الحمد لله رب العامين، الصلاة و السلام على نبينا محمد و آله و صحبه أجمعين. أما بعد.

ޢަރަބި ބަހަކީ އެބަހަކުން ﷲ ސުބުޙާނަހޫ ވަތަޢާލާ އެއިލާހު ޤިޔާމަތާއި ޖެހެންދެން ރައްކާތެރިކުރައްވާނެކަމަށް ވަޢުދުވޮޑިގެންފައިވާ އެއިލާހުގެ ވަޙީބަސްފުޅު ބާވާލެއްވުނު ބަހެވެ. އެބަހަކީ އެއިލާހު އެންމެ ފަހުން ފޮނުއްވި ނަބީކަން ޚަތިމުކުރެއްވި ޞާޙިބާ މުޙައްމަދު ޞައްލަﷲ ޢަލައިހި ޥަސައްލަމަ އެބަހަކުން ވާހަކަފުޅު ދެއްކަވައި ދީން ބަޔާންކޮށްދެއްވި ބަހެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ކީރިތި ޤުރުއާނުގައި އެކަން ބަޔާންކުރައްވައި ވަޙީކުރައްވާފައިވެއެވެ.

[إِنَّا أَنزَلْنَاهُ قُرْآناً عَرَبِيّاً لَعَلَّكُمْ تَعْقِلُونَ] يوسف. (2)

މާނައިގެ ތަރުޖަމާއީ: “ހަމަކަށަވަރުން ތިމަންއިލާހު އެ ޤުރުއާން ބާވާލެއްވީ ޢަރަބިބަހުންނެވެ. ތިޔަބައިމީހުން ދެނެގަނޭތޯއެވެ.”

އަދިވެސް އެއިލާހު ވަޙީކުރައްވައެވެ.  [وَكَذَلِكَ أَنزَلْنَاهُ قُرْآناً عَرَبِيّاً] طه: 113.

މާނައިގެ ތަރުޖަމާއީ: އަދި ހަމަ އެފަދައިން ތިމަންއިލާހު އެފޮތް ޢަރަބިބަހުންވާ ޤުރުއާނެއްކަމުގައި ބާވާލެއްވީމެވެ.

އަދިވެސް އެއިލާހު ވަޙީކުރައްވައެވެ.  [كِتَابٌ فُصِّلَتْ آيَاتُهُ قُرْآناً عَرَبِيّاً لِقَوْمٍ يَعْلَمُونَ (3)] فصلت.

މާނައިގެ ތަރުޖަމާއީ: “އެފޮތުގެ އާޔަތްތައް ތަފުޞީލުކޮށްދެވިފައިވާ ފޮތެކެވެ. އެއީ އެދެނެގަންނަ މީސްތަކުންނަށްވާ ޢަރަބިބަހުންވާ ޤުރުއާނެކެވެ.”

ސަލަފުންގެ ބޭކަލުންނާއި ޢިލްމުވެރިން ޢަރަބި ބަސް އުގެނުމަށް ދެއްވާފައިވާ އިރުޝާދުތައް.

ޢުމަރު ބިން ޚައްތާބު ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވެއެވެ. “ތިޔަބައިމީހުން ޢަރަބި ބަސް އުގެނޭހުށިކަމެވެ. ފަހެ ހަމަކަށަވަރުން އެއީ މުރުއްވަތްތެރިކަން އިތުރުކޮށްދޭ އެއްޗެކެވެ.” (އަލްޖާމިޢު، ޚަތީބުލް ބަޣުދާދީ)

ޝުޢުބާ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. ” ތިޔަބައިމީހުން ޢަރަބި ބަސް އުގެނޭހުށިކަމެވެ. ހަމަކަށަވަރުން އެއީ ބުއްދިއިތުރުކޮށްދޭ ކަމެކެވެ.” (فقه اللغة، ص: 7)

ޘަޢާލިބީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “ﷲ ސުބުޙާނަހޫ ވަތަޢާލާ ދެކެ ލޯބިވާ މީހާ އެއިލާހުގެ ރަސޫލާ މުޞްތަފާ ޞައްލަﷲ ޢަލައިހި ޥަސައްލަމައަށް ލޯބިކުރާނެއެވެ. އަދި ޢަރަބިންގެ ތެރެއިން އައިސްފައިވާ ޢަރަބި ނަބިއްޔާ އަށް ލޯބިކުރާ މީހާ ޢަރަބިންނަށް ލޯބިކުރާނެއެވެ. އަދި ޢަރަބިންނަށް ލޯބިކުރާ މީހާ ޢަރަބިބަހަށް ލޯބިކުރާނެއެވެ. އެއީ އެންމެ މާތްވެގެންވާ ފޮތް އެބަހަކުން އެންމެ މާތްވެގެންވާ ޢަޖަމީންނާއި އަދި ޢަރަބީންގެ މައްޗަށް ބާވާލެއްވުނު ބަހެވެ.” (فقه اللغة، ص: 8)

