ހަވަނައީ: މިންވަރަށް(ހެޔޮމިންވަރާއި ނުބައިމިންވަރަށް) އީމާންވުން.

"އީމާންކަމުގެ ރުކުންތަކުގެ ތެރެއިން ހަވަނަ ރުކުނަކީ މިއެވެ. (ޤަޟާ ޤަދަރަށް) މިންވަރަށް އިމާންވުމަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ އެންމެ ކުރިން ހުރިހާ ތަކެއްޗެއް މިންވަރު ކަނޑައަޅުއްވައި، އެކަންކަން ވުމަށް ﷲ ތަޢާލާގެ ޙަޟްރަތުގައި ކަނޑައެޅިފައިވާ ވަޤުތު އެއިލާހު ދެނެވޮޑިގެންވާ ކަމާއި، އަދި އެނގިގެންވާ ތަނެއްގައި އެކަންކަން ވާނެކަމަށް (އީމާންވުމެވެ.). އަދި އެކަމެއް ހިނގާނީ ﷲ ތަޢާލާ ކަނޑައެޅުއްވި ގޮތެއްގެ މަތީންނެވެ.

ޤަދަރަށް (މިންވަރަށް) އީމާންވުމުގައި ހިމެނޭ ކަންކަން.

ފުރަތަމައީ: ހުރިހާ އެއްޗެއް ﷲ ސުބުޙާނަހޫ ވަތަޢާލާ އިޖުމާލީކޮންނާއި އަދި ތަފުޞީލުކޮށް އަބަދުގެ އަބަދަށް ދެނެވޮޑިގެންވާ ކަމާއި، އަދި އެއިލާހު ވެފައިވާ ކަންކަމާއި އަދި ވާނޭކަންކަން ދެނެވޮޑިގަންނަވާކަމާއި އަދި އަދި ނުވާކަންކަމާއި އަދި ވަންޏާއި ވާނޭގޮތްވެސް ދެނެވޮޑިގަންނަވާކަމަށް އީމާންވުމެވެ.

ދެވަނައީ: ﷲ ސުބުޙާނަހޫ ވަތަޢާލާ އެކަންކަން އައްލައުޙުލް މަޙްފޫޡުގައި ލިޔުއްވާފައިވާ ކަމަށް އީމާންވުމެވެ. ﷲ ވަޙީކުރައްވާފައިވެއެވެ.

(أَلَمْ تَعْلَمْ أَنَّ اللَّـهَ يَعْلَمُ مَا فِي السَّمَاءِ وَالْأَرْضِ، إِنَّ ذَٰلِكَ فِي كِتَابٍ، إِنَّ ذَٰلِكَ عَلَى اللَّـهِ يَسِيرٌ ) سورة الحج: 70.

މާނައީ: "ހަމަކަށަވަރުން އުޑާއި ބިމުގައިވާހާކަމެއް اللَّه ދެނެވޮޑިގެންވާކަން ތިބާޔަށް ނޭނގެނީހެއްޔެވެ؟ ހަމަކަށަވަރުން އެކަންތައްވަނީ ފޮތެއްގައި ލިޔުއްވައިފައެވެ. ހަމަކަށަވަރުން އެކަންތަކަކީ اللَّه އަށް ދާދިފަސޭހަކަމެކެވެ."

އަދި ޞަޙީޙް މުސްލިމުގައި އައިސްފައިވާ ޙަދީޘެއްގައި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(كَتَبَ اللَّهُ مَقَادِيرَ الْخَلَائِقِ قَبْلَ أَنْ يَخْلُقَ السَّمَاوَاتِ وَالْأَرْضَ بِخَمْسِينَ أَلْفَ سَنَةٍ) رواه مسلم في صحيحه: 2653.

މާނައީ: "ﷲ ސުބުޙާނަހޫ ވަތަޢާލާ ޚަލްޤުތަކުންގެ މިންވަރުފުޅުތައް، އުޑާ ބިންހެއްދެވުމުގެ ފަންސާސް ހާސް އަހަރު ކުރިން ލިޔުއްވެވިއެވެ."

ތިންވަނައީ: ހުރިހާ ކާއިނާތުތަކެއް ﷲގެ އިރާދަފުޅާ ލައިގެން މެނުވީ ނުވާނެކަމަށް އީމާންވުމެވެ. އެއީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޢަމަލުފުޅުތައްކަމުގައި ވިޔަސް މެއެވެ. އަދި އަދި އަޅުތަކުންގެ ޢަމަލުތައް ކަމުގައިވިނަމަވެސް މެއެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

(وَرَبُّكَ يَخْلُقُ مَا يَشَاءُ وَيَخْتَارُ) سورة القصص: 68.

މާނައީ: "ކަލޭގެފާނުގެ ވެރިރައްބު އެއިލާހު ބޭނުންވެ ވޮޑިގަންނަވާ އެއްޗެއް އުފައްދަވަފައެވެ. އަދި ޚިޔާރުކުރައްވަވައެވެ."

