މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. ” الدُّنْيَا سِجْنُ الْمُؤْمِنِ وَجَنَّةُ الْكَافِرِ”

މާނައަކީ: ” ދުނިޔެއަކީ މުއުމިނުންގެ ހުރަގެޔެވެ. އަދި ކާފަރުންގެ ސުވަރުގެޔެވެ.”

ރިވާކުރެއްވީ މުސްލިމް، އަދި ތިރްމިޛީ އަދި އިބުނު މާޖާ. ޞައްޙަ ކުރައްވާފައިވަނީ ޝެއިޚު އަލްބާނީ ރަޙިމަހުﷲ.

މިޙަދީޘްގެ ޝަރަޙައި ފައިޟުލް ޤަދީރުގައި އިމާމު މަނާވީ ރަޙިމަހުﷲ ގެންނަވާފައިވާ ވާހަކައެއްގައިވެއެވެ.

އިމާމު އިބުނު ޙަޖަރު ރަޙިމަހުﷲ މިސްރުގައި ޤާޟީކަމުގައި ހުންނެވި ދުވަސްވަރު އެކަލޭގެފާނު ބާޒާރުގެ ތެރެއިން އެކަލޭގެފާނުގެ ސަވާރީކޮޅުގައި ވަޑައިގެންނެވިއެވެ. އޭރު އެކަލޭގެފާނު ހުންނެވީ ވަރަށް ހައިބަތުހުރި ހެދުންކޮޅެއް އަޅުއްވައިގެންނެވެ. ދެން އެކަލޭގެފާނު ވަޑައިގަންނަވަނިކޮށް އެތަނުގައި އޭނާގެ ކުރާ މަސައްކަތުގެ ސަބަބުން ހެދުން ހަޑިވެފައިވާ ތެޔޮވިއްކަން ހުރި ޔަހޫދީންގެ މީހަކަށް ފެނިވަޑައިގެން އެކަލޭގެފާނު ސަވާރުވެ ވަޑައިގެން އިންނެވި ސަވާރީކޮޅުގެ ލަގަނުގައި ހިފައިފައި އެބަ ބުނެއެވެ.

“އޭ ޝެއިޚުލް އިސްލާމްއެވެ. ތިޔަބޭކަލުންގެ ނަބިއްޔާ(ޞައްލަﷲ ޢަލައިހި ވަސައްލަމަ) “ދުނިޔެ އަކީ މުއުމިނުންގެ ހުރަގެޔޭ އަދި ކާފަރުންގެ ސުވަރުގެ ކަމަށް” ޙަދީޘްފުޅު ކުރެއްވިކަމަށް ކަލޭގެފާނު ވިދާޅުވަމެއްނޫންތޯއެވެ؟ އެހެންވީމާ ނިކަން ވިދާޅުވެ ބައްލަވާށެވެ. ކަލޭގެފާނު ތިޔައިންނެވީ ކޮންފަދަ ހުރަގެޔެއްގައިތޯއެވެ؟ އަދި އަޅުގަނޑު މިހުރީ ކޮންކަހަލަ ސުވަރުގެޔެއްގައިތޯއެވެ؟”

އެހިނދު އިބުނު ޙަޖަރު ރަޙިމަހުﷲ ޔަހޫދީމީހާއަށް މިފަދައިން ޖަވާބު ދެއްވައިފިއެވެ. ” ﷲ ސުބުޙާނަހޫ ވަތަޢާލާ އާޚިރަތުގައި ތައްޔާރުކޮށްދެއްވާފައިވާ އޭގެ ނިޢުމަތްތަކާއި ބަލާއިރުގައި (އެނިޢުމަތްތަކުގެ ބޮޑުކަމުގެ ސަބަބުން) އަހަރެންމިވަނީ މިދުނިޔޭގައި ޖަލެއްގައިފަދައިންނެވެ. އަދި ކަލެޔާމެދުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ އާޙިރަތްދުވަހުން ތައްޔާރުކުރައްވާފައިވާ އަޒާބުތަކާ ބަލާއިރުގައި ކަލޭތިޔަވަނީ ދުނިޔޭގައި ސުވަރުގެޔެއްގައި ވާފަދައިންނެވެ.”

ހަމަ ވަޤުތުން ޔަހޫދީ މީހާ (އޭނާއަށް އިބުނު ޙަޖަރު ރަޙިމަހުﷲގެ މުރާދު ވިސްނި) އެވަޤުތުން ވަޤުތަށް އިސްލާމް ވެއްޖެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ގަޅި ވާހަކައެއް

  2. ކޮންމެވެސް ބަރަބޮލެކޭ ކިޔާލަ ކިޔާލަ ތިބޭތި. ޖާހިލުންނަކަށް ހުރެ ނޫން ތަނެއް އެއްތާކުވެސް ނޯންނާނެ.