުގެ މަތިވެރިކަން އަޅުގަނޑުމެންނަށް އެނގިގެންދަނީ އެކަމާއި ބެހޭގޮތުން ﷲ ސުބުޙާނަހޫ ވަތަޢާލާ ކީރިތިޤުރުއާނުގައި އަންގަވާފައިވާ މަތިވެރި އާޔަތްތަކުންނާއި އަދި މާތް ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ތޯހިރުވެގެންވާ ސުންނަތުންނެވެ. ޖިހާދަކީ މިއުއްމަތުގެ ކުރިބޯއްޓެވެ. އެއީ އިސްލާމްދީނުގެ އެންމެމަތިވެރިކަން ޙާޞިލުކުރެވޭ ކަމެވެ. އެއީ މުއުމިނުނަށް އޮތް އެންމެ ފައިދާބޮޑު ވިޔަފާރިއެވެ. އެއީ އެކަމެއްގެ ސަބަބުން މިއުއްމަތް އިއްޒަތްތެރި ކުރި އަދި އެކަމެއް ދޫކޮށްލުމުން މިއުއްމަތަށް ހިތާމަޔާއި މުޞީބަތްޖެއްސިކަމެވެ. އެއީ އެކަމުގައި އުޅެނިކޮށް މަރުވާ މީސްތަކުން މަރުވެފައިވާ ބަޔެއްކަމަށް ނުބުނުމަށާއި އެއިލާހުގެ ހަޟްރަތުގައި ދިރިތިބޭ ބަޔެއްކަމުގައި ބުނުމަށް ﷲ އަންގަވާފައިވާ ކަމެވެ.
މާތްﷲ އައްޞައްފު ސޫރަތުގައި ވަޙީކުރައްވާފައިވެއެވެ.
إِنَّ اللَّـهَ يُحِبُّ الَّذِينَ يُقَاتِلُونَ فِي سَبِيلِهِ صَفًّا كَأَنَّهُم بُنْيَانٌ مَّرْصُوصٌ ﴿٤﴾
ހަމަޔަޤީނުންވެސް ﷲ ސުބުހާނަހޫ ވަތަޢާލާ އެއިލާހުގެ މަގުގައި ސަފުސަފަށް އެއްވެ ގަދަ ބިނާއެއްފަދައިން ތިޔަބައިމީހުންވެ، ޖިހާދުކުރުމަށް ﷲ ލޯބިވެވޮޑިގަންނަވައެވެ.
يَا أَيُّهَا الَّذِينَ آمَنُوا هَلْ أَدُلُّكُمْ عَلَىٰ تِجَارَةٍ تُنجِيكُم مِّنْ عَذَابٍ أَلِيمٍ ﴿١٠﴾
އޭ އީމާންވެއްޖެ މީސްތަކުންނޭނެވެ.
ތިމަންއިލާހު ތިޔަބައިމީހުން ގަދަފަދަވެގެންވާ އަޛާބުން ސަލާމަތްވެވޭނެ ވިޔަފާރިއަކަށް މަގުދައްކަންހެއްޔެވެ؟
تُؤْمِنُونَ بِاللَّـهِ وَرَسُولِهِ وَتُجَاهِدُونَ فِي سَبِيلِ اللَّـهِ بِأَمْوَالِكُمْ وَأَنفُسِكُمْ ۚ ذَٰلِكُمْ خَيْرٌ لَّكُمْ إِن كُنتُمْ تَعْلَمُونَ ﴿١١﴾
(އެގަދަފަދަ ވެގެންވާ އަޛާބުން ސަލާމްތަކޮށްދޭނެ ކަންތައްތަކަކީ) ﷲއަށް އިމާންވެ އަދި ރަސޫލާއަށްވެސް(އީމާންވެ) އަދި ﷲއަށްޓަކައި އެއިލާހުގެ މަގުގައި ތިޔަބައިމީހުންގެ މުދަލުންނާއި އަދި ނަފުސުތަކުން ޖިހާދުކުރުމުންނެވެ. ތިޔަބައިމީހުންނަށް އެކަން އިނގޭނަމަ އެކަންތައްތައް ހެޔޮކަންބޮޑުވެގެންވެއެވެ.
