الحمد لله رب العالمين. والصلاة والسلام على نبينا محمد و آله و صحبه أجمعين. أما بعد:

ﷲ ސުބުޙާނަހޫ ފަރުޟު ކުރެއްވި ރޯދަމަހަކީ އެހެން އަޅުކަންތަކާ ޚިލާފަށް އެތައް މާތްކަމަކާއި އަދި މަތިވެރިކަމެއް އެކުލެވިގެންވާ މައްސަރެކެވެ. މިމަހުގެ ރޯދައަކީ އެތައް ދަރަޖައަކަށް މަތިވެރިވެގެންދާ އަޅުކަމެކެވެ. އަދި މިމަހުގައި ކުރާ އެހެން އަޅުކަންތަކަކީވެސް މާތްވެގެންވާ އަދި އެއަޅުކަންކަމަށް މަތިވެރިވެގެންވާ އަޖުރުލިބޭ ކަންކަމެވެ. އެގޮތުން މިމަހުގައި ތިން ޢަމަލެއްވެއެވެ. އެޢަމަލުތަކުން އިސްވެދިޔަ ހުރިހާ ފާފައެއް ފުހެވިގެންދާކަމަށް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

އެތިން ޢަމަލަކީ:

ހ. ރޯދަމަހުގައި ރޯދަހިފުން

އާދެ ރޯދަހިފުމަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ އެހިފާ މީސްތަކުންގެ އިސްވެދިޔަ ހުރިހާ ފާފައެއް ފުހެލާކަމަށް އަންގަވާފައިވާ ޢަމަލެކެވެ. ނަމަވެސް އެޢަމަލުކުރަން ޖެހެނީ ﷲ އަށް އީމާންވުމާއެކު އަޖުރަށް އުއްމީދުކުރާ ހާލުގައި ކުރުމުންނެވެ.

ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރައްވާފައިވެއެވެ.

(مَنْ صَامَ رَمَضَانَ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ) متفق عليه.

މާނައީ: "އީމާންކަމާއި ސަވާބަށް އުއްމީދުކޮށްގެން ރޯދަމަހުގެ ރޯދަހިފައިފިމިޙާގެ އިސްވެދިޔާ ހުރިހާ ފާފައެއް ފުއްސެވޭހުއްޓެވެ."

ށ. ރޯދަމަހުގައި ރޭއަޅުކަން ކުރުން

ރޯދަމަހުގެ ރޭއަޅުކަމަކީ ތަރާވީޙް ނަމާދުކުރުމެވެ. އަދި ޢިޝާފަހުން ފަތިހާ ދެމެދު ކުރާ ހުރިހާ ނަމާދަކީވެސް ރޭއަޅުކަމެވެ.

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(مَنْ قَامَ رَمَضَانَ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ) متفق عليه.

މާނައީ: "ރަމަޟާންމަހު އީމާންކަމާއި ސަވާބަށް އުއްމީދުކޮށްގެން ހުރެ ރޭއަޅުކަން އަދާކޮށްފި މީހާގެ އިސްވެދިޔަ ހުރިހާ ފާފައެއް ފުއްސެވޭ ހުއްޓެވެ."

ނ. ލައިލަތުލް ޤަދުރިވިލޭރޭ ރޭ އަޅުކަން ކުރުން

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(مَنْ قَامَ لَيْلَةَ الْقَدْرِ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ) رواه البخاري.

މާނައީ: "ސަވާބާ އަޖުރަށް އުއްމީދުކުރާ ހާލު ލައިލަތުލް ޤަދުރިވިލޭ ރޭއަޅުކަންކޮށްފިމީހާގެ އިސްވެދިޔާ ފާފަތައް ފުއްސެވޭ ހުއްޓެވެ."

ލައިލަތުލް ޤަދުރިވިލޭރެއަކީ ފަހު ދިހައެއްގެ އޮނަހިރި ރޭތަކުގެ ތެރެއިން ރެއެކެވެ. އަދި އެރޭ އެކިރޭތަކުގައި ނަޤުލުވާކަމަށް އެކި ޙަދީޘްތައް ޖަމާކުރެއްވުމަށްފަހު ޢިލްމުވެރިން ވިދާޅުވެއެވެ. އަދި އެރޭ ކުރާ އަޅުކަން އެއްހާސްމައްސަރަށްވުރެ ހެޔޮކަން ބޮޑުވެގެންވެއެވެ.

ވީމާ ރަމަޟާންމަހުގެ މަތިވެރިވެގެންވާ މި ހުރިހާ ކަންތައްތައްކޮށް ހުރިހާ ފާފައެއް ފުހެވިގެންދާ މީހުންކަމުގައި އަޅުގަނޑުމެންވާން ވޭތޯ ގަދައަޅައި މަސައްކަންކުރަން ޖެހެއެވެ. މިމަތިވެރިމަހުގެ ފުއްސެވުން މިންވަރުކުރައްވާ މީހުންގެ ތެރޭގައި ލައްވައި ހެޔޮރަޙުމަތް ލައްވާށިއެވެ.

وصلى الله وسلم على محمد و آله وصحبه أجمعين. آمين.