އިސްލާމް ދީނުގެ ހިދާޔަތަށްވުރެ ބޮޑު ނިއުމަތެއް އިންސާނުންނަށް ނުލިބޭނެއެވެ. އިސްލާމެއްގެ ގޮތުގައި ހުރެ، ދީނުގެ އަސްލުތަކަށް ފުރިހަމައަށް ބޯލެނބުމަށްވުރެ އިތުރު ވަކި އުފާވެރިކަމެއްވެސް ނުވާނެއެވެ.

މިއީ ލޯފަން މީހަކަށް އިސްލާމް ދީނުގެ ހިދާޔަތު ލިބުނު ގޮތުގެ ވާހަކައެވެ. އަދި، އެކަމުގެ ސަބަބުން އޭނާގެ ހަޔާތް ބަދަލުވެ، އެހެނިހެން ކަންކަންވެސް ބަދަލުވެގެން ދިޔަ ގޮތުގެ ވާހަކައެވެ.

މިހާރު ނަމަކަށް މާލިކު މުޙައްމަދު ހަސަން ނަމަކަށް ކިޔާ، މި ލޯފަން މީހާއަކީ ކުރިން ޣައިރު މުސްލިމެކެވެ. ޣައިރު މުސްލިމުންގެ އާދަތަކުގައި ހިފަހައްޓަމުން އައި މީހެކެވެ.

މާލިކު ލިޔެފައިވާ ގޮތުގައި އޭނާއަށް އެންމެ ފުރަތަމަ އިސްލާމަކީ ކޮބައިކަން އެނގުނީ، މަތީ ސާނަވީއަށް ކިޔަވަމުން ދަނިކޮށެވެ. އޭގެކުރިން، މި ދީނަކީ ކޮބައިކަމުގެ އެއްވެސް މައުލޫމާތެއް އޭނާއަށް ލިބިފައިނުވެއެވެ. އޭނާ އިތުރަށް ލިޔެފައިވާ ގޮތުގައި، އިސްލާމް ދީނާ ބެހޭގޮތުން މައުލޫމާތު އެނގުމުގެ މެދުވެރިޔަކީ، އޭނާއަށް ލިބުނު ފޮތެކެވެ. މި ފޮތަކީ، ލޯފަން މީހުންނަށް ކިޔޭނެހެން ފަރުމާކޮށްފައިވާ ފޮތެކެވެ.

ލިބުނު ފޮތާއެކު އިތުރަށް މި ދީނާ ބެހޭގޮތުން ހޯދުމުގެ ޝައުގުވެރިކަން، އޭނާގެ ހިތުގައި އުފެދުނެވެ. އެކަމަށް އިތުރަށް ބޭނުންވިއެވެ. ނަތީޖާއަކީ އެހެން ފޮތްތައް ހޯދައިގެން ބަލަން ފެށުމެވެ. އެގޮތުން، އޭނާ ބެލި ފޮތަކީ "ނޭޝަން އޮފް އިސްލާމް" އެވެ. މި ފޮތުން، އިސްލާމް ދީނުގެ ފުރިހަމަކަމުގެ މަންޒަރެއް، އޭނާގެ ހިތުގައި ކުރެހުނެވެ.

ކަންކަން އިތުރަށް ހޯދަން ވެފައިހުރި ޝައުގެއްގެ ބޮޑުކަމުން، އެފަދަ މީހުންނަށް އެކަށޭނެހެން ތައްޔާރުކޮށްފައިހުރި ފޮތްތައް ހޯދަން ބޭނުންވިއެވެ. އެހެންނަމަވެސް، އެފަދަ ފޮތްތަކެއް ލިބުންވީ ދަތިކަމަކަށެވެ. އަދި، ލިބޭ ފޮތްތަކަކީވެސް ޣައިރު މުސްލިމު ލިޔުންތެރިންނާއި މުސައްނިފުންގެ ފޮތްތަކެވެ. ޣައިރު މުސްލިމުންގެ ފޮތްތައްވެސް ބަލަމުންދިޔަ ވަރަކަށް، ދީނުގެ ފުރިހަމަކަން ދިޔައީ ހާމަވެ، އެނގެމުންނެވެ.

ދުވަސްތައް މާޒީވެ ގޮސް، އޭނާގެ ސާނަވީ ދައުރުގެ ކިޔެވުންވެސް ނިމުނެވެ. ކިޔެވުން ނިމުނުތަނާހެން، ފެނުމުން މަހުރޫމުވެފައިވާ މުސްލިމުންނަށް ބޭއްވި ކޭމްޕެއްގައި ބައިވެރިވުމުގެ ފުރުޞަތު އޭނާއަށް ލިބުނެވެ. އެހެންނަމަވެސް، އޭރު އޭނާ ހުރީ އަދި ޣައިރު މުސްލިމެއްގެ ގޮތުގައެވެ.

މި ކޭމްޕުގައި ބައިވެރިވި މީހުންގެ ތެރެއިން އޭނާއަކީ ހަމައެކަނި ޣައިރު މުސްލިމު މީހާވެސްމެއެވެ. އެހެންނަމަވެސް، ދަތުރުން އެނބުރި އައީ މުސްލިމެއްގެ ގޮތުގައެވެ. ބޮޑު ނިއުމަތަކާ އެކުގައެވެ.

މާލިކު ލިޔެފައިވާ ގޮތުގައި، މި ދަތުރުން، އިސްލާމް ދީނުގެ މައުލޫމާތު ފޯރުކޮށްދިން އެތައް ބަޔަކާ ދިމާވިއެވެ.