يَغْفِرْ لَكُمْ ذُنُوبَكُمْ وَيُدْخِلْكُمْ جَنَّاتٍ تَجْرِي مِن تَحْتِهَا الْأَنْهَارُ وَمَسَاكِنَ طَيِّبَةً فِي جَنَّاتِ عَدْنٍ ۚ ذَٰلِكَ الْفَوْزُ الْعَظِيمُ ﴿١٢﴾
އޭރުން ތިމަންއިލާހު ތިޔަބައިމީހުންގެ ފާފަތައް ފުއްސަވައި އެތަނުގެ ދަށުން ފެންކޯރުތައް ހިނގައިހިނގައި ހުންނަ ސުވަރުގެ ތަކަށް ވައްދަވާހުށީމެވެ. އަދި ހެޔޮވެގެންވާ ގޮވަތިތައް ތިޔަބައިމީހުން ސުވަރުގެ(ޢަދަން)އިން ދެއްވާހުއްޓެވެ. ބޮޑުވެގެންވާ ކާމިޔާބަކީ އެއީއެވެ.
وَأُخْرَىٰ تُحِبُّونَهَا ۖ نَصْرٌ مِّنَ اللَّـهِ وَفَتْحٌ قَرِيبٌ ۗ وَبَشِّرِ الْمُؤْمِنِينَ ﴿١٣﴾
އަދިވެސް (ﷲ ސުބުހާނަހޫ ވަތަޢާލާ) ތިޔަބައިމީހުން ލޯބިވާނެފަދަ ނިޢުމަތްތައް (ފަހުންދެއްވާހުއްޓެވެ.). އަދި ﷲގެ ޙަޟްރަތުން ނަޞްރާއި ފަތަޙަ ވަނީ ނުހަނު ގާތުގައެވެ. (އޭ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައެވެ) މުއުމިނުތަކުންނަށް އުފާވެރިވެގެންވާ ޚަބަރުދެއްވާށެވެ.
އަދިވެސް ޖިހާދުކުރަނިކޮށް ޝަޙީދުވެފައިވާ މީހުންނާއި ބެހޭގޮތުން ބަޤަރާ ސޫރަތުގައި ﷲ ވަޙީކުރައްވައެވެ.
وَلَا تَقُولُوا لِمَن يُقْتَلُ فِي سَبِيلِ اللَّـهِ أَمْوَاتٌ ۚ بَلْ أَحْيَاءٌ وَلَـٰكِن لَّا تَشْعُرُونَ ﴿١٥٤﴾
އަދި ﷲގެ މަގުގައި ޝަހީދުވެފައިވާ މީހާއަށް މަރުވެފައިވާބަޔެކޭ ނުބުނާށެވެ. ނަމަވެސް އެބައިމީހުންނަކީ ދިރިތިބޭ ބަޔެކެވެ. ނަމަވެސް ތިޔަބައިމީހުންނަށް ނޭންގެނީއެވެ.
--------------------------------------------------------------
މިއާޔަތްތަކުން ލިބޭ ފައިދާ
01.އެންމާތް އަދި އެންމެ ފައިދާކުރަނިވި ވިޔަފާރިއަކީ ﷲގެ މަގުގައި މުދަލާއި ނަފުސުން ޖިހާދުކުރުންކަން. އެއީ ﷲގެ މަގުގައި ހަނގުރާމަކުރުމެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވައެވެ.
قال رسول الله صلي الله عليه وسلم:) رأس الأمر الإسلام ، وعموده الصلاة ، وذروة سنامه الجهاد (
މާނައަކީ: ހުރިހާކަމެއްގެ އަސްލަކީ އިސްލާމްދީނެވެ. އަދި އިސްލާމްދީނުގެ ތަނބަކީ ނަމާދެވެ. އަދި އެދީނުގެ (ކުރިބޯއްޓަކީ އެންމެމަތިވެރިކަމަކީ) ޖިހާދުކުރުމެވެ.
