الحمد لله رب العالمين. و الصلاة و السلام على نبينا محمد، و على آله و أصحابه أجمعين. أما بعد:

“އަޅުގަނޑުމެން އެކަންކުރަން ޖެހެނީ ﷲއަށް ބޯލަނބައި އެއަޅުކަން އަދާކުރުމަށްޓަކައެވެ. އަދި ފާފަތައް ފާޅުވިޔަނުދިނުމުގެ ސަބަބުން އެއިލާހު (ސުބުޙާނަހޫ) ގެ ރުއްސެވުން ހޯދުމަށްޓަކައެވެ. އަދި ﷲގެ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟްރަތުގައިވާ ހެޔޮކަންްކަމާއި ނިޢުމަތްތަކަށް އެދުންވެރިވާ ހާލުގައެވެ.

ﷲސުބުޙާނަހޫ ވަތަޢާލާ ވަޙީކުރެއްވިއެވެ.

(وَلَوْ أَنَّ أَهْلَ الْقُرَىٰ آمَنُوا وَاتَّقَوْا لَفَتَحْنَا عَلَيْهِم بَرَكَاتٍ مِّنَ السَّمَاءِ وَالْأَرْضِ وَلَـٰكِن كَذَّبُوا فَأَخَذْنَاهُم بِمَا كَانُوا يَكْسِبُونَ)

މާނައިގެ ތަރުޖަމާއީ:” އަދި ރަށްތަކުގައިވާ އަހުލުވެރިން އީމާންވެ ތަޤުވާވެރިވެއްޖެނަމައީ ތިމަންއިލާހު އެބައިމީހުންނަށްޓަކައި އުޑުންނާއި ބިމުން ބަރަކާތްތައް ހުޅުއްވައިދެއްވީމުހެވެ. ނަމަވެސް އެބައިމީހުން (ނަބީބޭކަލުން) ދޮގުކުޅައީއެވެ. އަދި އެބައިމީހުން ކުޅަ(ނުބައި)ކަންތަކުގެ ސަބަބުން ތިމަންއިލާހު އެބައިމީހުން (އަޛާބުން) ހިއްޕެވީމެވެ.”

އަދި މިއަޅުކަން އަދާކުރުމުގެ ސަބަބުން ﷲގެ ކޯފާވެވޮޑިގަތުމުން އަޅުގަނޑުމެންނަށް ރައްކާތެރިކަން ލިބިގެންވެއެވެ. ﷲ ސުބުޙާނަހޫ ވަޙީކުރެއްވިއެވެ.

(لُعِنَ الَّذِينَ كَفَرُوا مِن بَنِي إِسْرَائِيلَ عَلَىٰ لِسَانِ دَاوُودَ وَعِيسَى ابْنِ مَرْيَمَ، ذَٰلِكَ بِمَا عَصَوا وَّكَانُوا يَعْتَدُونَ ﴿٧٨﴾كَانُوا لَا يَتَنَاهَوْنَ عَن مُّنكَرٍ فَعَلُوهُ، لَبِئْسَ مَا كَانُوا يَفْعَلُونَ ﴿٧٩﴾)

މާނައިގެ ތަރުޖަމާއީ:” ދާވޫދު (ޢަލައިހިއްސަލާމް) އަދި ޢީސަ ބިން މަރްޔަމް (ޢަލައިހިމައްސަލާމް) ދޫފުޅުގެ މަތީން ބަނީ އިސްރާއީލުންގެ (ބާގައިގެ) މީހުންގެ ތެރެއިން ކާފިރުވެގަތް މީސްތަކުންގެ މައްޗަށް ލަޢުނަތް ލެއްވުނެވެ. އެއީ އެބައިމީހުން (ﷲއާއި ރަސޫލުންނަށް) އުރެދުނު ކަމަށްޓަކައެވެ. އަދި އެކަމުގައި އެބައިމީހުން ހައްދުފަހަނައަޅާފައިވާ ބަޔެއްކަމުގައިވިއެވެ. (78). އެބައިމީހުން އަރައިގަތް އުރެދުމުގެ މައްޗަށް(އެއްބަޔަކު އަނެއްބަޔަކަށް) މަނާކުރާ ބަޔެއްކަމުގައި އެބައިމީހުން ނުވެއެވެ. އެބައިމީހުން ކޮށްއުޅުނު ކަންތަކުގެ ނުބައިކަމުގެ ބޮޑުކަމާއެވެ. (79)”

އަދި ﷲ ސުބުޙާނަހޫ ވަތަޢާލާގެ ކުރިމަތީގައި ފާފަކުރާމީހުންނަށް ލިބިގެންދާ އުޛުރެއްކަމުގައިވެސް ވެގެންދާނެއެވެ. އެއީ އަޛާބު ޢާންމު ނުވުމަށްޓަކައެވެ. ބަނީ އިސްރާއީލުންނާއި ބެހޭގޮތުން ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރެއްވިއެވެ.

(وَإِذْ قَالَتْ أُمَّةٌ مِّنْهُمْ لِمَ تَعِظُونَ قَوْمًا، اللَّـهُ مُهْلِكُهُمْ أَوْ مُعَذِّبُهُمْ عَذَابًا شَدِيدًا، قَالُوا مَعْذِرَةً إِلَىٰ رَبِّكُمْ وَلَعَلَّهُمْ يَتَّقُونَ)

މާނައިގެ ތަރުޖަމާއީ: “އަދި އެބައިމީހުންގެ ތެރެއިން ބަޔަކު (ނަޞީޙަތްދޭ) މީސްތަކުންނަށް ބުނިހިނދެވެ. ﷲއެބަޔަކު ހަލާކުކުރައްވަން ނުވަތަ ގަދަފަދަވެގެންވާ ޢަޛާބުން، ޢަޛާބުދެއްވަން (ކައިރި)ވެފައިވާ ބަޔަކަށް ތިޔަ ނަޞީޙަތްދެނީ ކީއްވެގެންހެއްޔެވެ؟ އެބައިމީހުން ބުންޏެވެ. ތިޔަބައިމީހުންގެ ވެރިރައްބުގެ (ޙަޟްރަތުގައި) އުޛުރުވެރިވާ ބަޔެއްކަމުގައި ވުމަށްޓަކައެވެ. އަދި އެބައިމީހުން ތަޤުވާވެރިވާ ބަޔެއްކަމުގައި ވޭތޯއެވެ.”

وصلى الله وسلم على نبينا محمد و آله و صحبه أجمعين.

އަސްލު: ރިސާލާ އަމްރު ބިލް މައުރޫފް ވައްނަހީ އަނިލްމުންކަރު.