އަދިވެސް ވަޙީކުރައްވައެވެ.

(هُوَ الَّذِي يُصَوِّرُكُمْ فِي الْأَرْحَامِ كَيْفَ يَشَاءُ) سورة آل عمران: 6.

މާނައީ: "އެކަލާނގެއަކީ އެއިލާހު ބޭނުންވެ ވޮޑިގެންނެވި ފަދައަކުން ރަޙިމްތަކުގައި ތިޔަބައިމީހުން އުފައްދަވާ(ޞޫރަކުރައްވާ) އިލާހެވެ."

ހަތަރުވަނައީ: ހުރިހާ ކާއިނާތު ތަކަކީ ﷲ އުފައްދަވާފައިވާ މަޚުލޫޤުންތަކެއްކަމަށް އީމާންވުމެވެ. އެހެނީ ބިމާއި އުޑުގައި ޒައްރެއްގެ މިންވަރުވިޔަސް އެތަކެތި އުފައްދަވާފައިވަނީ ﷲއެވެ. އަދި އެތަކެތީގެ ޙަރަކާތްތަކާއި އަދި ޤާއިމުވާތަންލައްވަނީވެސް ﷲއެވެ. އެއިލާހު ނޫން އުފައްދަވާ ފަރާތެއްނުވެއެވެ. އަދި އެނޫން އުފައްދަވާ ބަލަހައްޓަވާ ފަރާތެއް ނުވެއެވެ. ﷲ ވަޙީކުރައްވާފައިވެއެވެ.

(اللَّـهُ خَالِقُ كُلِّ شَيْءٍ ، وَهُوَ عَلَىٰ كُلِّ شَيْءٍ وَكِيلٌ) سورة الزمر: 62

މާނައީ: "ހުރިހާ އެއްޗެއް އުފައްދަވާ ޚަލްޤުކުރައްވާ އިލާހަކީ ﷲއެވެ. އަދި ހުރިހާ އެއްޗެއް ރައްކާތެރިކުރައްވަވާ(ބަލަހައްޓަވާ ފަރާތަކީ)ﷲއެވެ."

އަދިވެސް ވަޙީކުރައްވާފައިވެއެވެ.

(وَاللَّـهُ خَلَقَكُمْ وَمَا تَعْمَلُونَ) سورة الصافات: 96.

މާނައީ: "އަދި ތިޔަބައިމީހުންނާއި އަދި ތިޔަބައިމީހުން ކުރާޢަމަލުތައް ހެއްދެވީ ﷲއެވެ."

 

ޤަދަރަށް(މިންވަރަށް) އީމާންވުމުގެ ފައިދާތައް.

ހ. ކަންތައް މެދުވެރިވާ ސަބަބު ކުރާއިރު ﷲއަށް އިޢުތިމާދުކުރުން. ސަބަބަކީ އަޅާ ސަބަބަށް އިޢުތިމާދުވުމެއް ނުވެއެވެ. ނަމަވެސް އިޢުތިމާދުކުރަން ޖެހެނީ ﷲ ސުބުޙާނަހޫ ވަތަޢާލާއަށެވެ. ސަބަބަކީ ކޮންމެ އެއްޗެއްވެސް ވަނީ ﷲގެ މިންވަރުފުޅުގެ މަތީންނެވެ.

ށ. އަޅާ އުއްމީދުކޮށް އެދުނުކަންކަން ޙާޞިލުވުމުގެ މައްޗަށް ޢަޖައިބުނުވުން. ސަބަބަކީ އެކަންކަން ޙާޞިލުވުމަކީ ﷲގެ ފަރާތުން އަޅާއަށް ލިބުނު ނިޢުމަތެކެވެ. އެއީ ރަނގަޅު ކަންކަމާއި ކާމިޔާބުގެ ސަބަބުތަކުގެ މަތީން ﷲ މިންވަރު ކުރައްވާފައިވާ ކަންކަމެވެ.

ނ. ﷲ މިންވަރުތަކުގެ މަތީން އެމީހަކަށް ދިމާވާ ކަންކަމަށް ހިތްހަމަ ޖެހުމާއި ނަފުސުގެ ހަމަޖެހުން ލިބުން. ތިމާ ރުހޭކަމެއް ގެއްލިގެން އަދި ދެރަކަމެއް މެދުވެރިވެގެން ހާސްވުމެއް (އޭރުން) ނުވެއެވެ. ސަބަބަކީ ހުރިހާ ކަމެއްވެސް ވަނީ ﷲގެ ޤަދަރުގެ (މިންވަރުގެ) މަތީންނެވެ.

(ނޯޓު: މިހާ ހިސާބުން ސިލްސިލާކޮށް ގެނެވުނު އީމާންކަމުގެ ރުކުންތައް ނިމުނީއެވެ.)

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. الحمد لله