ތިރިމިޛީ 2626 ވަނަ ޙަދީޘުން
02.ހުރިހާ ޢަމަލެއް ޤަބޫލުކުރެވޭނީ ﷲ އަށާއި ރަސޫލާއަށް އީމާންވެގެންކަން
03.ޖިހާދުކުރުމުގެ ސަބަބުން ދުނިޔެއާއި އާޚިރަތުގައި ލިބޭމަތިވެރިކަން
އާޚިރަތުގައި
ބޮޑުވެގެންވާ އަޛާބުން ސަލާމަތްވެގެންވުން
ފާފަތަށް ފުއްސެވުން
އެތަނުގެ ދަށުން ފެންކޯރުތައް ދެމެމުންދާ ސުވަރުގެތަކަށް ވެއްދެވުން
އެތަނުގައި އަބަދަށް ދެމިތިބޭ މަތިވެރިވެގެންވާ ގަނޑުވަރުތައް ލިބުން
ދުނިޔޭގައި ލިބޭ މަތިވެރިކަމަކީ ﷲގެ ޙަޟްރަތުން ލިބޭ ނަޞްރު ނުވަތަ ޝަހީދުވުން. މިދެކަންތަކުން ދެރަގޮތެއް އޮތީ ފަހެ ކޮންކަމެއްގައި ހެއްޔެވެ؟
--------------------------------------------------------------
އިތުރު ތަފުޞީލު
ނަމަވެސް މިޒަމާނަކަށް އައިސް ޖިހާދުކުރުމަކީ ކޮބައިކަން ބައެއްފަރާތްތަކުން ދަނީ އޮޅުވާލަމުންނެވެ. ޖިހާދުގެ ބައިތަކުގެ ތެރެއިން ވަކިބަޔަކީ ޖިހާދުކަމުގައި ބުނެ ދެންއޮތް ބާވަތްތަކުގެ ޖިހާދުން މީސްތަކުން މަގުފުރެއްދުމަށް ގަދައަޅައި ބަޔަކު ދަނީ މަސައްކަތްކުރަމުންނެވެ.
ޝެއިޚު ބިން ޢުޘައިމީން ރަޙިމަހުﷲ އައްޝަރަޙަލް މުމްތިޢުގައި ޖިހާދުގެ ބާބުގައި ގެންނަވާފައިވެއެވެ.
"ޖިހާދުކުރުމަކީ އިސްލާމްދީނުގެ ދުޝްމަނުންނާއި ދެކޮޅަށް ހަނގުރާމަކުރުމާއި އެނޫންގޮތްގޮތުން ﷲގެ ކަލިމަފުޅު މަތިވެރިކުރުމަށް ކުރުމަށް ކުރެވޭ މަސައްކަތްތަކެވެ. އަދި ޖިހާދު ބެހިގެންވަނީ ތިންބަޔަކަށެވެ. އެއީ ނަފުސުގެ ޖިހާދާއި މުނާފިޤުންނާއި ކުރެވޭ ޖިހާދާއި އަދި ކާފަރުންނާއި ކުރިމަތިލައިކުރެވޭ ޖިހާދެވެ."
އަދި މިތިންބައިގެ ތަފުސީލުގެންނަވާފައިވެއެވެ. އެހެންލިޔުމަކުން އެބައި ގެނެސްދެވޭނެ ކަމުގެ އުއްމީދުގައި މިލިޔުން ނިންމާލަމެވެ. އެކަމަށްﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑަށް ތައުފީޤު ދެއްވާށިއެވެ. އަދި މިލިޔުމަކީ އަޅުގަނޑުމެންގެ އަޚުންނާއި އުޚުތުންނަށް ފައިދާކުރާ ލިޔުމެއްކަމުގައި ލައްވާ ދުނިޔޭގެ އެކިކަންކޮޅުތަކުގައި ﷲގެ ކަލިމަފުޅު މަތިވެރިކުރުމަށް ޖިހާދުކުރަމުންގެންދާ އަޅުގަނޑުމެންގެ އަޚުންނާއި އުޚުތުންނަށް ނަޞްރާއި ކާމިޔާބުދެއްވާށިއެވެ. ﷲއަކީ މުއުމިނުންނަށް ކާމިޔާބުދެއްވާނެ ކަމުގެ އުފާވެރި ޚަބަރު ދެއްވާފައިވާ އައްރަޙުމާނުއް ރަޙީމެވެ.
والله أعلم. وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين. آمين
ރެފަރެންސު
دروس في التفسير،
الشرح الممتع ، كتاب الجهاد
WWW.SUNNAH.COM
WWW.TANZIL.NET
މިއަދު ރާއްޖޭގަ މިތިބަ ދަންނަބޭކަލުންނޭ ކިޔާމީހުން ، ރާއްޖޭގަ ކުރިންއުޅުނު ދަންނަބޭކަލުންނަށް މަލާމާތްކޮށް ހަޖޫޖެހުންވެސް މެއެވެ.