ޝެއިޚުލް އިސްލާމް އިމާމު އިބުނު ތައިމިއްޔާ ރަޙިމަހުﷲ އެކަލޭގެފާނުގެ ފޮތްކަމުގައިވާ “اقتضاء الصراط المستقيم في مخالفة أصحاب الجحيم ” މިފޮތުގައި ލިޔުއްވައެވެ. “ހަމަކަށަވަރުން ﷲ ސުބުހާނަހޫ ވަތަޢާލާ އެއިލާހުގެ ފޮތް ޢަރަބި ބަހުން ބާވާ ލެއްވުމާއި، އަދި އެއިލާހުގެ ރަސޫލާ އެއިލާހުގެ ޙަޟްރަތުން އެއިލާހުގެ ފޮތާއި އަދި ޙިކުމަތް(އެބަހީ ސުންނަތް) މީސްތަކުންނަށް ބަޔާންކޮށްދެއްވުމަށް ލެއްވީ އެކަލޭގެފާނު ދޫފުޅުމަތިން ޢަރަބި ބަހުންނެވެ. އަދި އިސްވެދިިޔަމީސްތަކުން(ސަލަފުއްޞާލިހުންނާއި އަދި ޙަދީޘް އަދި އެނޫން ޢިލްމުވެރިން) މިދީނާއި ބެހޭގޮތުން ވާހަކަދެއްކުމަށް ލެއްވީ އެބަހެވެ. އެހެންކަމުން އެބަހުން ރަނގަޅަށް ވާހަކަދައްކައި ދޫ ސީދާކޮށް(ބަހަށް) ދެނެގަނެގެން މެނުވީ ދީން ރަނގަޅަށް ދެނެގަނެވޭނެ އެއްވެސް މަގެއްނޯންނާނެއެވެ. އެހެންކަމުން ޢަރަބި ބަސް ދެނެގަތުން ވެފައިވަނީ ދީނުގެ ތެރެއިންނެވެ.”

މުސްލިމުންގެ މައްޗަށް ޢަރަބި ބަސް އުގެނުމުގެ ޙުކުމް

އަދިވެސް ޝެއިޚު އިސްލާމް މަތީގައިވާ ފޮތުގައި ލިޔުއްވާފައިވެއެވެ. “ހަމަކަށަވަރުން ޢަރަބި ބަސް ދެނެގަތުމަކީ (އިސްލާމް)ދީނުގެ ތެރެއިން ވާ ކަމެކެވެ. އެބަސްދެނެގަތުމަކީ ފަރުޟު ވާޖިބެކެވެ. ހަމަކަށަވަރުން ﷲ ގެ ފޮތާއި ސުންނަތް ދެނެގަތުމަކީ ވާޖިބުވެގެންވާ ކަމެކެވެ. އަދި ޤުރުއާނާއި ސުންނަތް(މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތް) ޢަރަބި ބަސް އެނގިގެން މެނުވީ ފަހުމު ނުވާ ހުއްޓެވެ. ވާޖިބުކަމެއް އެކަމަކާއި ނުލައި ފުރިހަމަ ނުވާ ކަންތައްތައް، ވާޖިބުވެގެންވާ ކަމެއްކަމުގައި މެނުވީ ނުވެއެވެ.

މިމާނައިގައި އަބޫބަކުރު އިބުން އަބީ ޝައިބާ ޢުމަރު ބިން ޔަޒީދު ވިދާޅުވިކަމަށް ރިވާކުރައްވައެވެ. ޢުމަރު ބިން ޔަޒީދު ވިދާޅުވިއެވެ. ” އުމަރު ރަޟިޔަﷲ ޢަންހު އަބޫ މޫސާ އަލްއަޝްޢަރީ ރަޟިޔަﷲ ޢަންހުއަށް ލިޔުއްވިއެވެ. އައްމާ ބަޢްދު. ފަހެ ތިޔަބައިމީހުން ސުންނަތް ދެނެގަނެ އެޔަށް ފިޤުހުވެރިވާށެވެ. އަދި ޢަރަބި ބަސްދެނެގަނެ އެޔަށްވެސް ފިޤުހުވެރިވާށެވެ. ޤުރުއާން ތިޔަބައިމީހުން ވިސްނާ ބަލާހުށިކަމެވެ. ފަހެ ހަމަކަށަވަރުން އެފޮތްވަނީ ޢަރަބިބަހުންނެވެ.

އެހެން އަޘަރެއްގައި ޢުމަރު ރަޟިޔަﷲ ޢަންހު ވިދާޅުވިކަމަށް ރިވާވެގެންވެއެވެ. “ތިޔަބައިމީހުން ޢަރަބި ބަސް އުގެނޭށެވެ. ފަހެ އެބަސް ހިމެނިގެންވަނީ ތިޔަބައިމީހުން ދީނުގެ ތެރެއިންނެވެ. އަދި ތިޔަބައިމީހުން ފަރާއިޟު އުގެނޭހުށިކަމެވެ. ހަމަކަށަވަރުން އެވަނީ ތިޔަބައިމީހުންގެ ދީނުގެ ތެރެއިންނެވެ.”

ޢަރަބި ބަސް ދެނެގަތުމާއި އަދި ޝަރީޢަތް ދެނެގަތުމަށް ބޭނުންވާ ކަންތައްތައް ދެނެގަތުމަށް ޢުމަރު ރަޟިޔަﷲ ޢަންހު ކުރައްވާފައިވާ އަމުރުފުޅަކީ މިއެވެ. ސަބަބަކީ ދީނުގައި ވަނީ (މާތްނަބިއްޔާގެ) ޢަމަލުފުޅުތަކާއި އަދި ބަސްފުޅުތަކެވެ. ޢަރަބި ބަސް ދެނެގަތުމަކީ ބަސްތައް ދެނެގަނެވެން އޮތްމަގެވެ. އަދި ޢަމަލުތައް ދެނެގަނެވެން އޮތްމަގަކީ އެކަލޭގެފާނުގެ ޢަމަލުފުޅުތަކަށް ފިޤުހުވެރިވެގެންންނެވެ.”  ޝެއިޚުލް އިސްލާމް އިބުނު ތައިމިއްޔާ ރަޙިމަހުﷲ ގެ ބަސްކޮޅު ނިމުނީ.

އަދިވެސް އެކަލޭގެފާނު މަޖްމޫޢު ފަތުވާގައި ވިދާޅުވެފައިވެއެވެ. “އަދި ބަޔާންވެ އެނގިގެންވާ ގޮތުގައި ޢަރަބި ބަސް ކިޔަވައިދިނުމާއި އަދި އެބަހުގެ ތަޢުލީމު ދިނުމަކީ ކިފާޔަތުގެ ފަރުޟެކެވެ. ސަލަފުންގެ ބޭކަލުން އެބޭކަލުންގެ ދަރިންނަށް ބަހުގެ ކުށްޖެހޭނަމަ އަދަބުދެއްވަވައެވެ. ފަހެ އަހަރެމެންގެ މައްޗަށްވަނީ ވާޖިބުވެގެންވާ ދަރަޖައަށް ނުވަތަ މުސްތަޙައްބު ވެގެންވާ ދަރަޖަ ޢަރަބި ބަހުގެ ޤަވާޢިދުތައް(ޤާނޫނުތައް) އުގެނުމަށް އަމުރުކުރެއްވިގެންނެވެ. އަދި އަހަރެމެންގެ ދޫތައް އޭގެ މައްޗަށް ސީދާކޮށް އިޞްލާޙްކޮށްގެންނެވެ. ފަހެ އޭރުން އަހަރެމެންނަށް ﷲގެ ފޮތަށާއި އަދި މާތްނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ) ސުންނަތް ދެނެގަތުމުގެ މަގު ރައްކާތެރިކުރެވޭނެއެވެ.”

ދުޢާއަކީ ޢަރަބި ބަސް އުގެނި އެބަހުން ދުނިޔެއާއި އާޚިރަތުގައި ފައިދާ ލިބޭ މީހުންގެ ތެރޭގައި އަޅުގަނޑުމެން ލައްވައި އަޅުގަނޑުމެންގެ ފާފަ ފުއްސެވުމެވެ. އާމީން

سُبْحَانَ رَ‌بِّكَ رَ‌بِّ الْعِزَّةِ عَمَّا يَصِفُونَ . وَسَلَامٌ عَلَى الْمُرْ‌سَلِينَ . وَالْحَمْدُ لِلَّـهِ رَ‌بِّ الْعَالَمِينَ

ކިޔުންތެރިންގެ ހިޔާލު